އައްޑުއަށް މި މަހުހެ ކުރީކޮޅު އުދަ އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް. (ދައުރު ފޮޓޯ)

މޫސުން

ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެތީ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފި

ހާއްސަކޮށް މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ؛ އުދަ އެރުން ވެސް އެކަށީގެންވޭ
30 ޖުލައި 2022

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ތިން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައި ވާތީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަން ފާހަގަކޮށް މެޓުން ބުނީ:

  • ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރާނެ

  • ހާއްސަކޮށް މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ

  • މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް އުދަ އެރުން އެކަށީގެންވޭ

ތަފްސީލް - މެޓުގެ ލަފާކުރުންތަކާ ހަވާލާދީ އެންޑީއެމްއޭ އިން ވަނީ، މޫސުން ގޯސްވާނެ ކަމަށް ތައްޔާރަށް ތިބުމަށް އިލްތިމާސްކޮށްފަ އެވެ. އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންގެ މުދަލާއި އިމާރަތްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ގޮތުގައި އެންޑީއެމްއޭ އިން ފާހަގަކުރި ކަންކަމަކީ:

  • ވާރޭ ވެހުމާއި އުދަ އަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން 

  • ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އަޅައި ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން

  • ގޭތެރޭގައި ފެން ބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ އުސް ތަންތަނަށް ބަދަލުކުރުން

  • އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން 

  • ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލާފާނެ ކަމަށް ލަފާ ކުރެވޭ ނަމަ ދުރާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެ ގޮތަކަށް ހައްޔަރުކުރުން 

  • ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން 

  • ބޭނުން ނުކުރާ ނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން 

  • ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން؛ ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން

އެނގުން މުހިންމު - މެޓުން ވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 5:30އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން، މިއަދުގެ މޫސުން ލަފާކުރާ ގޮތަކީ:

  • ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ

  • ގަޑިއަކު 19-24 މޭލާ ދެމެދުގެ މިންވަރެއްގައި ވައި ޖެހޭނެ 

  • ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ

  • ކަނޑުތައް ގަދަވާނެ

ގުޅުންހުރި ކަމެއް - މި މަހުގެ ކުރީ ކޮޅު ވެސް ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް