ސިއްހަތު

ފެން ފުޅީގައި އެ އޮތީ ހުސް ޖަރާސީމު، އަވަހަށް ސާފުކޮށްލާ

ފެން ކޯވަރެއް ބޯލާ ކޮންމެ ފަހަރަކު ފެން ފުޅިއަށް އެ ވަދެގަންނަނީ އެތައް ޖަރާސީމެއް. އިރުކޮޅެއްގެ ތެރޭގައި ފެން ފުޅީގައި އޭގެ އާބާދީ ގިނަކޮށްލާ
24 މާރިޗު 2025
1

މިހާރު މިއީ ފެން ފުޅި ހިފައިގެން އުޅޭ ޒަމާނެވެ. އެއް ފަހަރު ބޭނުންކޮށްފައި އެއްލާލައި ޕްލާސްޓިކުން ސަލާމަތްވާން ތަފާތު ވައްތަރުގެ ފެން ފުޅި ނުވަތަ ފެން އަޅާ އެއްޗެހި ގެންގުޅެ އެވެ.

އެކަަމަކު އަހަރެމެންގެ ގިނަ މީހުންނަށް ނޭނގެނީ އެ އެއްޗެހި ސާފުތާރިހުކޮށް ބަހައްޓަން ކުރަން ޖެހޭ މަސައްކަތެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ތުން ޖަހައިގެން ފެން ކޯވަރެއް ބޯލާ ކޮންމެ ފަހަރަކު ފުޅި ތެރެއަށް އެ ދޫކޮށްލެވެނީ ޖަރާސީމެވެ. އެންމެ ދުވަހެއްގެ ތެރޭގައި އެ ޖަރާސީމުގެ އާބާދީ އެތައް މިލިއަނަކަށް އިތުރުކޮށްލަ އެވެ.

ކާލް ބެންކީ ވަނީ އޭނާގެ ފެން ފުޅިއަށް ވާ ގޮތް ރަނގަޅަށް ބަލައިފަ އެވެ. އެގޮތުން އޭގެ ތެރެއަށް ޓިޝޫތަކެއް ކޮއްޕާފައި ނެގުމުން ދެން ފެންނަނީ ފުޅިއަށް ވެފައި އޮންނަ ވަރެވެ.

"އެ ތުވާލިކޮޅު އޭގެ ތެރެއަށް ކޮއްޕާލި އިރު އެއީ ސާފު ހުދު ފޮތިކޮޅެއް،" އެމެރިކާގެ އިންޑިއާނާގައި ހުންނަ ޔުނިވަސިޓީއެއްގެ ކާނާގެ ރައްކާތެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބުންޏެވެ.

ސަޕްލައި ފެނަކީ އޭގައި ޖަރާސީމު އުފެދުން މުޅިން ހުއްޓުވޭ ބާވަތެއް ނޫން

"އޭގެ އެތެރޭގައި އެ ހުންނަ ލޮނދިކަމަކީ އެ ފުޅި އުފައްދާފައި ހުރި ބާވަތެއްގެ ސަބަބުން އުފެދޭ ލޮނދިކަމެއް ނޫން. އެކަމަކު އެއީ ޖަރާސީމުތައް ގިނަވެގަތުމުން އަންނަ ބަދަލެއް."

އޭނާ އާއި އޭނާގެ މަސައްކަތުގެ އެހެން ބައިވެރިން އެކުވެގެން ދެން ފެށީ ދިރާސާއެކެވެ. އެގޮތުން ޔުނިވަސިޓީގެ ބޭރުން ދާ މީހުންގެ ތެރެއިން ބައެއް މީހުންގެ ފެން ފުޅި، ދިރާސާގެ ބޭނުމަށް، އަތުލި އެވެ.

ބެންކީ ބުނި ގޮތުގައި ފެން ފުޅި ދިން މީހުންގެ ތެރެއިން ގިނަ ބަޔަކު އެ ދިރާސާގެ ނަތީޖާ ބަލާކަށް ވެސް ބޭނުމެއް ނުވެ އެވެ. އެއީ އެ ފުޅިތައް ސާފުކޮށް ނުގެންގުޅެވޭކަން އެމީހުންނަށް ގަބޫލުކުރެވޭތީ ކަމަށް އޭނާ ދެކެ އެވެ.

"ނަތީޖާއިން ކަށަވަރުވީ އެ ފެންފުޅިތައް ވަނީ ޖަރާސީމުން ފުރިފައިކަން،" ބެންކީ ބުންޏެވެ.

އަލުން ބޭނުންކުރެވޭ ގޮތަށް އުފައްދާ ފެން ފުޅީގެ މާރުކޭޓްގެ އަގު މިދިއަ އަހަރު ހުރީ 10 ބިލިއަން ޑޮލަރު (154 ބިލިއަން ރުފިޔާ)ގަ އެވެ. އެހެންކަމުން ގިނަ ބަޔަކު ފެން ފުޅި ގެންގުޅޭކަން އެނގެ އެވެ

ފުޅީގައި އެ އަށަގަންނަނީ ކޮން ޖަރާސީމެއް؟

އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ލެސްޓާގެ އެސޯސިއޭޓް ޕްރޮފެސަރު ޕްރިމްރޯސް ފްރީސްޓޯން ބުނީ އާންމުކޮށް ގޭގޭގައި ހުންނަ ސަޕްލައި ފެނަކީ އޭގައި ޖަރާސީމު އަށަގަތުން މުޅިން ހުއްޓުވޭ ފެންވަރުގެ ފެނެއް ނޫން ކަމަށެވެ.

އޭނާ ބުނި ގޮތުގައި އިންސާނުންނަށް ބަލިޖައްސާ ފެންވަރުގެ ޖަރާސީމު 37 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުކަމުގައި ވަރަށް ބޮޑަށް އަށަގަންނާނެ އެވެ. އޭގެ އިތުރުން ގޭތެރޭގެ ފިނިހޫނުމިން 20 ޑިގްރީ ސެލްސިއަސްގައި ހުއްޓަސް އެފަދަ ޖަރާސީމު އިތުރުވާނެ ކަމަށް އޭނާ ބުންޏެވެ.

"ގޭގެ އާންމު ފިނިހޫނުމިނުގައި ގިނަ އިރު ފެން ފުޅީގައި ފެން ބެހެއްޓުމަކީ ޖަރާސީމު އުފެދޭނެ ކަމެއް،" ފްރީސްޓޯން ބުންޏެވެ.

ސިންގަޕޫރުގައި އެހެން ދިރާސާއެއް ހެދި އެވެ. އޭގެ ނަތީޖާއިން ތިބާ ހައިރާންވެދާނެ އެވެ. ފެން ފުޅިއަށް އެޅީ ސަަޕްލައި ފެން ކައްކައިގެންނެވެ. އެކަމަކު ދިރާސާއިން ސާބިތުވީ މުޅި ދުވަހު ފެން ފުޅި ބޭނުންކުރާ ނަމަ ވަރަށް އަވަހަށް ޖަރާސީމު ގިނަވާކަމެވެ.

ޖިމްއަށް ދާއިރު ފެން ފުޅި ގެންދިއުމަކީ އާންމު ކަމެއް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބޮޑެތި މީހުން ބޭނުންކުރި ފެން ފުޅިތަކުގައި ހެނދުނު އާންމުކޮށް ކޮންމެ މިލިލީޓަރަކަށް 75،000 ޖަރާސީމު އުފެދޭ އިރު 24 ގަޑިއިރު ތެރޭގައި އެ މިންވަރު ކޮންމެ މިލިލީޓަރަކަށް 1-2 މިލިއަން ޖަރާސީމަށް އިތުރުވެ އެވެ.

ޖަރާސީމުން ރައްކާތެރިވާން އެންމެ ރަނގަޅު އެއް ގޮތަކީ ފެން ފުޅި ބޭނުންނުކުރާ ވަގުތުތަކުގައި އައިސްއަލަމާރި ތެރޭގައި ބެހެއްޓުމެވެ. އެކަމަކު އެއީ ވެސް ޖަރާސީމުން މުޅިން ސަލާމަތްވެވޭ ކަމެއް ނޫނެވެ.

ފެން ފުޅީގައި ޖަރާސީމު އުފެދުމުގެ އެއް ސަަބަބަކަށް ބޭނުންކުރާ ފެން ވިޔަސް އެންމެ އާންމުކޮށް އެކަން ދިމާވަނީ އަހަރެމެން އެ ފެން ފުޅި ގެންގުޅޭ ގޮތުންނެވެ. އޮފީހަށް، ޖިމްއަށް އަދި އަހަރެމެން ދާ ހުރިހާ ތަނަކަށް ބައެއް ފަހަރު ފެން ފުޅި ގެންދެ އެވެ. އޭގެ ސަބަބުން ފުޅީގެ ބޭރަށް ވެސް ޖަރާސީމު އަަރަ އެވެ. ދެން އަހަރެމެން ފެން ބޯ ކޮންމެ ފަހަރަކު އަހަރެމެންގެ އަނގަ ތެރެއިން ވެސް އެތައް ޖަރާސީމެއް ފުޅިއަށް ވަދެ އެވެ.

ފްރީސްޓޯން ބުނި ގޮތުގައި އާންމުކޮށް މީހުންގެ އަނގަ ތެރޭގައި 500 އާއި 600އާ ދެމެދުގެ ތަފާތު ވައްތަރުގެ ޖަރާސީމު އުޅެ އެވެ.

އަހަރެމެން ޖިމްއަށް ދާއިރު ނޫނީ ކަސްރަތަށް ދާއިރު ބައެއް ފަހަރަށް އެހެން ކަހަލަ  ބުއިންތައް ވެސް ފުޅިއަށް އަޅަ އެވެ. މިސާލަކަށް ޕްރޮޓީން ޝޭކް އެވެ. ހަކުރު ހިމެނޭ ކޮންމެ ކަހަލަ ބުއިމެއްގެ ތެރޭގައި ވެސް ޖަރާސީމު އަށަގަތުން ފަސޭހަވާނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަމައެކަނި ފެން އަޅާ ފުޅިތަކަށް ވުރެ ސައި، ކޮފީ ނުވަތަ ޖޫސް ބޭނުންކުރާ ފުޅިތަކުގައި މާ ބޮޑަށް ޖަރާސީމު ހިމެނެ އެވެ.

ކިތައްމެ ބޮޑަށް ސާފުކުރިޔަސް ޖަރާސީމުތަކުން ދުރެއްނުވެ އެވެ. ނަމަވެސް ތަޖުރިބާރުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު ރަނގަޅަށް ފުޅި ސާފުކުރާ ނަމަ ޖަރަސީމު އުފެދުން ކޮންޓްރޯލްކުރެވޭނެ އެވެ.

ފެން ފުޅި ސާފުކުރެވޭނެ ގޮތްތައް

  • ހޫނު ފެނުން ފުޅި ރަނގަޅަށް ދޮވުން

  • ތަށި ދޮންނަން ބޭނުންކުރާ އެއްޗަކުން ރަނގަޅަށް ސާފުކޮށްފައި 10 ވަރަކަށް މިނިޓް ބަހައްޓާފައި ހޫނު ފެނުން ދޮވެލުން

  • ރަނގަޅަށް ހިކެންދެން ބެހެއްޓުން

  • ފެން ފުޅީގައި އަތްލުމުގެ ކުރިން އަތް ދޮވުން

ކޮމެންޓް (1)

ހަމްދު

24 މާރިޗު 2025
އޯކޭ! ނޯޓެޑް. ގިނަ މައުލޫމާތުތަކެއް މިބިއްޖެ. ދެން ގިނަގިނައިން ސާފުކުރާނަން. ޝުކުރިއްޔާ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް