އީލޮން މަސްކް ތެސްލާ ކާރަކުން ފައިބައިވަޑައިގަންނަވަނީ: މިހާރު ވެސް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަކީ މަސްކް (ފޮޓޯ/ރޮއިޓާސް)

އީލޮން މަސްކް

މަސްކަށް 1 ޓްރިލިއަންގެ ޕެކޭޖެއް، އެކަމަކު އުޅުން އެހާ 'ފަގީރު'

ޓެސްލާގެ ބޯޑުން އީލޮން މަސްކްއަށް 1 ޓްރިލިއަން ޑޮލަރުގެ ޕެޖޭކެއް ދޭން ފާސްކުރުމާ އެކު އޭނާއަކީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވުމުގެ ފުރުސަތު ބޮޑު
9 ނޮވެމްބަރު 2025
1

ކުރިއަށް އޮތް 10 އަހަރު ވަކި ކަންތައްތަކެއް ހާސިލްކޮށްފި ނަމަ އީލޮން މަސްކްއަށް 1 ޓްރިލިއަން ޑޮލަރު ލިބޭ އާމްދަނީގެ ޕެކޭޖެއް ޓެސްލާގެ ބޯޑުން މިވަނީ ފާސްކޮށްފަ އެވެ. އޭގެ މާނައަކީ ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރަށް މަސްކް ވުމުގެ ފުރުސަތު އޮތުމެވެ. މިހާރު ވެސް އޭނާއަކީ 497 ބިލިއަން ޑޮލަރުގެ މިލްކިއްޔާތާ އެކު ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނެވެ.

މަސްކްއަށް އެ ބިޔަ ޕެކޭޖް ދޭން ޓެސްލާއިން ކަނޑައެޅި އަމާޒުތަކަކީ:

  • ކުންފުނީގެ އަގު މިހާރު ހުރި 1.4 ޓްރިލިއަން ޑޮލަރުން 8.5 ޓްރިލިއަން ޑޮލަރަށް މަތިކުރުން

  • ޓެސްލާގެ 20 މިލިއަން ވެހިކަލް ވިއްކުން

  • ޓެސްލާގެ 1 މިލިއަން ރޮބޮޓް ވިއްކުން

  • އަމިއްލައަށް ދުއްވާ ރޮބޯޓެކްސީގެ ވެސް 1 މިލިއަން ވެހިކަލް ވިއްކުން

ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ މަސްކްއަށް ވެސް އޮތް ވަރަށް ބޮޑު ހާސިލްވުންތަކަކަށް ވާނެ އެވެ.

މަސްކަކީ ސިޔާސީ ޒުވާބުގެ ވެސް ބޭފުޅެކެވެ. އޭނާގެ ސިޔާސީ ފިކުރާ ދިމާނުވާ މީހުންނާ ޒުވާބުކުރުމާއި އެފަދަ މީހުންނާ ދެކޮޅަށް އިންތިހާބުތަކުގައި ހޭދަކުރެއްވުމަކީ ވެސް އާދައެކެވެ. އެހާ ބޮޑު އާމްދަނީއެއް ލިބިވަޑައިގަންނަވާ ޕެކޭޖެއް ދޭން ޓެސްލާއިން އެއްބަސްވި އިރު މަސްކްގެ އެފަދަ އާދަތައް ހުއްޓުވުމުގެ ފިޔަވަޅެއް ނެތެވެ. އޭނާ ބޭނުން ކޮންމެ ކަމެއް ކުރެއްވުމުގެ ފުރުސަތު އޮތީ ދީފަ އެވެ.

ޓެސްލާގެ ކާރު ފެކްޓަރީއެއްގައި ކާރު ތައްޔާރުކުރަނީ: މިވަގުތު ކުންފުނީގެ އަގަކީ 1.4 ޓްރިލިއަން ޑޮލަރު

ތަޖުރިބާކާރުން ބުނަނީ މަސްކަކީ ގޮތް ނޭނގޭ ބޭފުޅަކަށް ވާތީ ޓެސްލާއަށް ނުބައި އަސަރެއްކުރާނެ ފަދަ އަމަލްތައް ފެނުން ކައިރި ކަމަށެވެ. ނަމަވެސް އޭނާގެ ދުރުވިސްނެވުމާ މެދު އެއްވެސް މީހަކު ދެބަހެއް ނުވެ އެވެ. 

ގިނަ މީހުންނަށް 1 ޓްރިލިއަން ޑޮލަރަކީ ކިހާ ބޮޑު އަދަދެއްކަން ނޭނގިދާނެ އެވެ. އެހެންކަމުން ކުޑަކުޑަ ހުލާސާއެއް ދޭނަމެވެ.

  • ރާއްޖޭގެ ޖީޑީޕީއަކީ ގާތްގަނޑަކަށް އަހަރަކު 7 ބިލިއަން ޑޮލަރު. އެ ނިސްބަތުން ބަލާ ނަމަ 1 ޓްރިލިއަން ޑޮލަރު ހަމަވާން 130 އަހަރު ނަގާނެ

  • 1 ޓްރިލިއަން ޑޮލަރުން ކޮންމެ ދުވަހަކު 10 މިލިއަން ޑޮލަރުގެ ގެއެއް 250 އަހަރު ހަމަވަންދެން ގަނެވޭނެ

  • 1 ޓްރިލިއަން ޑޮލަރުގެ ޖީޑީޕީއެއް އޮންނަ ގައުމުތަކުގެ އަދަދަކީ އެންމެ 19

މިހާރު ވެސް ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނަކީ މަސްކް އެވެ. ނަމަވެސް އޭނާއަކީ މުއްސަނދިކޮށް ދިރިއުޅުއްވާ ބޭފުޅެއް ނޫނެވެ. އަމިއްލަ ނަމުގައި މިވަގުތު ގެއެއް ނެތެވެ. ކުރިން ހުރި ގެތައް ވަނީ ވިއްކާލައްވައިފަ އެވެ. ބައެއް ފަހަރަށް އެމެރިކާގެ އެކި ސިޓީތަކަށް ދަތުރުކުރައްވާ އިރު މަޑުކުރައްވަނީ ރައްޓެހިންގެ ގޭގޭގަ އެވެ.

އެކަމަކު އަމިއްލަ ޖެޓްތައް ހުރެ އެވެ. އޭގެ ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، މަސައްކަތުގެ އެކި ޒިންމާތަކުގައި ކުރައްވާ ދަތުރުތަކަށް ފަސޭހަކުރުމެވެ. އެހެން ނޫނީ ދުވާލަކު އެތައް ވަގުތެއް ދަތުރަށް ހޭދަކުރައްވަން ޖެހުނީހެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި މަސްކް ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވަނީ: މަސްކަކީ ގޮތް ނޭނގޭ ބޭފުޅެއް [ނޭތަން ހޮވާޑް/ރޮއިޓާސް]

ދެން އަތުގައި އޮތް އެންމެ އަގުބޮޑު އެއްޗަކީ އެކި ވައްތަރުގެ ކާރެވެ. ޓެސްލާއާ އެކު ކާރުގެ ވިޔަފާރިއަށް އިންގިލާބެއް ގެންނެވި ބޭފުޅަކު، ކާރު ދެކެ ހާއްސަ ލޯތްބެއް ހުރުމަކީ މައްސަލައެއް ނޫންތާ އެވެ.

ކުރީގެ ބައިވެރިޔާ އަދި ލަވަކިޔުންތެރިޔާ ގްރައިމްސް ބުނި ގޮތުން މަސްކަކީ 'ފަގީރެކެ'ވެ. ދިރިއުޅުމުގެ ހަރަދުތައް އެހާ ކޮންޓްރޯލެވެ. މިސާލެއް ދައްކަމުން އޭނާ ބުނީ އެނދުގެ ގޮދަޑީގައި ލޯވަޅެއް އެޅުމުން ވެސް އާ ގޮދަޑިއެއް ގަންނަން ދެކޮޅުހެއްދެވި ކަމަށެވެ.

"އޭރު އޭނާ ދިރިއުޅުނީ ފަގީރުންގެ ދަރަޖާގައި،" މަސްކްއަށް ދެ ދަރިން ތިބި ގްރައިމްސް ކުރިން ބުނެފައިވެ އެވެ.

އެކަމަކު މަސްކް ބޭނުންވެއްޖެ ނަމަ ކިތައްމެ ބޮޑު ހަރަދެއް ވެސް ކުރައްވަފާނެ އެވެ. އޭގެ ހެއްކަކީ 2022ގައި 44 ބިލިއަން ޑޮލަރަށް އޭރުގެ ޓްވިޓާ ބައްލަވައިގަތުމެވެ.

ކޮމެންޓް (1)

މުއްސަދި މީހުން

24 ނޮވެމްބަރު 2025
މުއްސަދިންގެ ނަމުގައި ގެ ނުހުންނަނީ ޓެކްސް ކުޑަކުރަން ވެގެން. ގެއެއް ގަތީމާ ވެލްތު ޓެކްސް ދައްކަން ޖެހޭ. ގެ ވިއްކީމާ ކެޕިޓަލް ގެއިންސް ޓެކްސް ދައްކަން ޖެހޭ. އެކަމަކު ކުއްޔަށް ނެގީމާ ޓެކްސް ޑިޑަކްޝަންސް ބައެއް ހާލަތްތަކުގައި ލިބޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް