ގދ. ފިޔޯރީއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. (ފޮޓޯ/ ހިލްޓަން އާޒިފް، ފޭސްބުކް)

އުދައެރުން

ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށް: އެންޑީއެމްއޭ

މިހާތަނަށް ނުވަ ރަށަކުން 261 ޑެމޭޖް އެސެސްމެންޓް ފޯމު އެންޑީއެމްއޭއަށް ހުށަހަޅާފައިވޭ

މި މަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި އުދައެރުމުގެ ސަބަބުން ބައެއް ރަށްތަކަށް އެކި ވަރުގެ ގެއްލުން ލިބުނެވެ. އެގޮތުން، އުދައިގެ އެންމެ ބޮޑު އަސަރެއް ކުރީ މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްތަކަށެވެ.

ތަފްސީލް - އެންޑީއެމްއޭ އިން މިއަދު ބުނީ މިހާތަނަށް ނުވަ ރަށަކުން 261 ޑެމޭޖް އެސެސްމެންޓް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެއީ:

  • އައްޑޫ މަރަދޫ - އަށް ފޯމު

  • އައްޑޫ މަރަދޫ ފޭދޫ - 20 ފޯމު

  • ށ. ބިލެއްފަހި - ދެ ފޯމު

  • ގދ. ރަތަފަންދޫ - އަށް ފޯމު

  • ތ. ތިމަރަފުށި - 61 ފޯމު

  • ގދ. މަޑަވެލި – 67 ފޯމު

  • ހދ ވައިކަރަދޫ - ދެ ފޯމު

  • ގދ. ފިޔޯރީ - 11 ފޯމު

  • ގދ. ހޯނޑެއްދޫ - 82 ފޯމު

އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރެވުނީ ދަނޑުވެރިންނަށް ކަމަށެވެ. އެގޮތުން:

  • ހަތަރު ރަށަކުން 110 ގޭބިސީއަކުން ބަލަހައްޓާ ދަނޑުބިންތަކަށް ގެއްލުން ލިބުނު 

  • އެއީ ލިބުނު ފޯމުތަކުގެ %46

  • އާމްދަނީ ހޯދުމަށް ހައްދާ ބާވަތްތައް ކަމަށްވާ މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮ، ބަނބުކެޔޮ އަދި އަނބު ގަސް މަރުވެގެން ރިޕޯޓުކޮށްފައިވޭ

  • ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ފޯމު ފޮނުވީ ގދ. ހޯނޑެއްދޫ، ގދ. ފިޔޯރީ އަދި ތ. ތިމަރަފުށިން

މީގެ އިތުރުން، ގޯތިގެދޮރާއި ޒަރޫރީ ބޭނުންތަކަށް ބުރުއަރާ ފަދަ ގެއްލުންތަކެއް ނުވަ ރަށެއްގެ 96 ގެއަކަށް ލިބިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އަދި ވިޔަފާރި އާއި ސަރުކާރުގެ އިމާރާތްތަކާއި އިޖްތިމާއީ އިމާރާތް ފަދަ ތަންތަނަށް ވެސް ގެއްލުން ލިބުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

އެންޑީއެމްއޭ އިން ބުނީ ފޯމުތަކުގެ މައުލޫމާތު ފުރިހަމަ ރަށްތަކަށް ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން އެހީ ދިނުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް