ކަރަން ޖޯހަރު، މިއަދު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީން ނުކުންނަނީ

ބޮލީވުޑް

ކަރަން ޖޯހަރު ޗުއްޓީ ހޭދަކުރަން ރާއްޖެއަށް

ކަރަން މި ފަހުން މާ ބޮޑަށް ހިކުމުން އޭނާގެ ސިއްހީ މައްސަލައެއް އުޅެނީތޯ ވެސް ސުވާލު އުފެދުނު. އެކަމަކު އޭނާ ބުނީ އެއީ ސިއްހީ ގޮތުން ރަނގަޅަށް ހުންނަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް
19 މާރިޗު 2025

އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ޗުއްޓީގައި ރާއްޖެއަށް މިއަދު އަތުވެއްޖެ އެވެ.

ވީއައިއޭގެ ވީއައިޕީން އޭނާ ނުކުމެ، ލޯންޗަށް އަރަން ދާ މަންޒަރުގެ ފޮޓޯތަކެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

ކަރަން ރާއްޖެ މި އައީ އޭނާގެ ހަށިގަނޑުން މި ފަހުން ފެނުނު ކުއްލި ބޮޑު ބަދަލާ އެކު އިންޑިއާގެ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުރިފައި އޮއްވަ އެވެ. މާ ބޮޑަށް ހިކުމުގެ ސިއްރަކީ ކެންސަރު ކަހަލަ ބައްޔެއް ޖެހުން ކަމަށް ވެސް، ބައެއް މީހުން ލަފާކުރި އެވެ.

ކަރަން ޖޯހަރު ލޯންޗަށް އަރަން ދަނީ

ނަމަވެސް މި މަހު ކުރީކޮޅު އޮތް އެވޯޑް ހަފުލާއަކަށް ހާޒިރުވުމުން ނޫސްވެރިން ކުރި ސުވާލުތަކަށް އޭނާ ދިން ޖަވާބުން އެނގުނީ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމެވެ. އޭގެ ބަދަލުގައި ހަށިގަނޑު ލުއިކުރީ ރަނގަޅު ސިއްހަތެއްގައި ހުންނަން އޭނާ ދެމުން އަންނަ ސަމާލުކަމުގެ ސަބަބުން ކަން ވެސް، ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

"މިއީ ރަނގަޅު ސިއްހަތެއްގައި ހުރުން. ރަނގަޅަށް ކެއުން، ކަސްރަތުކުރުން. އެއީ އެންމެ ރަނގަޅު ސިފައެއްގައި ހުންނަން ކުރާ މަސައްކަތް،" އުމުރުން 52 އަހަރުގެ ކަރަން ބުންޏެވެ.

ހިކެން އޭނާ ގެންގުޅުނު އުސޫލުތަކަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ 'އޭރުން އަހަރެންގެ ސިއްރު އެނގޭނެ' ކަމަށެވެ. އެހެންކަމުން ތަފުސީލަކަށް އޭނާ ނުދެ އެވެ.

ރާއްޖެއަކީ އިންޑިއާގެ ފިލްމީ ދާއިރާގެ ފަންނާނުންގެ މެދުގައި މަޝްހޫރު މަންޒިލެކެވެ.

ކަރަންއާ އެކު ފިލްމީ ދާއިރާގެ އެހެން މީހަކު އައިކަން ފޮޓޯތަކުން ނުފެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް