ކުޑަކުދިން ސްޓްރެސްވޭތަ؟ މިކަމަށް އޮތް ހައްލަކީ ކޮބާ؟
ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިން ވެސް ސްޓްރެސްވެ އެވެ. ސްޓްރެސްވުމަކީ މުޅިން ގޯސް ކަމެއް ވެސް ނޫނެވެ. ބައެއް ސްޓްރެސްއަކީ އޭގެ ސަބަބުން ކުދިންގެ ވިލުންވެރިކަން އަށަގަންނަ ކަމެއް ވެސް މެ އެވެ.
ބޮޑެތި މީހުންނެކޭ އެއްގޮތަށް ސްޓްރެސްގެ ސަބަބުން ކުދިންގެ މޫޑަށާއި އުޅުމަށް ބަދަލު އާދެ އެވެ. އަދި ބައެއް ފަހަރަށް ސްޓްރެސް ވުމުގެ ސަބަބުން ކުދިންގެ ކިބައިން ޖިސްމާނީ އަލާމާތްތައް ވެސް ފެނެ އެވެ.
އާ ކަންކަމާއި ގޮންޖެހުންތަކާ ކުދިން ކުރިމަތިލާ ނަމަ އެކުދިން ސްޓްރެސް ވުމަކީ ނޯމަލް ކަމެކެވެ. އެކަމަކު މީގެ މައްސަލައަކަށް މެދުވެރިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސްޓްރެސް ދެމިގެންދާ ނަމަ އެވެ. މިކަމުގެ ސަބަބުން ކުދިންގެ ދުޅަހެޔޮކަމަށް އަސަރުކުރާ ނަމަ އެވެ.
ކުދިން ސްޓްރެސްވާ ބައެއް ސަބަބު
1. ސްކޫލް
ސްކޫލަކީ ކުޑަކުދިންގެ ދިރިއުޅުމުގެ ބޮޑު ބައެކެވެ. އެހެންކަމުން ސްކޫލްގެ ސަބަބުން ކުދިން ސްޓްރެސްވުމަށް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. ރަނގަޅު ނަތީޖާއެއް ހޯދަން އޮންނަ ސްޓްެރެސް އާއި ހޯމްވޯކްތައް ނިންމުމަށް އޮންނަ ސްޓްރެސް އާއި ސްކޫލްގައި އެހެން ކުދިންނާ އޮންނަ ރައްޓެހިކަމުގެ ގުޅުމުގެ ސަބަބުން ކުރިމަތިވާ ސްޓްރެސް އެވެ.
2. އާއިލީ މައްސަލަތައް
އާއިލާގެ ސަބަބުން ކުދިންނަށް ސްޓްރެސް ކުރިމަތިވާ ކަންކަމަށް ބަލާއިރު މައިންބަފައިން ވަރިވުމުގެ ސަބަބުން އާއިލާ ރޫޅުމާއި އާއިލާގެ މީހެއް މަރުވުން ނުވަތަ ބޮޑު ބައްޔަކާ ކުރިމަލާން ޖެހިއްޖެ ހިނދެއްގައި ކުދިންނަށް ކުރެވޭ އިހްސާސްތައް މެނޭޖް ކުރުމަށް ނޭނގި ކުދިން ބޮޑު ސްޓްރެސްއަކާ ކުރިމަތިލަ އެވެ.
3. ގުޅުންތައް
ބޮޑުވަމުން އަންނަ ކުދިން ރަހްމަތްތެރިކަމުގެ ގުޅުންތައް ބާއްވަން ދަސްކުރެ އެވެ. މިކަމުގެ ތެރޭގައި އެކުވެރިންގެ ފަރާތުން އަންނަ ޕިއާ ޕްރެޝާ، ބުލީކުރުން އަދި މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ ސަބަބުން ކުދިން ތަފާތު އެކި ކަހަލަ ސްޓެރެސްތަކަށް ހުށަހެޅެ އެވެ.
4. ބަދަލުތައް
އުޅޭ ގެ ބަދަލުވުން، އާ ގްރޭޑަކަށް ބަދަލުވުން އާ ކުޅިވަރަކާ ގުޅުން މިކަހަލަ ކަންކަމަކީ ވެސް ނެގެޓިވް ކަންތައްތައް ކަމަށް ނުވިޔަސް ކުދިން ސްޓްރެސްވާން މެދުވެރިވެ އެވެ.
5. ބޮޑުވަމުން އަންނަ އިރު ދިމާވާ ކަންކަން
ތުއްތު ކުދިން ސްޓްރެސްވުމަށް މެދުވެރިވާ އެއް ސަބަބަކީ މައިންބަފައިންނާ ވަކިވުން ހިމެނެ އެވެ. މީގެ އެއް މިސާލަކީ "ސެޕެރޭޝަން އެންޒައިޓީ" އެވެ. އަލަށް ޕްރީސްކޫލަށް ދިއުން ނުވަތަ އަބަދު ގާތުގައި ހުންނަ މަންމަ ނުވަތަ ބައްޕަ ދަރިފުޅު ބަހައްޓާފައި އޮފީހަށް ދިއުން، ރަށުން ބޭރަށް ދިއުން ފަދަ ކަންކަމުގެ ސަބަބުން ތުއްތު ކުދިން ސްޓްރެސްވެ އެވެ. ބޮޑުވަމުން އަންނަ ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ފުރާވަރު އުމުރަށް ގާތްވާން ފެށުމުން ވެސް ސްޓްރެސް ވެ އެވެ.
ބައެއް ކުދިން ސްޓްރެސް މެނޭޖްކުރަން ނަފްސާނީ ގޮތުން ތައްޔާރެއްނުވެ އެވެ. އެ ކުދިންގެ ކިބައިގައި އިމޯޝަނަލް ސްކިލްސްތަކެއް އަށަަގެންފައެއް ނުހުރެ އެވެ. ހާސްވެ ކަންބޮޑުވާ ކަންކަން އެހެން މީހުންނަށް ކިޔައިދޭން ވެސް ނޭނގިދާނެ އެވެ.
ކުދިން ސްޓްރެސްވާ ނަމަ ފެންނަ ބައެއް އަލާމާތްތައް
1. އިހްސާސްތައް ކޮންޓްރޯލް ކުރަން ނޭނގުން
ކުދިން ސްޓްރެސްވާ ނަމަ ރުންކުރުވެ، ބޮޑާހޭކުމާއި ރުޅިއައުން ފަދަ ކަންކަން ގިނައިން ފެނެ އވެ.
2. އުޅުމަށް ބަދަލު އައުން
ކުދިންގެ އުޅުމުން ސްޓްރެސް ވާކަން ފާހަގަކުރެވެ އެވެ. ކުރިން ކުރާހިތުން ކުރާ ކަންކަމުން އެކުދިން ދުރުވެ އެވެ. ކެއުމާއި ބުއިމާއި ނިދުމުގެ ޝެޑިއުލަށް ވެސް ބަދަލު އާދެ އެވެ.
3. ސްޓްރެސްގެ ބައެއް ޖިސްމާނީ އަލާމާތްތައް
ދަރިފުޅު މަގުބޫލު އުޒުރަކާ ނުލާ ބޮލުގައި ރިއްސުން، ބަނޑުގައި ރިއްސުން އަދި ނިދުމަށް ބަދަލު އައުމަކީ ކުދިން އާއްމުކޮށް ސްޓްރެސްވުމުން ފެނިގެންދާނެ ކަންކަމެވެ. ގިނަ ދުވަސް ވަންދެން ސްޓްރެސްގައި އުޅޭ ނަމަ ހަށިގަނޑުގެ ބަރުދަން ލުއިވުން ފަދަ ކަންކަން ވެސް ފެނެ އެވެ.
4. ސްކޫލުގެ ނަތީޖާތަކަށް ބަދަލު އައުން
ކުރިން ވެސް ފާހަގަކުރި ގޮތަށް ސްކޫލަކީ ދަރިފުޅުގެ ހަޔާތުގައި ބޮޑު ބަޔެކެވެ. ދަރިފުޅު ސްޓްރެސްވާ ނަމަ ސްކޫލްގެ ޕާފޯމަންސަށް އޭގެ އަސަރު ފެނެ އެވެ. ފިލާވަޅުތަކަށް ސަމާލުކަންދޭންވާ މިންވަރަށް ސަމާލުކަން ދޭން އުނދަގޫވެ އެވެ.
ނުވަތަ މާ ގިނައިން ކެއުމާއި ބޭރަށް ދާން ބޭނުން ނުވުން ކަހަލަ ކަންކަން ހުންނާނެ އެވެ.
ސްޓްރެސް އިން އަރައިގަތުމަށް އެހީތެރިވާނީ ކިހިނެއް؟
-
ރޫޓިންތަކެއްގައި ކަންކަން ކުރަން ދަސްކޮށްދިނުމުން އޭގެ ފައިދާ ބޮޑުވާނެ އެވެ. އެހެންކަމުން ދަރިފުޅުގެ ދުވަސް ޝެޑިއުލްކޮށް ތަރުތީބުކުރާ އިރު އެއްގޮތަކަށް ކަންކަން ހުރުން މުހިއްމެވެ. މިސާލަކަށް ސްކޫލް މާހައުލަކީ ދަރިފުޅަށް އުނދަގޫ ތަނެއް ނަމަ ގެއަށް ގޮސް ހަމަޖެހިލާން ވަގުތުކޮޅެއް ލިބޭނެކަން ދަރިފުޅަށް ވަޒަންކޮށްލެވޭނެ އެވެ. އެކަމުން ހިތްހަމަޖެހުން ލިބޭނެ އެވެ. މިހާރު މާ ބޮޑު ރޫޓީންއެއް ނުވަތަ ޝެޑިއުލެއް ނޯންނަ ނަމަ ދަރިންނާ އެކު ވަގުތު ހޭދަކުރަން ވަގުތު ހުސްކުރާށެވެ.
-
ބައެއް ފަހަރަށް ކުދިންނަށް ބެލެނިވެރިން ގާތު ކޮންމެ ކޮންމެ ވާހަކައެއް ބުނަން އުނދަގޫވެ އެވެ. ބުނާކަށް ނުކެރެ އެވެ. ވާހަކަ ފަށާކަށް ނުކެރެ އެވެ. އެހެންކަމުން ކުދިންނާ އެކު ހޭދަކުރާ ވަގުތުގައި އެކުދިންނަށް ބޭނުންވާ ފުރިހަމަ ސަމާލުކަން ދީ ހަމަޖެހިލައިގެން ވާހަކަ ދައްކައިލެވޭނެ ފުރުސަތެއް ހޯދާށެވެ. ކޮންމެވެސް ކަމެއް ކުރާ ވަގުތު މި ވާހަކަ ދައްކަން ހަދާށެވެ. ބައެއް ކުދިންނަށް ހަތަރު ކަޅި ހަމަކޮށްގެން ބެލެނިވެރިންނާ ވާހަކަދައްކަން އުނދަގޫވެ އެވެ.
-
ކުދިންނަކީ ގިނަ ފަހަރަށް ބޭނުން ގޮތްގޮތަށް ކަންކަން ރާވާލުމުގެ އިހްތިޔާރު ލިބިފައިވާ ބައެއް ނޫނެވެ. އެހެންކަމުން ކަންކަން ކުރުމަށް އެކުދިން އަމިއްލައަށް އިހްތިޔާރު ކުރުމަށް ފުރުސަތު ދޭށެވެ. މިއީ ކުދިން ބާރުވެރިކުރުވާ ކަމެކެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވެސް ބޮޑުވެ އެވެ.
-
ހުނުމަކީ މީހާގެ ސްޓްރެސް އާއި ޓެންޝަން ފިލައިގެންދާ ކަމެކެވެ. އުފާވެރި މޫޑެއްގައި ހުންނަން ދަރިންނާ އެކު ހޭދަކުރާ ވަގުތު އިތުރުކުރާށެވެ. މަޖާ ފިލްމެއް ބެލުން، ޖޯކު ކިޔުން އަދި ކުޅުމުގެ ތެރެއިން ދަރިފުޅުގެ ސްޓްރެސް ފިލުވާލަން އެހީތެރިވެ އެވެ.
-
ސްޓްރެސްވާ ހާލަތްތަކުގައި ފުންކޮށް ނޭވާލާން ދަރިފުޅަށް ދަސްކޮށްދޭށެވެ. މިއީ ސްޓްރެސްއިން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފަސް ސިކުންތު ވަރު ވަންދެން ފުންކޮށް އެތެރެއަށް ނޭވާލާށެވެ. ދެ ސިކުންތު ހިފަހައްޓާލާފައި އަނެއްކާ ފަސް ސިކުންތު ވަން ދެން ނޭވާ ބޭރުކޮށްލަދޭން ދަސްކޮށްދޭށެވެ. މިއީ ދަރިފުޅު ސްޓްރެސްވާ ހާލަތްތަކުގައި ލުއި ގެނެސްދޭނެ ކަމެކެވެ.