ބޮލީވުޑްގެ މަޝްހޫރު ފިލްމް 'އޯމް ޝާންތީ އޯމް'ގެ މަންޒަރެއް ގިބްލީ ސްޓައިލަށް ހަދާފައި

ލިވިން

ޗެޓްޖީޕީޓީން ސްޓޫޑިއޯ ގިބްލީ ސްޓައިލަށް ފޮޓޯ ހެދުމުގެ އީދެއް

ޗެޓްޖީޕީޓީގެ އިމޭޖް ޖެނެރޭޝަން ޓޫލް ދޫކޮށްލުމާ އެކު ބޮޑު ތަރުހީބެއް ވަނީ ލިބިފައި
2 އޭޕްރީލު 2025

މުޅި ސޯޝަލް މީޑީއާ މި ދުވަސްކޮޅު ފުރިފައި އޮތީ ގިބްލީ އާޓް އިންނެވެ. ޗެޓްޖީޕީޓީގެ އެހީއާ އެކު ބޭނުން ފޮޓޯގަނޑެއް ސްޓޫޑިއޯ ގިބްލީ ސްޓައިލަށް ބަދަލުކޮށްލުމަށް މި އޮތީ އީދެއް އައިސްފަ އެވެ. 

ސްޓޫޑިއޯ ގިބްލީ އަކީ ޖަޕާނުގެ ފިލްމް އުފެއްދުންތެރިޔާ ހަޔާއޯ މިޔަޒާކީ 1985 ވަނަ އަހަރު އުފެއްދި އެނިމޭޝަން ސްޓޫޑިއޯ އެވެ. ސްޓޫޑިއޯ ގިބްލީގެ ކާޓޫންތައް މަޝްހޫރުކަން ހޯދާފައިވަނީ ހިތްގައިމު އެނިމޭޝަންތަކުންނެވެ.

ސްޓޫޑިއޯ ގިބްލީގެ ކޯ ފައުންޑާ ހަޔާއޯ މިޔަޒާކީ

އޯޕަންއޭއައި އިން މިފަހުން އިމޭޖް-ޖެނެރޭޝަން ޓޫލެއް ދޫކޮށްލުމާ އެކު ޗެޓްޖީޕީޓީ މެދުވެރިކޮށް ގިބްލީ ސްޓައިލަށް ފޮޓޯ އެޑިޓް ކުރުމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ގޫގުލް ޓްރެންޑްގެ ޑޭޓާތަކުން ދައްކާ ގޮތުގައި މި ޓްރެންޑް އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގަ އެވެ. އެންމެ ކުރީގައި އުޅެނީ ބަންގްލަދޭޝް އެވެ. އެއަށް ފަހު އިންޑިއާ އެވެ.

މި ކަމާ މެދު އާޓަށް ލޯބިކުރާ ބައެއް މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެ މީހުން ބުނާ ގޮތުގައި މިއީ އޯޕަންއޭއައި އިން ސްޓޫޑިއޯ ގިބްލީގެ ފިކުރީ މުދަލަށް އަރައިގަތުމެވެ.

އަދި ބައެއް މީހުން ބުނާ ގޮތުގައި މިއީ ސްޓޫޑިއޯ ގިބްލީގެ މަސައްކަތަށް އިހްތިރާމް ކުޑަ ކުރުމެވެ.

މި ޓްރެންޑް މިހާރު ބޮލީވުޑްގެ ތަރިން ވެސް އަންނަނީ ބޭނުން ކުރަމުންނެވެ. އެގޮތުން އަމީތާބު ބައްޗަން ވަނީ އޭނާގެ ފޭނުންނާ ބައްދަލުކުރާ މަންޒަރު ގިބްލީ ސްޓައިލަށް އޭއައި މެދުވެރިކޮށް ހަދައި ޝާއިއުކޮށްފަ އެވެ.

ސްޓޫޑިއޯ ގިބްލީ ސްޓައިލަށް ބޮލީވުޑް ލެޖެންޑް އަމީތާބު ބައްޗަން ހަދާފައިވާ ފޮޓޯއެއް

ހިތްގައިމު މި ސްޓައިލަށް ބޮލީވުޑްގެ ފިލްމްތަކުގެ އައިކޮނިކް މަންޒަރުތައް ވެސް ގެނެސްދީފައިވެ އެވެ. ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އާއި ޝާހު ރުކް ހާންގެ ރެޑް ޗިލީސް އެންޓަޓައިންމަންޓުން ވަނީ މި ޓްރެންޑްގައި ބައިވެރިވެފަ އެވެ.

ސްޓޫޑިއޯ ގިބްލީ ސްޓައިލަށް ބޮލީވުޑް ފިލްމުތަކުގެ މަޝްހޫރު މަންޒަރުތައް ވެސް ހަދާފައިވޭ

ދިވެހިންގެ ގިނަ ބަޔަކު ވެސް އަންނަނީ އެ މީހުންގެ ފޮޓޯތައް މިގޮތަށް ޗެޓްޖީޕީޓީ މެދުވެރިކޮށް ހަދަމުންނެވެ.

ދިވެހި އެއް އާޓިސްޓަކު ބުނި ގޮތުގައި އޭނާއަކީ ވެސް ސްޓޫޑިއޯ ގިބްލީގެ ބޮޑު ފޭނެކެވެ. މިގޮތަށް އަމިއްލަ ބޭނުމަށް އޭއައި މެދުވެރިކޮށް ފޮޓޯގަނޑެއް ހަދާލުމަކީ މައްސަލައެއް ކަމަކަށް އޭނާ ނުދެކެ އެވެ. 

"އެއިން ވާހަކަ ފޮތް ހަދާ، ފިލްމް ހަދައިގެން ވިޔަފާރި ނަފާއެއް ހޯދަނީއެއް ނޫން. އެހެންވެ އެއީ ދެން އެހާ ގޯސް ކަމެއް ކަމަކަށް ނުދެކެން،" މެދު އުމުރުގެ އާޓިސްޓް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް