އައްޑޫގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެ އަތޮޅަށް ގެންދިޔަ ބަސްތަކެއް. (ފޮޓޯ/އެމްޓީސީސީ)
އާރްޓީއެލް ބަހުގެ ހިދުމަތް 3 އަތޮޅެއްގައި ފަށައިފި؛ ފުރަތަމަ 2 ހަފްތާ ހިލޭ
ދަތުރުފަތުރުން ރާއްޖެ ގުޅާލުމަށް ސަރުކާރުން ކުރިއަށް ގެންދާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) މަޝްރޫއުގެ ދަށުން އަތޮޅު ތެރޭގެ 3 ރަށެއްގައި މިއަދު ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ބުނީ ކީކޭ؟ - އެމްޓީސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރާއެކު ހަދާފައިވާ 50 އަހަރުގެ އެގްރީމަންޓުގެ ދަށުން އެ ހިދުމަތް މިއަދުން ފެށިގެން ފެށީ އައްޑޫ، ފުވައްމުލަށް، ލ. ގަމާއި ގުޅިފައިވާ ރަށްތަކާއި އަދި ލ. އިސްދޫ-ކަލައިދޫގަ އެވެ.
އެގޮތުން އެ ރަށްތަކަށް މިދިޔަ ހަފްތާ ތެރޭގައި ވަނީ ބަސްތައް ފޮނުވައިފަ އެވެ. އެ ރަށްތަކުގައި ހިދުމަތް ދިނުމަށް ބޭނުން ކުރާނޭ ބަހުގެ އަދަދުތަކަކީ:
-
އިސްދޫ-ކަލައިދޫގައި 2 ބަސް
-
ގަން އަދި ގުޅިފައިވާ ރަށްތަކަށް 4 ބަސް
-
ފުވައްމުލަކަށް 4 ބަސް
-
އައްޑޫ ސިޓީ އަށް 13 ބަސް
ތަފްސީލް - މިއަދު އަތޮޅުތަކުގައި އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ފެށި ނަމަވެސް، 14 އޯގަސްޓް ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާނީ ބަސް ދަތުރު ކުރާ މަގުތައް ތަޖުރިބާ ކުރުމުގެ ދަތުރުތައް ކަމަށް އެމްޓީސީސީއިން ބުންޏެވެ. އެގޮތުން އެ މުއްދަތުގައި ހިލޭ ބަސްތަކުގައި ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބަސްތައް ދަތުރުކުރާނެ ރޫޓުތައް މިހާރު އެމްޓީސީސީއިން ވަނީ އާންމުކޮށްފަ އެވެ. އެ ރޫޓުތައް އާރްޓީއެލްގެ ވެބްސައިޓުން ބަލާލެވޭނެ އެވެ. ނަމަވެސް ބަސް ދަތުރުގެ އަގުތައް އަދި އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. އަދި މާލޭގައި ފަށާނޭ ތާރީހެއް ވެސް އަދި ނުބުނެ އެވެ.
އެނގުން މުހިންމު - އެމްޓީސީސީއިން ބުނީ، ތިން އަހަރުން ދަށުގެ ކުދިންނަށާއި، ސްކޫލް ކުދިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށް އާރްޓީއެލް ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމަށެވެ.
އާރުޓީއެލް ބަހުގެ ހިދުމަތް:
-
ބަހުގެ ހިދުމަތަށް 41 ބަސް ގެނެސްފައިވޭ
-
މާލޭގައި ހިދުމަތް ދިނުމަށް 18 ބަސް ބޭނުން ކުރާނެ
-
އެއީ އެއާ ކޮންޑިޝަންޑް ބަސްތަކެއް
-
ބަހެއްގައި 20 މީހުންނަށް އެއް ފަހަރާ ދަތުރުކުރެވޭނެ
ގުޅުންހުރި - ސަރުކާރުން އެމްޓިސީސީއާ ހަވާލުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ހިދުމަތުގެ ދަށުން އާރްޓީއެލް ފެރީގެ ހިދުމަތް ވަނީ ދެ އަތޮޅެއްގައި ފަށައިފަ އެވެ.