ބާރަށް ކިޔުއްވުމާއި ނިދާއިރު ވާހަކަ ކިޔައިދިނުން
މި އަހަރުގެ ފުރަތަމަ ޓާމް ޗުއްޓީއަށް ފަހު އަލުން ސްކޫލްތައް މިއޮތީ ހުޅުވިފަ އެވެ.
ތަޖުރިބާކާރު ޓީޗަރު 'ނިއުމާ މިސް' ނުވަތަ ނިއުމާ މުހައްމަދު ބެލެނިވެރިންނަށް މި ހަނދާންކޮށްދެނީ މުހިއްމު ނަސޭހަތެކެވެ.
ތައުލީމީ ދާއިރާގައި 30 އަހަރު ހޭދަކޮށްފައިވާ ނިއުމާގެ މިފަހަރުގެ ނަސޭހަތް ގުޅެނީ ފޮތް ކިޔުމުގެ އާދައާ އެވެ.
ކުދިން ލައްވާ އަޑު އަހަރުކޮށް ފޮތް ކިޔުން
މާ ދުރު ނޫން މާޒީގެ ތެރެއަށް ވަދެލާ އިރު ގޭގޭގައި ކުދިން ބާރަށް ފޮތް ކިޔާ އަޑު އިވޭކަން ހަނދާނަށް އަންނާނެ އެވެ. އެއީ އޭރު ކުދިން ފިލާވަޅު ދަސްކުރާ ގޮތެވެ. އެކަމަކު ހިތުދަސްކުރުމަކީ ކިޔެވުމުގައި އެންމެ ރަނގަޅު ގޮތް ނޫންކަން ބެލެނިވެރިންނަށް ވިސްނެން ފެށި ހިސާބުން ގޭގެއިން އެ އަޑު މުޅިންހެން ކެނޑުނީ އެވެ.
ބާރަށް ފޮތް ކިޔުމަކީ ގިނަ ކުދިންނަށް މިހާރު އައިބު ކަމެކެވެ. ނަމަވެސް ނިއުމާ ބުނަނީ އެއީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށެވެ.
ބެލެނިވެރިންނަށް އޭނާ ދޭ ނަސޭހަތަކީ ދަރިން ލައްވާ ބާރަށް ފޮތް ކިޔުއްވާށެވެ. އޭގައި ގިނަ ފައިދާތަކެއް ހިމެނޭތީ އެވެ.
ނިއުމާ ފާހަގަކުރި ބައެއް ކަންކަމަށް ބަލައިލަމާ ހިނގާށެވެ:
-
ބަހަށް ވަރަށް ބޮޑަށް ފަރިތަވޭ
-
ކުދިންގެ ސިކުނޑީގައި ގިނަ ދުވަހަަށް މައުލޫމާތު ހަރުލާފައި ހުރޭ
-
އެއް ފޮތްތަކެއް ތަކުރާރުކޮށް ކުދިން ލައްވާ ކިޔުއްވުމުން ބަސްތަކާއި، ލަފުޒުތަކާއި ޖުމްލަތައް އެތުރިފައިވާ ގޮތް ފަސޭހައިން ވިސްނި، ކިޔުމާއި ވާހަކަ ދެއްކުމާއި ލިޔުންތެރިކަން ކުރިއަރާ
ނިދާ ގަޑީގައި ފޮތް ކިޔައިދިނުން
ނިއުމާ ބުނި ގޮތުގައި ދަރިފުޅު ނިދާ ގަޑީގައި ފޮތް ކިޔައިދިނުމުގައި ވެސް ގިނަ ފައިދާތަކެއް ހިމެނެ އެވެ. އެގޮތުން:
-
އުނގެނުމަށް ލޯބި ޖެހުން: ދަރިފުޅު ނިދާ ގަޑީގައި ފޮތް ކިޔައިދޭ ނަމަ މުޅި އުމުރުގައި ފޮތްތެރިކަމަށް ޝައުގުވެރިކަން ދެމިގެން ދޭ
-
ދަރިފުޅުގެ ހިޔާލު ތަނަވަސްވުން: އުފެއްދުންތެރިކަމާއި ތަފާތު ގޮތްގޮތަށް ވިސްނުމުގެ ހުނަރު ތަރައްގީވޭ
-
ބަހުގެ ކުރިއެރުން: ދަރިފުޅުގެ ބަސްކޮށާރު މުއްސަނދިވޭ. ސަމާލުކަން ދިނުމާއި ވިސްނުމަށް ވެސް ހެޔޮ އަސަރުކުރޭ
-
މައިންބަފައިންނާއި ދަރިންނާ މެދު އޮންނަ ގުޅުން ބަދަހިވެ، މައިންބަފައިންގެ ލޯބި އިހްސާސްކުރެވޭ. ދުވާލުގެ ވަރުބަލިކަމާއި ހާސްކަން ފިލައި، އަރާމުގައި ނިދާލަން އެހީތެރިވޭ
-
ދަރިންނާ އެކު ހޭދަކުރާ އަގުހުރި އެ ވަގުތުތަކުގެ ހަނދާން އެތައް ދުވަހަކަށް ދެމިގެންދޭ