ކުޑަގިރި ޕިކްނިކް އައިލެންޑްގައި މީހަކު އަވީގައި ޖައްސާލައިގެން (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ސިއްހަތު

ވިޓަމިން ޑީ ހޯދަން ހަމައެކަނި އަވީގައި ޖެހުނަސް ނުވާނެ

ދިވެހިން ދަރިމައިވުމަށް އޮތް ސިއްހީ އެއް ހުރަހަކީ ހަށިގަނޑުގައި ވިޓަމިން ޑީ މަދުވުން
25 މޭ 2025

ހަށިގަނޑުގައި ވިޓަމިން ޑީ މަދު ނަމަ ތަފާތު އަލާމާތްތައް ފެނެ އެވެ. ވަރުބަލިވުން، މަސްތަކުގައި ބާރު ނެތުން، ކަށީގައި ރިއްސުން އަދި އަބަދު ބަލިވުން ހިމެނެ އެވެ.

ދަރިމައިވުމަށް ހުރި ސިއްހީ ހުރަސްތަކުގެ ތެރޭގައި ވިޓަމިން ޑީ މަދުވުން ހިމެނޭ ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ޔޫއެންއެފްޕީއޭ ގުޅިގެން މިފަހުން ހެދި ދިރާސާއަކުން ބުނެ އެވެ.

ދަރިމައިވުމާ ގުޅޭ ދިރާސާގެ ހޯދުންތައް އާއްމުކުރުމަށް އެމްއެންޔޫގެ މައި އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

ވިޓަމިން ޑީއާ މެދު ބައެއް ކަހަލަ ކުށްހީތައް މީހުން ގަބޫލު ކުރެ އެވެ. ވިޓަމިން ޑީ މަދު ނަމަ، އެންމެ އާއްމުކޮށް ބުނެ އުޅޭ އެއް ވާހަކައަކީ، އަވީގައި ޖެހޭށެވެ. އަވީގައި އުޅުމުން ވިޓަމިން ޑީ ހަށިގަނޑަށް ލިބޭނެ ކަމުގައި ބުނެ އެވެ.

 ނަމަވެސް، އަވީގައި ވަގުތު ހޭދަކުރިޔަސް ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ މަދުވުމަށް މެދުވެރިވާ ބައެއް ސަބަބުތައް އެބަހުއްޓެވެ.

ހަށިގަނޑުގެ ދުޅަހެޔޮކަން

ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ އުފެއްދުމަށް ލިވާ އަދި ކިޑްނީ މުހިއްމު ދައުރެއް އަދާ ކުރެ އެވެ. މި ދެ ގުނަވަން ދުޅަހެޔޮކޮށް ހުރުމުން ވިޓަމިން ޑީ އޭގެ އެކްޓިވް ފޯމަށް ބަދަލު ކުރުމަށް މަސައްކަތް ކުރެ އެވެ. ބައެއް ކަހަލަ ލިވާ އަދި ކިޑްނީ ބަލިތަކުގެ ސަބަބުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ޑީ އުފެއްދުން މަދުވެ، ދުޅަހެޔޮކޮށް މީހާ ހުންނަން ބޭނުންވާ ވަރަށް ވިޓަމިން ޑީއެއް ނުލިބެ އެވެ.

ކާނާއާ ގުޅުމެއް ވޭ

ވިޓަމިން ޑީ މަދު ނަމަ ދުޅަހެޔޮ ކަނާ މުހިއްމު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ވިޓަމިން ޑީ ހޯދޭނެ އެއް ގޮތަކީ އެ މާއްދާ ލިބޭ ކާނާ ކެއުމެވެ. ފެޓީ ފިޝް، ބިސް އަދި ފޯޓިފައިޑް ފުޑް އޭގެ ތެރޭގައި ހިމެނެ އެވެ.

ހަށިގަނޑަށް ފައިދާހުރި މާއްދާތައް ލިބިދޭ ކާނާ ނުކާ ނަމަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ޑީއެއް ނުލިބެ އެވެ. ބައެއް ދިވެހިންގެ ކެއުމުގެ ވައްޓަފާޅި ހުންނަނީ ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުގެ ބަދަލުގައި އެންމެ ފަސޭހަ ގޮތް އިހުތިޔާރުކުރާ ގޮތަށެވެ. ތައްޔާރީ އަދި ލުއިކާނާއަށް ބަރޯސާ މިންވަރު އިތުރެވެ.

އުމުރު

ނ. ކުޑަފަރީގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަ އެލްޑަލީ ކްލަބްގެ މެމްބަރުން ހަރަކާތެއްގައި ބައިވެރިވަނީ: އުމުރު މަތިވާ ވަރަކަށް އަވިން ހަށިގަނޑަށް ބޭނުންވާ ވިޓަމިންޑީ އުފައްދާ މިންވަރު ދަށްވޭ (ފޮޓޯ/ސާޖިއު)

އުމުރުން ދުވަސްވާ ވަރަކަށް އަވީގައި ޖެހިގެން ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ޑީ ހޯދުން އުނދަގޫވެ އެވެ. ސަބަބަކީ ގައިގެ ހަންގަނޑުގައި ހުންނަ ވިޓަމިން ޑީ އުފެއްދުމުގެ ބާރު ކެނޑުމެވެ. އެހެންކަމުން އުމުރުން ދުވަސްވީ ވަރަކަށް ހަށިގަނޑުގައި ވިޓަމިން ޑީ މަދު ނަމަ، އަވީގައި ހޭދަކުރާ ވަގުތު އިތުރުކުރުން މުހިއްމެވެ. ނުވަތަ ވިޓަމިން ޑީ ސަޕްލިމެންޓެއް ބޭނުން ކުރަންވެ އެވެ.

ސްކިން ޕިގްމެންޓޭޝަން

ހަމުގެ ކުލަ އަލި ނޫން ނަމަ ވިޓަމިން ޑީ އަވިން ހޯދަން އަވީގައި ޖެހެންވާ ވަގުތު އިތުރު ކުރަންވޭ (ދައުރު ފޮޓޯ/އަލީ ރަފީގް)

ހަންގަނޑުގެ ކުލަ އަލި ނޫން ނަމަ އޭގެ މާނައަކީ ހަށިގަނޑުގައި މެލަނިން މާއްދާ ގިނައީ އެވެ. މެލަނިން ގިނަ ނަމަ އިރުގެ ދޯދިތަކުން ވިޓަމިން ޑީ އުފެއްދުމަށް ބޭނުންވާ އަލްޓްރާ ވައިލެޓް ރޭސް ވަންނަ ވަރު މަދުވެ އެވެ. އެހެންކަމުން ހަމުން ވިޓަމިން ޑީ އުފައްދައިދޭ މިންވަރު މަދުވެ އެވެ.

ހަމުގެ ކުލަ އަލި ނޫން ނަމަ ހަމުގެ ކުލަ އަލި މީހަކަށް ވުރެ ގިނަ ވަގުތު އަވީގައި ވިޓަމިން ޑީ ހޯދުމަށް ހޭދަކުރަންވެ އެވެ.

ސަންސްކްރީން ބޭނުން ކުރުން

މާ ގިނައިން ސަންސްކްރީން ބޭނުން ކުރާ ނަމަ ވިޓަމިން ޑީ އުފެއްދުމަށް ހުރަސް އެޅޭ (ފޮޓޯ/އަމީން ފައިސަލް)

ސަންސްކްރީން ބޭނުން ކުރާ ނަމަ، ޔޫވީ ރޭޑިއޭޝަން ބްލޮކް ކުރެ އެވެ. ކުރިން ވެސް ބުނި ގޮތަށް މިއީ ވިޓަމިން ޑީ އުފެއްދުމަށް މުހިއްމު އެެއްޗެކެވެ. ސަންސްކްރީން އަކީ ހަންގަނޑު އެދުމާއި ހަމުގެ ކެންސަރުން ދުރުކޮށްދޭ އެއްޗަކަށްވީ ނަމަވެސް ގިނަ ވަގުތު ސަންސްކްރީން އުނގުޅައިގެން އުޅޭ ނަމަ ވިޓަމިން ޑީ އުފެއްދުމަށް ހުރަސް އެޅެ އެވެ.

އެހެން ބައެއް ކަންކަން

  • އާދަޔާހިލާފަށް ހަށިގަނޑުގެ ބަރުދަން އިތުރުވެ ފަލަވުމަކީ ވިޓަމިން ޑީ މަދުވުމަށް އޮންނަ ރިސްކް އިތުުރުވާ ކަމެކެވެ.

  • ބައެއް ކަހަލަ ބޭހާއި މެޓަބޮލިޒަމް ކޮންޑިޝަންތަކުގެ ސަބަބުން ހަށިގަނޑަށް ވިޓަމިން ޑީ އެބްޒޯބް ކުރުން މަދުވެ އެވެ.

  • އަވީގައި ނުޖެހި ގިނަ ވަގުތު ގޭގައި ހޭދަ ކުރާ ނަމަ ވިޓަމިން ޑީ މަދުވުމަށް މެދުވެރިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް