އީދުގެ ކުޅިވަރުތައް ބަލަން އައި އެތައް ބަޔަކު ހުޅުމާލޭގެ ބައެއް ރެސްޓޯރެންޓް/ކެފޭތަކުން ޖާގައެއް ހޯދަން ގިނަ ވަގުތުތަކެއް ހޭދަކުރި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކުޑަ އީދު 2025

އީދުގެ އުފަލުގައި ޖަމާވި މީހުންތަކުން ހުޅުމާލެ ފުރުނު ރެއެއް

އިއްޔެ ހަވީރު 4:00 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިޔަ ކުޅިވަރުތަކާއި ހަވާއެރުވުން ފަދަ ކަންކަން ބަލަން އެތައް ހާސް ބަޔަކު ޒިޔާރަތްކުރި
31 މާރިޗު 2025
4

މާލެ ސަރަހައްދުގައި އޮތް އެންމެ ރީތި އަދި އެންމެ ބޮޑު ޕާކް، ހުޅުމާލޭ ސެންޓްރަލް ޕާކަށް ދޭތެރެ ދޭތެރެއިން އަންނަ ފޯރިގަނޑުގައި ރެއަކީ ވެސް ބޮޑު ރެއެކެވެ. ފިތުރު އީދު ނުވަތަ ކުޑަ އީދު ފާހަގަކުރަން އިއްޔެ ހަވީރު 4:00 އިން ފެށިގެން އެ ޕާކްގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ.

އޭގެ ނަތީޖާއަކީ ރޭ ވަރަށް ދަންވަންދެން ވެސް ހުޅުމާލޭގައި ވެހިކަލްތައް ގިނަވުމާއި ރެސްޓޯރެންޓް/ކެފޭތައް ފުރި ބަންޑުންވުމެވެ.

މުސްލިމުންގެ ދެ އީދު ވެސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރެ އެވެ. ހާއްސަކޮށް މި ސަރުކާރުގެ އެއް ސިޔާސަތުގެ ތެރޭގައި ދެ އީދު ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާތީ މާލެ ސަރަހައްދުގެ މަގުތަކާއި ޕާކްތައް އޮންނަނީ ކުލަ ބޮކިތަކުން ދިއްލައިފަ އެވެ.

އެޗުޑީސީން ސެންޓްރަލް ޕާކަށް ވެސް އެ ރީތިކަން ގެނަ އެވެ. އެކި ޑިޒައިންތަކުގެ ދިއްލުންތަކުން ޕާކަށް ކުލަކުލައިގެ ދިރުން އައުމުގެ ކުރިން ހަވީރު އޮތީ ކުޑަކުދިންނަށް އެކި ކުޅިވަރުތަކެވެ. ބައެއް އާންމުން ކުދިކުދި ހަދިޔާ ވެސް ބަހަމުން ގެންދިޔަ އެވެ.

ހުޅުމާލޭގެ މަގެއްގައި ޓްރެކްފިކް ތާށިވެފައި: މާލެއިން އެތައް ހާސް ބަޔަކު އިއްޔެ ހަވީރާއި ރޭގަނޑު ހުޅުމާލެއަށް ޒިޔާރަތްކުރި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެއްވި ގިނަ މީހުންގެ އަދަދު އެތައް ހާހަކުން އިތުރުވީ ރޭ އޮތް ޑްރޯން ޝޯ އާއި 9 ޖެހުމާ އެކު ތިން މިނިޓަށް ކުރިއަށް ގެންދިޔަ ހަވާއެރުވުން ބަލާށެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ އާއިލާތައް މިސްރާބު ޖެހީ ރޭގަނޑުގެ ކެއުމަށެވެ. އަނެއް ބަޔަކު މާލެ ދިއުމަށެވެ. އެހާ ހިސާބުން ހުޅުމާލޭގެ ބޮޑެތި މަގުތައް ފުރި، ޓްރެފިކަށް ބުރޫއެރި އެވެ.

ހުޅުމާލޭގެ ގިނަ ރެސްޓޯރެންޓްތަކުން ރޭ ޖާގަ ހޯދަން ވަރަށް އުނދަގޫވި އެވެ. މަޝްހޫރު ބައެއް ރެސްޓޯރެންޓްތަކުން މޭޒެއް ހޯދަން އެތައް އިރެއް، ބައެއް މީހުން ހޭދަކުރި އެވެ. އަނެއް ބަޔަކު މަސައްކަތްކުރީ ހަމަޖެހިލައިގެން ތިބެވެންޏާ ކޮންމެ ތަނެއް ވެސް ފުދޭކަމަށް ބަލައިގެން، ޖާގައެއް އޮތް ތަނެއްގައި އިށީނދެލާށެވެ.

ހުޅުމާލޭގެ މަޝްހޫރު ރެސްޓޯރަންޓް/ކެފޭތަކަށް ރެއަކީ ތޮއްޖެހުން ބޮޑު ރެއެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މިކަހަލަ ދުވަހެއްގައި އަބަދުވެސް އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނީ މާލެ ދާނެ ކާރެއް ހޯދާށެވެ. ރޭ 12 ޖެހިއިރު ވެސް ވަރަށް ގިނަ ބަޔަކު ތިބީ ކާރެއް އަތުނުޖެހި، މަގުމަތީގެ އެކި ހިސާބުތަކުގައި އަތް އުފުލައުފުލަ އެވެ. ޓެކްސީގެ އެޕްތަކުންނާއި ޓެކްސީ ސެންޓަރުތަކަށް ގުޅައިގެން ވެސް ވެހިކަލެއް ނުލިބުމުން، ދެން އޮންނާނީ މަގުމަތިން ހުސް ކާރެއް ލިބޭތޯ އިންތިޒާރުކުރުމެވެ.

މިއީ މިކަހަލަ އުފާވެރި، ހަރަކާތްތައް ގިނަ ދުވަސްދުވަހު ހުޅުމާލެއަށް އަންނަ ފޯރިއެކެވެ. ޔަގީނުން ވެސް ރޭ ވާނީ ހުޅުމާލޭގެ ރެސްޓޯރެންޓް/ކެފޭތަކަށް މި ފަހުން އެންމެ ވިޔަފާރި ރަނގަޅުވި ރެއަށެވެ.

ރެސްޓޯރެންޓް/ކެފޭތަކުގެ އެތެރެއިން ޖާގަ ލިބޭ ވަރަކަށް މީހުން ދިޔައީ ވަންނަމުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އީދު ބަންދު މި ހަފުތާއަށް ދެމިގެންދާނެތީ އަދިވެސް ހުޅުމާލެއަށް ރޭގަނޑު ކުރިއަށް ވުރެ ބާރު ބޮޑުވާނެ ކަމަށް ބެލެވެ އެވެ. މާލޭގައި ދިރިއުޅޭ އެތައް ބަޔަކު މިކަހަލަ ޗުއްޓީތަކުގައި އާއިލާއާ އެކު ހަވީރާއި ރޭގަނޑު ހުޅުމާލޭގެ ހިތްގައިމު ސަރަހައްދުތަކުގައި ހޭދަކޮށްލަން ސަމާލުކަން ދެ އެވެ. އެހެންކަމުން ރެސްޓޯރެންޓް/ކެފޭގެ ވިޔަފާރިތަކަށް އާންމު ދުވަސްތަކަށް ވުރެ ބޮޑު ތޮއްޖެހުންތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް (4)

މީހާ

31 މާރިޗު 2025
ތަން ފުރުނުއިރު މާލެއިންދެ ދެވޭނެ ގޮތެއް އާދެވޭނެ ގޮތެއްނެތް. ބަސްތަކުން ޖާގައެއް ލިބެނީކީނޫން. ޓެކްސީ ޑްރައިވަރުން ޓެކްސީތައް ޕާކުކޮށްފަ ޗުއްޓީގަ. ކޮންމެ ކަމެއް ސެންޓްރަލްޕާކަށް ކޮއްޕާއިރު އެންމެންނަކިީ ހުޅުމާލޭގަ އުޅޭމީހުން ނޫންކަން އެނގެންޖެހޭނެ. މިހާރު މިކަންވެސް މުސީބާތަކަށް ވެއްޖެ.
9 4

ދިވެހިންގަނޑު

31 މާރިޗު 2025
ކަރަންޓް ބިލް ދައްކަންވީމަ ލާރިއެއް ނެތޯ ކިޔާ ހަޅޭލަވާނެ. ފޮނި ކަނޑާފަ ސްޓޯރީއަށްލާއިރު ހީވަނީ ލާރި ބޯކޮށް ފައިބާހެން
13 0

އީމް

31 މާރިޗު 2025
ކާރެއް ހޯދަންވިއްޔާ، އަންގާލަބަލަ. ވަގުތުން ކާރެއް ހަމަޖައްސަދޭނަން.
2 0

ހަމްދޫން

31 މާރިޗު 2025
ތިބުނީ ހަމަހެޔޮކޮށް. ރޭގަހަމަ ކާރުކުރިއަށްނުގޮސް އެތައްއިރަކު އިންނަންޖެހުނުއިރު، ސައިކަލުތައްވެސް އުޅުނީ ހަމަ އެހާލެއްގަ. އަދި ކޮބާ، ވަންނަމުންގޮސް، ހަވަނަ ރެސްޓޯރަންޓަށްވަދެ ކިޔުގަޖެހިގެން ޖާގައެއްލިބުނީ.
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް