ހުވަން ބޭންޑްގެ ޝޯއެއް ކުރިއަށް ދަނީ

ލިވިން

ހުވަން ބޭންޑް: ފުރަތަމަ އަލްބަމާ އެކު ކުރާ އުއްމީދުތައް ބޮޑު

ހުވަން ބޭންޑުން އަންނަނީ އަމިއްލަ ދިވެހި ރާގުތައް ނެރެ، ފޭނުންގެ ސަމާލުކަމާއި ލޯބި ހޯދަމުން
2 ގަޑިއިރު ކުރިން

އިރުވައި މޫސުމުގެ ހިތްފަސޭހަ އެއް ނަކަތަކީ 'ހުވަން' އެވެ. އުޑުމަތި ސާފުވެ، ކަނޑު އޮމާނެވެެ. ދިވެހި އަމިއްލަ މިއުޒިކް އުފައްދާ ބޭންޑް 'ހުވަން'ގެ އަޒުމަކީ އެމީހުންގެ މިއުޒިކުން އިރުވަައި މޫސުމުގެ ރީތި ދުވަހެއްގައި ލިބޭ ހިތްހަމަޖެހުމުގެ ވައިބެއް ގެނެސްދިނުމެވެ.

ހުވަން ބޭންޑް: ހުނަރުވެރި ފަންނާނުންތަކެއް

މިއީ ޒުވާން އާ ފަންނުވެރިންނަށް ޕްލެޓްފޯމެއް ހޯދައިދޭން މަސައްކަތްކުރާ މިއިޒުކް ޝޯ "އަސާސީ ކިލާސް" އިން 2024ގައި ރުކުވާލި ލައިންއަޕެއްގައި ހިމެނޭ ފަސް މެންބަރުންގެ ބޭންޑެކެެވެ.

ބޭންޑުގައި ހިމެނެެނީ:

1. ޔޫސުފް އަމްސަލް ޝަހުބާން (ޔޫއްކޮ، ޔޯސާފް) - އިސް ލަވަކިޔުންތެރިޔާ، ރިދަމް ގިޓަރިސްޓް، އަދި ޅެންވެރިޔާ

2. އިސްމާއިލް އަބްޝަރު މުހައްމަދު (އަބޫ) - ބެކިން ވޯކަލްސް، ބޭސް ގިޓަރިސްޓް އަދި ޅެންވެރިޔާ

3. މުހައްމަދު ސައިފް އުމަރު (ޕޯ) - ބެކިން ވޯކަލްސް އަދި ކީބޯޑިސްޓް

4. އަހުމަދު އަޔާޒް (ފްލޭޝް) - ޑްރަމަރު 

5. މުހައްމަދު ޒަހުވާން ޝާކިރު - ބެކިން ވޯކަލިސްޓް

ޔޫސުފް (ޔޫއްކޮ) އީދު ޝޯގައި ލަވައެއް ހުށަހަޅަނީ

ކުޑައިރުއްސުރެ އެކީގައި މިއުޒިކް ކުޅެމުން އައި މި ބޭންޑްގައި ފުރަތަމަ ތިބީ ހަތަރު  މެންބަރުން ނަމަވެސް، ފަހުން މެންބަރެއް އިތުރުވީ އެވެ. އަމާޒަކީ ދިވެހި އޮރިޖިނަލް މިއުޒިކް ހެދުމެވެ.

ރާއްޖޭގެ މިއުޒިކް ސީން އިތުރަށް މުއްސަންދިކުރުމުގެ ވިސްނުމުގައި އުފެއްދި މި ބޭންޑްގެ ޔޫސުފަކީ ލަވަކިޔުންތެރިޔާ އަލްމަރުހޫމް މުހައްމަދު ޝަހުބާންގެ ދަރިއެކެވެ. އޭނާ ބޮޑުވަމުން އައީ މިއުޒިކުގެ ތެރޭގަ އެވެ.

ކުޑައިރު ސްކޫލް ދައުރުގައި ސްކޫލްގެ ބްރާސްބޭންޑްގައި ތަފާތު މިއުޒިކު ސާމާނު ކުޅުނެވެ. އަދި މެލޭޝިއާގައި ކިޔަވަން އުޅުނު އިރު، އަމިއްލަ ތިން ސޯލޯ އަލްބަމެއް 'ޔޯސާފް'ގެ ނަމުގައި ނެރުނެވެ.

ޔޫސުފެކޭ އެއްގޮތަށް ބޭންޑްގެ ކޮންމެ މެންބަރެއްގެ ވެސް ހުނަރާއި ތަޖުރިބާ މުހިންމެވެ. ބޭންޑްގެ ލީޑް ގިޓަރިސްޓް، ޒަހުވާންގެ ގިޓާ ހުނަރު 'ޔޯސާފް'ގެ އަލްބަމްތަކުގައި ހިމެނެ އެވެ.

އަޔާޒް ވަނީ އެހެން ބޭންޑްތަކަށް ބޭސް ގިޓަރެސްޓެއްގެ ގޮތުގައި މިއުޒިކް ކުޅެފަ އެވެ. އެކަމަކު އޭނާ ހަމައެކަނި ޑްރަމް ޖަހަނީ ހުވަން ބޭންޑްގަ އެވެ.

އަބަދުވެސް ރީތިކޮށް ލަވަ ހުށަހަޅާ އަބްޝަރުގެ އަޑުގެ ރީތިކަން އެތައް ބަޔަކަށް ފާހަގަކުރެވެ އެވެ.

ސައިފް ސްކޫލް ދައުރުގައި އުޅުނީ ފުލޫޓް ކުޅުމުގަ އެވެ. އެކަމަކު ހުވަން ބޭންޑްގައި އޭނާގެ ހުނަރަކީ ކީބޯޑް ކުޅުމެވެ.

ޒަހުވާން ވިލިމާލޭގައި ދިން ޝޯއެއްގައި ގިޓާ ކުޅެނީ

ހުވަން ބޭންޑްގެ އަސްލަކީ ބުލޫސް ކަމަށް ވިޔަސް ކޮންމެ ފަންނާނެއްގެ އެމީހެއްގެ ހުރި ތަފާތު ހުނަރު ގެނެސް، އިއްވާލާ ރާގުތައް ފުރިހަމަަ އެވެ. 

"އަހަރެމެންނަކީ ބްލޫސް އިންފުލުއެންސްޑް ބޭންޑެއް. އެކަމަކު ހުސް އެކަނި ބްލޫސް އެއްވެސް ނޫން. އެޔަށް ވުރެ މާ ޑައިނަމިކް،" ޔޫސުފް ބުންޏެވެ.

ހުވަން ބޭންޑްގެ ސިންގަލް ކަމުގައިވާ 'ކާނުގަނޑު' އާއި 'ވެސްޓްޕާކު' ފަދަ ލަވަތައް ގޮސް ގުޅުވާލީ ދިވެހިންގެ ދުވަހީ ދިރިއުޅުމާ އެވެ.

ހުވަން ބޭންޑުން ބުނާ ގޮތުގައި ކާނުގަނޑު ފުރަތަމަ އަޑުއަހާއިރު، ހީވާނީ އެއީ މަޖާ ލަވައެއްހެންނެވެ.

ޑްރަމަރު އަޔާޒް މާލޭގައި ބޭއްވި ޝޯއެއްގައި 

"މާލޭގައި އުޅެފައި ހުރި މީހެއް ނަމަ މި ލަވަޔާ ރިލޭޓް ކުރެވޭނެ،" ޔޫސުފް ބުންޏެވެ. 

ހުވަން ބޭންޑު ވައިގައި ހިފައިގެން އުޅޭ އެއް ސަބަބަކީ ވެސް އެއީ އެވެ. މިއީ ޖީލުތަކެއްގެ ދިރިއުޅުމުގެ ހަގީގަތްތަކެއް ކިޔައިދޭ ލަވަތަކެެކެވެ. ތިލަ އިބާރާތްތަކެެއް ހުރި ލަވަތަކެކެވެ. ލައިވް ޕާފޯމަންސް އާއި އޮންލައިންކޮށް ވެސް މި ލަވަތައް ހިނގަ އެވެ.

ލައިވް ޝޯތަކާއި އަމިއްލަ ފުރަތަމަ އަލްބަމް 'މިތަން'

ހުވަން ބޭންޑުން ބޮޑު އީދުގައި މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ޝޯއެއްގެ ވީޑިއޯ ވައިރަލް ވެސް ވި އެވެ. ވިލިމާލޭގައި ބޭއްވި އީދު ޝޯތަކުގައި ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.

ބޭންޑުގެ ލައިވް ޕާފޯމަންސްތަކަށް ބަލާ އިރު އެންމެ ފޯރިގަދަކޮށް ދިޔައީ އަސާސީ ކިލާސް އާއި ފަންނުގެ ދަރިންނެވެ. 

ހުވަން ބޭންޑުން ވަނީ އެމީހުންގެ ފުރަތަމަ އަލްބަމް 'މިތަން' މި ފަހުން ނެރެފަ އެވެ. ލޯބީގެ ލަވައެއް ކަމުގައިވާ 'ވިންދު' އަކީ އަލްބަމްގެ ލަވަައެކެވެ. މީގެ އިތުރުން 'މިތަންއަށް ހިޔާލު އައީ މާލެ އާއި ރާއްޖޭގެ އެކި ކަންކަމުގެ ތަޖުރިބާއިންނެވެ. 

ހުވަން ބޭންޑްގެ އަމާޒަކީ ދިވެހި އޮރިޖިިނަލް މިއުޒިކް މުޅިން އާ މިސްރާބަކަށް ގެންގޮސްދިނުމެވެ. 

'މިތަން'ގެ އެއް ލަވަ އަނެއް ލަވަޔާ ތަފާތެވެ. އެކަމަކު ހިތްގައިމުކަަމަށް ބަދަލެއް ނާދެ އެވެ.

މުސްތަގުބަލަށް  ކުރާ އުއްމީދުތައް ބޮޑު

ފަންނުގެ ދަރިންގައި ސައިފު ކީބޯޑްކުޅެނީ

ހުވަން ބޭންޑުން ބުނާ ގޮތުގައި އެމީހުން މަސައްކަތް ކުރަނީ ކޮންމެ ލަވައެއް ވެސް ވީހާވެސް ތަފާތުކުރެވޭތޯ އެވެ. ލޯބީގެ ލަވަޔަކަށް 'ވިންދު' ހިތްގައިމެވެ.

އެކަމަކު ގޮންޖެހުންތައް ވެސް ގިނަ އެވެ. ބޭންޑްގެ ކޮންމެ މެންބަރެއް ވެސް އުޅެމުން އަންނަނީ ވަޒީފާތަކުގަ އެވެ. ލައިވް ޝޯތަކުގައި ޓެކްނިކަލް މައްސަލަތައް ދިމާވެ އެވެ.

އެކަމަކު ވެސް އެމީހުން އަދިވެސް ތިބި ސާބިތުކަމާ އެކު އެވެ. ހުއްޓާލާ ގޮތަކަށް ނޫނެވެ. މިހާރުވެސް ދެވަނަ އަލްބަމެއްގެ ލަވަތަކުގެ މަސައްކަތް ބާރަށް ކުރިއަށެވެ.

އުއްމީދަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއް ރަށެއްގައި ލައިވް ޝޯއެއް ކުޅުމެވެ. ދިވެހި އޮރިޖިނަލް މިއުޒިކް އުފައްދާ ބޭންޑެއްގެ ގޮތުގައި ނަން ހިނގާ ބަޔަކަށް ވުމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް