އެންމެ ފަހު ރޯދަދުވަހު ބާރަށު ފިރިހެނުން ދިގު ބަތްޕެން ކެއްކުމުގައި ހަރަކާތްތެރިވަނީ (ފޮޓޯ/ މުހައްމަދު ނަޒީހް)

ބާރަށު ދިގު ބަތްޕެން، ރަށު ފިރިހެނުންގެ އީދު ހަދިޔާއެއް

ފިތުރު އީދާ ގުޅުވައިގެން ފަތްޕިލާވެއްޔާއި ފަލަމަޑީގެ ބާވަތްތަކުން މި ބަތްޕެން ހަދާތާ އެތައް ޒަމާނެއް ވެއްޖެ

އެންމެ ފަހު ރޯދަ ދުވަހު ރަށުގެ ހުރިހާ ޒުވާން އުމުރު ފުރައިގެ ފިރިހެނުން ދިޔައީ ކާން ބޭނުންކުރާ އެކި ކަހަލަ ފަތް ހޯދާށެވެ. މަގުސަދަކީ އީދަށް މަރުހަބާ ކިޔުމަށް 'ދިގު ބަތްޕެން' ކެއްކުމެވެ. މިއީ ހއ. ބާރަށުގެ ޒަމާންވީ ސަގާފަތެކެވެ. ރަށުން ލިބޭ އެކި ކަހަލަ ފަަލަމަޑީގެ ބާވަތްތަކާއި ފަތްޕިލާވެލީގައި ހަދާ ހާއްސަ ބަތްޕެނެކެވެ. މި ސަގާފަތް އެ ރަށުގައި ފެށި އިރެއް އެނގޭ މީހަކު ނެތެވެ. 

"ޒަމާނުއްސުރެ ބާރަށުގައި ފިތުރު އީދުގެ މުނާސަބަތުގައި ކޮށް އުޅޭ ކަމެއް މިއީ. ކޮވިޑް -19އާ ގުޅިގެން އަހަރަކަށް މިކަން މެދުކެނޑުނަސް މިދިޔަ އަހަރާއި މި އަހަރު ވެސް ކުރިއަށް ދިޔަ. މިއީ ރައްޔިތުންގެ އިސްނެގުމެއް،" ބާރަށު ކައުންސިލްގެ ރައީސް ސޮފްއަތު މުހައްމަދު ވިދާޅުވި އެވެ.

ރަށުގެ އުތުރާއި ދެކުނު އަވަށުގައި ދެ ބަޔަކަށް ބަހައިގެން މިދިއަ އާދިއްތަދުވަހު އޮތީ ދިގު ބަަތްޕެން ކެއްކުމެވެ. ޒުވާނުން މައިގަނޑު ގޮތެއްގައި އުޅެނީ ބަތްޕެނަށް ބޭނުންވާ އެއްޗެހި ހޯދުމުގަ އެވެ. 

ދިގު ބަތްޕެން ކެއްކުމުގައި ރަށުގެ ހަރު މީހުންނާއި ޒުވާނުން ވެސް ބައިވެރިވޭ (ފޮޓޯ/ މުހައްމަދު ނަޒީހް)

އެއަށް ފަހު ފަތްތައް ނޮޅާ ހުރިހާ އެއްޗެހި ކޮށައި ސާފުކޮށް ކައްކަން ތައްޔާރުކުރެ އެވެ. ރަށުގެ ހަރު ފިރިހެނުން ބޮޑެތި ތެލީގައި ބަތްޕެން އުދަ އެވެ. ހެނދުނު ފަށާ މަަސައްކަތް ނިންމާލެވެނީ އިރުއޮއްސެންވާ އިރަށެވެ.

'ދިގު ބަތްޕެން'ގެ ނަމުން ނަން ދީފައި ވަނީ ވެސް އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވާތީ ކަމަށް ބެލެވެ އެވެ. ބަތްޕެން ކައްކަނީ ވެސް ފިރިހެނުންނެވެ. އެއްބަޔަކު ފަހު ރޯދަ ވީއްލަނީ ވެސް އެ ބަތްޕެނުންނެވެ.

ސޮފްއަތު ވިދާޅުވި ގޮތުގައި އެއް އަހަރުން އަނެއް އަހަރަށް ރަހައިގެ ތަފާތެއް ހުއްޓަސް އެއީ ކޮންމެވެސް ވަރަކަށް ކުޅި ބަތްޕެނެކެވެ.

"ރޮށި އަޅާ ކަހަނބު، ތެލި ތަށި ހިފައިގެން ގޭގެއިން އަންނާނެ ބަތްޕެން ބަލާ. މި އަހަރު ވެސް ބޮޑު ތަރުހީބެއް ލިބުނު،" އޭނާ ވިދާޅުވި އެވެ.

ފިތުރު އީދަށް އިރު އޮއްސުމާ އެކު ރަށު މީހުން ބަތްޕެން ބަލާ ކިއޫ ހަދާފައި (ފޮޓޯ/ މުހައްމަދު ނަޒީހް)

ރަށުގެ ޒުވާން ޖީލަށް މި ބަތްޕެނުގެ ރަހަ ކަމުދެ އެވެ. އޭގައި ބޭނުންކުރާ ތަކެއްޗަށް ބަލާ ނަމަ އެއީ ހަށިގަނޑަށް ފައިދާ ހުރި ބުއިމެއްކަން ޔަގީނެވެ. ފަތުގެ ބާތްތައް ގިނަ މިންވަރަކަށް ހުރުމާއި ލަސްލަހުން ކައްކާތީ އޭގެ ރަހަ ވެސް މީރުވާނެ އެވެ. 

ބާރަށުގައި މި ބަތްޕެން ކައްކަނީ ފިތުރު އީދާ ގުޅުވައިގެން ކަމަށް ވިޔަސް، ޒުވާން ގްރޫޕްތައް ހަ ރޯދަ ނިންމާފައި ވެސް ބަތްޕެން ކައްކާ ކަމަށް ސޮފްއަތު ވިދާޅުވި އެވެ. 

ތައްޓަކަށް ދިގު ޕަތްޕެން އަޅަނީ: މިއީ އާދަ ދިރުވުމަކީ ރަށު ޒުވާނުންގެ އުއްމީދެއް (ފޮޓޯ/ މުހައްމަދު ނަޒީހް)

މުހައްމަދު ނަޒީހަކީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. އޭނާ ބުނާ ގޮތުގައި ދިގު ބަތްޕެން ނުހަދާ ހަނދާނެއް އޭނާގެ ނެތެވެ. އޭނާ ފަހުރުވެރިވަނީ އެއީ ހަމައެކަނި ބާރަށަށް ހާއްސަ އެއްޗަކަށް ވާތީއެއް ނޫނެވެ. ޒަމާންވީ އާދަކާދައެއް ހިފެހެއްޓުމަކީ ވެސް އޭނާއަށް ވަރަށް ބޮޑު ފަހުރެކެވެ.

ނަޒީހު ބުނާ ގޮތުން އޭނާގެ ކާފަ އަލީ އަހުމަދަކީ މި ބަތްޕެން ކެއްކުމުގައި އިސްކޮށް އުޅޭ މީހެކެވެ. ފަހު ރޯދަ ދުވަހު ކާފަ އެކަމަށް ހުސްވެ އެވެ. އެހެންކަމުން ނަޒީހު ވެސް އަންނަނީ، އޭނާ ބުނާ ގޮތުގައި، ކާފަގެ މަސައްކަތް ގާތުން ބަލަމުން އަދި ބައިވެރިވަމުންނެވެ.

ބާރަށު އަލީ އަހުމަދަކީ ބަތްޕެން ކެއްކުމުގައި އިސްކޮށް އުޅޭ އެކަކު (ފޮޓޯ/ މުހައްމަދު ނަޒީހު)

ނަޒީހަކީ 2017 އިން ފެށިގެން ފޮޓޯގްރާފަރެކެވެ. ދިގު ބަތްޕެނާ ބެހޭ ފޮޓޯތައް ވެސް އޭނާ ގެންދަނީ ނަގަމުންނެވެ. އޭނާގެ އިތުރުން މި ސަގާފަތް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ހުރި އެތައް ޒުވާނުންނެއް ބާރަށުގައި އުޅެ އެވެ. އެހެންކަމުން ބާރަށު ދިގު ބަތްޕެން ކުރިއަށް އޮތް ޖީލުތަކަށް ވެސް ދެމިގެންދާނެ އެވެ. 

ކާފައާ އެކު ނަޒީހު ވެސް ބަތްޕެން ކެއްކުމުގައި އެހީތެރިވަނީ: ސަގާފަތް ދިރުވުމުގައި ދެ ޖީލެއްގެ ބައިވެރިވުން (ފޮޓޯ/ މުހައްމަދު ނަޒީހް)

ރާއްޖޭގެ ތާރީހީ ރަށްތަކުގެ ތެރޭގައި ހިމެނޭ ބާރަށަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް ވެސް މެ އެވެ. އެރަށުގައި ފަތްޕިލާވެއްޔާއި ފަލަމަޑީގެ ބާވަތްތައް ގިނަ އެވެ. އެހެންކަމުން ބަތްޕެނަށް ބޭނުންވާ އެއްޗެހި ހޯދުމުގައި އެއްވެސް ދައްޗެއް ނެތެވެ.

އީދާ ގުޅޭ ތަފާތު އާދަތައް ރާއްޖޭގެ އެކި ރަށްރަށުގައި އޮންނަކަމާ މެދު ޝައްކެއް ނެތެވެ. ކޮންމެވެސް ސިފައެއްގައި އެ ކަންކަން މިހާރު ވެސް ކުރިއަށް ދިއުމަކީ ސަގާފަތް ދިރުވުމެވެ. ބާރަށުން މި ފެންނަނީ އެ މަންޒަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް