ޖަޕާންގައި އިއްޔެ އޮތް މަހުގެ ނީލަމުގައި 1.3 މިލިއަން ޑޮލަރަށް ވިކުނު ނޫއުރަހަ ކަންނެލި

ކަނޑުމަސް

މި ބޮޑު ކަންނެލީގެ އަގަކީ 20 މިލިއަން ރުފިޔާ

ޖަޕާންގެ ކަނޑު މަހުގެ ނީލަމުގައި މިހާ ބޮޑު އަގެއްގައި ވިކުނު ކަންނެލީގެ ބަރުދަނުގައި 276 ކިލޯ ހުރި
6 ޖެނުއަރީ 2025

އާ އަހަރު ކަނޑު މަހުގެ ނީލަމުގެ ފެށުން ޖަޕާންގައި މި ފެނުނީ ވަރަށް އާދަޔާ ހިލާފު އަގެއްގަ އެވެ.

ބަރުދަނުގައި 276 ކިލޯ ހުރި ބިޔަ ނޫއުރަހަ ކަންނެލި، ސުޝީ ރެސްޓޯރެންޓްތައް ހިންގާ ފަރާތަކުން ގަތީ 1.3 މިލިއަން ޑޮލަރު (20 މިލިއަން ރުފިޔާ)އަށެވެ. މިއީ މިހާ ތަނަށް ޖަޕާންގައި ކަންނެއްޏަކަށް ލިބުނު ދެވަނައަށް އެންމެ ބޮޑު އަގެވެ.

އެއަށް ވުރެ ބޮޑު އަގެއްގައި މީގެ ކުރިން އޭގެ ކަންނެއްޏެއް ވިކިފައިވަނީ 2019ގައި 2.1 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ)އަށެވެ.

ނޫއުރަހަ ކަންނެއްޏަކީ ރާއްޖޭގައި އުޅޭ މަހެއް ނޫނެވެ. ދިވެހި މަސްވެރިން ބާނަނީ ރީނދޫއުރަހަ ކަންނެއްޏެވެ. ނޫއުރަހަ ކަންނެލި އުޅެނީ ފިނި ސަރަހައްދުތަކުގައި، ކަނޑުގެ ވަރަށް އަޑީގަ އެވެ.

އިއްޔެ އޮތް ކަނޑު މަހުގެ ނީލަމުގައި 1.3 މިލިއަން ޑޮލަރަށް ވިކުނު ނޫއުރަހަ ކަންނެލީގެ މަސްގަނޑެއް ދައްކާލަނީ

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި 1935ގައި ހުޅުވި އަދި މިހާރު ވެސް ކުރިއަށް ގެންދާ ޓޮޔޯސޫ ފިޝް މާކެޓަކީ ދުނިޔޭގެ އެންމެ ބޮޑު މަހުގެ ބާޒާރެވެ. މި ބާޒާރުގައި އޮންނަނީ މަހުގެ އެކި ބާވަތްތައް ނީލަންކިޔުމެވެ.

އިއްޔެ ވިކުނު ކަންނެލި ގަތް އޮނޮޑެރާ ގްރޫޕުން އަންނަނީ ޖަޕާންގެ އެކި ސަރަހައްދުތަކުގައި ރެސްޓޯރެންޓްތައް ހިންގަމުންނެވެ.

"ނީލަމުގެ ފުރަތަމަ މަސް ގަތުމަކީ ނަސީބު ރަނގަޅުވާނެ ކަމެއް،" އޮނޮޑެރާގެ އޮފިޝަލެއް ކަމަށްވާ ޝިންޖީ ނަގަައޯ، އެ ނީލަމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ.

މި ބިޔަ މަސް ބޭނީ ޖަޕާންގެ އުތުރު ކަނޑުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް