ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރު އީލޮން މަސްކް

އީލޮން މަސްކް

ފުރަތަމަ ޓްރިލިއަނަރަކީ މަސްކް، ފުރަތަމަ ބިލިއަނަރަކީ ކާކު؟

އެމެރިކާގައި އާމްދަނީގެ ފަރަގު ވަރަށް ބޮޑު. އެވްރެޖް އާމްދަނީ ލިބޭ މީހަކު އީލޮން މަސްކްގެ މުއްސަނދިކަމާ ހަމައަށް ދެވޭނީ 11 މިލިއަން އަހަރުން
1 ގަޑިއިރު ކުރިން

މިދިއަ ހުކުރުދުވަހު އީލޮން މަސްކް، ބިލިއަނަރުންގެ ލިސްޓުން ނުކުމެ، ޓްރިލިއަނަރުންގެ ލިސްޓަށް އެ ވަނީ އަރައިފަ އެވެ. އެކަމަކު އޭނާއަކީ ދުނިޔޭގެ ހަމައެކަނި ޓްރިލިއަނަރެވެ.

އޭނާގެ ކުންފުނި ސްޕޭސްއެކްސްގެ ހިއްސާ ވިއްކަން ފެށުމާ އެކު ކުންފުނީގެ އަގު 2 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ދިޔަ އެވެ. އެއާ އެކު މަސްކްގެ މިލްކިއްޔާތުގެ އަގު 1.2 ޓްރިލިއަން ޑޮލަރަށް އެރީ އެވެ. (ހިސާބު އަދަދުން ލިޔާ ނަމަ އެއީ 1،000،000،000،000 އެވެ.)

ދުނިޔޭގައި މިވަގުތު 3،300 ބިލިއަނަރުން އެބަ ތިއްބެވެ. އޭގެ ތެރެއިން 900 ބިލިއަނަރުން ނިސްބަތްވަނީ އެމެރިކާއަށެވެ. އެއީ ދުނިޔޭގެ އެންމެ ފުރަތަމަ ބިލިއަނަރު އުފެދުނު ގައުމު ވެސް މެ އެވެ. ނަމަކީ ޖޯން ޑީ. ރޮކެފެލާ އެވެ.

އޭރު ވެސް މުއްސަނދިންގެ ވާހަކަތަކަށް އާންމުން ޝައުގުވެރިވި އެވެ. ޓްރިލިއަނަރަށް މަސްކް ވީމާ އޭނާގެ ވާހަކަތަކަށް ޝައުގުވެރިވާ ފަދައިންނެވެ.

ދުނިޔޭގެ ފުރަތަމަ ބިލިއަނަރަށް ރޮކެފެލާ ވީ 29 ސެޕްޓެމްބަރު 1916ގަ އެވެ. އޭނާގެ ކުންފުނި ސްޓޭންޑަޑް އޮއިލްގެ ހިއްސާގެ އަގު ވަރަށް މައްޗަށް ގޮސް އެދުވަހު ހިއްސާއަކަށް 2،000 ޑޮލަރު ޖެހުނެވެ.

އޭރުގެ 1 ބިލިއަން ޑޮލަރަކީ މިހާރުގެ އަގުން ބަލާ ނަމަ 30 ބިލިއަން ޑޮލަރެވެ.

ދުނިޔޭގެ ފުރަތަމަ ބިލިއަނަރު ކަމަށްވާ ޖޯން ޑީ. ރޮކެފެލާ

ރޮކެފެލާއަށް ފަހު ބިލިއަނަރުންގެ ލިސްޓް އައީ ދިގުވަމުންނެވެ. މިއަދު އެމެރިކާގައި އެކަންޏެއް ނޫނެވެ. އިންޑިއާ އާއި ޗައިނާގައި ވެސް އެތައް ބިލިއަނަރުންނެއް އުފެދިއްޖެ އެވެ. އެކަމަކު އެއްވެސް މަހުޖަނަކަށް ޓްރިލިއަނަރަކަށް ވެވިދާނެތޯ، މީގެ ދުވަސްގަނޑެއް ކުރިއަށް ބެއްޔަސް، ގިނަ މީހުންނަށް ގަބޫލެއްނުކުރެވޭނެ އެވެ.

ކަންކަން ބަދަލުވަމުން އަންނަނީ ވަރަށް ބާރަށެވެ. ޖައްވީ ހޯދުންތަކާއި އޭއައިގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް ގިނަ އެވެ. އެހެންކަމުން އެ ކުންފުނިތަކުގެ މައި ހިއްސާދާރުންގެ މިލްކިއްޔާތުގެ އަގު ވަރަށް އަވަހަށް މައްޗަށް ދެ އެވެ.

ޓްރިލިއަނަރަކަށް މަސްކް ވީ އޭނާގެ އަތުގައި އެވަރަށް ފައިސާ ހުރެގެންނެއް ނޫނެވެ. މިލްކިއްޔާތުގެ އަގު ބަލަނީ، ހިއްސާ އާއި ގެދޮރު ފަދަ ތަންތަން ހިމަނައިގެންނެވެ.

މާދަމާ ވެސް ސްޕޭސްއެކްސްގެ ހިއްސާގެ އަގު ކުއްލިއަކަށް ދަށަށް ހިނގައްޖެ ނަމަ، މަސްކް ވެއްޓޭނީ ބިލިއަނަރުންގެ ލިސްޓަށެވެ.

މުއްސަނދިން މާ މުއްސަނދިވުމަކީ ވެސް ގޯހެކެވެ. އެމެެރިކާގެ އެވްރެޖް މުސާރަ ލިބޭ މީހުން އުޅެނީ ވަރަށް ހާލުގަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު އަދި އާމްދަނީގެ ބޮޑު ފަރަގާ މެދު އަބަދުވެސް ފާޑުވިދާޅުވާ އެލިޒަބަތު ވާރެން ވަނީ މަސްކްއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ލިއުއްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްކްގެ މުއްސަނދިކަން އެމެރިކާގެ އެވްރެޖް މީހަކަށް ލިބޭނީ 11 މިލިއަން އަހަރު މަސައްކަތްކޮށްގެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް