މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޖަވާބުދެއްވަނީ (ފޮޓޯ/ މަޖިލީސް)
ރައީސްއާއެކު މ. އަތޮޅުގައި ހުންނެވި މަހުލޫފުގެ ޝަރީއަތް ކެންސަލްކޮށްފި
މިއަދު ބާއްވަން ތާވަލު ކުރި ޔޫތު މިނިސްޓަަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުން ދައުލަތުން އެދިގެން ކެންސަލްކޮށްފި އެވެ.
މައްސަލައިގެ ފެށުން - ދައުލަތުން މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދެއްވުމުގެ ބަދަލެއްގެ ގޮތުން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ބުނެ އެވެ.
އެ މައްސަލައާއެކު ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަށް ބަލައި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ކަނޑައެޅި ނަމަވެސް، ހައި ކޯޓުން ވަނީ އެ ނިންމުން ބާތިލުކޮށް މަހުލޫފުގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
ވީ ކިހިނެއް؟ - މިވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މ. އަތޮޅުގެ ފަސް ރަށަކަށް ޒިޔާރަތް ކުރައްވަމުން ގެންދެވާާ މަހުލޫފުގެ ޝަރީއަތް އަލުން ފަށަން ކްރިމިނަލް ކޯޓުން މިއަދަށް ތާވަލުކޮށް އާންމު ކުރީ އިއްޔެ އެވެ. އެހެންނަމަވެސް، މިއަދު ހެނދުނު 9:00ގައި ފަށަން އޮތް އެ އަޑުއެހުން ފަހުން ވަނީ ތާވަލުން އުނިކޮށްފަ އެވެ.
ބުނީ ކީކޭ؟ - ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުހައްމަދު މިއަދު "ދައުރު"އަށް ވިދާޅުވީ، މިއަދު ބާއްވަން ތާވަލު ކުރި މަހުލޫފުގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށާއި އެ އަޑުއެހުން ކެންސަލް ކުރީ ޕީޖީ އޮފީހުން އެދިގެން ކަމަށެވެ.
އޮންލައިންކޮށް އެ އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުން ތާވަލު އާންމު ކުރި އިރު ވެސް މަހުލޫފު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އަތޮޅު ތެރޭގަ އެވެ. އިއްޔެ ހަވީރު މ. ދިއްގަރުގައި ބޭއްވި އެކުވެރިކަމުގެ ވޮލީ މެޗެއްގައި ވެސް ރައީސްއާ އެއް ޓީމެއްގައި މަހުލޫފު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސްގެ ދަތުރުފުޅަކީ ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށް ކުރާ ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމަވާލައްވާނީ މާދަމާ އެވެ.
މަހުލޫފަށް ކުރާ ރިޝްވަތުގެ ދައުވާއަށް އޭނާ ކުރަނީ އިންކާރެވެ. މަހުލޫފު ވިދާޅުވަނީ އޭނާއަށް ލިބިވަޑައިގެންނެވި ފައިސާ އަކީ ޑޮލަރު ގަތުމުގެ މުއާމަލާތަކުން ލިބިވަޑައިގެންެނެވި ފައިސާ ކަމަށާއި އޭނާއަށް ދައުވާ ކުރަނީ ޒާތީ ގޮތުން ކަަމަށެވެ. އެކަމަކު، އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ދައްކަވަން މަހުލޫފު ހުށަހަޅުއްވާފައި ވަނީ ސައްހަ ރިސީޓެއް ނޫން ކަމަށް ދައުލަތުން ބުނެ އެވެ. ދައުލަތުން ބުނާ ގޮތުގައި، މަހުލޫފަށް ފައިސާ ދިނީ އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ ޗެކަކުންނެވެ.
އިތުރަށް ކިޔާލަން: