ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ. (ފޮޓޯ/ޖޭއެސްސީ)

ސިވިލް ކޯޓު

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ރިޓަޔާ ކުރައްވައިފި

އަބްދުﷲ އަލީ އަކީ އެކި ކޯޓުތަކުގައި 36 އަހަރު ވަންދެން ފަނޑިޔާރުކަން ކުރެއްވި ބޭފުޅެއް
22 އޯގަސްޓު 2022

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - އަބްދުﷲ އަލީ ރިޓަޔާ ކުރައްވަން ނިންމަވައި އެގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގެވީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އޭނާގެ ރިޓަޔާމެންޓް ގަބޫލުކުރަން ޖޭއެސްސީން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ.

ބުނީ ކީކޭ؟ - އެކަން ކަށަވަރުކޮށްދީ މިއަދު ޖޭއެސްސީން ބުނީ، 'އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި 55 އަހަރު ނުވި ނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅި ކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު'ގެ ދަށުން އަބްދުﷲ އަލީ ފަނޑިޔާރުކަމުން މުސްކުޅިކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނި ގޮތުގައި، އޭނާ ރިޓަޔާ ކުރައްވާނީ އަންނަ މަހުގެ 4 އިން ފެށިގެންނެވެ.

އެނގުން މުހިންމު - އަބްދުﷲ އަލީ ރިޓަޔާ ކުރައްވާ ދުވަހުން ފެށިގެން ސިވިލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ އަހުމަދު ނިމާލް ޖުނައިދުއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް 2016 ވަނަ އަހަރު އައްޔަން ކުރި އަބްދުﷲ އަލީ ވަނީ އެކި ކޯޓުތަކުގެ ފަނޑިޔާރުކަމުގައި 36 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް