ލޯބި

ގުޅުމެއްގައި ލޯބި ބޮޑު ކުރާނީ މިހެން

އެކަކު އަނެކަކަށްޓަކައި ކުރާ ކަންކަން އަބަދު އެއްގޮތެއްގައި ދެމެހެއްޓުން މުހިއްމު
17 ޖޫން 2025
1

ގުޅުމެއްގައި ލޯބި ބޮޑުވާނެ ގޮތްތައް ހޯދުމަކީ ގިނަ މިހުން ބޭނުންވާ ކަމެކެވެ. އަދި މިއީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި ހީވެދާނެ އެވެ. އެކަމަކު، މިއީ ތި ހީކުރާހާ އުނދަގޫ ކަމެއް ނޫނެވެ.

ލޯބި ބޮޑުކުރުމަށް ކުރާ ކޮންމެ ކަމެއް ކުރަން ޖެހެނީ ގަވާއިދުންނެވެ. އެއް ފަހަރަކު ނޫނެވެ. ކުރާ ކަންކަމަކީ އަބަދު ތިމާ އެކަމެއްގައި ދެމިހުންނަން ޖެހޭ ކަންކަމެވެ. 

ތިރީގައި މިވާ ކަންކަން ކުރާ ނަމަ ބައިވެރިޔާއާ އެކު އޮންނަ ގުޅުން ވަރުގަދަވެ ލޯބި ބޮޑުވާނެ އެވެ.

1. ބައިވެރިޔާ ބަލައިގަނެ އޭނާ ކޮށްދޭ ކަންކަމުގެ އަގުވަޒަން ކުރުން

ބައިވެރިޔާ ކޮށްދޭ ކަންކަމުގެ އަގުވަޒަންކުރުމަކީ ގުޅުން ހަރުދަނާވާ ކަމެއް

ބައިވެރިޔާއަށް ތިމާ އޭނާ ބަލައިގަންނަކަން އިހްސާސްކޮށްދިނުމަށް އޭނާ ގާތު ލޯބިވެޔޭ ބުނަންވެ އެވެ. ކުލުނުވެރިކަން ދައްކަންވެސްވެ އެވެ. ގަވާއިދުން އޭނާ ކައިރީ ލޯބިވެޔޭ ބުނާށެވެ. އަދި ތިމާ ބައިވެރިޔާއާ ގަޔާވާ ސަބަބުތައް އޭނާއަށް ބުނެދޭށެވެ.

ބައިވެރިޔާ ގައިގައި ބައްދާލާ ބޮސްދީ ހަދާށެވެ. ފިޒިކަލް އިންޓިމެސީއަކީ ގުޅުމެއްގައި މުހިއްމު ކަމެކެވެ. ބައިވެރިޔާ ތިމާއަށް ކޮށްދޭ ކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމާ ހަމައަށް ބަލައިގަންނާށެވެ.

2 . ދެ މީހުން އެކީގައި ވަގުތު ހޭދަކުރޭ

ލޯބި އިތުރުކުރަން ބޭނުން ނަމަ ބައިވެރިޔާއަށް ވަގުތު ދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންވޭ

ބައިވެރިޔާއާ އެކު ޑޭޓް ނައިޓްތަކަށް ދާށެވެ. މިއީ ކޮންމެހެން އަގުބޮޑު ރެސްޓޯރަންޓަކަށް ދިއުން އެކަންޏެއް ނޫނެވެ. ދެ މީހުން އެކީގައި ގޭގައި ވެސް ޑޭޓް ނައިޓް ހެދިދާނެ އެވެ. އެކީގައި ފިލްމެއް ނުވަތަ ޑޮކިއުމަންޓްރީއެއް ބަލާށެވެ.

މީގެ އިތުރުން ދެ މީހުން އެކީގައި ކުރުމަށް ހޮބީތަކެއް ހޯދާށެވެ. އެއީ ބެލްކަނީގައި ބަގީޗާ ހެއްދުން ނުވަތަ ދުވަން ދިޔުން ވިޔަސް، ކޮންމެވެސް އެއް ހޮބީއެއް އިހްތިޔާރު ކުރާށެވެ.

އަދި މިގޮތަށް އެކީގައި ވަގުތު ހޭދަކުރާ އިރު ފޯނު ދުރުގައި ބާއްވާފައި އެކަކު އަނެކަކަށް ސަމާލުކަންދޭށެވެ.

3 . މުއާމަލާތް ކުރުމަށް އިސްކަންދީ

ބައިވެރިޔާއާ މުއާމަލާތް ކުރުމުގައި އަބަދުވެސް ތެދުވެރިވާންވޭ

ބައިވެރިޔާއާ ވާހަކަ ދައްކާއިރު އޭނާގެ ވާހަކަތައް ކަނުލާ އަޑުއަހާށެވެ. އޭނާ ކަންކަމުގައި ދެކޭ ގޮތާއި އޭނާގެ ނަޒަރިއްޔާތު ދެނެގަންނާށެވެ. އަދި ވާހަކަ ދައްކާ އިރު ވީހާވެސް ތެދުވެރިކަމާއި އިހްލާސްތެރިކަން އިސްކުރާށެވެ. ތިމާގެ އިހްސާސްތައް އޭނާއަށް ބުނެދިނުމަށް ފަސްނުޖެހޭށެވެ. އެކަން ކުރަން އުނދަގޫ ނަމަވެސް އެގޮތަށް އެކަން ކުރާށެވެ.

ދެ މީހުންގެ ދެމެދުގައި މައްސަލަޖެހި ދެބަސްވާން ޖެހޭ ހާލާތުގައި ވެސް އެކަކު އަނެކަކު ކުށްވެރިނުކުރާށެވެ.

4 . އިތުބާރުކުރުމާއި ހިތްވަރުދިނުން މުހިއްމު

ބައިވެރިޔާއަށް އިތުބާރުކޮށް ހިތްވަރު ދިނުމަކީ ލޯބި އިތުރުވާ ކަމެއް

އަމިއްލަ ކަންކަން ކުރިޔަސް ބައިވެރިޔާ ބޭނުންވެއްޖެ ހިނދެއްގައި އޭނާގެ ވާހަކަތައް އަޑުއަހާށެވެ. ބައިވެރިޔާ ކުރާ ކަންކަމުގައި ބައިވެރިވެ ސަޕޯޓް ދޭށެވެ. އަދި ތިމާ ކުރާ ކަންކަމުގައި އޭނާއަށް ބަރޯސާވެވޭނެކަން ދަންނާށެވެ. އަދި އޭނާ ބޭނުން ނަމަ، އޭނާއަށް ކަންކަމުގައި ވަގުތާއި ޖާގަ ދޭށެވެ.

5. ރޮމޭންސް މުހިއްމު

ބައިވެރިޔާއަށް ސަޕްރައިޒް ދިނުމަކީ ވެސް ލޯބި އިތުރުވާ ކަމެއް

ބައިވެރިޔާއަށް ގިނަގިނައިން ސަޕްރައިޒް ދޭށެވެ. މިއީ ތިމާގެ ހިތުތެރޭގައި ބައިވެރިޔާ އޮތް މިންވަރު އޭނާއަށް ބުނެދޭނެ ކަމެކެވެ. އަދި ގުޅުން ވީހާވެސް ބަދަހި ކުރާށެވެ. އަދި ބައިވެރިޔާއާ ގާތްވާނެ ތަފާތު އާ ގޮތްގޮތް ވެސް ހޯދާށެވެ. ބައިވެރިޔާ އާއި ތިމާގެ ލޯބި ފެށުނު ގޮތް ހަނދާނުގައި ބަހައްޓާށެވެ. އަދި އެ ލޯބި އެގޮތުގައި ދިރުވުމަށް މަސައްކަތް ކުރާށެވެ.

ކޮމެންޓް (1)

ޙަމްކޮ

18 ޖޫން 2025
ވަރަށް ރަނގަޅު ވާހަކަތަކެއް ގެނެސްދީފަ ތިހުރީ. ޝުކުރިއްޔާ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް