އަލިދޫ ރިސޯޓު: ޔޮޓް ޓުއާސްއިން ބުނާ ގޮތުގައި އެ ރިސޯޓަށް ލިބުނު ގެއްލުމަށް އެލައިޑުން 22 މިލިއަން ޑޮލަރު ދޭން ޖެހޭ.
އަލިދޫ ރިސޯޓުގެ 22 މިލިއަން ޑޮލަރުގެ އިންޝުއަރެންސް މައްސަލަ ސުޕްރީމް ކޯޓަށް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް ކުންފުނިން ހިންގި ހއ. އަލިދޫ ރިސޯޓަށް މޫސުން ގޯސްވުމުގެ ސަބަބުން ލިބުނު ގެއްލުމަށް އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މައްސަލައިގެ ފެށުން - 30 އޯގަސްޓް 2014 އިން ފެށިގެން 15 ސެޕްޓެންބަރު 2014އަށް މޫސުން ގޯސްވެ، ކުރިމަތިވި ގުދުރަތީ ހާދިސާއެއްގައި އަލިދޫ ރިސޯޓަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ގެއްލުމުގެ އަގު 22.8 މިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 350 މިލިއަން ރުފިޔާ)އަށް އަރާ ކަމަށް ޔޮޓް ޓުއާސް އިން ބުނެ އެވެ. އެލައިޑް އާއި ޔޮޓް ޓުއާސްއާ ދެމެދު ވެފައިވާ އިންޝުއަރެންސް އެއްބަސްވުމުގެ ދަށުން، އަލިދޫ ރިސޯޓަށް ލިބުނު ގެއްލުމުގެ ބަދަލު ލިބިދޭން ޖެހޭ ކަމަށް ޔޮޓް ޓުއާސް އިން ދެކެ އެވެ. ނަމަވެސް:
-
ޔޮޓް ޓުއާސް އިން އެލައިޑަށް އިންޝުއަރެންސް ކްލެއިމެއް ހުށަހެޅި ނަމަވެސް، އެލައިޑުން އެ ކްލެއިމް އަނބުރާ ރައްދު ކުރި
-
ދެ ފަރާތުގެ ދެމެދުގައި މައްސަލަ ޖެހި ޔޮޓް ޓުއާސް އިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި
ވީ ކިހިނެއް؟ - ސިވިލް ކޯޓުން އެ މައްސަލަ ބަލައި 19 ޖުލައި 2020ގައި ހުކުމް ކުރީ ޔޮޓް ޓުއާޒްއާ އެއްކޮޅަށެވެ. އެކަމަކު، އެލައިޑްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ އޭޕްރިލް 11ގައި އެ ކޯޓުން ހުކުމް ކުރީ ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރާށެވެ.
މިހާރު ޔޮޓް ޓުއާސްގެ ފަރާތުން ވަނީ ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 30ގަ އެވެ. ނަމަވެސް، އަދި އެ މައްސަލަ ބަލައިގަންނަން ނިންމި ކަމެއް އެނގިފައެއް ނުވެ އެވެ.
އެނގުން މުހިންމު - މޫސުން ގޯސްވުމުގެ ސަބަބުން ލިބުނު ގެއްލުންތަކަކީ، އެލައިޑުން ބުނި ގޮތުގައި، އިންޝުއަރެންސް ޕޮލިސީގައި އިންޝުއާކޮށް ރައްކާތެރިކަން ލިބޭނެ ނުރައްކަލެއް ނުވަތަ ގެއްލުމެއް (ޕެރިލް) ނޫނެވެ. އިންޝުއަރެންސް ޕޮލިސީގެ ދަށުން ކަވަރުކުރާ ދެ ޕެރިލް އަކީ ޓައިޑަލް ވޭވް އަދި ފްލަޑް ކަމަށާއި "ޓައިޑަލް ވޭވް" ނޫނީ "ފްލަޑް" ފެށިގެން އަންނަން ޖެހޭނީ ބިން ހެލުން، ފަރުބަދަ ގޮވުން، ހަރިކޭން، ސައިކްލޯން، ޓައިފޫން ނުވަތަ ވިންޑްސްޓޯމަކުން ކަމަށް ވެސް އެ އިންޝުއަރެންސް ޕޮލިސީގެ ކަވަރޭޖުގައި ބުނެފައިވެ އެވެ.
ހައި ކޯޓުގެ ހުކުމްގައި ބުނީ ދަށު ކޯޓުން އެލައިޑްގެ މައްޗަށް އިންޝުއަރެންސް ފައިސާ ދެއްކުމަށް އަންގާފައިވަނީ ޔޮޓް ޓުއާސް އިން އެކަން ސާބިތުކޮށްދީފައި ނުވަނީސް ކަމަށެވެ. އުދައަރައިގެން ލިބުނު ގެއްލުމެކޭ ބުނުމަކުން ނުވަތަ މޫސުން ގޯސްވެ ހަލަބޮލިވުމުގެ ސަބަބުން ރާޅު އަރައިގެން ލިބުނު ގެއްލުމެކޭ ބުނުމަކުން ނުފުދޭ ކަމަށާއި އެއީ އެ އުދަ އަކީ ނޫނީ އެ ރާޅަކީ އިންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާ ޕެރިލްއަކާ ގުޅިގެން އެރި އުދައެއްކަން ނޫނީ އެ ރާޅަކީ އިންޝުރެންސް ޕޮލިސީއާ ގުޅިފައިވާ ޕެރިލްއަކާ ގުޅިގެން އެރި ރާޅެއްކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އޭގެ އިތުރުން، އަލިދޫ ރިސޯޓުގައި ހުރި ބާ 45 ވޯޓާވިލާ އާއި ދެ ޖެޓީ ތަޅާލުމަށް ފަހު، އަލުން އެ ތަންތަން ހެދުމަށް ހިނގާނެ ހަރަދު ދުރާލާ ބެލެވިގެން، އެ ހަރަދު އިންޝުއަރެންސް ފައިސާ އިން ހޯދުމަށް ޔޮޓް ޓުއާސް އިން މަސައްކަތް ކުރާ ކަމަށް އެލައިޑުން ބުނާ ބަހަށް ބުރަވެވޭ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.