އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އިބްރާހިމް ޝަހުމް އާދަމް.

ސުޕްރީމް ކޯޓު

އަހުސަންގެ މަރު: ޝަހުމް މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް

ހައި ކޯޓުން ޝަހުމް މަރަން ހުކުމް ކުރީ އަހުސަން މަރު މަތީގައި އޮވެ ދެއްކި ވާހަކައަށް ބުރަދަން ދިނުމަށް ފަހު
4 ސެޕްޓެމްބަރު 2022

ވަޅިން ހަމަލާދީ ސ. ހިތަދޫ/ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވި ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމް މަރަން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - 2011 އަހަރު އަހުސަން މަރުވީ، އޭނާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ޝަހުމްގެ އިތުރުން، އޭނާ ގޮވައިގެން ހަމަލާ ދިން ތަނަށް ސައިކަލުގައި ގެންގޮސްދީ، ހަމަލާ ދިނުމުން އެތަނުން އޭނާ ފިލުވަން އެހީތެރިވި މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ދައުވާ ކުރި އެވެ.

އެ މައްސަލައިގައި:

  • ޝަހުމްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރި އިރު ޝިމާޒަށް ކުރީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ

  • 2014ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ދެ މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތު ނުވާ ކަމަށް

  • އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ އޮކްޓޯބަރު މަހު އެ ކޯޓުން ހުކުމް ކުރީ، ޝަހުމް މަރަން އަދި ޝިމާޒް 15 އަހަރަށް ޖަލަށްލާން

ވީ ކިހިނެއް؟ - ޝަހުމްގެ ފަރާތުން އެ ހުކުމް އިސްތިއުނާފު ކޮށްފައިނުވާތީ ދައުލަތުން ވަނީ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި، އެ މައްސަލަ ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމާ ބެހޭ ގޮތުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ތަފްސީލް - އަހުސަންގެ މަރުގެ ތަހުގީގުން ހާމަވި ގޮތުގައި، އޭނާ މާރާމާރީ ހިންގައި އޭނާގެ ކަރަށް ވަޅި ޖެހީ، ޝަހުމްގެ ރައްޓެއްސެއް ކަމަށް ވާ އިބްރާހީމް (އަސްލު ނަމެއް ނޫން) ލޯބީގެ ގޮތުން އުޅުނު އަންހެން ކުއްޖަކާ އަހުސަން ފޮށުނު ކަމަށް ބުނާ މައްސަލައިގަ އެވެ. 

ހައި ކޯޓުން ޝަހުމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ، އަހުސަން ކަރަށް ހަމަލާ ދިނުމުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އޭނާ އޮކްސިޖަން މާސްކު ނެގުމަށް ފަހު އެ ތަނުގައި ހުރި ފުލުހެއްގެ ގާތުގައި ދެއްކި ވާހަކައަށް ހެކީގެ ބުރަދަން ދިނުމަށް ފަހު އެވެ. އަހުސަން މަރުމަތީގައި އޮވެ ބުނެފައި ވަނީ އޭނާއަށް ހަމަލާ ދިނީ ޝަހުމް ކަމަށެވެ.

އެނގުން މުހިންމު - ޝަހުމް އަކީ މިހާރު ވެސް މަރުގެ މައްސަލައެއްގައި އުމުރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. އެއީ 2010ގައި މާފަންނު ޔޫތު ސެންޓަރު ކައިރީގައި މ. ބިއުޓީފްލާވާ، މުހައްމަދު ހުސައިން މަރާލި މައްސަލައާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް