ހައިވަކަރުގޭ އަހުމަދު ޔޫސުފް: އޭނާ ވަނީ ރާއްޖޭގެ ކުޅިވަރާއި އަސްކަރިއްޔާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައި. (ފޮޓޯ/ޝަމާލްގެ ޓުވިޓާ)

މަރު

ހައިވަކަރުގޭ އަހުމަދު ޔޫސުފް އަވަހާރަވެއްޖެ

އަހުމަދު ޔޫސުފް ވަނީ ރާއްޖޭގެ ކުޅިވަރާއި އަސްކަރިއްޔާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ
5 އޯގަސްޓު 2022

ރާއްޖޭގެ ކުޅިވަރާއި އަސްކަރިއްޔާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) މިއަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - މއ. ހައިވަކަރުގޭ އަހުމަދު ޔޫސުފް، 89، މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށް ފަހު، އައިޖީއެމްއެޗުގަ އެވެ. ނަމަވެސް، އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެނގުން މުހިންމު - އަހުމަދު ޔޫސުފަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ)ގެ ބައްޕަ އެވެ. އޭނާގެ އަނބިކަނބަލުންނަކީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ހުށަހެޅުންތެރިޔާ ނަޖުމާ ހުސެއިނެވެ.

އަހުމަދު ޔޫސުފްގެ އެހެން ބޭފުޅުންނަކީ ވެސް އެ ބޭފުޅުންގެ ދާއިރާތަކުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބޭފުޅުންތަކެކެވެ. އޭގެ ތެރޭގައި:

  • ގައުމީ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑަންޓްސް ލީލާ އަހުމަދު 

  • މަޝްހޫރު ފިލްމު ޑައިރެކްޓަރު މަހުދީ އަހުމަދު 

  • މަޝްހޫރު ދުވުންތެރިޔާ އަދި ފިޓްނަސް ކޯޗު އަހުމަދު މިސްތޯހް އާއި ތުމާ އަހުމަދު

ހައިވަކަރުގޭ އަހުމަދު ޔޫސުފް (މަތިން ކަނައަތް ފަރާތުގައި) ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވިއިރުގެ ފޮޓޯއެއް. (ފޮޓޯ/ޝަމާލްގެ ޓުވިޓާ)

އަހުމަދު ޔޫސުފްގެ ތައާރަފެއް

  • ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި، ފުޓްބޯޅަ ތަމްރީނުތަކުގައި ބައިވެރިކުރަން މަޖީދިއްޔާ ސްކޫލުން ނެގި ދަރިވަރުންގެ ތެރެއިން އެކަކު

  • އޭނާ ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވާފައި؛ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ވެސް ހޯއްދެވި

  • ސިފައިންގެ ހިދުމަތަށް ނުކުންނެވީ 1953ގައި

  • ސިފައިންގޭގައި ވެސް އޭނާ ވަނީ ސިފައިންގެ ކްލަބަށް ފުޓްބޯޅަ ކުޅުއްވާފައި

  • ސިފައިންގެއިން ރިޓަޔާ ކުރެއްވީ 24 އަހަރުގެ ހިދުމަތަށް ފަހު 1978ގައި

  • ސިފައިންގެއިން ރިޓަޔާ ކުރެއްވުމަށް ފަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ އެޓޯލްސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި

  • އޭނާ ވަނީ ޅ. އަތޮޅާއި މުލަކު އަތޮޅާއި އައްޑު އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރައްވާފައި

ހައިވަކަރުގޭ އަހުމަދު ޔޫސުފް ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވިއިރުގެ ފޮޓޯއެއް. (ފޮޓޯ/ޝަމާލްގެ ޓުވިޓާ)

ބުނީ ކީކޭ؟ - ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ޓުވިޓާގައި ވިދާޅުވީ އަހުމަދު ޔޫސުފަކީ ގިނަ ދުވަސްތަކެއްގައި ސިފައިންގެ އެންމެ މަތީ ފަންތީގައި ގިނަގުނަ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި އަސްކަރީ ލީޑަރެއް ކަމަށެވެ. ޝަމާލް ސިފަކުރެއްވި ވޮތުގައި، އަހުމަދު ޔޫސުފަކީ ވަރުގަދަ ޝަހުސިއްޔަތެކެވެ.

"[އަހުމަދު ޔޫސުފް] އަވަހާރަވީ ހަބަރު މި އެހީ ވަރަށް ފުންހިތާމައާ އެކުގަ އެވެ،" އަހުމަދު ޔޫސުފަށް ހެޔޮ ދުއާ ކުރައްވަމުން އަދި އާއިލާއަށް ތައުޒިޔާ ވިދާޅުވަމުން ޝަމާލް ލިޔުއްވާފައިވެ އެވެ.

އެނގުން މުހިންމު - އަހުމަދު ޔޫސުފްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދުގެ އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް