ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ހުންނަ ގޮތުގެ ކުރެހުމެއް: މި ވައިރަސްގެ ތަފާތު ވޭރިއަންޓްތައް ދަނީ ފެންނަމުން
ދެން ވެސް އާ ވޭރިއަންޓްތައް އަތުވެދާނެ، އަދި މިއަށް ވުރެ ގޯސްކޮށް
ކޮރޯނާވައިރަސްގެ އާ ވޭރިއަންޓެއް ފެންނަ ކޮންމެ ފަހަރަކު ދުނިޔެ އަމަލްކުރަނީ އެއްގޮތަކަށެވެ. އާ ހޯދުން ސައިންސްވެރިން ހިއްސާކުރުމާ އެކު ދެން ގަންނަނީ ބިރެވެ. ދެ ވޭރިއަންޓެއްގެ މެދުގައި ހިނގާ މުއްދަތުގައި، ކުރިމަގުގެ ރާޅުތަކުން ރައްކާތެރިވާން އެކަށީގެންވާ މަސައްކަތެއް ނުކުރެވެ އެވެ.
އޮމިކްރޮން ވޭރިއަންޓާ އެކު ދުނިޔެއަށް ގުޑުންއަރައިފި އެވެ. އެކަމަކު އެއީ އެ ވޭރިއަންޓް އުޅޭތީއެއް ނޫނެވެ -- ވައިރަސްއަކީ އަބަދުވެސް އެގޮތަށް ބަދަލުވާ އެއްޗެކެވެ. -- އެކަމަކު އެ ފެތުރޭލެއް އަވަސްކަމުންނެވެ. ގައުމުތަކުން އުޅެގަތީ އެއްފަހަރާ، އެއް ވަގުތެއްގައި ފިޔަވަޅުތައް އަޅާށެވެ. އެކަމަކު އެއީ ކުރިންސުރެ އެޅިފައި އޮންނަން ޖެހޭނެ ފިޔަވަޅުތަކެވެ. މިސާލަކަށް ޓެސްޓްކުރުމުގެ ގާބިލްކަން ބޮޑުކުރުމެވެ.
ކޮވިޑް-19 ތިން ވަނަ އަހަރަކަށް ދެމިގެންދާ އިރު އަހަރެމެން ހަގީގަތުގައި ކުރީގެ ގޯސްތަކުން ފިލާވަޅު އެބަ ލިބިގަންނަން ޖެހެ އެވެ. އެކަން ފަށަން ޖެހެނީ އަލްފާ އާއި ޑެލްޓާ އަދި އޮމިކްރޮންއަކީ އާ ބިރެއް ނޫންކަން ގަބޫލުކޮށްގެންނެވެ. އެއިން ކޮންމެ ވައްތަރަކީ ވެސް ހަމަ ކޮރޯނާވައިރަސް އެވެ. އާ ވޭރިއަންޓެއް ފެނުމާ އެކު އަހަރެމެން ބޮޑު ތެޅިފޮޅުމެއްގެ ތެރެއަށް ވެއްޓިގަތުމަށް ވުރެ ރަނގަޅީ މި ވައިރަސް އިން އަދި ދުނިޔެ ސަލާމަތްނުވާ ކަން ގަބޫލުކުރުމެވެ. އެހެންކަމުން ކުރިމަގުގެ ރާޅުތަކުން ރައްކާތެރިވުމާއި އާ ވޭރިއަންޓްތައް ހޯދުމާއި އެއާ ކުރިމަތިލާން، މިހާރަށް ވުރެ ރޭވުންތެރި ގޮތްތަކެއް އެބަ ބޭނުންވެ އެވެ. ޑެލްޓާ ކަހަލަ ނުރައްކާތެރި އަދި އޮމިކްރޮން ކަހަލަ ބާރަށް ފެތުރޭ ވޭރިއަންޓްތަކާ ދެކޮޅަށް ކުރާ މަސައްކަތް، ކުރިމަގަށް ބޭނުންކުރަންވީ ރަނގަޅު ގޮތުގަ އެވެ.
ސާސް-ކޯވީ-2، ނުވަތަ ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އަދިވެސް ދެމިގެންދާނެ އެވެ. އަދި އާ ވޭރިއަންޓްތައް އުފެދެމުން ވެސް ދާނެ އެވެ. އެހެން ވާން ޖެހޭ މައިގަނޑު ސަބަބަކީ ދުނިޔޭގައި އަދިވެސް ވެކްސިން ނުޖަހާ ގިނަ ބަޔަކު އުޅެމުން ދިއުމާއި އެ ވައިރަސް އިތުރުވެ އަދި ބަދަލުވުމުގެ ފުރުސަތު އެފަދަ މީހުންގެ ހަށިގަނޑުގެ ތެރެއިން ލިބިދޭތީ އެވެ. އެހެންކަމުން އެންމެ ގައުމަކުން އެކަނި މަސައްކަތްކޮށްގެން މި ބަލިމަޑުކަން ނުހުއްޓުވޭނެ އެވެ.
ކުރިމަގުގެ ވޭރިއަންޓްތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މިހާރަށް ވުރެ ބޮޑަށް ވައިރަސްގެ ބަދަލުތައް ދެނެގަނެ، އެކަން ހޯދޭނެ ނިޒާމެއް ގާއިމްކުރަން ޖެހެ އެވެ. އޭރުން ނުރައްކާތެރި އާ ވޭރިއަންޓެއް ފެންނަ އިރަށް އެހާމެ އަވަހަށް ފިޔަވަޅު އެޅޭނެ ފުރުސަތު ސިޔާސީ ވެރިންނަށް ލިބޭނެ އެވެ.
އެފަދަ ނިޒާމެއް ކުރިއަށް ދާނެ ގޮތަކީ މި އެވެ: ބަލިވާ މީހުންގެ ސާމްޕަލްތައް ސައިންސްވެރިންނަށް ލިބި، އެ ދިރާސާކުރާނެ އެވެ. ވައިރަސްއަށް ބޮޑު ބަދަލެއް އައިސް ހުރި ނަމަ އެކަން ދެނެގަންނަން ސައިންސްވެރިންނަށް ފަސޭހަވާނެ އެވެ. ބައެއް ހިސާބުތަކުގައި މާ ގިނައިން ކޭސްތައް ފެނިއްޖެ ނަމަ އެ ހިސާބެއްގެ ހާލަތު ދިރާސާކުރަން ސައިންސްވެރިން ފަށާނެ އެވެ. ފާހަގަކުރެވޭ ކަހަލަ ބަދަލުތަކެއް ފެނިއްޖެ ނަމަ އިތުރު ދިރާސާއަށް އެހެން އިލްމުވެރިންގެ ސަމާލުކަމަށް ގެންނާނެ އެވެ.
ކޮވިޑް-19 ދެނެގަންނަން މިހާރު ހަދާ ޓެސްޓްތަކާއި ހިމާޔަތަށް ދޭ ވެކްސިންތަކާއި ފަރުވާތަކަށް އާ ވޭރިއަންޓަކުން ކޮށްފާނެ އަސަރުތައް ދެނެގަނެވޭ ފަދަ ގާބިލް ލެބޯރަޓަރީތަކެއްގެ ވިއުގައެއް ބޭނުންވެ އެވެ.
އޮމިކްރޮންގެ ހަގީގަތް ދުނިޔޭގެ އެހެން ސައިންސްވެރިންނާ ހަމައަށް ފަސޭހައިން ގެންދެވުނީ ސައުތު އެފްރިކާ އާއި ބޮޓްސްވާނާ ގުޅިގެން އެގޮތަށް ކުރަން ފަށާފައި އޮތް މަސައްކަތުގެ ސަބަބުންނެވެ. މި ކަހަލަ ހޯދުންތަކާ އެކު ގައުމުތައް ގުޅިގެން އެއްގޮތަކަށް މަސައްކަތްކުރުމުގެ ނިޒާމެއް ވެސް އެބަ ގާއިމްކުރަން ޖެހެ އެވެ. ކަންބޮޑުވާން ޖެހޭ ފަދަ ވޭރިއަންޓެއް ފެނިއްޖެ ނަމަ ސިއްހީ އަދި އިގުތިސާދީ ދާއިރާއަށް ކުރިމަތިވެދާނެ ގެއްލުން ކުޑަކުރަން ގައުމުތަކުން ގުޅިފައިވާ ފިޔަވަޅުތަކެއް އެޅުމުގެ އެއްބަސްވުމެއް ވެސް ބޭނުންވެ އެވެ. ދަތުރުފަތުރު މެދުކަނޑާލުމަކުން އެއްވެސް ވޭރިއަންޓެއް ފެތުރުން އަދި ނުހުއްޓުވެ އެވެ.
ކޮރޯނާވައިރަސްއަށް ޓެސްޓްކުރުމުގެ ގާބިލްކަން ހުރިހާ ގައުމަކުން ވެސް އެބަ ބޮޑުކުރަން ޖެހެ އެވެ. ގޭގައި ތިބެގެން އަވަހަށް ޓެސްޓް ހެދޭނެ ވަސީލަތް ލިބޭނެ ގޮތް ހަމަޖެއްސުން މުހިންމެވެ. އޭރުން ބަލި ފެތުރުން ހުއްޓުވަން އިތުރު ފިޔަވަޅެއް އެޅުނީ އެވެ. ހާއްސަކޮށް ބަލި ފެތުރުން މައްޗަށް ދާ ދުވަސްވަރެއްގަ އެވެ. ގޭގައި ޓެސްޓް ހެދޭ ނަމަ، އެހެން ތަނަކަށް ޓެސްޓް ހަދަން ނުގޮސް ގޭގައި ތިބެގެން ތިމާގެ ހާލަތު ދެނެގަނެވޭނެ އެވެ. އަދި ޕޮޒިޓިވް ވެއްޖެ ނަމަ، އަމިއްލައަށް އެކަހެރިވުމުގެ އާދަ ވެސް އަށަގެންނުވޭނެ އެވެ.
އެންމެ މުހިންމީ ގިނަ ބަޔަކަށް ވެކްސިން ޖެހޭނެ ގޮތެއް އިންތިޒާމްކުރުމެވެ. މިއީ ހަމައެކަނި އާ ވޭރިއަންޓްތައް ހުއްޓުވަން ކުރަން ޖެހޭ ކަމެއް ނޫނެވެ. ބަލި ބޮޑުވާ މީހުންގެ އަދަދު ވެސް މަދުކުރުމެވެ. ބައެއް ބަލިތަކުގެ މީހުންގެ ދިފާއީ ނިޒާމް އެހާމެ ބަލިކައްޓެވެ. މިސާލަކަށް ކެންސަރު ޖެހިފައިވާ މީހުންނާއި އެޗުއައިވީ/އެއިޑްސްގެ ބަލިމީހުންނެވެ. ވެކްސިން ދީގެން އެ މީހުން ހިމާޔަތްކުރަން ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ކޮރޯނާވައިރަސް މައިތިރިކުރާނެ ބާރު ހަށިގަނޑުގައި ނެތުމުން ކުރިމަތިލާން ޖެހެނީ ހަމައެކަނި ބަލި ބޮޑުވުމުގެ ނުރައްކަލާ އެކަންޏެއް ނޫނެވެ. އެފަދަ މީހުންގެ ހަށިގަނޑު ތެރޭގައި މާ ފަސޭހަ ކަމާ އެކު ވައިރަސް އުޅެގަތުމުގެ ފުރުސަތު ލިބި، އެއަށް ބަދަލުތައް އައުން ވެސް ކައިރި އެވެ. ދެން އެފަދަ މީހުންގެ ހަށިގަނޑުން ނުކުންނާނީ އާ ވޭރިއަންޓްތަކެވެ.
ބަލި ފެތުރުން މައްޗަށް ދާ ދުވަސްވަރު މާސްކް ފަދަ އެއްޗެހި ފަސޭހައިން ލިބޭނެ ގޮތް ހަދަން ޖެހެ އެވެ. މާސްކް އެޅުމުން ވައިރަސްއިން ހިމާޔަތް ލިބިދެ އެވެ. ބައްޔަށް ފަރުވާދޭނެ ބޭސް ވެސް މިހާރު ލިބެން ހުރުމާ އެކު، ކޮންމެ މީހަކަށް ވެސް ލިބޭނެ ގޮތަށް އެ ބޭސްތަކުގެ ސަޕްލައި އެކަށީގެންވާ ވަރުގައި ހުރިކަން ބޭސް އުފައްދާ ކުންފުނިތަކާއި ސަރުކާރުން ކަށަވަރުކުރަން ޖެހެ އެވެ. ފައިޒާ އިން ތައްޔާރުކުރާ ޕެކްސްލޮވިޑް ކަހަލަ ބޭސްތައް ކައިގެން ކޮވިޑް-19 އަށް ފަރުވާކުރެވޭ އިރު ބަލިވުމުން ހޮސްޕިޓަލަށް ނުގޮސް ފަރުޖެއްސޭނެ އެވެ.
ވެކްސިން ޖަހާ ނިސްބަތް ދަށް ގައުމުތަކުގެ މީހުންނަށް މިފަދަ ބޭސްތައް ވަރަށް މުހިންމެވެ.
އޮމިކްރޮން ފެތުރުނަސް މިފަހަރު ދުނިޔޭގެ ނަސީބު ގަދަ އެވެ. އެހާ ބާރަށް ފެތުރޭ ވޭރިއަންޓެއްގެ ނުރައްކާ ޑެލްޓާ ވޭރިއަންޓާ އެއްވަރުވި ނަމަ ދުނިޔެއަށް ވާނެ ގޮތް ހިޔާލަށް ގެންނަން ވެސް އުނދަގުލެވެ. ދެން އަންނަ ރާޅެއްގައި އަހަރެމެންގެ ނަސީބު އެހާ ރަނގަޅު ނުވެދާނެ އެވެ. އެހެންކަމުން އެކަމަށް ތައްޔާރުނުވެ އަހަރެމެން ތިބުން ވާނީ ބޮޑުވެގެންވާ ހަލާކަކަށެވެ.
ނޯޓު:
މިއީ ނިއު ޔޯކް ޓައިމްސްގައިޖެހި އެފްރިކާ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަންގެ ޑައިރެކްޓަރު، ޖޯން ކެންގަސޮންގް ލިއުއްވި ކޮލަމެއްގެ ތަރުޖަމާއެކެވެ.