ސްޓެލްކޯގެ މައި އިމާރާތާ ޖެހިގެން އޮތް ބިމުގެ ބޭރު ފާރުގައި ގަސް އިންދާފައި (ފޮޓޯ/ދައުރު)
ރީއްޗެވެ. ނަލަ އެވެ. މިހާރު ވެސް ސްޓެލްކޯގެ އެއް އިމާރާތުގެ ފާރު އެއްކޮޅުން އަނެއް ކޮޅަށް އެ އޮތީ ގަސް އިންދައިފަ އެވެ.
ސްޓެލްކޯގެ މައި އިންޖީނުގެ ހިމެނޭ ބިމުގެ ބޮޑުތަކުރުފާނު މަގަށް އޮތް ބައިގައި ވެސް އެ ކުންފުނީގެ މުވައްޒަފުން އަންނަނީ ރަތް ކަނދޮޅު އިންދަމުންނެވެ. މިއީ ފެއްސާއި ދަނބު ކުލައިގެ ދިގު ފަތްތަކެއް ހިމެނޭ އަދި ވަރަށް ބޯކޮށް ހެދޭ ބާވަތެކެވެ.
އެންމެ ފުރަތަމަ ސްޓެލްކޯއިން ރީތިކޮށްލީ ފަތާ ޓްރެކް ކައިރީގައި ހުންނަ ޕެޑްރޯލް ޝެޑާ ޖެހިގެން އޮންނަ ސްޓެލްކޯ ކޮށީގެ މަގު މަތީ ފާރެވެ. ދޮންއަދަރާދަ ހިނގުމަށް ވާ ގޮތަށް ހުރި މި ފާރުގެ އެއް ކޮޅުން އަނެއްކޮޅަށް ވަނީ ގަސް އިންދައިފަ އެވެ.
މިހާރު މަސައްކަތް ކުރަމުން އަންނަނީ ބޮޑުތަކުުރުފާނު މަގަށް ހުރި ސްޓެލްކޯގެ ބޮޑު ފާރުގައި ގަސް އިންދާށެވެ. އެގޮތުން ގަސް ވަށިގަނޑުތައް ހަރުކޮށް ނިމޭ ވަރަކުން އެއަށް ގަސްކާނާ އަޅައި، ރަތް ކަނދޮޅު އިންދުމުގައި، ބައެއް މުވައްޒަފުން ފެންނަނީ ވަރަށް ބުރަކޮށް އުޅޭތަނެވެ.
މިކަހަލަ ރީތި މަންޒަރުތައް ވަރަށް އަވަހަށް ސޯޝަލް މީޑިއާގައި ވައިރަލްވާނެ އެވެ. އެހެންކަމުން އެ ބޮޑު ފާރުގައި ރަތް ކަނދޮޅު ހަރުކޮށް ނިމި، އާރާކޮށް އައިސް މުޅި ފާރު ފޮރުވުމާ އެކު އެ ފެންނަ ރީތިކަމުގެ ތެރޭގައި އެތައް ބަޔަކު ފޮޓޯ ނަގައި، ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ގެންދާނެ އެވެ.
ލޮލަށް ފެންނަ މިފަދަ ރީތިކަމަކުން ވެސް ހިތްހަމަޖެހުން ގެނެސްދޭނެ އެވެ. ސްޓެލްކޯގެ މި މަސައްކަތުން މިހާރު ވެސް އުފައްދައިދެނީ ވަރަށް ހިތްގައިމު މަންޒަރެކެވެ.
ކޮމެންޓް (2)
ހޫން
ހަމްދޫން