ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމަށް ކުރިމަތިލެއްވި އިބްރާހީމް ވަހީދު (ކ) އަދި ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ކުރިމަތިލެއްވި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމަށް ކުރިމަތިލެއްވީ އިބްރާހީމް ވަހީދާއި އަހުމަދު އަބްދުﷲ
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ދެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ކޮންމެ މަގާމަކަށް ވެސް އެންމެ ބޭފުޅެއް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުތަކުގެ ދައުރު އަންނަ އޮކްޓޯބަރު 25އަށް ހަމަވާތީ، އެ ދެ މާގަމަށް ކުރިމަތިލުމަށް އެ ޕާޓީން ހުޅުވާލީ މި މަހުގެ 18ގަ އެވެ. މިއަދު މެންދުރު 12އަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، އެ ދެ މަގާމަށް ކުރިމަތި ލެއްވީ ދެ ކެންޑިޑޭޓުންނެވެ.
ތަފްސީލް - ކުރިމަތިލެއްވި ކެންޑިޑޭޓުންނަކީ:
-
ޗެއާޕާސަންގެ ނައިބު (އިދާރީ): ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު
-
ޗެއާޕާސަންގެ ނައިބު (މާލީ): ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ؛ މިހާރު ވެސް ހުންނެވީ އެ މަގާމުގައި
އިބްރާހީމް ވަހީދަކީ އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސެވެ. އޭނާ ވަނީ ނިމިގެންދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން މެނޭޖަރުކަން ވެސް ކުރައްވާފަ އެވެ.
މިހާރު ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމު އަދާކުރައްވަނީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
އެނގުން މުހިއްމު - މި ދެ މާގާމަށް މީހުން ހޮވާނީ، އަންނަ މަހުގެ 19ގައި އޮންނަ އެމްޑީޕީގެ ކޮންގްރެސްގަ އެވެ. މި އިންތިހާބުގައި ވޯޓުލެވޭނީ އެ ކޮންގްރެސްގައި ބައިވެރިވާ ކޮންގްރެސްގެ ބައިވެރިންނަށް ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ އަސާސީ ގަވައިިދު ބުނާ ގޮތުން، ޗެއާޕާސަންގެ ނައިބު އިދާރީ އަކީ، އިދާރީ ގޮތުން ޗެއާޕާސަންއަށް އެހީތެރިވުމަށް ހުންނަ މީހެކެވެ. ޗެއާޕާސަން ނެތް ހާލަތެއްގައި އެ މާގަމް ވަގުތީ ގޮތުން ފުރުއްވާނެ މީހަކީ ޗެއާޕާސަން ނައިބު އިދާރީ އެވެ.
ޗެއާޕާސަން ނައިބު އިދާރީގެ ބައެއް މުހިންމު މަސްއޫލިއްޔަތުތައް:
-
މެންބާޝިޕް އިތުރުކުރުމާއި މެންބަރުން ހިފެހެއްޓުމަށް މަސައްކަތް ކުރުން
-
މެންބާޝިޕް ޑޭޓާބޭސް ފުރިހަމައަށް ބެލެހެއްޓުން
-
ކެމްޕެއިންތަކަކަށް ތައްޔާރުވުމަށް ކުރަން ޖެހޭ ކަންކަން ރާވައި ހިންގުން
ޗެއާޕާސަން ނައިބު މާލީގެ ބައެއް މުހިންމު މަސްއޫލިއްޔަތުތައް:
-
ހަމަޖެހިފައިވާ އުސޫލުން ޕާޓީ ހިންގުމަށް ފައިސާ ހޯދައި ޕާޓީގެ އެންމެހާ ފައިސާގެ ކަންކަން ބެލެހެއްޓުން
-
ބަޖެޓް އެކުލަވާލައި ކުރާ ހަރަދުތައް ބަޖެޓްގެ ތެރޭގައި ކޮންޓްރޯލް ކުރުން
-
އަހަރީ އޮޑިޓް ތައްޔާރުކުރުން
-
ޗެއާޕާސަން އާއި ޗެއާޕާސަން ނައިބު އިދާރީ ނެތް ހާލަތެއްގައި އެ މަސްއޫލިއްޔަތު އަދާކުރުން