ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ އައިޝަތު ސާދާ (އައިޝާ)ގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައި

ޓިކްޓޮކް ތަރި އައިޝާގެ ހަށިގަނޑަށް ބޮޑު ބަދަލެއް

އައިޝާ ވަނީ ތިން މަހުން ހަށިގަނޑުން 11 ކިލޯ ލުއިކޮށްލާފައި
21 އޭޕްރީލު 2024

އައިޝަތު ސާދާ (އައިޝާ) އަކީ މިޒާޖުގެ ގޮތުން މީހުންނާ ގުޅޭ ސާދާ މީހެކެވެ. ދިރިއުޅުން ވެސް ސާދާ އެވެ. ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓްގެ ޔޮޓް ހޮސްޓެސްއެއްގެ ގޮތުން އޭނާގެ މަސައްކަތަކީ ފަތުރުވެރިން ގޮވައިގެން ރިސޯޓާއި އެއާޕޯޓާ ދެމެދުގައި ދަތުރު ކުރުމެވެ. މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރަނީ ކަނޑުމަތީގަ އެވެ. އޭނާ ދިރިއުޅެނީ ވެސް ރިސޯޓުގަ އެވެ. 

ހަޔާތުގެ ބައިވެރިއެއް ހޯދައި ކައިވެނިކޮށް ދިރިއުޅުމެއް ފެށުމަށް ފަހު ވަޒީފާގަ އާއި ހަޔާތުގައި އޭނާ ދަނީ ކުރިއަށެވެ.

ދިރިއުޅުން އެއްކޮށްހެން ޓިކްޓޮކްގައި އޭނާ ނިއުޅުވާލަ އެވެ. ބަރާބަރަށް ލައިވް ހަދަ އެވެ. ގިނަ އަދަދެއްގެ ފޭނުންނާއި ފޮލޮވަރުން ތިބެ އެވެ. މީހުންނަށް އޭނާ އެނގެނީ ވެސް "ޓިކްޓޮކް އައިޝާ"ގެ ގޮތުގަ އެވެ. ދަތުރުތަކާއި ދުވަހީ ކަންކަމާއި މަޖާ ކަންކަން އަދި ހަޔާތުގެ ތަޖުރިބާތަކުގެ ހިއްޗާއި ފޮނި އޭނާ ޖެހިލުމެއްނެތި އާއްމުކުރެ އެވެ.

އައިޝާ، 37، މިފަހުން ކުރި އެންމެ ތަފާތު އަދި ގިނަ ބަޔެއްގެ ސަމާލުކަން ދަމައިގަތް އެއް ކަމަކީ އޭނާގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލެވެ. އޭނާ މީގެ ތިން މަަހެއްހާ ދުވަސް ކުރިން ކޮންމެ ދުވަހަކު ކަސްރަތު ކުރަން ފެށި އެވެ. އެއަށް ފަހު އިންޓަމިޓެންޓް ފާސްޓިން ކުރިއަށް ގެންދިޔަ އެވެ.

އައިޝާ ބުނާ ގޮތުގައި އޭނާ އަކީ ކުޑައިރުއްސުރެ ބިޔަކޮށް ފަލަކޮށް ހުންނަ މީހެކެވެ. ހަށިގަނޑުގެ ސައިޒުގެ ސަބަބުން އޭނާއަށް މަލާމާތުގެ ބަސްތައް މީހުން އުކަމުންދެ އެވެ. ނަމަވެސް އޭނާ ކުރާ ކަމެއް އޭނާ ކުރެ އެވެ. ޖެހިލުމެއް ނުވެ އެވެ. 

ދުޅަހެޔޮ ދިރިއުޅުމަކަށް މިސްރާބު ޖެހުމަށް އަމިއްލައަށް ވިސްނުނީ، އައިޝާ ބުނިގޮތުގައި، ގައިން ގަޔަށް ނާރާ ބަލިތަކާއި މީހާގެ ލައިފްސްޓައިލް ބައްޓަން ކުރާ ގޮތުން ކުރިމަތިވާ ކަންކަން އާއިލާގެ ތެރޭގައި އިތުރުވަމުންދާތަން ފެނިފަ އެވެ.

ކުޑައިރުއްސުރެ ބިޔަކޮށް ހުންނަ އައިޝާ ބޮޑީ ޝޭމިންއާ ކުރިމަތިލި

ވަޒީފާގައި ކޮންމެ ދުވަހެއް ބުރަކޮށް ކަނޑުމަތީގައި ހޭދަ ކުރިޔަސް އޭނާ އެއް ގަޑި އިރު ޖިމްއަށް ހުސްކުރި އެވެ. ދެން އިންޓަމިޓެންޓް ފާސްޓިންއާ އެކު ތިން މަސް ތެރޭ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް އަ އެވެ.

"އެގާރަ ކިލޯ ލުއިވީ. ކުރިން އަހަރެންގެ ގައިގައި ހުރި 89 ކިލޯ،" އައިޝާ ބުންޏެވެ.

ހަށިގަނޑު ހިކުމުން، ލަމުން އައި ހެދުންތަކާއި ވަޒީފާގެ ޔުނީފޯމް ވެސް އެއްކޮށް ދޫވެއްޖެ އެވެ.

ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ އައިޝާ ހިކުމުގެ ސިއްރަކީ ގަވައިދުން ކަސްރަތު ކުރުމާއި އިންޓަމިޓެންޓް ފާސްޓިން

އައިޝާ ބަރުދަން ލުއިކުރުމުގެ މަސައްކަތް ފެށީ އޭނާގެ ބުރަކަށީގައި ބޮޑަށް ސަރުބީ ޖަހާފައިވާތީ އެ ދުއްވާލުމުގެ ބޭނުމުގަ އެވެ.

ބަރުދަން ކުރު މުއްދަތެއްގެ ތެރޭގައި ދަށްވެ މީހާއަށް އައި ބޮޑު ބަދަލާ އެކު އައިޝާ ހުރީ ހިތްހަމަޖެހިގެންނެވެ. އޭނާގެ ޕްލޭން އަކީ އަދިވެސް ކުރިއަށް ދިއުމެވެ.

"ބެކް ފެޓް ދުއްވާލަން ބޭނުންވީ. އެކަމަކު އެންމެ ބޮޑަށް އުފާވީ ލުއިކަން އިހްސާސްކުރެވި، މީހާގެ އެނާޖީއަށް އައި ބަދަލުން،" އައިޝާ ބުންޏެވެ.

މައްސަރު ކަންތައް ގަވާއިދުން ކުރިމަތިވެ، މައްސަރު ކަންތައް ޖެހެން ގާތްވުމުން ފެންނަ އަލާމާތްތައް ލުއިވެއްޖެ އެވެ.

"ބްލޯޓްވުން ހުއްޓި، ގަނޑުލުން ފަދަ ވަރަށް ގިނަ ކަންކަން ލުއިވެއްޖެ. ވަރަށް ފަސޭހަވެއްޖެ،" އައިޝާ ބުންޏެވެ.

އައިޝާ އެންެމެ އުފާވަނީ މީހާގެ ހަކަތަ އިތުރުވެ ހަށިގަނޑު ދުޅަހެޔޮކަމުގެ އަލާމަތްތައް ފެންނާތީ

އަލަމާރީގައި ހުރި ނަލަ ހެދުންތައް މިހާރު އޭނާ ލަނީ ކުޑަކޮށްގެންނެވެ. ޑިއުޓީ ނިންމާލުމަށް ފަހު އޭނާ ކޮންމެ ދުވަހަކުވެސް އަވަސްވެގެންނަނީ ޖިމަށެވެ. އޭނާގެ އަޒުމަކީ 50-60 ކިލޯއާ ހިސާބަށް ބަރުދަން ގެންދިޔުމެވެ.

އަައިޝާ ބުނާގޮތުގައި އަދިވެސް އޭނާއަށް އަމާޒުވާ މަލާމާތުގެ ބަސްތައް ގިނަ އެވެ. ހަށިގަނޑަށް އައި ބަދަލުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލުމުން، "ބަލާ ބެލުމަކަށް ހިއްކެއް ނޫނޭ،" "ކޮން ތަނެއްތޯ ހިކީ،" މިފަދަ ކޮމެންޓްތައް އޭނައަށް ދަނީ އަމާޒުވަމުންނެވެ.

ނަމަވެސް އައިޝާ ބުނި ގޮތުގައި މިކަމަށް އޭނާގެ ސަމާލުކަމެއް ނެތެވެ. އޭނާއަށް މުހިއްމީ ދުޅަހެޔޮކޮށް ހުރުމެވެ. ކައްޓާއިން އެ ބަދަލު ފެނިއްޖެ އެެވެ. މުޅި މީހާ އެއްކޮށް ހަކަތައިން އެހެރީ ފުރިފަ އެވެ.

އައިޝާގެ ބަރުދަނުގައި މީގެ ކުރިން 89 ކިލޯ ހުރި

އައިޝާ ބުނިގޮތުގައި އޭނާގެ ރައްޓެހިންނަށާއި ފޮލޮވަރުންނަށް ވެސް އޭނާގެ ސަބަބުން ހިތްވަރު ލިބިއްޖެ އެވެ. ހެދި ގޮތް އެހުމަށް އެ މީހުން މެސެޖު ކުރެ އެވެ. އައިޝާގެ ބޮޑު ޓްރާންސްފޮމޭޝަންގެ ސިއްރު ހޯދާށެވެ.

އައިޝާ އޭނާގެ ހަށިގަނޑަށް ގެނައި ބަދަލު ކިޔައިދެނީ ބޮޑު ހިނިތުންވުމަކާ އެކު އެވެ. އޭނާގެ ގޮތުގަ އެވެ. ސާދާކަންމަތީގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް