ބްރިޖު ޕްލެޓްފޯމެއް 16 އޮގަސްޓް 2022 ވަނަ ދުވަހު ވިލިމާލެ ފަރަށް އަރާފައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

މޫސުން ގޯސްވެ، ބުނި ތާރީހަށް ޕްލެޓްފޯމް ފުން ނުކުރެވުނު

މޫސުން ރަނގަޅުވުމުން އެ މަސައްކަތް އަލުން ފަށާނެ ކަމަށް އެފްކޮންސްއިން ބުނޭ
26 އޯގަސްޓު 2022

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖް އެޅުމުގައި ބޭނުންކުރަނިކޮށް ވިލިމާލޭގެ ފަރަށް އަރާފައިވާ ޕްލެޓް ފޯމް ދެ ދުވަސް ތެރޭ ނަގާނޭ ކަމަށް އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްއިން ޔަގީންކަން ދިން ނަމަވެސް އެ މުއްދަތުގައި ވެސް އެ ޕްލެޓްފޯމް ނުނެގި ފަރަށް ގެއްލުންވަމުން އެބަދެ އެވެ.

އެނގުން މުހިންމު - ބްރިޖް ސާވޭ އާއި ތަނބުޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ގެންގުޅުނު އެ ޕްލެޓްފޯމް އޮޔެ ގަދަވެ ނަގިއްޔަށް ދިމާވި މައްސަލައަކާ ގުޅިގެން ވިލިމާލޭ ފަރަށް އުރުނީ މީގެ 11 ދުވަސް ކުރިން އޮގަސްޓް 16 ވަނަ ދުވަހު އެވެ.

ވީ ކިހިނެއް؟ - އެ ޕްލެޓްފޯމް ފުން ނުކުރެވި ވިލިމާލޭ ފަރަށް ގެއްލުންވަމުން ދާތީ ޖަމްއިއްޔާތަކާއި އިދާރާތަކުން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް ހާދިސާއަށް، އަށް ދުވަސް ފަހުން އެފްކޮންސްއިން ވަނީ އެ ޕްލެޓްފޯމް ދެ ދުވަހުގެ ތެރޭގައި ފުން ކުރާނެ ކަމުގެ ޔަގީންކަން މިދިޔަ އަންގާރަ ދުވަހު އީޕީއޭއަށް ދީފަ އެވެ.

ތަފްސީލް - އެފްކޮންސްއިން ދިން ދެ ދުވަހުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު އެ ޕްލެޓްފޯމް އަދިވެސް ފުން ނުކުރެވި އޮތީ ވިލިމާލެ ފަރުމަތީގަ އެވެ.

ވިލިމާލެއިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެ ޕްލެޓްފޯމް ހައްޔަރު ކުރަން މިހާރު ވަނީ އެއް ގަމުގައި ހުރި ގަހެއްގައި ވަލެއް އައްސައިފަ އެވެ. އެ ޕްލެޓްފޯމަށް ރާޅު ޖަހައި ފަރުގައި ޖެހެމުން ދާތީ އޭގައި ހުރި ބައެއް ސާމާނު ހަލާކުވެ މިހާރު އަންނަނީ ވިލިމާލޭ ގޮނޑުދޮށަށް ވެސް ލައްވަމުންނެވެ.

ބުނީ ކީކޭ؟ - އެފްކޮންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ދެ ދުވަހުގެ ތެރޭ ޕްލެޓްފޯމް ފުން ކުރުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން އެ މަސައްކަތް ހުއްޓާލަން ޖެހުނީ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ކައިރިން ބަލަމުން ދާކަން ފާހަގަ ކުރަމުން އެފްކޮންސްއިން ބުނީ މޫސުން އަލިވުމާ އެކު ޕްލެޓްފޯމް ފުން ކުރުމުގެ މަސައްކަތް އަނެއްކާ ވެސް ފަށާނޭ ކަމަށާއި އެކަމަށް ހަރަކާތްތެރިވާ ޓީމްތައް ތައްޔާރަށް ތިބި ކަމަށެވެ.

"ފަރަށް ގެއްލުން ކުޑަވާ ގޮތަކަށް ޕްލެޓްފޯމް ނެގުމަކީ ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް،" އެފްކޮންސްއިން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ޕްލެޓްފޯމް ނަގަން މިހާރު ބޭނުން ކުރަން ހަމަޖެހިފައި ވަނީ ތަފާތު ވައްތަރެއްގެ ޓަގްބޯޓެކެވެ. އެކަމަކު، އެފަދަ ޓަގްބޯޓެއް މި މަސައްކަތަށް ގެނައިކަން އަދި އެނގިފައެއް ނުވެ އެވެ.

ބްރިޖު ޕްލެޓްފޯމް ވިލިނގިލި ފަރަށް އަރާފައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ބްރިޖު އޮފީހުން މީގެ ކުރިން ބުނެފައި ވަނީ:

  • ޕްލެޓްފޯމް ފަރަށް އެރި ހާދިސާ ހިނގީ، ޕްލެޓްފޯމު އޮތް ސަރަހައްދަށް ގެންގޮސް އޭގެ "އެންކާ ސްޕަޑްތައް" ނުވަތަ ފައިތައް ގާއިމް ކުރަން އުޅުމުގެ ތެރޭގައި އޮއި ގަދަވެގެން

  • އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި

  • އެ އޮފީހުން ބުނި ގޮތުގައި، ޑައިވްކޮށްގެން ބެލި ބެލުމުން އެނގުނީ ޕްލެޓްފޯމްގެ އެންކާ ސްޕަޑްތަކުގެ ތެރެއިން އެކަތި ހުރީ ފަރުގެ ތެރެއަށް ވަދެފައިކަން؛ ޕްލެޓްފޯމް ފުން ކުރަން ދަތިވެގެން އުޅެނީ އެހެންވެ

  • އެ އެންކާ ސްޕަޑް ނުނަގައި ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް ކުރާ ނަމަ ފަރަށް ލިބޭ ގެއްލުން ބޮޑުވެދާނެތީ އެންމެ އިސްކަމެއް ދެނީ އެންކާ ސްޕަޑް ފަރުން ނަގަން ކަމަށް ބްރިޖު އޮފީހުން ބުނޭ

ޕްލެޓްފޯމު ފަރަށް އަރައި ނުނެގި ގިނަ ދުވަސްތަކެއް ވަމުންދާ ނަމަވެސް، ބްރިޖު އޮފީހުން ބުނަމުން ދަނީ އެކަމަކުން މުޅި މަޝްރޫއުގެ ޓައިމްލައިނަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އެ ޕްލެޓްފޯމު ނުނެގި ގިނަ ދުވަސްތަކެއްވެ، ވިލިމާލޭގެ ފަރަށް ގެއްލުންވަމުންދާތީ މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވިލިމާލޭގެ ފަރަކީ މާލޭ ސަރަހައްދުގައި ހުރި ހަމައެކަނި ގުދުރަތީ ފަރުކަން އެ ކައުންސިލުން ފާހަގަ ކުރި އެވެ.

ފާހަގަ ކުރެވޭ ކަމެއް - އުޅަނދުަތައް ފަރަށް އަރައިގެން ފަރަށް ގެއްލުން ލިބިއްޖެ ނަމަ ގެއްލުން ހިސާބުކޮށް އީޕީއޭއިން އެ ގެއްލުމެއް ދިން ފަރާތްތައް މީގެ ކުރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި އެބަ ހުއްޓެވެ. އެގޮތުން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވެން އޮންނަނީ 100 މިލިއަން ރުފިޔާއިންނެވެ.

އީޕީއޭއިން ބުނެފައި ވަނި ޕްލެޓްފޯމުން ވިލިމާލާގެ ފަރަށް ލިބުނު ގެއްލުން އެނގޭނީ ޕްލެޓްފޯމް ފުންކުރެވުމުން ކަމަށެވެ. ޕްލެޓްފޯމް ފުންކުރެވުމާ އެކު، އޭގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އީޕީއޭ އިން މީގެ ކުރިން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް