ދެ ކުއްޖަކު ވިލިމާލޭ ގޮނޑުދޮށުގައި އިށީނދެލައިގެން ތިބެ ކުޅެނީ.
މާލެ ސަރަހައްދުގެ ހަމައެކަނި ގުދުރަތީ ބީޗު އާއްމުންނަށް ގެއްލެނީ؟
މުހިންމު ނުކުތާތައް
ކަންބޮޑުވުމަކީ މާލެ ސަަރަހައްދުގެ ހަމައެކަނި ގުދުރަތީ ހޭޅިފަށާއި ބީޗު އާއްމުންނަށް ބޭނުން ކުރަން ދަތިވެ، ސިއްހަތަށް ނުރައްކާވެދާނެކަން
އެއީ ހިތްއުފާކޮށްލުމަށާއި ކަސްރަތަށް އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދުޅަހެޔޮކަމަށް ބޭނުންކުރަމުން އަންނަ މުހިއްމު ބީޗެއް
ބޯޓު ބަންނަ މީހުން އެ ސަރަހައްދު ބޭނުން ކުރާ ނަމަ ހިތްފަސޭހަކަން ގެއްލި ކުނި ގޮނޑަކަށް ބަދަލުުވެދާނެކަން ތަޖުރިބާއިން އެނގޭ
ވިލިމާލޭ އިރުމަތީ ފަރާތުގައި އިހުތިޖާޖެއް ކުރާތާ މިއީ ހަތަރު ވަނަ ހަފްތާ އެވެ. ސޭވް ދަ ބީޗް ޖަމްއިއްޔާ އިން އިންތިޒާމުކުރާ 'ޕިކްނިކް ޕްރޮޓެސްޓް' އަކީ، ތިލަމާލެ ބުރިޖު އެޅުމަށް މަގުފަހިކުރުމަށް، ވިލިމާލޭ ހުޅަނގު ދެކުނު ފަރާތުގައި ހުރި ފައިބަރު ބޯޓްޔާޑް އިރުމަތީ ސަރަހައްދަށް ބަދަލު ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމުމާ ދެކޮޅު ހަރަކާތެކެވެ. އިރުމަތީ ފަރާތު ބީޗުން އެ މަސައްކަތް ކުރުމަށް ޖާގަ ހެދުމަށް ގަސްތައް ކަނޑަން ވަނީ ފަށައިފަ އެވެ.
ވިލިމާލޭ އިރުމަތީ ފަރާތުގައި ފައިބަރު މަސައްކަތް ކުރުމަށް ފުރުސަތު ދީފައިވާތީ ކަންބޮޑުވުން ފާޅުކުރަމުންދަނީ، މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ދެ ލައްކައެއްހާ މީހުންނަށް ބޮޑު ހަރަދެއް ނުކޮށް ފަސޭހަ އިން ދެވެން އޮތް ހަމައެކަނި ގުދުރަތީ ބީޗު ކަމަށް ވާތީ އެވެ. އެ ތަނުގައި މި މަސައްކަތް ކުރުމަކީ ސިއްހީ ބޮޑު ނުރައްކަލަކަށް ވެދާނެކަން ސޭވް ދަ ބީޗުން ފާހަގަކުރެ އެވެ.
ވިލިމާލޭގެ އެ ސަރަހައްދަށް ހޮނިހިރު ދުވަހު ޒިޔާރަތް ކުރި އިރު ފެންނަނީ އާއިލާތަކުގެ އެކި އުމުރުފުރައިގެ މީހުން އެ ތަނުގައި އުފާވެރި ވަގުތުތައް ހޭދަ ކުރާ މަންޒަރެވެ. އަދި މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ މަންޒަރެއް ފެނުނެވެ. މީހުން އާއްމުކޮށް ފަތާ ސަރަހައްދުގައި ދެތިން ބޯޓެއް އަޅާފައި އޮތެވެ.
އެ ދުވަހު މޫދަށް އެރި ކުދިވެރިންނާއި ދޮށީ އުމުރުގެ މީހުން ހިތް އުފާކުރަމުން ދިޔައީ މާލޭގެ ހާސްކަން ބޮޑު ދިރިއުޅުމުން އިރުކޮޅަކަށް ވެސް ދުރުވެލުމަށް ވައިޖައްސާާލައި ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގަ އެވެ. އެ ތަނަށް އައިސް ތިބި މީހުންނަކީ ހަމައެކަނި ވިލިމާލޭ ރައްޔިތުންނެއް ނޫނެވެ. މާލެއިން އައިސްފައިވާ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
"އެތައް ބަޔަކު އެ މީހުންގެ ހަފްތާ ބަންދާއި އީދު ފާހަގަކުރުމަށް މި ތަނުގައި ވަގުތު ހޭދަކުރޭ،" ސޭވް ދަ ބީޗްގެ ކޯ-ފައުންޑަރު ފާތިމަތު ތަންޒީލާ ނައީމް ބުންޏެވެ.
ވިލިމާލޭގައި ދިރިއުޅޭ ތަންޒީލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ބީޗު ދެން މި ގޮތަށް ބޭނުންކުރަން ނުލިބުމެވެ.
ބީޗުގައި ހުރި ބެންޗެއްގައި އިށީނދެ އިނދެ ތަންޒީލާ ވާހަކަ ދެއްކީ އަސަރާ އެކު އެވެ.
"މިއީ މި ސަރަހައްދުގައި ވެސް އޮތް ހަމައެކަނި ގުދުރަތީ ހޭޅިފަށް. ގުޅިފައި މި އޮތް މާލެ، ވިލިމާލެ އަދި ހުޅުމާލޭ މީހުންނަށް ވެސް އެންމެ ފަސޭހަ އިން ބޭނުންކޮށްލެވެން އޮތް ހަމައެކަނި ގުދުރަތީ ބީޗު. މި ތަނުގައި ފަތާށާއި އާއިލާއާ އެއްކޮށް ވަގުތު ހޭދަކުރަން އެތައް ބަޔަކު އާދޭ. މި ތަނުގައި ފައިބަރު މަސައްކަތް ކުރަން ފެށީމަ އެތައް ބަޔަކަށް އެ ފުރުސަތު ގެއްލިގެން ދާނެ. އަދި ސިއްހަތަށް ބޮޑު ނުރައްކަލަކަށް ވާނެ،" އޭނާ ބުންޏެވެ.
އޭރު ވެސް އެ ތަނުގައި މީހުން ފަތަމުންދިޔަ ސަރަހައްދު ތެރެއަށް ނެރުން ވަދެގެން ކުޑަ ބޯޓެއް އަންނަނީ އެވެ. ފައިބަރު ބޯޓުތައް އެތާ އަދި އެހާ ގިނައެއް ނޫނެވެ.
ވިލިމާލޭގެ ރައްޔިތުން އިންތިހާ އަށް ކަންބޮޑުވޭ
ވިލިމާލޭގައި ދިރިއުޅޭ ބައެއް މީހުން މިކަމާ މެދު ދެކޭ ގޮތް ކިޔައިދިނެވެ.
މުހައްމަދު ރަޝީދު، 66، ރިޓަޔާ ކުރި ފަހުން ހަށިގަނޑަށް ބޭނުންވާ ކަސްރަތު ހޯދަން ބަރާބަރަށް މޫދަށް ދާތާ މިހާރު ދެ އަހަރު ވީ އެވެ. އޭނާ ކޮންމެ ދުވަހަކު ހެނދުނު ވިލިމާލޭ އިރުމަތީ ފަރާތަށް އެރެ އެވެ. އާތުރައިޓިސްގެ ސަބަބުން ގައިގަ އާއި ހުޅުތަކުގައި ރިއްސާތީ ޑޮކްޓަރުން ރަޝީދަށް ލަފާދެނީ ކޮންމެ ދުވަހަކު މޫދަށް ގޮސް އުޅޭށެވެ. އެ ގޮތަށް ހަދަން ފެށުމުން ތަދުތަކަށް ލުއި ލިބި، އޭނާ މިހާރު ޑޮކްޓަރަށް ދައްކާކަށް ނުޖެހެ އެވެ. ކުރިއާ ހިލާފަށް މިހާރު ސިޑިން އެރެ އެވެ. ކުރިން ނަމާދަށް ރަނގަޅަށް ނީނދެވުނަސް މިހާރު ނަމާދުގެ ހުރިހާ ހަރަކާތެއް ކުރެވެ އެވެ.
"އެ ތަނުގައި [އިރުމަތީ ފަރާތުގައި] އެހެން މަސައްކަތެއް ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އޭގެ ދަތި އުނދަގޫ ފޯރާނެ. ދޯނިފަހަރު ވަދެގެން އަންނައިރު މޫދުގައި އުޅޭއިރު ގެއްލުންތަކެއް ލިބިދާނެ ކަމަށް ބަލަންވާނީ،" ރަޝީދު ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް، އިންޖީނުލީ އުޅަނދުތައް ވަދެގެން އަންނައިރު، އަޅުގަނޑުމެން އަޑިއަށް ގޮސްފައި މައްޗަށް އަރާއިރު ދޯންޏެއްގައި ވެސް ޖެހިދާނެ، ލޯންޗެއްގައި ވެސް ޖެހިދާނެ. އެހެންވީމާ އަޅުގަނޑުމެން އެކްސިޑެންޓެއް ވުން ވަރަށް ކައިރި ހަގީގަތުގައި. އެހެންވީމާ އަޅުގަނޑުމެން އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ޖެހޭ."
ދެ ކުދިންގެ މަންމަ އައިޝަތު އެމީލާގެ ދޮށީ ދަރިފުޅަކީ ޑައުން ސިންޑްރޯމް ހުންނަ ކުއްޖެކެވެ. ހަގު ދަރިފުޅަކީ ސެރީބްރަލް ޕަލްސީ ހުންނަ ކުއްޖެކެވެ. ވިލިމާލޭގައި ދިރިއުޅޭ އެމީލާ ދެކޭ ގޮތުގައި، އޭނާގެ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ގުޅިފައި އޮތީ މި ތަނާ އެވެ. އޭނާގެ ކުދިންގެ ހަށިގަނޑުގެ މަސްތައް ވަރުގަދަކުރުމަށް ބަރާބަރަށް މޫދަށް އެރުވައި ކަސްރަތުކުރުވައި ވެލިމޮޑެދެނީ މި ސަރަހައްދުގަ އެވެ. ސްކޫލުން އަންނަ ގޮތަށް ޔުނީފޯމުގައި ވެސް ކުދިން ބީޗަށް ގެނެ އެވެ.
އެމީލާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވިލިމާލެ އިން ތެރަޕީ ނުލިބުމެވެ.
"ތެރަޕީއެއްގެ ގޮތުގައި އެންމެ ބޮޑަށް ބޭނުންކުރަނީ ބީޗު،" އެމީލާ ބުންޏެވެ.
ފައިބަރުގެ މަސައްކަތް ކުރާ ނަމަ އެ ކުދިންނަށް އެންމެ ރައްކާތެރި ތަނަކަށް އެތަން ނުވުމަކީ އެމީލާގެ އަނެއް ކަންބޮޑުވުމެވެ.
ސްޕެޝަލް އޮލިމްޕިކްސްގެ މޯލްޑިވްސްގެ މެންބަރުންގެ ތެރޭގައި، ވިލިމާލޭގައި ދިރިއުޅޭ 44 ކުއްޖަކު ހިމެނެ އެވެ. އެ ޖަމިއްޔާ އިން ކުޅިވަރު މެދުވެރިކޮށް ކުދިންނަށް ތެރަޕީ ދެވޭތޯ މަސައްކަތް ކުރުމަށް ކޮންމެ ދުވަހަކު އިރުމަތީ ފަރާތުގެ ގޮނޑުދޮށުގައި ކަސްރަތު ކުރުވަ އެވެ.
"އެ ކުދިން އެ ތާނގައި [އިރުމަތީ ބީޗްގައި] ކުޅެ ނިންމާފައި ހަމަ އެ ބީޗަށް މޫދަށް އެރެނީ. އެ ކުދިންނަށް އެ ތަން ސޭފް،" އެމީލާ ބުންޏެވެ.
ފައިބަރު މަސައްކަތް: ސިއްހީ ނުރައްކަލެއް
"ދުވަސްކޮޅަކުން ބޯޓުތަކުގެ ވާތަކާއި ބޯޓާ ހެދި މީހުންނަށް ފަތާލަން ޖާގައެއް ނުލިބޭނެ. މިއީ ހަމަ ބާބެކިއު ސަރަހައްދަށް ވެސް ވީ ގޮތް. އެ ތަނުގައި މަސައްކަތް ފެށި އިރު ވެސް ކަންވީ މިހެން،" ތަންޒީލާ ބުންޏެވެ.
ދެކުނު ބީޗު ސަރަހައްދުގައި ފައިބަރު މަސައްކަތް ކުރަން ފެށި އިރު ވެސް، ވިލިމާލޭގައި ދިރިއުޅޭ އާއްމުން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ފަހަރު ވެސް އެ އަޑު ޖެހުނީ ބީރު ކަންފަތްތަކެއްގަ އެވެ.
"އެ ސަރަހައްދުގައި ދިރިއުޅޭ ކުދިން ރޯގާޖެހޭލެއްް އިތުރުވެ ނޭވާލާ ނިޒާމަށް އުނދަގޫވެ ގިނަގިނައިން ޑޮކްޓަރަށް ދައްކަން ޖެހޭ ވާހަކަ ދެއްކިން އޭރު ވެސް،" ތަންޒީލާ ބުންޏެވެ.
ދެކުނު ފަރާތު ބީޗްގައި 2010 ވަނަ އަހަރު ފައިބަރު މަސައްކަތް ކުރަން ފެށުމާ އެކު އެ ސަރަހައްދު ވެގެން ދިޔައީ ބޮޑު ބޯޓް ޔާޑަކަށެވެ. ފެށިއިރު ކުޑަކޮށް މަރާމާތުގެ ކަންކަން ކުރިޔަސް އެ ތަނުގައި އެންމެންގެ ލޯ ކުރިމަތީ ބޮޑު ބޯޓެއް ބަނދެފައިވާ ކަމަށް ތަންޒީލާ ބުންޏެވެ.
"އެ ސަރަަހައްދުގައި ފެތުން ރައްކާތެރިއެއް ނޫން. ވަލާއި ބޯޓާ ހެދި އެއްވެސް ގޮތަކަށް ރައްކާތެރިއެއް ނޫން،" އޭނާ ބުންޏެވެ.
ދެކުނު ސަރަހައްދުގެ އަތިރިމަތި އެއްކޮށްހެން ކަހަލަ ގޮތަކަށް ކުނިބުންޏާއި ދަބަރަަށްވެ، ހަލާކުވާން ތަކެތި ދޫކޮށްލާ ތަނަކަށްވެ ކުނިބުނިން ފުރުނީ އެވެ.
ތަން ގެއްލުމުގެ އިތުރުން އާއްމުން މި ހުށަހެޅެނީ ސިއްހީ ބޮޑު ނުރައްކަލަކަށް ކަމަށް ތަންޒީލާ ބުންޏެވެ. ސަަބަބަކީ ފައިބަރު މަސައްކަތުގެ ސަބަބުން، ނޭވާލުމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށް، ނޭވާލުމުގެ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ސީރިއަސް އަދި ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް ކުރިމަތިވެދާނެ އެވެ.
މީގެ އިތުރުން، ބޯޓުޔާޑުތަކުގައި ބޭނުންކުރާ ކެމިކަލެއް ކަމުގައިވާ ރެޒިންގެ ވިހަގަދަ އާވިތައް ހަށިގަނޑަށް އެތެރެވެއްޖެ ނަމަ، ނޭވާލުމުގެ ނިޒާމަށާއި ހަޖަމްކުރުމުގެ ނިޒާމަށް އަސަރުކޮށް، މޭނުބައިކޮށް، ހޮޑުލަވާ، ވަރުބަލިވުން ފަދަ ކަންކަން ދިމާވެ، އަޑުއިވުމަށް އަސަރުކޮށް، ނާރުތަކުގެ ބަލިތައް ހުންނަ މީހުންގެ ހާލަތު އިތުރަށް ގޯސްވާން ވެސް މަގުފަހިވެ އެވެ.
ސޭވް ދަ ބީޗުން އަޑުއުފުލަނީ އެންމެންގެ ހައްގުގައި
ޕްލޭނިން މިނިސްޓްރީގެ 'ލޭންޑް ޔޫޒް ޕްލޭން' ގަވާއިދުގައިވާ ގޮތުން، ފައިބަ ގްލާސް މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ ބަންދުކޮށްފައި ހުރި، ރަނގަޅަށް ވެންޓިލޭޓް ކޮށްފައިވާ އަދި މީހުން ދިރިއުޅޭ ނުވަތަ އެއްވެ އުޅޭ ސަރަހައްދުތަކާ މަދުވެގެން 350 ފޫޓު ދުރުގައިވާ ތަންތަނަށެވެ.
"އެއާ ހިލާފަށް މި ބޯޓްޔާޑުގައި މަސައްކަތްކޮށްފައި ވަނީ ބޭރު ތެރެއަށް ފައިބަރު ދައުރުކުރާނެ ފަދައިން ހުޅުވިފައި ހުންނަ ގޮތަށް،" ވިލިމާލޭ ބޯޓްޔާޑާ ބެހޭ ގޮތުން ތަންޒީލާ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ސޭވް ދަ ބީޗުން ވަނީ ޕްލޭނިން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅައިފަ އެވެ.
"10 މެއި 2022 ގައި ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އާންމުން ފާޅުކުރި ހިޔާލުތަކަށް ރިއާޔަތްކޮށް ބޯޓުޔާޑު ހުޅަނގު ފަރާތަށް ބަދަލުކުރަން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް،" ތަންޒީލާ ބުންޏެވެ.
ނަމަވެސް މިއަދާ ހަމައަށް ކައުންސިލުން އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.
އިރުމަތީ ފަރާތުގައި ހުރި ބައެއް ބޯޓުތަކުގައި ފެން އުފެދި މަދިރި ފަނި އާލާވެފައިވާ ތަން ވެސް އެ ސަރަހައްދު ބަލާލަން ދިއުމުން ފެނުނެވެ.
ސޭވް ދަ ބީޗަށް ފާހަގަކުރެވުނު ގޮތުގައި، ވިލިމާލޭގައި ބޯޓުޔާޑެއް އެޅުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައެއް ނުވެ އެވެ. ހޭޅިފަށުން ރުއްގަސް ނެގުމުގެ ކަންކަން ކޮށްފައިވަނީ އީއައިއޭ ނަހަދާ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ. އަތިރިމަތިން ރުއްގަސް ނެގުމުން، ވިލިމާލޭ އިރުމަތީ ފަރާތުން މިހާރު ވެސް ފެންނަމުންދާ ރަށްގިރުމުގެ މައްސަލަ ގޯސްވެގެންދާނެކަން ދިރާސާތަކުން ކަށަވަރު ކޮށްދޭކަން ވެސް ސޭވް ދަ ބީޗުން ފާހަގަކުރެ އެވެ.
ކޮންމެ ރަށެއްގެ އަތިރިމަތީގައި 15 މީޓަރުގެ 'ބަފާ ޒޯން'އެއް ހުންނަން ޖެހޭނެ ކަމަށް ރުއްގަސް އުފުރުމާ ބެހޭ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.
"ބޯޓުޔާޑު ހަދަން މި ތަނުން ރުއްގަސް ނެގުން ވެސް ފުރަތަމައިނުން ގޯސް،" ތަންޒީލާ ބުންޏެވެ.
"އަހަރެމެން ބޭނުންވަނީ އެންމެންނަށް ވެސް ހައްލެއް. ވިލިމާލޭ ބޯޓުތަކަށް ވެސް ހައްލެއް. އިރުމަތީ ފަރާތުގައި ފައިބަރު މަސައްކަތް ކުރަން ކަނޑައަޅައިވާ ސަރަހައްދަށް އަރުވައިފައިވާ ބޯޓުތައް ނަގައި، މާލެ އަދި ހުޅުމާލެއަށް ނިސްބަތްވާ ބޯޓުތަކާ އެއްގޮތަށް، ފައިބަރުގެ މަސައްކަތާއި މަރާމާތް ކުރުމަށް ތިލަފުށިން ވިލިމާލޭގެ ބޯޓުތަކަށް ވެސް އެ ހިދުމަތް ފަސޭހައިން ލިބޭނޭ ގޮތް ހެދުން،" ތަންޒީލާ ބުންޏެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދިނުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. އެކަން އަދި ނުވާ އިރު، ދެ ލައްކައެއްހާ މީހުންނަށް ފަސޭހަ އިން ދަތުރުދެވެން އޮތް ގުދުރަތީ ހަމައެކަނި ތަނަށް މިފަދަ ބޮޑު ގެއްލުމެއް ދީފާނެކަން ގަބޫލު ކުރަން ވެސް ދައްޗެވެ.
ކޮމެންޓް (3)
ހިތަދޫ 2
މާބިން
ހަސްމް