ދިވެހި ފިލްމީ ތަރި މަރިޔަމް އައްޒަގެ ޓްރާންސްފޮމޭޝަންގައި އިންޓަމިޓަންޓް ފާސްޓިން ހިމެނޭ (ދައުރު ފޮޓޯ)

އިންޓަމިޓަންޓް ފާސްޓިން އަސްލުވެސް މަސައްކަތް ކުރޭތަ؟

ބަރުދަން ލުއި ކުރުމަށް މި ދުވަސްކޮޅު ވައިގައި ހިފައިގެން އުޅޭ އިންޓަމިޓަންޓް ފާސްޓިންއާ ގުޅޭ ގޮތުން ދިރާސްވެރިން ބުނާ އެއްޗެއް ބަލާލުން މުހިއްމު
20 އޮކްޓޯބަރު 2024
5

ހެނދުނުގެ ނާސްތާއަކީ އެންމެ މުހިއްމު ކެއުމެވެ. މިއީ އަހަރެމެން ބޮޑުވަމުން އައި އިރު މީހުން އާއްމުކޮށް ބުނެ އުޅޭ ވާހަކައެކެވެ. އެކަމަކު މިހާރު ދައްކަނީ އެހެން ވާހަކައެކެވެ. ރައްޓެއްސެއް ގާތު ހެނދުނު ސަޔަށް ގޮސް ޑިސްކެއް ކާލަން ހިނގާށޭ ބުންޏަސް ބުނަނީ އެ ވާހަކަ އެވެ: "މިހިރީ އިންޓަމިޓަންޓް ފާސްޓިންގައި. ނުދެވޭނެ. އެއްޗެއް ކެވޭނީ މެންދުރުން އަނބުރާ 1 ޖަހާ އިރު." (މިއީ ވެސް ހަމަ ޒާތެއްގެ ބޭވަފާތެރިކަމެކެވެ).

ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ އައިޝާގެ ޓްރާންސްފޯމޭޝަން

ޓިކްޓޮކް ތަރި އައިޝަތު ސާދާ (އައިޝާ) އާއި ފިލްމީ ތަރި މަރިޔަމް އައްޒަ އެ ދެ މީހުންގެ ހަށިގަނޑަށް ގެނައި ބަދަލުގެ ސިއްރަކީ އިންޓަމިޓަންޓް ފާާސްޓިން ކަމުގައި 'ދައުރު' އަށް ދިން އިންޓަވިއުތަކުގައި ވަނީ ބުނެފަ އެވެ.

މިއީ އިންޓަމިޓަންޓް ފާސްޓިންއާ ގުޅޭ މައުލޫމާތުކޮޅެއް ކޮންމެހެން މުހިއްމުވާ ސަބަބުތަކެވެ.

އަސްލު އިންޓަމިޓަންޓް ފާސްޓިން އަކީ ކޮބާ ހެއްޔެވެ؟ ހަށިގަނޑުގެ ބަރުދަން ލުއިކުރަން ހަމަ މިގޮތަށް ނުކައި ހުރެގެން ބޭނުންވާ ނަތީޖާ ނުކުމެދާނެ ހެއްޔެވެ؟ މިއީގައި އޮތީ ސިއްހީ ކޮން ފައިދާތަކެއް ހެއްޔެވެ؟

އިންޓަމިޓަންޓް ފާސްޓިން އަކީ ނުކައި ހުންނަ ވަގުތު ގިނައިން ހިމެނޭ ގޮތަށް އޮންނަ ކެއުމުގެ ތާވަލެއް 

އިންޓަމިޓަންޓް ފާސްޓިންއަކީ ނުކައި ހުންނަ ވަގުތު ގިނަ އެކަމަކު ކެއުމުގެ ޝެޑިއުލެކެވެ. ގިނަ ޑައެޓުތަކުގައި ބުނަނީ ކާންވީ ކޯއްޗެއްކަމެވެ. އިންޓަމިޓަންޓް ފާސްޓިންގައި ބުނަނީ ކާންވާ ވަގުތެވެ. ނުވަތަ ވަކި ވަގުތުތަކެއްގައި ކެއުމަށެވެ.

ދިރާސާއިން ބުނާގޮތުގައި ދުވާލެއްގެ މައްޗަށް ވަކި އިރެއް ވަންދެން ނުކައި (ފާސްޓިން)ގައި ހުރެ ނުވަތަ ބޮޑު އެއް ކެއުން ވަކި ވަގުތެއްގައި އެކަނި ކައިގެން ހުރުމުން ބަރުދަން ލުއިވެ، ސިއްހީ ފައިދާތަކެއް ކުރެ އެވެ.

ޖޯން ހޮޕްކިންސްގެ ނިއުރޯސައިންޓިސްޓެއް ކަމުގައިވާ މާކް މެޓްސަން ވޭތުވެދިޔަ 25 އަހަރު ތެރޭގައި ވަނީ އިންޓަމިޓަންޓް ފާސްޓިންއާ ގުޅޭ ދިރާސާތައް ހައްދަވައިފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި އިންސާނުންގެ ހަށިގަނޑު ކާނާއާ ނުލައި ގިނަ ވަގުތު އުޅުމަށް ވަނީ ހޭނިފަ އެވެ. ކާނައާ ނުލައި ދުވަހެއް ނުވަތަ އެއަށް ވުރެ ގިނަ އިރު ހޭދަކުރެވިދާނެ އެވެ. ގަދީމީ ޒަމާނުގައި، އިންސާނުން ދަނޑުވެރިކަން ކުރަން ދަސްކުރުމުގެ ކުރިން، ޝިކާރަކޮށްގެންނާއި ކާނާ އެއްކޮށްގެން އުޅުނު ޒަމާނުގައި ވެސް ނުކައި ގިނަ އިރު ތިބެން އިންސާނުން ވަނީ ދަސްކޮށްފަ އެވެ. އިންސާނުންނަށް އެގޮތަށް އޭރު އުޅެން މަޖުބޫރުވީ އެވެ. ކާނާ ހޯދުމަކީ ގިނައިން ހަަކަތަ އާއި ވަގުތު ހޭދަކުރަން ޖެހުނު ކަމެއް ކަމުންނެވެ.

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުން ކުރިއާ އަޅާބަލާއިރު މިހާރު ވަރަށް މަދު

ތަޖުރިބާކާރުން ބުނާ ގޮތުގައި މީގެ 50 އަހަރު ކުރިން ވެސް ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަކީ ފަސޭހަ ކަމެކެވެ. އޭރަކު ކޮމްޕިއުޓަރުތައް އާއްމެއް ނޫނެވެ. ޓީވީ ޝޯތައް ރޭގަނޑު 11ގައި ނިމެ އެވެ. މީހުން ކެއުން ހުއްޓާލާފައި ނިދަން އެނދަށް އަރަ އެވެ. ކާނާގެ ޕޯޝަން ސައިޒު ކުޑަ އެވެ. ގިނަ ވަގުތު ބޭރުގައި މަސައްކަތް ކުރުމާއި ކުޅުމާއި ކަސްރަތު ހޯދުމުގައި އުޅެ އެވެ.

މިހާރު އެއާ ހިލާފެވެ. އިންޓަނެޓާއި ޓީވީ އަދި ސޯޝަލް މީޑިއާ ބެލުމާއި ގޭމް ކުޅުމަށާއި ޗެޓް ކުރުމަށް ރޭގަނޑު ލަސްވަންދެން، ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިން ވެސް، ތިބެނީ ގިނަ ވަގުތު ހޭލަ އެވެ. މީގެ މާނައަކީ ގިނަ ވަގުތު އިށީނދެ އަދި އޮށޯވެގެން ލުއިކާނާ ކެއުން އިތުރުވެ އެވެ.

ގިނަ ކެލޮރީސް ކައިގެން ހެލިފެލިވެނޫޅޭ ނަމަ އާދަޔާހިލާފަށް ހަށިގަނޑުގެ ބަރުދަން އިތުރުވެ ޓައިޕް 2 ހަކުރުބަލި، ހިތުގެ ބަލި އަދި ބޮޑެތި އެހެން ބަލިތައް ޖެހެން މެދުވެރިވެ އެވެ.

ސައިންސްވެރިންގެ ދިރާސާތަކުން ބުނާ ގޮތުގައި މިފަދަ ބަލިތަކުން ރައްކާތެރިވެ އަދި އަނބުރާ އަސްލު ހާލަތަށް މީހާގެ ސިއްހަތު ރުޖޫއަކުރުމަށް އިންޓަމިޓަންޓް ފާސްޓިން އެހީތެރިވެދެ އެވެ.

އިންޓަމިޓަންޓް ފާސްޓިން މަސައްކަތް ކުރަނީ ކިހިނެއް؟

އިންޓަމިޓަންޓް ފާސްޓިން ހެދެނޭ އެކި ގޮތް ގޮތް ހުރޭ

އިންޓަމިޓަންޓް ފާސްޓިން ހަދާނެ ބައިވަރު ގޮތްގޮތް ހުރެ އެވެ. މި ހުރިހާ ވައްތަރެއް ބިނާވެފައި އޮންނަނީ ކެއުމަށާއި ނުކައި ހުރުމަށް ގަވާއިދުން ވަކި ޝެޑިއުލެއް ކަނޑައަޅައިގެންނެވެ.

މިސާލަކަށް ދުވާލެއްގެ މައްޗަށް އަށް ގަޑި އިރު ތެރޭ ކާން ބޭނުން އެއްޗެއް ކެއުމަށް ފަހު ބާކީ ވަގުތުތަކުގައި އެއްވެސް އެއްޗެއް ނުކައި ހުރެވިދާނެ އެވެ. ނުވަތަ ހަފްތާއަކު ދެ ދުވަހު ކޮންމެވެސް އެއް އިރަކު ކައިގެން އެހެން ވަގުތުތަކުގައި ނުކައި ހުރުމަށް ނިންމިދާނެ އެވެ. މިގޮތަށް ތަފާތު އެކި ކަހަލަ އިންޓަމިޓަންޓް ފާސްޓިން ޝެެޑިއުލް ހުރެ އެވެ.

މެޓްސަން ވިދާޅުވާ ގޮތުގައި ނުކައި ގިނަ އިރު ހުރުމުން، ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ހަކުރު ހުސްވަން މެދުވެރިވެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދަން ސަރުބީ ވިރުވަން ފަށަ އެވެ. މިއަށް އޭނާ ކިޔައި އުޅެނީ މެޓަބޮލިކް ސްވިޗިން އެވެ.

އާއްމުކޮށް މީހުން ކައިއުޅޭ ގޮތާއި އިންޓަމިޓަންޓް ފާސްޓިން ތަފާތެވެ. އާއްމުކޮށް މީހަކު ހޭލާ ހުންނަ ވަގުތު ތިން އިރު ކެއުމުގެ އިތުރުން ލުއިކާނާ ކައި ހަދަ އެވެ. ވަކިން ހާއްސަކޮށް ކަސްރަތާ ދުރު ނަމަ ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ސަރުބީ ވިރޭކަށް ފުރުސަތެއް ނުލިބެ އެވެ. ހަށިގަނޑަށް ހަކަތަ ހޯދައިދެނީ އެންމެ ފަހުން ކެއި ކާނާއިންނެވެ.

އިންޓަމިޓަންޓް ފާސްޓިން މަސައްކަތް ކުރާ ގޮތަކީ، އެންމެ ފަހުން ކެއި ކާނާއަކުން ކެލޮރީ އެންދުމުގެ ބަދަލުގައި ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ސަރުބީ އަންދައިގެން ބޭނުންވާ ހަކަތަ ހޯދުމެވެ.

އިންޓަމިޓަންޓް ފާސްޓިން ތާވަލު

އިންޓަމިޓަންޓް ފާސްޓިން ފެށުމުގެ ކުރިން ޑޮކްޓަރަކާ ވާހަކަ ދެއްކުން މުހިއްމެވެ. އެއަށް ފަހު މިކަން ކުރުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ފަސޭހަވާނެ އެވެ. އެންމެ ފަސޭހަ ގޮތަކީ ދުވަހީ ގޮތެއްގައި މިކަން ކުރުމަށް ނިންމުމެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ހަ ގަޑި ނުވަތަ އަށް ގަޑި އިރު ތެރޭ ކެއުމަށް ވަގުތު ދޭށެވެ. އެއަށް ފަހު އަނެއް 16 ގަޑި އިރު ނުކައި ހުންނާށެވެ. މިއަށް 16/8 ފާސްޓިންއޭ ކިޔައި އުޅެ އެވެ.

ބައެއް މީހުންނަށް މިކަން ކުރުމަކީ ފަސޭހަ ކަމަކަށްވެ އެވެ. އެއް ދިރާސާއަކުން ބުނާ ގޮތުގައި ދުވާލެއްގެ މައްޗަށް މިގޮތަށް ކާ ވަގުތުތަކެއް ކަނޑައަޅައިގެނެއް އެންމެ އެދެވޭ ނަތީޖާއެއް ނުނިކުމެ އެވެ. ބަރުދަން މާ ބޮޑަށް ލުއިނުވެ ދާނެ އެވެ. މި ދިރާސާއިން ދެއްކީ ގިނައިން ކެއުން މަދުކޮށް ކުދިކުދި ކެއުންތަކެއް ކެއުމުން ބަރުދަން އިތުރުވުން ހުއްޓުވައި، ބަރުދަން ލުއިކޮށްލަން ދިގު މުއްދަތެއްގައި މާ ފައިދާ ބޮޑުކަމެވެ.

އިންޓަމިޓަންޓް ފާސްޓިން މި ދުވަސްކޮޅު އަންނަނީ ވަރަށް ބޮޑަށް ވައިގައި ހިފަމުން

އެހެން އިންޓަމިޓަންޓް ފާސްޓިން ޕްލޭނަކަށް ބަލާލަމާ ހިނގާށެވެ. އެއީ 5:2 އެޕްރޯޗް އެވެ. މީގައި ބުނަނީ ހަފްތާއަކު ފަސް ދުވަހު އާދައިގެ މަތިން ކައި ގޮތަށް ކައިފައި އަނެއް ދެ ދުވަހު 500-600 ކެލޮރީގެ ކެއުމެއް އެއްފަހަރު ކާށެވެ.

މީގައި މުހިއްމީ ނުކައި ގިނަ ވަގުތުތަކެއް ހޭދަކުރުމެއް ނޫނެވެ. ސައުވީސް ގަޑިއިރު، 36 ގަޑިއިރު، 48 ގަޑިއިރު އަދި 72 ގަޑިއިރު ނުކައި ހުރުމަކީ ތިމާއަށް ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ވާނެ ކަމެކެވެ.

ގިނައިރު ނުކައި ހުންނަ ނަމަ ހަށިގަނޑަށް ލިބެނީ ނުބައި މެސެޖެކެވެ. ނުކައި ހުންނަ ވަގުތަށް ތައްޔާރުވުމަށް ހަށިގަނޑުގައި ފެޓް ރައްކާކުރަން ފަށަ އެވެ.

މެޓްސަންގެ ދިރާސާއިން ބުނަނީ އިންޓަމިޓަންްޓް ފާސްޓިންގެ އަސަރުތައް މީހެއްގެ ހަށިގަނޑަށް ކުރުމަށް ދެ ހަފްތާ ނުވަތަ ހަތަރު ހަފްތާ ހޭދަވާ ކަމަށެވެ. ބަނޑުހައިވުމުގެ ސަބަބުން މޫޑު ހަރާބުވުން ފަދަ ކަންކަން ފުރަތަމަކޮޅު ދިމާވެދާނެ އެވެ. އެކަމަކު މިއަށް ހޭނުމުން ދެން ލަސްތަކެއް ނުވެ ނަތީޖާ ފެނެ އެވެ. މި އުނދަގޫ ދަނޑިވަޅު ކަޑައްތުކޮށް ޕްލޭންގައި ހިފަހައްޓައިފި ނަމަ ފާސްޓިންގެ ސަބަބުން ކުރާ ފައިދާތައް ފެނި މި ޕްލޭންގައި ދެމިހުންނަން ފަސޭހަވެ އެވެ.

އިންޓަމިޓަންޓް ފާސްޓިންގައި ހުންނަ އިރު ކެވޭނީ ކޮން އެއްޗެއް؟

އިންޓަމިޓަންޓް ފާސްޓިންގައި ވަކި އެއްޗެެއް ކާކަށް ނުބުނޭ

ފާސްޓިންގައި ހުންނަ ގަޑިތަކުގައި ފެނާއި ޒީރޯ ކެލޮރީ ހުންނަ ބުއިންތައް، މިސާލަކަށް ކަޅު ކޮފީ ބުއިމުން މައްސަލައެއް ނެތެވެ.

ކާން ކަނޑައަޅާފައި އޮންނަ ގަޑީގައި 'ބޭނުން އެއްޗެއް' ކެވޭނޭ ބުނުމަކީ އޭގެ ހައްދުތަކާއި މިންގަނޑުތަކާ ވަކިވުމެއް ނޫނެވެ. ދިރާސާއިން ބުނާ ގޮތުގައި އިންޓަމިޓަންޓް ފާސްޓިންގައި ކެވޭ ވަގުތުގައި ހައި ކެލޮރީ ޖަންކް ފުޑް، ތެލުލި ކާނާ އަދި ފޮނި ކާތަކެތި ކާ ނަމަ ބަރުދަން ލުއިކޮށްދޭން އެހީއެއް ނުވާނެ އެވެ.

ތަޖުރިބާކާރުންނަށް އިންޓަމިޓަންޓް ފާސްޓިން ކަމުދަނީ އެހެން ޑައެޓް ޕްލޭންތަކާ ހިލާފަށް އޭގައި ތަފާތު ބާވަތްތަކުގެ ކާނާ ކެވޭތީ އެވެ. އެހެންކަމުން އިންޓަމިޓަންޓް ފާސްޓިންގައި އުޅުނަސް އެހެން މީހުންނާ އެކު ކެއުމުން ދުރުވެ އެކަހެރިވެގެން އުޅޭކަށް ނުޖެހެ އެވެ.

ގިނަ ނިއުޓްރިޝަނިސްޓުން ބުރަވަނީ މެޑިޓެރޭނިއަން ޑައެޓަށެވެ. މިއީ އިންޓަމިޓަންޓް ފާސްޓިންގަ އާއި އެ ނޫނަސް ހަށިގަނޑަށް ފައިދާހުރި ގިނަގުނަ ބާވަތްތަކެއް އެކުލެވޭ ޑަައެޓެކެވެ.

އިންޓަމިޓަންޓް ފާސްޓިންގެ ފައިދާއަކީ ކޮބާ؟

ދިރާސާއިން ބުނާ ގޮތުގައި އިންޓަމިޓަންޓް ފާސްޓިންގެ ސަބަބުން ހަމައެކަނި ހަށިގަނޑުން ސަރުބީ އަންދަނީއެއް ނޫނެވެ. މެޓްސަން ވިދާޅުވާ ގޮތުގައި މެޓަބޮލިކް ސުވިޗަށް ބަދަލު އައުމުން ހަށިގަނޑާއި ސިކުނޑިއަށް ބަދަލުތަކެއް އާދެ އެވެ.

ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ މެޓްސަންގެ އެއް ދިރާސާއަކުން ބުނަނީ އިންޓަމިޓަންޓް ފާސްޓިންގެ ފައިދާތަކުގެ ތެރޭގައި އުމުރު ދިގުވުން، ރޫފަ ރަނގަޅުވުން އަދި ތޫނުފިލި ސިކުނޑިއެއް ލިބުން ހިމެނޭ ކަމަށެވެ.

ފާސްޓިންގައި ހުންނަ އިރު ކެވޭ ވަގުތުގައި ވެސް ދުޅަހެޔޮ ކާނާ ކެއުން މުހިއްމު

އެތެރެހަށީގެ ގުނަވަންތަކަށް ދިގު މުއްދައްތަކަށް ޖެހޭ ބަލިތަކުން އިންޓަމިޓަންޓް ފާސްޓިންގެ ސަބަބުން ސަލާމާތްކޮށްދެ އެވެ. މީގެ  މިސާލަަކީ ޓައިޕް 2 ހަކުރުބަލި، ހިތުގެ ބަލި، އުމުރުން ދުވަސްވުމުން ނާރުތަކަށް ކުރިމަތިވާ ނިއުރޯޑިޖެނެރެޓިވް ޑިސްއޯޑާ، އިންފްލެމޭޓަރީ ބަވަލް ޑިޒީސް އަދި އެކި ވައްތަރުގެ ކެންސަރެވެ.

ދިރާސާތަކުން ބުނާ ގޮތުގައި އިންޓަމިޓަންޓް ފާސްޓިންގެ ސަބަބުން އަންނަނިވި ފައިދާތައް ލިބެ އެވެ.

ވިސްނުމާއި ހަނދާން ގަދަވުން

އިންޓަމިޓަންޓް ފާސްޓިންގެ ސަބަބުން ޖަނަވާރުންގެ ވޯކިން މެމޮރީ އިތުރުވެ އަދި އިންސާނުންގެ ވާބަލް މެމޮރީ މަތިވާ ކަމަށް ދައްކަ އެވެ.

ހިތުގެ ދުޅަހެޔޮކަން

އިންޓަމިޓަންޓް ފާސްޓިންގެ ސަބަބުން ލޭގެ ޕްރެޝަރު ރަނގަޅުވެ، ރެސްޓިން ހާޓް ރޭޓް ރަނގަޅުވެ ހިތާ ގުޅޭ އެހެނިހެން ކަންކަން ރަނގަޅުވާ ކަމަށް ދިރާސާތަކުން ބުނެ އެވެ.

ޖިސްމާނީ ގޮތުން ވަރުގަދަވުން

ޒުވާން ފިރިހެނުން ގަވާއިދުން 16 ގަޑިއިރަށް ނުކައި ތިބޭ ނަމަ ހަށިގަނޑުގެ މަސްތަކުގެ ބަރުދަނަށް ބަދަލެއް ނައިސް ސަރުބީ މަދުވެފައިވާކަން ވަނީ ދައްކާފަ އެވެ. އަދި ދިރާސާ ހެދުމަށް ބޭނުންކުރި މީދާތަކަކަށް ދެ ދުވަހުން އެއް ދުވަހު ކާން ދިނުމުން އެ އެއްޗެއްސަށް ބާރަށް ދުވެވޭކަން ފާހަގަވި އެވެ.

ޓައިޕް 2 ހަކުރުބަލި އަދި އާދަޔާހިލާފަށް ފަލަވުމުން ދުރުކޮށްދޭ

ޖަނަވާރުން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކަކުން ހާމަވާ ގޮތުގައި އިންޓަމިޓަންޓް ފާސްޓިންގެ ސަބަބުން، އާދަޔާހިލާފަށް ފަލަވުމާ ދުރުވި އެވެ. އަދި އިންސާނުން ބައިވެރިކުރި ދިރާސާތަކެއްގައި ވެސް މިކަން ހާމަވެފައިވެ އެވެ.

ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންނަށް މީގެ ފައިދާ ބޮޑެވެ. މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، އިންޓަމިޓަންޓް ފާސްޓިންގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިވެ، ފާސްޓިންގައި ހުންނަ އިރު ލޭގައި ގުލްކޯޒް، ފާސްޓިން އިންސިއުލިން އަދި ލެޕްޓިން ދަށްކޮށްދެ އެވެ. މީގެ އިތުރުން، އިންސިއުލިން ރެސިސްޓަންސް އާއި އެޑިޕޮނެކްޓިން ދަށްކޮށްދެ އެވެ.

ޓިޝޫ ހެލްތު

ޖަނަވާރުންގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، އިންޓަމިޓަންޓް ފާސްޓިންގެ ސަބަބުން ސާޖަރީގައި ޓިޝޫ ހަލާކުވުމުން ދުރުކޮށްދީ ނަތީޖާތައް ރަނގަޅުވި އެވެ.

އިންޓަމިޓަންޓް ފާސްޓިން ރައްކާތެރިތަ؟

ބައެއް މީހުން އިންޓަމިޓަންޓް ފާސްޓިންގެ ބޭނުން ހިފަނީ ބަރުދަން މެނޭޖް ކުރުމަށެވެ. އަދި އަނެއް ބަޔަކު އެ މީހުންގެ ކިބައިގައި ދިގު މުއްދަތަކަށް ހުންނަ ކަންކަން، މިސާލަަކަށް އިރިޓަބަލް ބަވަލް ސިންޑްރޯމް ނުވަތަ ކޮލެސްޓްރޯލް މަތިވުން ފަދަ ކަންކަަމަށް އިންޓަމިޓަންޓް ފާސްޓިން ހަދަ އެވެ.

އެކަމަކު މިއީ އެންމެންނަށް އެންމެ އެކަށީގެންވާ ކަމެއް ނޫނެވެ.

މާބަނޑު އަންހެނުންނަށާއި ގާތުން ދޭ މައިންނަށް އިންޓަމިޓަންޓް ފާސްޓިން ރައްކާތެރިއެއް ނޫން (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެއްވެސް ކަހަލަ ޑައެޓެއް ފެށުމުގެ ކުރިން، މުހިއްމީ ޑޮކްޓަރަކަށް ދައްކާ ލަފާ ހޯދުމެވެ. އަދި ބައެއް މީހުން އެއްވެސް ގޮތަކަށް އިންޓަމިޓަންޓް ފާސްޓިން ހެދުން ރަނގަޅެއް ނޫނެވެ. އޭގެ ތެރޭގައި:

  • 1-

    18 އަހަރު ނުވާ ކުޑަކުދިން

  • 2-

    ގާތުން ދޭ މައިންނާއި މާބަނޑު މީހުން

  • 3-

    އިންސިއުލިން ނަގާ އަދި ޓައިޕް 1 ހަކުރުބަލި ހުންނަ މީހުން އިންޓަމިޓަންޓް ފާސްޓިން ހެދުން އެންމެ ރަނގަޅެއް ނޫނެވެ. ސަބަބަކީ، ގިނަ ދިރާސާތައް ހަދާފައިވަނީ ޓައިޕް 2 ހަކުރުބަލި ހުންނަ މީހުން އިންޓަމިޓަންޓް ފާސްޓިން ހެދުމާ ގުޅޭ ގޮތުންނެވެ. ޓައިޕް 1 ހަކުރުބައްޔާއި އިންޓަމިޓަންޓް ފާސްޓިންއާ ގުޅުވައިގެން އެއްވެސް ދިރާސާއެއް ހަދާފައެއް ނުވެ އެވެ. މެޓްސަން ވިދާޅުވާ ގޮތުގައި ޓައިޕް 1 ހަކުރުބަލި ހުންނަ މީހުން އިންސިއުލިން ނަގާތީ އާއި އިންޓަމިޓަންޓް ފާސްޓިންގައި ކެއުން ބަހައްޓާ ގޮތުން ހަށިގަނޑުގައި ހުންނަ ހައިޕޯގްލައިސީމިއާގެ މިންވަރަށް ފާސްޓިންގައި ބޮޑު ބަދަލެއް އައިސްދާނެތީ މިއީ ރައްކާތެރި ކަމެއް ނޫނެވެ. 

  • 4-

    އީޓިން ޑިސްއޯޑާތައް ހުންނަ މީހުންނަށް ވެސް އިންޓަމިޓަންޓް ފާސްޓިން އެންމެ އެކަށީގެނެއް ނުވެ އެވެ.

މި ކެޓަގަރީތަކުގައި ނުހިމެނޭ މީހުން އިންޓަމިޓަންޓް ފާސްޓިން ހެދުމުގައި މައްސަލައެއް ނެތެވެ. މިއީ ލައިފްސްޓައިލަށް ގެންނަ ބޮޑު ބަދަލެކެވެ. އަދި ފައިދާތަކެއް ވެެސް ހިމެނޭ ކަމެކެވެ.

ޓައިޕް 1 ހަކުރުބަލި ހުންނަ މީހުންނަށް އިންޓަމިޓަންޓް ފާސްޓިން ރައްކާތެރިއެއް ނުވާނެ

އިންޓަމިޓަންޓް ފާސްޓިންގެ ނަތީޖާ އެކި މީހުންގެ ފެންނަނީ އެކި މިންވަރަށް އަދި އެކި ގޮތްގޮތަށެވެ. އިންޓަމިޓަންޓް ފާސްޓިންގެ ސަބަބުން އެންޒައިޓީ، ބޮލުގައިރިހުން، މޭނުބައިކުރުން އަދި އެހެން ވެސް އެއްވެސް ކަހަލަ އުނދަގުލެއް މެދުވެރިވާ ނަމަ ޑޮކްޓަރަކާ ވާހަކަ ދައްކާށެވެ.

ކޮމެންޓް (5)

profile-image-placeholder

އަސްލު ކިޔަނީ އީމާން

21 އޮކްޓޯބަރު 2024
މީގަ ލިޔުންތެރިޔާގެ ނަންޖަހާލުން މުހިއްމު. ބޮޑަށް ހީވަނީ އައިޝާ އީމާންގެ ލިޔުމެއްހެން.

ޓެކް

20 އޮކްޓޯބަރު 2024
މުސްލިމުންހިފާ ރޯދަ ހިފީމަ ތިފައިދާރައް ލިބޭނެ. ހަމަ 12-16 ގަޑިއިރު ނުކައި ހުރެފަ ބާކީ އޮންނަ ވަގުތު ތަކަށް ކެއުން ބަހާލުން. ތަފާތަކީ ރޯދަވީއްލުމަށްފަހު ދިވެހީންގެ ގޮތަކީ ހިތުހުރި ވަރަކަށް ކެއުން. އެގޮތައް ކެއުންކާނަމަ އިންޓަމިޓަންޓް ފާސްޓިންއިންވެސް ފައިދާއެއް ނުވާނެ.

ހޫން

20 އޮކްޓޯބަރު 2024
ކުރިއެއްމިހާރެއް ކިޔާނެކަމެއްނެތެވެ. ކޮންމެކަމެއްގައިވެސް ބޭނުންވަނީ ތިމާގެކެރުމާއި ހިތްވަރެވެ. ތިމާ ގަބޫލުކުރާ ގަބޫލުކުރުމާއި އަޣީދާއެވެ. މިހާރުވެސް ފުރިހަމަ ސިއްހަތެއްގައި، ފިޓްކޮށް ތިބި މީހުން މަދެއްނޫނެވެ. މިމީހުންނަކީ ޓީވީ އަދި ސޯޝަލް މީޑީއާ ބެލުމާއި ގޭމް ކުޅުމަށް އަދި ޗެޓް ކުރުމުގެތެރޭގައި އުޅޭނެ މީހުންކަމަށް ގަބޫލުކުރެވެއެވެ.

ހަމްކޮ

20 އޮކްޓޯބަރު 2024
"މިހިރީ އިންޓަމިޓަންޓް ފާސްޓިންގައި. ނުދެވޭނެ. އެއްޗެއް ކެވޭނީ މެންދުރުން އަނބުރާ 1 ޖަހާ އިރު." (މިއީ ވެސް ހަމަ ޒާތެއްގެ ބޭވަފާތެރިކަމެކެވެ)". ލިޔުންތެރިޔާއެވެ. ބޭވަފާތެރިކަމުގެ ވައްތަރުތަށް ވަރަށްގިނައެވެ. މިއީ އަދި އޭގެން ހަމަ އެންމެ ވައްތަރެކެވެ.

ހަމްދޫން

20 އޮކްޓޯބަރު 2024
އަމިއްލައަށް ތަޖުރިބާކުރި މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ ހަމައަސްލުވެސް އިންޓަމިޓަންޓް ފާސްޓިން މަސައްކަތްކުރެޔޭ. ނަތީޖާހަމަ ވަރަށްރަނގަޅު. މިކަންކޮށްގެން ހަށިގަނޑަށް ގެންނަންބޭނުންވި ބަދަލުތަށްގެނެވި، އަންނަންބޭނުންވި ހިސާބަށް އާދެވިއްޖެ. މިލިޔުމުގައި ވަރަށް ތަފްސީލުކޮށް އިންޓަމިޓަންޓް ފާސްޓިންގެ ވާހަކަތަށް ގެނެސްދީފަ އެބަވޭ. މިއީ އަލަށް މިކަން ފަށްންބޭނުންވާ ފަރާތްތަކަށްވެސް ވަރަށްބޮޑު އެހީތެރިކަމަކަށްވާނެ. ލިޔުންތެރިޔާއަށް ވަރަށްބޮޑަށް ޝުކުރިއްޔާ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް