މާލޭގެ ފިހާރައަކުން މީހުން ބާޒާރުކުރަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ލިވިން

މާލީ ހަމަޖެހުމަށް ދަރަނި ކުޑަ ދިރިއުޅުމަކަށް ދާނީ ކިހިނެއް؟

ފައިސާ އަތަށް އަރާ އިރަށް އެއަށް ވާނުވާ ނޭނގި ހުސްވުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެއް. އެންމެ މޮޅު ގޮތަކީ ލިބޭ އެއްޗަކުން ފުއްދައިގެން، ބޮލުގައި ދަރަނި ނާޅުވާ، މިންހެޔޮ ދިރިއުޅުމެއް އުޅުން.
1 ގަޑިއިރު ކުރިން

ދަރަންޏާ ނުލާ ދިރިއުޅެވިދާނެ ހެއްޔެވެ؟ އަހަރެމެންގެ ކިބައިގައި ފަހަށް ރައްކާ ކުރުމުގެ އާދަ ނެތީ ކީއްވެގެން ހެއްޔެވެ؟

އެއްބަޔަކު ބުނާ ގޮތުގައި ރައްކާ ކުރާނެ އެއްޗެއް ނެތީ ޒާތެއްގެ ކަސްތޮޅެއް އެޅިގެން ދިރިއުޅެން މަޖުބޫރުވެފައިވާ މި ވެރިރަށުގެ ދިރިއުޅުމުގެ ހަރަދާ ހެދި އެވެ. ގޭގެ ކުލި ބޮޑެވެ. ކަަރަންޓު ބިލް ވެސް އެހާ ބޮޑެވެ. އިމްޕޯޓަށް ބަރޯސާވާ ގައުމެއްކަމުން ކާބޯތަކެއްޗަށް ވިޔަފާރިވެރިން ކިޔަނީ ހިތުހުރި އަގެކެވެ. 

މިއީ ހައްތަހާވެސް ކުރަންޖެހޭ ހަރަދެވެ. ދެމަފިރިން ވަޒީފާ އަދާނުކޮށް، ދިރިއުޅުމުގެ ހަރަދު ދެކޮޅުޖައްސަން ލާހިކެއް ނޫނެވެ.

ގަދަރުވެރި، ތާހިރު ދިރިއުޅުމެއް އުޅުމަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާ ކުރާ އެތައް ބަޔެކެވެ.

މާލޭގައި ހުންނަ މެންގޯ ފިހާރަ (ދައުރު ފޮޓޯ)

އެހެން ބައެއް މީހުން އުޅެނީ މާލީ ގޮތުން ޒިންމާދާރުކަން ކުޑަ ދިރިއުޅުމެކެވެ. ނުހައްގުން މުއްސަނދިކަން ހޯދައިގެން އުޅޭ މީހުންގެ ދިރިއުޅުން ހުންނަ ފެންވަރަށް، ނުވަތަ ފޯރާ މީހުން އުޅޭ ފެންވަރަށް، އެހެން މީހުންނަށް ދައްކަން ވެސް އުޅެން ބޭނުންވާ މީހުންނެވެ.

އެހެންވެ، ޖީބުގައި އެންމެ އަގުބޮޑު ފޯނެވެ. އެންމެ އަގުބޮޑު އަވިއައިނެވެ. ދެން ބޯލާ ކޮފީ ތަށީގެ އަގު 100 ރުފިޔާއަށް ވުރެ ބޮޑެވެ. 

މުމްބާއީގެ ފިހާރައެއްގައި މީހަކު ގަހަނާއެއް ބަލަނީ. (ފޮޓޯ/ރޮއިޓާސް)

މަސް ފެށޭއިރު ރަސްކަލެއްހެން އުޅެފައި މަހުގެ މެދާ ހިސާބުން، މުސާރަ ޖަމާވާނެ އިރެއްގެ އިންތިޒާރު ކުރުމަކީ ވެސް ދިރިއުޅުމުގެ ސަގާފަތަކަށް އޮންނަނީ ވެފަ އެވެ.

މާލީ ގޮތުން ނުތަނަވަސްކަމެއްގައި އުޅޭ ނަމަ، ބައެއް ފަހަރަށް މިއީ ލަދުވެތި ވާހަކަތަކަކަށް ވެސް ވެ އެވެ. ދައްކަން އުނދަގޫ އަދި މީހެއްގެ އެހީތެރިކަން ހޯދަން ވެސް އުނދަގޫވާ ކަމަކަށްވެގެން ދެ އެވެ.

މީގައި އެންމެ މޮޅު ގޮތަކީ ލިބޭ އެއްޗަކުން ފުއްދައިގެން، ބޮލުގައި ދަރަނި ނާޅުވާ، ފުދުންތެރި މިންހެޔޮ ދިރިއުޅުމެއް ހޯދުމެވެ.

ތަޖުރިބާކާރުން ބުނަނީ ކީކޭ؟

އަހުމަދު ރިޒާ: ރިއަލްޓީ ކޮންސަލްޓަންސީގެ އެމްޑީ އަދި މާލީ ކަންކަމާ މެދު މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރައްވާ 

އަހުމަދު ރިޒާ ވަނީ ބޭންކިން ދާއިރާގައި 10 އަހަރު ހޭދަކުރައްވައި އަދި އިސްލާމިކް ފައިނޭންސިން އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ. ބީއެމްއެލްގެ އިސް މަގާމްތަކެއް ފުރުއްވުމަށް ފަހު އޭނާ މިހާރު މަސައްކަތްކުރައްވަނީ އަމިއްލަ ކޮންސަލްޓަންސީ ފާމެއް ކަމުގައިވާ ރިއަލްޓީ ކޮންސަލްޓަންސީގެ އެމްޑީ އަދި ލީޑް ޓްރެއިނާގެ ގޮތުގަ އެވެ.

ރިޒާ ލައިސަންސްޑް ޓްރެއިނަަަރެއްގެ ގޮތުގައި ބޭންކިން އާއި ފައިނޭންސް، ފައިނޭންޝަލް ލިޓްރަސީ، ކަސްޓަމާ ސާވިސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ދާއިރާތަކުން ތަމްރީން ފޯރުކޮށްދެއްވައި 12 އަހަރު ދުވަހު ލެކްޗަރާއެއްގެ ގޮތުގައި ޔުނިވާސިޓީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ހޯއްދަވާފައިވެ އެވެ.

ފަހަށް ރައްކާ ކުރުމަށް އޭނާ ވަރަށް ބޮޑަށް ބާރުއަޅުއްވަ އެވެ.

'ދައުރު'ގެ ކިޔުންތެރިންނާ ރިޒާ މި ހިއްސާ ކުރައްވަނީ ފުދުންތެރި، ފާގަތި ދިރިއުޅުމަކަށް ތިމާގެ މާލީ ކަންކަން ބަލަހައްޓާނެ ބައެއް އުކުޅުތަކެވެ.

1. އެންމެ މުހިއްމީ ބަޖެޓެއް ހެދުން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ބީބީއެމް ފިހާރައިގެ ހަރުގަނޑެއްގައި ރީތިވާ ސާމާނުތައް (ފޮޓޯ/ބީބީއެމް)

ދަރަންޏާ ދުރު ލައިފްސްޓައިލްއަކަށް އެންމެ މުހިއްމީ ބަޖެޓެއް ހެދުމެވެ.

ޓެކްސްޓް ފޮތްތަކުގައި، މިކަން ކުރުން އެންމެ ރަނގަޅު ގޮތް ކަމުގައި ބުނެފައިވަނީ:

  • އާމްދަނީގެ %50 އަކީ ތިމާ ކޮންމެހެން ޒަރޫރީ ކަންކަން ފުއްދުމަށް ހޭދަ ކުރާ މިންވަރު ކަމުގައި ކަނޑައަޅާށެވެ.

  •  އަދި %30 އަކީ ތިމާ ކޮންމެހެން ހޯދަންނުޖެހޭ، ނަމަވެސް ބޭނުންތަކަށް ހަރަދު ކުރާ މިންވަރު ކަމުގައި ހަދާށެވެ.

  • އާމްދަނީގެ %10 އަކީ ތިމާ އެދޭ ފައިނޭންސް ގޯލް، މިސާލަކަށް ރައްކާ ކުރާ މިންވަރު ނުވަތަ އިންވެސްޓްމަންްޓް، ކަމުގައި ހަދާށެވެ.

ނަމަވެސް، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ވޯކްޝޮޕްތައް ހިންގަވައި ގިނަ ބަޔަކާ ބައްދަލުކުރައްވާފައިވާ ރިޒާ އެ ތަޖުރިބާގެ އަލީގައި ވިދާޅުވާގޮތުގައި:

  • ދިވެހިންނަށް މިކަން ހަގީގަތުގައި ހާސިލް ކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އާމްދަނީގެ %75 އަދި ކޮންމެހެން ބޭނުންނުވި ނަމަވެސް، ގަންނަ ހިތްވާ އެއްޗެހި ނުވަތަ ކަންކަމަށް ހޭދަ ކުރުމަށް %15 ކަނޑައަޅައިގެންނެވެ. 

  •  އެއާއެކު އާމްދަނީގެ %10 އަކީ ފައިނޭންސް ގޯލަށް ވާސިލްވުމަށް ފަހަށް ރައްކާ ކުރާ އެއްޗެއް ކަމުގައި ހަދާށެވެ.

2.  ހަރަދުތައް ޓްރެކް ކުރުން

ޒުވާނަކު ފޯނު ބޭނުންކުރަނީ. (ފޮޓޯ/ރޮއިޓާސް)

ގަވާއިދުން ހަރަދުތައް ޓްރެކްކޮށް ބަލަހައްޓާށެވެ. 

"ސްޕެންޑިން އަކީ ސައިކޮލޮޖީއެއް އޭގައި ހިމެނޭ  ކަމެއް،" ރިޒާ ވިދާޅުވި އެވެ.

ފައިސާ ހަރަދުވާ ގޮތް ލިޔެ، ނޯޓްކޮށް އެ ފެންނަން އޮންނަ ނަމަ، ބުރަކޮށް މަސައްކަތްކޮށްގެން ހޯދާ އާމްދަނީ ތަޅާބުރުވާލަން އުނދަގޫވާނެ އެވެ. އަދި ޖީބުން ލީކުވާ ބައި ހިފަަހައްޓައިދޭނެ އެވެ. މީގެ މާނައަކީ، ކޮންމެ މަހަކު ކުރާ ހަރަދުތަކުގެ ތެރެއިން ޔުޓިލިޓީ ބިލްތަކަށް، ޖިމް އަދި ސަބްސްކްރިޕްޝަންތައް ފަދަ ކަންކަމަށް ކުރާ ހަރަދުތައް ކުޑަ ކުރެވޭތޯ އަމިއްލައަށް މަސައްކަތް ކުރުމަށް ބާރުވެރިވާނެ އެވެ.

މިސާލަކަށް ކަރަންޓް ބިލް ކުޑަކުރުމަށް، ބޭނުންނުކުރާ އިރު ނިއްވާފައި ބަހައްޓާށެވެ. ގޭގެ އެންމެން މިކަމުގައި ޝާމިލު ކުރާށެވެ. ކުދިން ވެސް މެ އެވެ. ދެން އޭސީ ފަދަ ތަކެތި ބަރާބަރަށް ސާވިސް ކުރާށެވެ. އޭރުން އެއްކޮށް ހަލާކުވުމުން ކުރަންޖެހޭ ހޭދަ ކުޑަވާނެ އެވެ.

ވަރަށް ގިނަ ފަހަރަށް އެކި ކަހަލަ ސަބްސްކްރިޕްޝަންތަކަށް ވެސް، ބޭނުން ކުރާ މިންވަރަށް ވުރެ ބޮޑެތި ޕެކޭޖްތައް ނަގައި އެތައް މަަހަކު އެއަށް ފައިސާ ދައްކާލަދައްކާލާ ބައެއް މީހުން ތިބެ އެވެ.

މީހަކު ފޯނުން ކަރަންޓު ބިލް ބަލަނީ. (ދައުރު ފޮޓޯ)

ރިޒާގެ ނަސޭހަތަކީ، ޖިމް މެމްބަޝިޕް ކަހަލަ އެއްޗެހި ނަގާފައި އެވަރަށް ޖިމަށް ނުދާ ނަމަ ކެންސަލް ކުރުމެވެ.

ހަމަ މިގޮތަށް "ޓީވީ އަށް ވެސް އަގުބޮޑެތި ޕެކޭޖް ލާފައި ހުންނަ އިރު ހަގީގަތުގައި ޓީވީ ބަލަން ގޭގައި ތިބެނީ، ނުވަތަ ބެލެނީ ކިހާވަރަކަށްތޯ؟ އެ ސުވާލު ކޮށްލުން މުހިއްމު. ސަބްސްކްރިޕްޝަން އަށް ފައިސާ ދައްކާއިރު އެ މީހަަކާ އެކަށީގެންވާ ސިމްޕަލް ޕެކޭޖްތައް ނެގުން މުހިއްމު،" ރިޒާ ބުންޏެވެ.

3. އިމަޖެންސީ ފަންޑެއް ހުޅުވާ

އިމަޖެންސީ ފަންޑަކީ ތިމާ ހާލުގައި ޖެހޭ ދުވަހު މީހެއް ކައިރިއަށް ނުގޮސް، ދިމާވާ ކުއްލި ހާލަތެއްގައި އަމިއްލަ ނަފްސާއި އާއިލާއަށްޓަކައި ހޭދަ ކުރުމުގެ ނިޔަތުގައި ހުޅުވާ ފަންޑެކެވެ.

މި ފަންޑުގައި، މަދުވެގެން ތިން މަހު ހަމަޖެހިލައިގެން އުޅެވޭނެ ވަރަށް ފައިސާ ބަހައްޓާށެވެ. އެންމެ ރަނގަޅީ ހަ މަހު އުޅެވޭ ވަރަށް ފައިސާ ބެހެއްޓުމެވެ.

4. އަމިއްލަ ނަފްސަށް ހޭދަ ކުރުމަށް އިސްކަންދީ

އަމިއްލަ ނަފްސަށް ހޭދަކުރުން މުހިއްމު (ފޮޓޯ/އެންއެޗްޖީއޭއެމް)

މުސާރަ ލިބޭ އިރަށް އަމިއްލަ ނަފްސަށް ހޭދަކުރުމަށް އިސްކަންދޭށެވެ. ބޭނުންވާ ކޮންމެވެސް އެއްޗެއް ގަނެލާށެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ.

އެކަަމަކު، މިގޮތަށް އަމިއްލަ ބޭނުންތަކަށް ސޭވް ކުރާ އިރު ޕްލޭނެއް އޮތުން މުހިއްމެވެ. ކޮންމެވެސް ބޮޑު ކަމަކު، މިސާލަކަށް އުމްރާއަށް ދިއުމަށް، ރާއްޖެއިން ބޭރަށް ޗުއްޓީ އަކަށް މުޅި އާއިލާ އެއްކޮށް ދިއުމަށް، އެޕާޓްމަންޓެއްގެ ޑައުންޕޭމަންޓް ދެއްކުމަށް، ނުވަތަ ގެދޮރު އިމާރާތް ކުރުމަށް، މިފަދަ ކޮންމެވެސް އެއް ޕްލޭނެއް އޮންނަންވެ އެވެ. ސޭވް ކުރަނީ ކީއްކުރަންތޯ ނިންމާށެވެ. މިއީ ސޭވް ކުރުމަށް ހިތްވަރު ލިބޭ ކަމެކެވެ.

5. އިންވެސްޓް ކުރޭ

ބްލޫ ލެގޫން އިމާރާތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް (ފޮޓޯ/ބްލޫ ލެގޫން)

އިންވެސްޓްމަންޓް އަކީ ދުރު ރާސްތާގައި ތިމާއަށް ގިނަގުނަ ފައިދާތަކެއް ލިބޭ ކަމެކެވެ. މިއަދު ކުރާ އިންވެސްޓްމަންޓްތަކުން މާދަމާ ހިނިތުންވުން ގެނެސްދެ އެވެ.

ރިޒާގެ ނަސޭހަތަކީ، ދިގު އަދި މެދު މުއްދަތުގެ ބޮންޑް އަދި ސުކޫކްއަށް އިންވެސްޓް ކުރުމެވެ. އިންވެސްޓް ކުރާ އިރު ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ސުކޫކްއަށް އިންވެސްޓް ކުރާށެވެ.

މީގެ އުތުުރުން، ރިއަލް އެސްޓޭޓަކީ ދިގު މުއްދަތަކަށް، ދެމެހެއްޓެނިވި ގޮތެއްގައި އަބަދުވެސް އާމްދަނީ ލިބިލިބި ހުންނާނެ އިންވެސްޓްމަންޓްތަކެވެ. ފައިސާ މިފަދަ ކަމަކަށް އިންވެސްޓް ކުރެވިދާނެ އެވެ.

ރިޒާ ފާހަގަކުރާ ގޮތުގައި އަދިވެސް، ވަރަށް ގިނަ މީހުން އިންވެސްޓްކުރުމަށް ޖެހިލުންވެ އެވެ. 

"ރާއްޖޭގައި މިހާރު އެބަހުރި ސުކޫކު ކަހަލަ އިންވެސްޓްމެންޓް، %9-8 ރިޓާން ލިބޭ،" ރިޒާ ވިދާޅުވި އެވެ.

"ފުރަތަމަ ބަލަންވީ ސޭވް ކުރަން. އެއަށް ފަހު އިންވެސްޓް ކުރަން. ރާއްޖޭގައި އެބަހުރި ސެކަންޑްރީ މާކެޓްތަކުގައި އިންވެސްޓް ކުރެވިދާނެ ބޮންޑްތަކެއް." 

އެހެންކަމުން، އިންވެސްްޓް ކޮށްފައި، އެއިން ލިބޭ ފައިދާ ހޭދަ ކުރެވިދާނެ އެވެ. ނުވަތަ އެ ފައިދާ ރައްކާކުރެވިދާނެ އެވެ. މިއީ ސޭވިން އިތުރު ކުރެވިދާނެ ގޮތެކެވެ.

6. ހަރަދު މެނޭޖް ކުރުން

މީހަކު ދޮންކެޔޮ ގަންނަނީ (ފައިލް ފޮޓޯ/ ރޮއިޓާސް)

ފައިސާ އަތަށް އަރާ އިރަށް އެއަށް ވާނުވާ ނޭނގި ހުސްވުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. ފިހާރަތަކަށް ފައިސާ ދެއްކުން ވެސް މިހާރު ވަރަށް ފަސޭހަ އެވެ. ކާޑު ހަމައެކަނި ޖައްސާލަންވީ އެވެ. އަތްމަތި އެއްކޮށް ހުސްވާއިރު ވެސް ފައިސާ ހޭދަވީ ކޯއްޗަކަށް ކަމެއް ނޭނގެ އެވެ.

މީގެ ބަދަލުގައި ހަރަދުތައް ރެކޯޑް ކުރަމުން ދާ ނަމަ، އަދި ކެޓަގަރީތަކަކަށް ބަހާލާ ނަމަ ފައިސާ ހޭދަވީ ކޮންެ ކަމަކަށްތޯ ފަސޭހައިން ދެނެގަނެވޭނެ އެވެ. އަދި ފުރަތަމަ ކުރަންވީ ކޮން ހަރަދުތަކެއްކަން ކަނޑައަޅާށެވެ.

ކްރެޑިޓަށް ފައިސާ ނަގައިގެން ދިރިއުޅުމުގެ ކަންކަން ބަލަހައްޓާ މީހުން އަހަރެމެންގެ ތެރޭގައި ވަރަށް ގިނަ އެވެ. އެކަމަކު، އެ ފައިސާ އަނބުރާ ނުދެއްކޭ ނަމަ ބޮލުގައި އިތުރު ދަރަނި އެޅެ އެވެ.

ރިޒާގެ ނަސޭހަތަކީ މިއީ އެވެ. ކްރެެޑިޓް ކާޑު ބޭނުންކުރަން ކިތަންމެ ފަސޭހަވިޔަސް، އެއީ އެންމެ އަގުބޮޑު ވެސް އެއް ވަސީލަތްކަން ދަންނާށެވެ. ކްރެޑިޓް ކާޑަށް ދައްކަންވާ ފައިސާ ނުދައްކާ ނަމަ ދަރަނީގެ ދަންތުރައެއްގައި ޖެހި އަތްމަތިން ބީވެގެންދާ ފައިސާ އެތައް ގުނައަކަށް ބޮޑުވެގެންދެ އެވެ.

"އެންމެ އިންޓަރެސްޓް ބޮޑު އެއްޗެހި އެންމެ އަވަހަށް ދައްކަންވީ. އާއްމުކޮށް ކޮލެޓެރަލްއާ ނުލާ ފަސޭހައިން ލިބެން ހުންނަ ލޯނުތައް އެންމެ އަގުބޮޑީ. އެހެންވެ އެއަށް އެންމެ ފުރަތަމަ ފައިސާ ދައްކަންވީ،" ރިޒާ ވިދާޅުވި އެވެ.

ސްޓޫޑެންޓް ލޯނު އަދި އެހެން ބައެއް ލޯނުތަކަކީ އެއްވަރެއްގައި ހުންނަ ލޯނުތަކެކެވެ. ބައިވަރު ލޯނުތައް ހުންނަ އިރު އިސްކަންދޭ ތަރުތީބަކުން ލޯނުތައް ދައްކާށެވެ. އެންމެ ބޮޑު އިންޓަރެސްޓެއް އަރާ ލޯނު އެންމެ ކުރިންނެވެ.

މިއީ ފުދުންތެރި، ފަހަށް ރައްކާކުރުމުގެ އާދަ ފަށައިގަތުމަށް ކަންކުރެވިދާނެ މުހިއްމު ގޮތެކެވެ. މީގެ އިތުރުން، ބޮޑުވަމުން އަންނަ ޖީލު މާލީ ކަންކަމަށް ހޭލުންތެރިކޮށް، ފަހަށް ރައްކާ ކުރުމަށް ދަސްކޮށްދޭންވީ އެވެ. ނަމޫނާ ދައްކައިގެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް