ޕާކިސްތާނަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ ގިނައިން ސައިފަތް އެތެރެކުރާ ގައުމު (ފޮޓޯ/ގެޓީ އިމޭޖަސް)
ޕާކިސްތާން މީހުން ސައި ބުއިން މަދުކުރަން އަންގައިފި
މުހިންމު ނުކުތާތައް
މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ގިނައިން ސައިފަތް އެތެރެ ކުރާ ގައުމަކީ ޕާކިސްތާން
ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވްތައް ދަށްވެ އެ ގައުމުގައި ދެން ހުރީ އެންމެ ދެމަހުގެ އިމްޕޯޓް މުދާ އެތެރެ ކުރެވޭ ވަރަށް ފައިސާ
އެ ގައުމުގެ ސަރުކާރުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ޕާކިސްތާނުގައި ބޭރު ފައިސާގެ ރިޒާވް ހަލުވިކަމާއެކު ދަށަށްދާ ދަނޑިވަޅެއްގައި
ޕާކިސްތާނުގެ އިގްތިސޯދީ ހާލަތު ހީނަރުވިޔަނުދީ އަދި އިމްޕޯޓަށް ބަރޯސާވުން ކުޑަކުރަން އެޅިދާނެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ އާންމު ރައްޔިތުން ސައި ބޯ މިންވަރު މަދުކުރަން ސަރުކާރުން އެދިއްޖެ އެވެ.
މުޅި ދުނިޔެއަށް ބަލާ އިރު ވެސް އެންމެ ގިނައިން ސައިފަތް އެތެރެކުރާ ގައުމަކީ ޕާކިސްތާނެވެ. މިދިޔަ އަހަރު އެކަނި ވެސް 600 މިލިއަން ޑޮލަރުގެ ސައިފަތް އެ ގައުމަށް އެތެރެކުރި އެވެ.
"މަދުން ސައި ބޯ ނަމަ އިމްޕޯޓަށް ހޭދަކުރަން ޖެހޭ މިންވަރު ދަށްވާނެ،" ޕާކިސްތާންގެ މިނިސްޓަރެއް ކަމަށްވާ އަހްސަން އިގްބާލް ވިދާޅުވި އެވެ.
ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، އެ ގައުމުގައި ދެން ހުރީ އެންމެ ދެ މަހުގެ އިމްޕޯޓް މުދާ އެތެރެކުރެވޭ ވަރުގެ ފައިސާ އެވެ. ޕާކިސްތާން ވެސް މިހާރު އޮތީ ބޭރު ފައިސާ ބޭނުންވާ މިންވަރަށް ގޮސްފަ އެވެ.
ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި އިގްބާލް ވިދާޅުވީ އެ ގައުމަށް ސައިފަތް އެތެރެކުރަނީ "ލޯނު ފައިސާ އިން" ކަމަށެވެ.
"ރައްޔިތުންނަށް އިލްތިމާސްކުރަނީ މަދުން ސައި ބޯން. ދުވާލަކު އެއް ތަށި ނޫނީ ދެ ތައްޓަށް މަދުކުރަން." އޭނާ ވިދާޅުވި އެވެ.
ކަރަންޓް ބޭނުންކުރުން މަދުކުރުމުގެ ގޮތުން ވިޔަފާރިތައް ރޭގަނޑު 8:30ގައި ބަންދުކުރަން ވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވުމާ އެކު އިމްޕޯޓަށް ބަރޯސަވުން ކުޑަކުރަން ފިޔަވަޅުތައް އަޅަން ސަރުކާރަށް ވަނީ މަޖުބޫރުވެފަ އެވެ.
ސަރުކާރުގެ މި އިލްތިމާސް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ. އެކަމަކު ސައި ބުއިން މަދުކޮށްގެން އެ ގައުމުގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރެވިދާނެ ކަމަކަށް ގިނަ މީހުން ނުދެކެ އެވެ. އެހެންކަމުން ފާޑުކިއުން ވެސް ސޯޝަލް މީޑިއާގައި ބޮޑެވެ.
ޕާކިސްތާންގެ ބޭރު ފައިސާގެ ރިޒާވް ފެބްރުއަރީގައި ހުރީ 16 ބިލިއަން ޑޮލަރުގަ އެވެ. އެހެން ނަމަވެސް އެ އަދަދު މި މަހު ވަނީ 10 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރެވެ.
މިދިޔަ މަހު ޕާކިސްތާނުގެ އޮފިޝަލުން ވަނީ ކޮންމެހެން ބޭނުންނުވާ 'ލަގްޒަރީ މުދާ' އެތެރެކުރުން ހުއްޓާލާފަ އެވެ. މަގްސަދަކީ ބޭރު ފައިސާ ހިފެހެއްޓުމެވެ.
ޕާކިސްތާނުގެ ހީނަރުވެފައިވާ އިގްތިސޯދީ ހާލަތު މެނޭޖް ކުރުމަކީ މިދިޔަ އޭޕްރީލްގައި ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް ޕާލިމަންޓަރީ ވޯޓަކުން ކުރި ހޯއްދަވާ ހޮވިވަޑައިގަތް ޕްރައިމް މިނިސްޓަރު ޝެހްބާޒް ޝާރިފްގެ ސަރުކާރަށް އޮތް ބޮޑު އިމްތިހާނެކެވެ.
ޕްރައިމް މިނިސްޓަރު ކަމަށް ހޮވިވަޑައިގަނެ ހުވާ ކުރެއްވުމާ އެކު ވެސް އެންމެ ފުރަތަމަ ޝާރިފް ވިދާޅުވީ އިމްރާން ޚާންގެ ސަރުކާރުގައި އިގްތިސޯދު މިސްމެނޭޖް ކުރައްވާފައިވާ ކަމެކެވެ. އަދި އިގްތިސޯދީ ހަމައަކަށް އެޅުވުން ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމުގަ އެވެ.
މިދިޔަ ހަފްތާގައި ޝާރިފްގެ ކެބިނެޓުން ވަނީ 47 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފަ އެވެ. މަގުސަދަކީ އިންޓަނޭޝަނަލް މަނިޓަރީ ޕްރޮގްރާމް އިން މަޑުޖައްސާލާފައި އޮތް 6 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއް ފެށުމަށެވެ.
ބޭރު ފައިސާގެ ރިޒާވް ސަޕްލައި ދަށްވުމާއި، އަހަރުތަކެއް ވަންދެން އިގްތިސޯދީ ކުރިއެރުންތައް ހުއްޓިފައި އޮތުމުން އުފެދުނު އިގްތިސާދީ ދަތިކަމަށް ލުއި ދިނުމަށް 2019 ވަނަ އަހަރު އައިއެމްއެފްގެ އެއްބަސްވުމުގައި ވާހަކަ ދެއްކި ނަމަވެސް ފަހުން ޕާކިސްތާނުގެ މާލިއްޔަތާ މެދު ލޯނު ދޫކުރާ ފަރާތްތަކުން ސުވާލު އުފެދުމުން އެ އެއްބަސްވުން މަޑުޖައްސާލި އެވެ.