ސަތިޝް ހާތިކް (ކ) އާއި ސާޖިދް މުހައްމަދު އެ މީހުން ހޯދި ޖަވާހިރު ދައްކާލަނީ: އެ ޖަވާހިރު ވިއްކާލައިގެން 5-6 މިލިއަން ރުޕީސް ލިބޭނެ ކަމަށް ބެލެވޭ

އިންޑިއާ

ޖަވާހިރު ލިބުމުން ވެސް އަމިއްލަ އެދުމެއް ނެތް، އޮތީ އާއިލާ ދެކެ ވާ ލޯބި

އިންޑިއާގެ އެންމެ ފަގީރު އެއް ހިސާބުގައި ދިރިއުޅޭ ދެ އެކުވެރިންނަށް ފެނުނު ޖަވާހިރު 55،000 ޑޮލަރަށް ވިއްކާލެވޭނެ ކަމަށް ބެލެވޭ. އެ ލާރިން ފުރަތަމަ ވެސް ހޭދަކުރަނީ އަންހެން ކޮއްކޮމެންގެ ކައިވެންޏަށް
17 ޑިސެމްބަރު 2025

ސަތިޝް ހާތިކް އާއި ސާޖިދް މުހައްމަދަކީ، އިންޑިއާގެ އެންމެ ފަގީރު އެއް ސަރަހައްދުގައި ދިރިއުޅެމުން އަންނަ، ކުޑައިރުއްސުރެ ގާތް، ދެ އެކުވެރިންނެވެ.

އުމުރުން 24 އަހަރުގެ ހާތިކްގެ މަސައްކަތަކީ މަސް ވިއްކުމެވެ. ދިރިއުޅުމުގެ ހަރަދުތައް ހަަޖައްސަން ސާޖިދު، 23، ވިއްކަނީ މޭވާ އެވެ.

އެ މީހުންގެ ވިލެޖް، ޕަންނާ އޮންނަނީ މަދްޔަ ޕްރަދޭޝްގަ އެވެ. އެ ސަރަހައްދުގައި އުޅޭ މީހުންނަށް ދިރިއުޅުން ކުރިއަރުވަން މާ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އެހެންކަމުން އެއީ އެންމެ ފަގީރު އެއް ސަރަހައްދެވެ.

އެކަމަކު މަދްޔަ ޕްރަދޭޝްއަކީ އިންޑިއާގައި ޖަވާހިރުގެ މުއްސަނދިކަން އެންމެ ބޮޑަށް އޮތް ހިސާބެވެ. ސަރުކާރުގެ ކުންފުނިތަކުން ޖަވާހިރު ނެގުމުގެ މަސައްކަތްކުރާ އިރު، ކޮންމެ އަހަރަކު ވެސް އާންމުންނަށް ކުޑަ އަގެއްގައި ކުދިކުދި ބިންކޮޅޮކޮޅު ދޫކުރެ އެވެ. ބޭނުމަކީ އެ މީހުން އަމިއްލައަށް މަސައްކަތްކޮށްގެން ޖަވާހިރު ހޯދަން ފުރުސަތު ދިނުމެވެ.

ސާޖިދާއި ހާތިކް އެކުވެގެން މިދިއަ ނޮވެމްބަރު މަހު ބިންކޮޅެއް ކުއްޔަށް ނެގި އެވެ. ބޭނުމަކީ އާމްދަނީ އިތުރުކުރަން އެ ނޫން އެހެން ކަމެއް ވެސް ނުފެނުނީމަ އެވެ. ހަރަދު ބޮޑުވަމުން ދާތީއާ އެކު ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެހެ އެވެ. އެހެންވެ އަންހެން ކޮއްކޮމެންގެ ކައިވެންޏަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތެއް ވެސް ނެތެވެ.

އާންމު މަސައްކަތަށް ފަހު ހަވީރު ވަގުތު ދެ އެކުވެރިން ދަނީ ވެލިގަނޑު ކޮނެ، އޭގެ ތެރެއިން ޖަވާހިރެއް ފެނޭތޯ ނަސީބު ވަޒަންކުރާށެވެ. ދެ މީހުންގެ ކާފަމެންގެ މުޅި އުމުރު ދުއްވާލިއިރު ވެސް އެ ނަސީބެއް ނުލިބުނެވެ.

ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ފިނި ހެނދުނެއްގައި ކުރި މަސައްކަތުން އެ މީހުންގެ ނަސީބު އަތުގައި ހިފައިފި އެވެ. ފެނުނީ ނިސްބަތުން ރަނގަޅު ފެންވަރުގެ ޖަވާހިރެކެވެ. ބަރުދަން ހުރީ 15.34 ކެރެޓްގަ އެވެ. އޭގެ އަގު އުޅޭނީ 5-6 މިލިއަން ރުޕީސް (55،000-66،000) ޑޮލަރާ ދެމެދު ކަމަށް، ޖަވާހިރު ވިޔަފާރީގެ މާހިރުން ބުނެ އެވެ.

އިންޑިއާގައި ޖަވާހިރު ނީލަން ކިޔަނީ، ސަރުކާރުގެ ބެލުމުގެ ދަށުން، އަހަރަކު ހަތަރު ފަހަރު އެވެ.

ސާޖިދާއި ހާތިކްގެ އަތަށް ޖަވާހިރުގެ ފައިސާ އަދި ނޭރި ނަމަވެސް އެ މީހުންގެ އުއްމީދު ބޮޑެވެ. ދެ މީހުން ވެސް ނިންމައިގެން ތިބީ އަންހެން ކޮއްކޮމެންގެ ކައިވެންޏަށް އެއިން ހޭދަކުރާށެވެ.

"އަހަރެމެންނަށް މިހާރު މި ދިމާވީ ކޮއްކޮމެންގެ ކައިވެނިކުރެވޭނެ ގޮތެއް،" ދެ މީހުން ވެސް ބުންޏެވެ.

"އަހަރެމެން ނުވިސްނަން ބިމެއް ގަންނާކަށް، އަހަރެމެންގެ ވިޔަފާރި ފުޅާކުރާކަށް، ނޫނީ އެހެން ހިސާބަކަށް ދިރިއުޅުން ބަދަލުކުރާކަށް ވެސް. އަދިއެއް ނޫން،" ދެ ޒުވާނުން ބުންޏެވެ.

"މިހާރު އަހަރެމެންގެ ހުރިހާ ވިސްނުމެއް ދޫކޮށްލާފައި މިވަނީ ކޮއްކޮމެންގެ ކައިވެންޏަށް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް