'ކަމަނާ' ކުޅެން ހަށިގަނޑަށް ގެނައި ބަދަލަކީ ވެސް އައްޒަގެ ހިތްވަރު
މުހިންމު ނުކުތާތައް
ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އައްޒަ ހިތްވަރުދިނީ އަނިޔާ ލިބޭ ނަމަ އެއިން ސަލާމަތްވާން މަސައްކަތް ކުރުމަށް
ފިލްމަށް ތައްޔާރުވާން އޭނާގެ ބަރުދަން 70 ކިލޯއަށް ވެސް އެރުވި. ދެން ހިކެންވެގެން އެހާ ބުރަ މަސައްކަތްކުރި
އައްޒަ ބުނާ ގޮތުން އަނިޔާ ލިބޭ މީހާއަށް ކުރެވޭނެ އިހުސާސްތައް ފިލްމުގެ ތެރެއިން އޭނާއަށް ވަޒަންކުރެވުނު
ހަގު އުމުރެއްގައި ދިވެހި ސިނަމާއަށް ތައާރަފުވެފައިވާ މަރިޔަމް އައްޒައަކީ ދިވެހި ފިލްމީ އުދަރެހުގައި ވިދުން ގަދަ އެއް ތަރި އެވެ. ދިވެހި ފިލްމުތަކުންނާއި ސިލްސިލާ އަދި ލަވަތަކުން އޭނާއަކީ މޮޅު އެކްޓަރެއްކަން ދައްކައިދެ އެވެ. އޭގެ އިތުރުން މި ދާއިރާގައި އާ ޗެލެންޖްތަކާ ވެސް ކުރިމަތިލަ އެވެ.
އައްޒަ ދެން އެންމެ އަވަހަށް ފެންނާނީ މި މަހު 27ގައި އޮލިމްޕަހުގައި އަޅުވާ 'ކަމަނާ' ފިލްމުންނެވެ.
ގެވެށި އަނިޔާގެ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ، އައްޒަ ބުނާ ގޮތުގައި، މިހާތަނަށް އޭނާއަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތެވެ.
ފިލްމް ބަލާހިތުން ގުޅާ މީހުންނާއި ފިލްމުގެ ޓިކެޓް ހީވެސް ނުކުރާހާ ބާރު މިނެއްގައި ވިކެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
'ކަމަނާ'ގައި އޭނާ ކުޅުނީ، އައްޒަ ބުނާ ގޮތުގައި، މިހާތަނަށް އޭނާގެ އެންމެ ތަފާތު ރޯލެވެ. ފިލްމުން އޭނާގެ ކެރެކްޓާއަކީ ގެވެށި އަނިޔާ ލިބޭ އަންހެނެކެވެ. ހިތާމަވެރި ރޯލެކެވެ.
"ގެވެށި އަނިޔާ އާއި އިމޯޝަނަލީ ޑައުން ސިޓުއޭޝަންއެއް ފެނިގެން ދާނީ،" އައްޒަ ބުންޏެވެ.
ހަގީގީ ހާދިސާއަކަށް ފިލްމު ބިނާކޮށްފައި އޮތުމުން މަންޒަރުތައް ނެގި އިރު އޭނާގެ ބޮލުތެރޭ އެނބުރެނީ މިއީ އެކްޓްކުރުން ކަމަށް ވިޔަސް 'މީހަކަށް އަސްލު ދިމާވި ކަމެއް'ގެ ވިސްނުމެވެ. އެހެންވެ އެ އިހްސާސްތައް ގެނެސްދޭން ބޮޑަށް މަސައްކަތެއް ކޮށްފައިވާނެ ކަމަށް އައްޒަ ބުންޏެވެ.
"ފިލްމަކުން ދެއްކޭނެ ވަރު މިއީ [ގެވެށި އަނިޔާ]. އެކަމަކު މި ހާދިސާ އަސްލު ކުރިމަތިވި ކުއްޖާ މާ ޑީޕްކޮށޭ މިކަން ގޯ ތުރޫކުރީ. މިއީ އަދި އަސްލު ކުއްޖާއާ އަޅާބަލާއިރު ކުޑަވަރު. އެކަމަކު މިއީ ވެސް ވަރަށް ބޮޑުވަރު،" އައްޒަ ބުންޏެވެ.
"ވަރަށް ބޮޑަށް ސިޓުއޭޝަން ހިޓުވި. މެންޓަލީ ޕްރިޕެއާވެގެން ދަނީ. އެކަމަކު ހިތަށްއަރާ މިކަހަލަ އަނިޔާތަކެއް އިންސާނަކަށް އެހެން މީހަކ ދެނީ ކިހިނެއްހޭ."
'ކަމަނާ'ގައި އައްޒަގެ އިތުރުން ތަޖުރިބާ ހުރި އެހެން އެކްޓަރުންތަކެއް ވެސް ހިމެނެ އެވެ. އެހެންވެ އޭނާއަށް ވަރަށް ގިނަ ކަންކަން ފަސޭހަވި ކަމަށް، 'ދައުރު'އަށް ދިން ހާއްސަ އިންޓަވިއުގައި އޭނާ ބުންޏެވެ. ހާއްސަކޮށް ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އެހީތެރިކަން އޭނާ ފާހަގަކުރި އެވެ.
"އަސްލު ބޮޑަށް ފަސޭހަވީ ކާސްޓާ ހެދި. ވަރަށް ޕްރިޕެއާވެފައި އެންމެން ވެސް ތިބީ. އޭގެ ތެރެއަށް ވަދެފައި،" އައްޒަ ބުންޏެވެ.
'ކަމަނާ'ގެ އިތުރު ތަރިންގެ ގޮތުގައި މުހައްމަދު ރަޝީދު (ދަރާ)، މުހައްމަދު މަނިކު، ނަތާޝާ ޖަލީލް އަދި އާމިނަތު ރަޝްފާ (އާޝާ) ފެންނާނެ އެވެ.
މި ފިލްމާ އެކު އައްޒަ ވެގެން ދާނީ ގެވެށި އަނިޔާއާ ދެކޮޅަށް އަޑުއުފުލަން މީހުން ހޭލުންތެރިކުރަން މަސައްކަތް ކުރާ މީހަކަށެވެ.
އޭނާ ދެކޭ ގޮތުގައި ގެވެށި އަނިޔާއިން ސަލާމަތްވާން އެންމެ މުހިއްމީ އަމިއްލަ ނަފްސު ދިފާއުކުރަން ފިޔަވަޅުތައް އެޅުމެވެ. އެއްވެސް ބާވަތެއްގެ އަނިޔާއަކީ ޓޮލަރޭޓް ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށް ގަބޫލުކުރުމެވެ.
"އެއްވެސް ވަރެއްގެ އަނިޔާއަކީ އެއްވެސް މީހަކަށް ޑިޒާވްވާ އެއްޗެއް ނޫން. ވީހާވެސް އަވަހަކަށް ދުރުވާން ހެލްޕް ހޯދަންވީ،" އައްޒަ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އިންސްޓަގްރާމްގައި 'އާސްކް މީ'ގައި ލޯތްބަށްޓަކައި އަނިޔާއަށް ކެތްކުރަންވީހޭ؟ މި ސުވާލު ހުޅުވާލުމާ އެކު ވަރަށް ގިނަ މީހުން އެމީހުންގެ ތަޖުރިބާކޮށްފައިވާ ކަންކަމާއި ތަޖުރިބާ ކުރަމުންދާ ކަންކަން ހިއްސާކުރި އެވެ.
'ކަމަނާ' ކުޅެން ހަށިގަނޑަށް ބޮޑު ބަދަލެއް
'ކަމަނާ'އަކީ އައްޒަގެ ކެރިއަރުގައި އޭނާ ކުރި ބޮޑު މަސައްކަތެއްކަން އެނގޭ އެއް ކަމަކީ އޭނާގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލެވެ.
މިދިޔަ އޮކްޓޯބަރުގައި އޭނާއަށް ފިލްމު ހުށައެޅިއިރު އުޅުނީ ބްރޭކެއްގަ އެވެ.
ރޯލަށް އޭނާ ނެގުމުގެ ކުރިން ބުނީ ޑައިރެކްޓަރު ބުނީ 'ތިއަށް ވުރެވެސް ފަލަވާން އެބަ ޖެހޭ' ކަމަށެވެ.
ދެން ފިލްމުގެ ފަހު މަންޒަރުތަކުން ފެންނަން ޖެހެނީ ހިކިކޮށް ހުއްޓަ އެވެ.
އެ ރޯލު ކުޅެން އެއްބަސްވެ އެ ޗެލެންޖާ އައްޒަ ކުރިމަތިލި އެވެ. އެންމެ ފުރަތަމަ، އޭނާ ސިފަކުރި ގޮތުގައި، 'ކުޑަ އީދެއް އައިސްގެން' އުޅޭ ގޮތަށް ކެއީ އެވެ. ވަކި ގަޑިއެއް، ވަކި އެއްޗެއް ބެލުމެއް ނެތި އެވެ.
"އައިސް ކްރީމް، ޑެޒާޓްތައް ހަމަ ކެއީ،" އައްޒަ ބުންޏެވެ.
އޭނާއަކީ ފަސޭހައިން ބަރުދަން އިތުރުވާ މީހެކެވެ. މަޖަލަކަށް ހަދާފައި ބުނެލީ "ކާއެއްޗަކަށް ބަލާލިޔަސް ތިން ކިލޯ ބަރުވާ" ކަމަށެވެ.
އެހެންވެ ހަށިގަނޑު ބަރުދަން އިތުރުކުރުމަކީ މާ ބޮޑު ކަމަކަށް ނުވި އެވެ. އެގޮތުން 70 ކިލޯއަށް ވަރު މައްޗަށް ބަރުދަން ގެންދިޔަ އެވެ.
ފިލްމުގެ ފަހު ސީން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ނިންމާލި އިރު އަނެއްކާ ހިކުނީ އެވެ. މިއީ އެހާ ފަސޭހައިން ނުހިކޭނެ ކަމަށް ބުނި އެތައް ބަޔަކަށް ސާބިތުކޮށްދިން ޗެލެންޖެކެވެ. އެގޮތުން 15-18 ކިލޯ ހިއްކާލި އެވެ.
"ގިނަ މީހުންނަށް ގެރެންޓީއެއް ނެތް. ނުވާނެއޭ ބުނީ. ކުރިން ފަސޭހައިން އެއް ކިލޯ ދެ ކިލޯ ހިއްކާލެވުނަސް މިހާރު ތިހިރީ ވަރަށް ފަލަވެފައޭ،" އައްޒަ ކިޔައިދިނެވެ.
ވޭތުވެ ދިޔަ ހަތަރު މަހު އޭނާ އުޅުނީ ހަށިގަނޑު ބަދަލުކުރުމުގެ ދަތުރެއްގަ އެވެ. އައްޒަ ބުނާ ގޮތުން އެންމެ ފުރަތަމަ އޭނާ ރިސާޗްކޮށް ކަސްރަތު ކުރުމުގައި އޭނާއަށް ކުރެވޭނެ ކަންކަމަކީ ކޮބާތޯ ބެލީ އެވެ.
"ސާޗް ކުރިޔަސް ބުނަނީ ކޮންސިސްޓަންސީ އިޒް ދަ ކީއޭ. ޑެޑިކޭޝަން އަދި ކޮމިޓްމަންޓް ބޭނުންވާނޭ. އެއް މަހު ދިޔަ އެއްވެސް ވަރަކަށް ލުއިނުވެ. އެކަމަކު ވެސް ދުލެއް ނުކުރަން. އެނގޭ ވާނެކަން. ޖެހިގެން އައި މަހު ވަރަށް ބޮޑަށް ލުއިވި،" އައްޒަ ބުންޏެވެ.
މި ދަތުރުގައި އައްޒަ މިހާ ބޮޑު ބަދަލެއް ހަށިގަނޑަށް ގެނައީ ޕާސަނަލް ޓްރެއިނިން ވެސް ނުނަގަ އެވެ. ޖިމަށް ގޮސް ގަވާއިދުން ޓްރެޑްމިލްގައި ހިނގާ ދުވެ އަދި ސްޓްރެންތު ޓްރެއިނިން ހަދައިގެންނެވެ.
"ތިން ގަޑިއިރު ހޭދަކުރަން ޖިމުގައި. ފުރަތަމަ ހަމަ ހިނގީ. ހިނގާފައި ސްޓްރެންތު ޓްރެއިނިން ހަދަނީ. ފުރަތަމަ ނުއެއް ދުވަން،" އައްޒަ ބުންޏެވެ.
ފުރަތަމަ ކޮޅު މިކަން ކުރަން އުނދަގުލަަސް ކުރަން ބޭނުންވި ކަމެއް ދޫކޮށްލުމަކީ އޭނާގެ ގޮތެއް ނޫން ކަމުން ކޮންމެ ދުވަހަކު ވައްޓާނުލާ ކަސްރަތަށް ދިޔަ އެވެ.
އޭނާގެ ގޯލް ހާސިލްކުރަން ކެއުމަށް ވެސް ބޮޑު ބަދަލެއް ގެނަ އެވެ. އާއްމުކޮށް ފޮނި އެއްޗިއްސަށް ލޯބިކުރާ ބަތަލާގެ ކެއުން ވަރަށް ބޮޑަށް ދަށްކުރި އެވެ.
އުޅުނީ ދުވާލަކު އެއް ފަހަރު ކައިގެންނެވެ. ކަނީ ހަށިގަނޑަށް ފައިދާ ހުރި ގިނަ ބާވްތައް އެއްކޮށްލައިގެންނެވެ. ދެން މުޅި ދުވަހު ދިޔާ ތަކެތި ބޮއިގެން ފުއްދާލަނީ އެވެ. ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ވަކިން ނެގި އެވެ.
"ކްރޭވިންގްސް ހުއްޓުވުމަަށް ފެން ބުއިމަ ބަނޑު ހުންނަނީ ފުރިފައި،" އައްޒަ ބުންޏެވެ.
އަައްޒަ ބުނާ ގޮތުން ހިކުމަކީ މެޓައެއް ކާލާހާ ފަސޭހަ ކަމެއް ނޫނެވެ. ޖިމްގައި އޭނާ ހޭދަކުރީ ބުރަކޮށެވެ. ނުވާނެއޭ ބުނި މީހުންނަށް ގޮންޖަހާލީ އެވެ. އެކަން 'ކަމަނާ' ފިލްމު ބެލުމުން އެނގޭނެ ކަމާ މެދު ޝައްކެއް ނެތެވެ.
ކޮމެންޓް (1)
ހަސަން އަލީ