އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާއިން ސަލާމަތްވި ހަމައެކަނި ދަތުރުވެރިޔާ ވިސްވާޝް ކުމާރު ރަމޭޝްގެ ކައިިރިއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޒިޔާރަތްކުރައްވަނީ

މަތިންދާބޯޓުގެ 11އޭ ގޮނޑި ރައްކާތެރިތަ؟ ތަޖުރިބާކާރުންގެ ވާހަކަ

އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި ހަމައެކަނި ދަތުރުވެރިޔާ އިނީ އިމަޖެންސީ ދޮރު ކައިރީގައި ހުރި 11އޭ ގޮނޑީގައި. އޭނާ ސަލާމަތްވުމަކީ އެތައް ބަޔަކަށް 'މުއުޖިޒާތެއް' ކަހަލަ ކަމެއް
14 ޖޫން 2025
1

އެއާ އިންޑިއާގެ ބޯޓެއް 242 މީހުންނާ އެކު އަހުމަދުއާބާދަށް ވެއްޓުނު ނުރައްކާތެރި ހާދިސާގައި ސަލާމަތްވީ އެންމެ މީހެކެވެ. އޭނާ އިނީ އެ ބޯޓުގެ އިމަޖެންސީ އެއް ދޮރާ ޖެހިގެން ހުރި 11އޭ ގޮނޑީގަ އެވެ.

މި އަޖައިބެއް ކަހަލަ ސަލާމަތްވުމާ އެކު ދުނިޔޭގެ ބައެއް ނޫސްތަކުން ސުރުހީ ޖެހީ '11އޭ ގޮނޑީގެ މުއުޖިޒާތް" މިހެންނެވެ. ގިނަ މީހުންގެ ނަޒަރުގައި 11އޭއަކީ، މަތިންދާބޯޓު ވެއްޓޭ ހާލަތުގައި ވަރަށް ރައްކާތެރި ގޮނޑިއެކެވެ. ނަމަވެސް ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރުންގެ ބަހަކީ "ނޫނެކޭ" އެވެ. މަތިންދާބޯޓެއް ވެއްޓޭ އިރު ވަކި ގޮނޑިއެއް ރައްކާތެރި ނުވާނެ ކަމެވެ.

"ވެއްޓޭ ބޯޓެއްގައި ތިބާ އިން ނަމަ އޭގެ މާނައަކީ ނަސީބު ވަޒަންކުރުމުގެ ހުރިހާ ކަމެއް ނިމުނީއޭ،" ނިއު ޔޯކް ޓައިމްސްއާ ވަހަކަދެއްކެވި އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އަދި ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރު ޖެފް ގުޒެޓީ ވިދާޅުވި އެވެ.

އާންމުކޮށް ގަބޫލުކުރެވިފައި އޮންނަނީ މަތިންދާބޯޓެއްގައި އެންމެ ރައްކާތެރިވާނީ ފަހަތްކޮޅު ކަމަށެވެ. ވެއްޓުން ކަހަލަ ކަމެއް ދިމާވިޔަސް ފުރަތަމަ ނުރައްކާ އޮންނާނީ ކުރީކޮޅަށް ކަމަށެވެ. ނަމަވެސް އެއީ ވެސް ކަން އޮތް ގޮތެއް ނޫނެވެ.

"ބޯޓު ވެއްޓިގެން ދިމާވެދާނެ އެއްވެސް ގޮތެއް ލަފައެއް ނުކުރެވޭނެ،" ގެޒެޓީ ވިދާޅުވި އެވެ.

އިންޑިއާގެ އަހުމަދުއާބާދަށް ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓު، އޭގެ ކުރިން ދަތުރެއްގައި

އެކި އެއާލައިންތަކުގެ މަތިންދާބޯޓުތަކުގައި ކަންކަން ހަމަޖެހިފައި ހުންނަނީ އެކި ގޮތަށެވެ. މިސާލަކަށް ވެއްޓުނު އެއާ އިންޑިއާގެ ބޯޓުގެ އިމަޖެންސީ އެއް ދޮރު ހުރީ ސަލާމަތްވި ވިސްވާޝް ކުމާރު ރަމޭޝް އިން 11އޭއާ ޖެހިގެން ބޯޓުގެ ވާތް ފަރާތުގަ އެވެ. ހާދިސާއެއް ދިމާވާއިރު ބައެއް ހާލަތްތަކުގައި އިމަޖެންސީ ދޮރާ ކައިރީގައި ތިބޭ ދަތުރުވެރިންނަށް ފަސޭހައިން ނުކުމެ އެވެ. ނަމަވެސް ރަމޭޝް ބުނި ގޮތުގައި ފާރެއްގައި ގޮސް ބޯޓުގެ ކަނާތް ފަރާތް ޖެހުނު އިރު އެ ފަރާތުގެ އިމަޖެންސީ ދޮރުން އެއްވެސް މީހަކަށް ނުނިކުމެވޭނެ އެވެ.

ގުޒެޓީ ވިދާޅުވި ގޮތުގައި އެއާ އިންޑިއާގެ ބޯޓަށް ދިމާވި ހާދިސާއަށް ބަލާއިރު ސަލާމަތްވާން އޮތީ ވަރަށް ނާދިރު ފުރުސަތެކެވެ.

އެހެން ތަޖުރިބާކާރެއް ކަމަށްވާ ޝޯން ޕްރުކްނިކީ ވިދާޅުވީ ރަމޭޝް ސަލާމަތްވީ ހަމައެކަނި ނަސީބުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއާ އިންޑިއާ ބޯޓު ވެއްޓުނު ގޮތަށް ބަލާއިރު ބޯޓުގެ ކުރީކޮޅުގައި އަދި ހާއްސަކޮށް ތެޔޮ ރައްކާކޮށްފައި ހުންނަ ހިސާބާ ކައިރީގައި ތިބޭ މީހުން ސަލާމަތްވުން ވަރަށް ދުރެވެ. ވެއްޓުނު ބޮއިން 787-8 މަރުކާގެ ބޯޓުގެ ތެޔޮ ޓޭންކް ހުންނަނީ ފިޔަގަނޑުގަ އެވެ. ރަމޭޝްގެ ގޮނޑި ހުރީ ފިޔަގަނޑާ ކައިރީގަ އެވެ.

ކޮންމެ ފަދަ ގޮތަކަށް ވެސް މީހަކު ސަލާމަތްވެދާނެ އެވެ. ބޯޓު ފުނޑުފުނޑުވި އިރު ރަމޭޝް އަމިއްލައަށް އެއިން ނުކުމެ ހިނގައިގަނެ އެވެ. ނުރައްކާތެރި އެއްވެސް އަނިޔާއެއް ނުލިބެ އެވެ.

އިނގިރޭސި ރައްޔިތެއް ކަމަށްވާ ރަމޭޝް ބުނި ގޮތުގައި ސަލާމަތްވީ ކިހިނެއްކަން އޭނާއަށް ވެސް ނޭނގެ އެވެ.

ބޯޓުގެ އެހެން ހިސާބެއްގައި އިން އޭނާގެ ދޮށީ ބޭބެ ވަނީ މަރުވެފަ އެވެ.

ކޮމެންޓް (1)

ޙަމްކޮ

18 ޖޫން 2025
ބޯޓުވެއްޓެންދާ ޙާލަތެއްގައި އެއްވެސް ގޮނޑިއެއް ރައްކާތެރިއެއް ނޫން. ކޮޮން ޔަގީންކަމެއްބާ އޮންނާނީ އެފަދަ ޙާލަތެއްގައި.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް