މައްސަރުކަންތަކުގެ ޗުއްޓީ މުޅި އިންޑިއާގައި މަޖުބޫރު ކަމަކަށް ހަދަން ސުޕްރީމް ކޯޓުން ވަނީ ދެކޮޅުހަދާފައި

މައްސަރުކަންތަކުގެ ޗުއްޓީ ދޭ ނަމަ ވަޒީފާއަށް އަންހެނުން ނުނަގަފާނެ: އިންޑިއާގެ މަތީ ކޯޓު

އިންޑިއާގައި މިހާރު ވެސް ބައެއް ކުންފުނިތަކުން އަންނަނީ އަންހެނުންނަށް މައްސަރުގެ ޗުއްޓީ ދުވަސްތައް ދެމުން. ނަމަވެސް އިންޑިއާގެ ސުޕްރީމް ކޯޓުގެ ނިންމުން މިއައީ އެއާ ތަފާތުކޮށް
14 މާރިޗު 2026

މައްސަރުކަންތަކުގެ ޗުއްޓީއެއްގެ ގޮތުގައި އިންޑިއާގެ ބައެއް ކުންފުނިތަކުން މިހާރު ވެސް އަންނަނީ މަހަކު ދެ ދުވަހުގެ އޮފެއް އަންހެން މުވައްޒަފުންނަށް ދެމުންނެވެ. އެއީ އިންޑިއާގައި ވަޒީފާ އަދާކުރާ ހުރިހާ އަންހެނުންނަށް މަޖުބޫރު ޗުއްޓީއަކަށް ހަދަން، ބައެއް މީހުން ގެންދަނީ ކޯޓަށް ވެސް ހުށައަޅަމުންނެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ނިންމުން އައީ އެ ވިސްނުމާ މުޅިން އިދިކޮޅަށެވެ.

އިންޑިއާގެ އުއްތަމަފަނޑިޔާރު ސުރްޔާ ކާންޓް ހިމެނޭ ދެ ފަނޑިޔާރުންގެ ބެންޗުން ނިންމި ނިންމުމުގައި ބުނީ ވަޒީފާ އަދާކުރާ އަންހެނުންނާއި އަންހެން ދަރިވަރުންނަށް މައްސަރުކަންތަކުގެ ޗުއްޓީ ދޭން ކަނޑައަޅައިފި ނަމަ ވަޒީފާއަށް އަންހެނުން ނުނަގަފާނެ ކަމަށެވެ.

އޭގެ އިތުރުން އެހެން ބައެއް ކަންކަން ވެސް ދެ ފަނޑިޔާރުން ފާހަގަކުރެއްވި އެވެ. އެއީ މައްސަރުކަންތަކުގެ ޗުއްޓީ މަޖުބޫރު ކަމަކަށް ހަދައިފި ނަމަ ފިރިހެނުންނާ އެއްހަމައެއްގައި ވާދަނުކުރޭކަމަށް ޒުވާން އަންހެނުންނަށް ހީވުމެވެ. އަދި އެ މީހުންގެ ކުރިއެރުމަށް އެޅޭ ހުރަހަކަށް ވެސް ވުމެވެ.

މިއީ އިންޑިއާގައި ހިޔާލު ދެކަފި ވެފައިވާ މައްސަލައެކެވެ. ބައެއް މީހުން ސުޕްރީމް ކޯޓުގެ ނިންމުމަށް ތާއީދުކުރެ އެވެ. އަނެއް ބަޔަކު ބުނަނީ މައްސަރުކަންތަކުގެ ތަދު ތަހައްމަލްކުރަމުން ވަޒީފާއަށް ނުކުތުމުގެ ބަދަލުގައި ދެ ދުވަހުގެ ޗުއްޓީއެއް ދިނުމަކީ އަންހެން މުވައްޒަފުންނަށް އެހީއެއް ކަމަށެވެ.

އިންޑިއާގެ ބައެއް ސްޓޭޓްތަކާއި ބޮޑެތި ބައެއް ކުންފުނިތަކުން މިހާރު ވެސް އެ ޗުއްޓީ ދެ އެވެ.

ސުޕްރީމްް ކޯޓުގެ ނިންމުން އައީ އެ ޗުއްޓީ މުޅި އިންޑިއާއަށް ތައާރަފުކުރަން އެދި ވަކީލަކު ހުށައެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.

ފަނޑިޔާރުން ދެކޭ ގޮތް ތަފާތެވެ. ބެންޗުން ބުނީ އެފަދަ ޗުއްޓީއެއް ދިނުމުން އަންހެނުންނާ މެދު ގޯސްކޮށް ދުށުން ބޮޑުވާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ ވަޒީފާއަށް އަންހެނުން ނަގަން ހުރަސްތައް ކުރިމަތިވުމެވެ. އެގޮތުން ފާހަގަކުރީ އަމިއްލަ ކުންފުނިތަކުން އަންހެން މުވައްޒަފުން ނަގަން ޖެހިލުންވުމުގެ ފުރުސަތު އޮތުމެވެ.

ނަމަވެސް އެ ޗުއްޓީއާ މެދު ހުރިހާ ދޮރެއް ބަންދެން ނުކުރެ އެވެ. ދެ ފަނޑިޔާރުން ދެއްވި ލަފައަކީ ކަމާ ގުޅޭ ހުރިހާ ބަޔަކާ ވާހަކަ ދައްކާފައި ސަރުކާރަށް މައްސަރުކަންތަކުގެ ޗުއްޓީއާ ބެހޭ ގައުމީ ސިޔާސަތެއް ކަނޑައެޅިދާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް