ޗައިނާގެ ހޮޓަލެއްގެ ކޮޓަރި ތެރޭގައި ވަގު ކެމެރާއެއް ހަރުކޮށްފައި ހުރިތޯ ބީބީސީގެ ތަހުގީގު ޓީމަކުން ހޯދަނީ

ޗައިނާއަށް ދާ ދިވެހިން ވެސް ވިސްނަން ޖެހޭ ކަމެއް: ކޮޓަރީގައި ވަގު ކެމެރާއެއް ހުރެދާނެ

ބީބީސީން ކުރި ތަހުގީގަކުން އެނގުނީ ޗައިނާގެ ބައެއް ހޮޓާތަކުގައި ސިއްރު ކެމެރާ ހަރުކޮށް ޓޫރިސްޓުންގެ ޒާތީ ވީޑިއޯތައް ރެކޯޑްކޮށްފައި ބަރަހަނާ ސައިޓްތަކަށް ލާކަން
10 ފެބްރުއަރީ 2026

ޗައިނާއަށް ޗުއްޓީއަށް ދާ ދިވެހިން ވެސް މިހާރު ގިނަ އެވެ. އެހެންވެ ސަމާލުކަމަށް މި މައްސަލަ ގެންނަން އެބަ ޖެހެ އެވެ. ޗައިނާގެ ބައެއް ހޮޓާތަކުގެ ކޮޓަރިތަކުގައި ވަގު ކެމެރާ ހަރުކޮށް ކޮޓަރީގެ ހުރިހާ މަންޒަރެއް ރެކޯޑްކުރެ އެވެ. އަދި ޖިންސީ ގުޅުމުގެ ވީޑިއޯތައް ބަރަހަނާ އެކި ސައިޓްތަކަށް އަޕްލޯޑްކުރެ އެވެ.

މި ބިރުވެރި، ލަދުވެތި ހަގީގަތް ބީބީސީން މިހާރު ވަނީ ދުނިޔެއަށް ހާމަކޮށްދީފަ އެވެ. އެ ލަދުވެތިކަން ތަޖުރިބާކުރި އެތައް ބައެއްގެ އިންޓަވިއުތަކާއި ބީބީސީން ކުރި ތަހުގީގުތަކުގެ މައްޗަށް ބިނާކޮށެވެ.

އޭގެ ތެރެއިން އެކަކީ ހޮންކޮންގެ ރައްޔިތެކެވެ. އުމުރުން 30ގެ އަހަރުތައް ގުނަމުން އަންނަ ޒުވާން ފިރިހެނަކު ބުނީ އޭނާ އާއި ލޯބިވެރިޔާ ޗައިނާގެ ހޮޓަލެއްގައި ހޭދަކުރި ވަގުތުތައް ފެނުނީ ބަރަހަނާ ސައިޓަކުން ކަމަށެވެ.

ޗައިނާގައި ބަރަހަނާ ވީޑިއޯ އުފެއްދުމާއި ގެންގުޅުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް ހޮޓާތަކުގައި ވަގު ކެމެރާ ހަރުކޮށް މީހުންގެ ޒާތީ ދިރިއުޅުމުގެ ހަގީގީ މަންޒަރުތައް ޗައިނާ ތެރޭގައި ވަރަށް ފުޅާކޮށް ގެންދަނީ ދައުރުކުރަމުންނެވެ.

ބީބީސީގެ ރިޕޯޓަރަކު ވަނީ ޗައިނާގައި އެގޮތަށް ވަގުތުން ބަރަހަނާ ވީޑިއޯ ދައްކައިދޭ މީހަކާ ބައްދަލުކޮށް އޭނާ އޮޕަރޭޓްކުރާ ވެބްސައިޓްތަކަށް ވަދެވޭ ގޮތް ހަދައިފަ އެވެ. ރިޕޯޓަރު އެކަން ކުރީ ކަސްޓަމަރަކަށް ވެގެންނެވެ.

ޗައިނާގައި ވަގު ކެމެރާ ބަހައްޓައިގެން ބަރަހަނާ ވީޑިއޯ ހަދާކަން ދެނެގަންނަން ބީބީސީން ކުރި މަސައްކަތާ ބެހޭ ވީޑިއޯއެއް

އޭނާ ބުނި ގޮތުގައި މަހަކު ދައްކަން ޖެހެނީ 65 ޑޮލަރު (1،000ރ) ކަމަށެވެ. އެކި ކޮޓަރިތަކުގައި ހަރުކޮށްފައި ހުންނަ ކެމެރާތަކުން ވަގުތުން އެކި މީހުންގެ ބަރަހަނާ މަންޒަރުތައް ފެނެ އެވެ. އެގޮތުން ތަފާތު ފަސް ކެމެރާއަކުން ނަގާފައި ހުރި ވީޑިއޯތައް ރިޕޯޓަރަށް ފެނުނެވެ.

ޗައިނާގައި ޓެލެގްރާމް މަނަ އެވެ. ނަމަވެސް މިކަހަލަ ގާނޫނާ ހިލާފު ކަންކަން ކުރަން ޓެލެގްރާމް ބޭނުންކޮށް ގްރޫޕްތައް ހަދައިގެން އުޅެ އެވެ. ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ ވީޑިއޯ ވަރަށް ފުޅާ ދާއިރާއެއްގައި ފަތުރަ އެވެ. އެގޮތުން ޓެލެގްރާމް އެއް ގްރޫޕެއްގައި 10،000 މީހުން ތިބި ކަމަށް ރިޕޯޓަރު ބުންޏެވެ.

ވަގު ކެމެރާ ހަރުކޮށްފައި ހުރި ހޮޓަލެއް ވެސް ބީބީސީގެ ޓީމުގެ ތަހުގީގުން ފެނުނެވެ. މެދު ތެރޭ ޗައިނާގެ ސިޓީއެއް ކަމަށްވާ ޒޮންގުއާގައި ހުރި ހޮޓަލުގެ އެ ކޮޓަރިއަށް ވަދެ ކެމެރާ ވެސް ހޯދި އެވެ. ހަރުކޮށްފައި ހުރީ ވެންޓިލޭޝަން ބައިގެ ތެރޭގަ އެވެ. ލެންސް ދިމާކޮށްފައި ހުރީ ސީދާ އެނދަށެވެ.

ޗައިނާގެ ހޮޓާތަކުގައި ވަގު ކެމެރާ ހަރުކޮށް މީހުންގެ ބަރަހަނާ މަންޒަރުތައް ނަގާކަން މީގެ އެތައް އަހަރެއް ކުރިންސުރެ އޮތީ އެނގިފަ އެވެ. އެކަން ދަންނަ ބައެއް މީހުން ހޮޓާތަކަށް ދަނީ ކުދިކުދި ޓެންޓްތައް ހިފައިގެންނެވެ. ޖިންސީ ގުޅުން ހިންގަނީ އެނދުގައި ޓެންޓް ޖަހައިގެންނެވެ.

ބީބީސީގެ ޓީމަށް ވަގު ކެމެރާ ފެނުނީ ކޮޓަރީގެ ވެންޓިލޭޝަން ތެރެއިން

ބީބީސީގެ ޓީމުން ހަމައެކަނި އެ ކެމެރާ ހޯދީކީ ނޫނެވެ. އޭގެ ވާގަނޑު ވެސް ކަނޑާލި އެވެ. އެ ކޮޓަރީގެ މަންޒަރުތައް ވަގުތުން ބަލާ ޓެލެގްރާމް ގްރޫޕްގައި ވަރަށް އަވަހަށް އެ ވާހަކަ ފެތުރުނެވެ. ޒޮންގުއާގެ ކެމެރާ ކެނޑިއްޖެ ކަމަށް ބުނެ އެވެ.

"ޒޮންގުއާގައި ހުރި [ކެމެރާގެ ނަން] ކެނޑިއްޖެ،" ވަނަމަކަށް އޭކޭއޭ ކިޔާ މީހަކު ހިންގާ ޗެނެލް ބަލާ މީހުން ތިބޭ ގްރޫޕްގައި އެކަކު ލިއުނެވެ.

"ތިއީ ވަރަށް ދެރަ ކަމެއް. އެއީ އެންމެ ރަނގަޅަށް އަޑު ވެސް އަރާ ކޮޓަރި،" ޖަވާބުގައި އޭކޭއޭ ބުންޏެވެ.

އެހެން މީހުންގެ ޒާތީ މަންޒަރުތައް ބަލަން ފައިސާ ދެއްކި މެމްބަރުންނަށް 'އުފާވެރި' ހަބަރެއް ލިބެން މާ ގިނަ އިރެއް ނުވި އެވެ. އެހެން ހޮޓަލެއްގެ ކޮޓަރިއަކުން ވަގުތުން މަންޒަރުތައް ދައްކަން ފެށި އެވެ.

ޗައިނާއަށް ދަތުރުކުރާ ޓޫރިސްޓުންނަށް ބިރަކަށް ވާނެ މި މައްސަލައިގެ ހަގީގަތް ހޯދަން ބީބީސީގެ ޓީމުން 18 މަސް ހޭދަކުރި އެވެ.

ދެމަފިރިން ނުވަތަ ލޯބިވެރިން ނަމަވެސް، ދެން ޗައިނާއަށް ދަތުރެއް ކުރާ ނަމަ ވިސްނާލުން ހުއްޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް