އިސްރަށްވެހިންގެ ނާދީގެ ފޮތްކިޔާ ބައިގައި އަންހެނުންތަކެއް އެކުގައި ވަގުތު ހޭދަކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިން އުފަލުން ފުރިފައި

ދޮށީ އުމުރުގެ މީހުން ގަޔާވާ ގިނަ ޕްރޮގްރާމްތަކެއް ހިންގާ ނާދީއަކީ ގިނަ ބަޔަކަށް މުނިފޫހިފިލުވުމާއި ހިތްހަމަޖެހުން ގެނެސްދޭ މަރުކަޒަކަށް ވަނީ ވެފައި
10 އޮކްޓޯބަރު 2024
6

މުހިންމު ނުކުތާތައް

އިސްރަށްވެހިންގެ ނާދީގައި ހިންގާ ޕްރޮގްރާމްތަކުގައި މިހާތަނަށް 4،000އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެއްޖެ

ތަނުގެ މާހައުލާއި ޕްރޮގްރާމްތަކުން ދޮށީ އުމުރުގެ މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ

އެ މީހުންނަށް އެއް އުމުރެއްގެ މީހުންނާ ބައްދަލުވާން ފުރުސަތު ލިބި ރަހުމަތްތެރިކަމާއި ބަދަހި ގުޅުންތަކަކުން އުފާވެރިކަން ގެނެސްދޭ

ހަވީރު 5 ޖަހައި ބޮޑުވެއްޖެ އެވެ. އެތަނަކީ ހެންވޭރުކޮޅުގައި ކުރީގެ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި މި ސަރުކާރުން ހުޅުވާފައިވާ އިސްރަށްވެހިންގެ ނާދީ އެވެ. އިހުގެ ގޭގޭގައި ހުންނަ ކަހަލަ ބޮޑު އުނދޯއްޔަކާއި ޖޯލިފައްޗާއި ގޮނޑިތައް އެތަނުގައި ހުއްޓެވެ. އެއް ބަޔަކު އެތަނުގައި އިށީނދެލައިގެން ވާހަކަ ދައްކާލަން ތިބީ އެވެ. 

ކުރިމައްޗަށް އޮތް ހޯލުގެ އެއް ކަނުގައި ފޮތް ކިޔަން ހާއްސަކޮށްފައިވާ ބައިގައި އެއް ބަޔަކު އޮށްވަޅުގޮނޑި ކުޅެނީ އެވެ. އަނެއް ބަޔަކު ކުޅޭތަން ބަލަން ތިބިއިރު އެތަނުގައި ހުރި ބީން ބޭގެއްގެ މަތީ އިށީނދެލައިގެން ޅެން ފޮތެއް ކިޔާލަން ވެސް އަންހެނަކު އިނެވެ. ހޯލުގެ މެދުގައި ހުރި މޭޒުދޮށުގައި އެހެން ގްރޫޕެއް ކަރުދާހުން ކްރާފްޓް މަސައްކަތްތަކެއް ކުރަނީ އެވެ. އަނެއް ފަރާތުގައި ހުރި ކެރަމް ބޯޑް ދޮށުގައި ތިން މީހަކު ކެރަމް ކުޅެން ތިއްބެވެ.

ހަތަރު އަންހެނަކު ހޯލުން ނުކުމެގެން އައިސް ހުއްޓުނީ ގޯތި ތެރޭގައި ހައްދާފައި ހުރި ގަސްތަކެއް ކައިރި އަށެވެ. ހުސްވެސް ދޮށީ އުމުރުގެ އަންހެނުންނެވެ. އެންމެ ފަހުން އެތަނުގައި ހިންގި ދަނޑުވެރިކަމުގެ ޕްރޮގްރާމްގައި އެ މީހުން އިންދި މޭބިސްކަދުރު ގަސްތައް ބަލައިލީ އެވެ. ކޮންމެ ގަހެއް އިންދާފައި ހުރި ޕެކެޓުގައި ގަހުގެ ވެރިފަރާތުގެ ނަން ޖަހާފައި އޮތެވެ.

ބާރުބޮޑު މާލެ ސަރަހައްދުގައި އުޅޭ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އިސްރަށްވެހިންގެ ނާދީ ހުޅުވީ މިދިޔަ ފެބްރުއަރީ މަހު އެވެ. ދޮށީ އުމުރުގެ މީހުން ހަލަބޮލި ބުރަ ދިރިއުޅުމުން ދުރުވެލައި ހިތްހަމަޖެހޭ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށް ގާއިމްކޮށްފައިވާ ތަނެކެވެ. ޝައުގުވެރިވާ ކަންކަން ކޮށްލަން އަދި އާ ކަންތައްތައް ދަސްކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ހުޅުވި ތަނެކެވެ.

"ވަރަށް ހިތްހަމަޖެހޭ މިތަނަށް އައިމަ. އުފާވޭ. އެކި މިޒާޖުގެ އެކި މީހުންނާ ދިމާވެ އެ މީހުންނާއެކީ އުޅެން ދަސްވޭ. ވަރަށް ރަނގަޅު ތަނެއްމީ،" އުމުރުން 55 އަހަރުން މައްޗަށް ގޮސްފައިވާ މަރިޔަމް އަސްރާރު އެތަން ސިފަކޮށްދިނީ މިހެންނެވެ.

"މިހެން އުޅޭއިރު ކަންކަމާ ވިސްނާ ފިކުރު ކުރާކަށް ވަގުތެއް ނޯވޭ. ގޭގައި އެހެން އުޅޭއިރު މާބޮޑު ކަމެއް ނެތީމަ ކަންކަމާ ވިސްނޭ. މިހާރު ވަރަށް ހިތްހަމަޖެހޭ. ވަރަށް އުފަލުން މި ހުންނަނީ."

އިސްރަށްވެހިންގެ ނާދީގައި އެ މީހުން އަލަށް އިންދާފައިވާ ގަސްތައް ބަލައިލަނީ: ދަނޑުވެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް ވެސް މިތަނުގައި ކުރިއަށް ގެންދޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަސްރާރަކީ އެތަނުގައި ހިންގާ ހުރިހާ ޕްރޮގްރާމެއްގައި ބައިވެރިވާ މީހެކެވެ. ފަތިހު ހޭލައިގެން މޫދަށް ގޮސް، ގޭތެރޭގެ މަސައްކަތްތައް ކޮށްފައި އޭނާ އެތަނަށް ދަނީ މެންދުރު ފަހު 2 ނުވަތަ 3 ޖަހާއިރު އެވެ. އިރު އޮއްސެންދެން ވަގުތުތައް ހޭދަކުރަނީ އެ ނާދީގަ އެވެ. އަލަށް ލިބުނު ރައްޓެހިންނާ އެކު އުފާވެރި ހިތްހަމަޖެހޭ ވަގުތުތަކެއް އެތަނުގައި ހޭދަކުރެ އެވެ.

"މިތަން ހުޅުވި މަހު ނޫން އަނެއް މަހު އަޅުގަނޑު އަންނަން ފަށައިފިން. ހަމަ ކޮންމެ ދުވަހަކުވެސް އަންނަން. މިތަނަށް ނާދެވޭ ދުވަހެއް ވެއްޖެޔާ ވަރަށް ފޫހިވޭ،" އަސްރާރު ބުންޏެވެ.

ހަފްތާބަންދު ނޫނިއްޔާ ކޮންމެ ދުވަހަކު ވެސް އެތަން ހުޅުވާނެ އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޮންމެވެސް ޕްރޮގްރާމެއް އެތަނުގައި ކުރިއަށް ގެންދެ އެވެ. ގިނައީ އެތަނަށް އަންނަ މީހުން ގާތު އަހައިގެން ހިންގާ، އެ މީހުން ބޭނުންވާ ކަހަލަ ޕްރޮގްރާމްތަކެވެ. އޭގެ ތެރޭގައި:

  • ކަސްރަތު ޕްރޮގްރާމް

  • ހަފްތާ ސައި؛ ސައި އޮންނާނީ ކޮންމެ ބުދަ ދުވަހެއްގެ ހަވީރު

  • ކްރާފްޓިން ޕްރޮގްރާމް

  • ދުޅަހެޔޮކޮށް ކައްކާނެ ގޮތް ދަސްކޮށްދޭ ޕްރޮގްރާމްތައް

  • ކަސަބު ވިޔުން

  • ރިސާލާތު ޕްރޮގްރާމް

  • މަދަހަ މުބާރާތް

  • ބަލައިގެން ގުރުއާން އަތުން ލިޔާ މުބާރާތް

  • ދީނީ ދަރުސް

އިސްރަށްވެހިންގެ ނާދީގައި އަންހެނުންތަކެއް ވާހަކަ ދައްކާލަން މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އޭގެ އިތުރުން ވެސް އެތަނަށްދާ މީހުން ޝައުގުވެރިވާ ފަދަ ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދެ އެވެ. ސިފައިންގެ ހާއްސަ މަނަވަރެއް ދައްކާލަން ވެސް ގެންގޮސްފި އެވެ. ސުޕްރީމް ކޯޓަށާއި ދާރުލްއާސާރަށް ހާއްސަ ޒިޔާރާތެއް ކޮށްފި އެވެ. އަލިފާން ނިއްވަން ދަސްކޮށްދޭ ތަމްރީން ސެޝަނެއްގައި ބައިވެރިވެއްޖެ އެވެ. މިނިވަން ދުވަހާއި ގައުމީ ދުވަހާއި މާމަ ކާފަ ދުވަސް ވެސް ފާހަގަކޮށްފި އެވެ.

މިހާރުވެސް އެތަނުގެ މަގުބޫލުކަން ބޮޑުވެއްޖެ

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އިސްރަށްވެހިންގެ ނާދީގެ ސީނިއާ އެޑްމިން އޮފިސަރު އައިޝަތު އަލީ ރަޝީދު (އައިޝާ) ފާހަގަކުރެއްވި ގޮތުގައި އެ މަރުކަޒަކީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި މިހާރުވެސް ވަރަށް މަގުބޫލު ތަނެކެވެ. އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ހާއްސަ ތަނެއް ނަމަވެސް އުމުރަށް ބެލުމެއްނެތި ކޮންމެ މީހަކަށް ވެސް މިތަނުން މަރުހަބާ ކިޔަ އެވެ. އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވާކަށް އަގެއް ނުނަގަ އެވެ. މިތަނުގައި ހުރިހާ ކަމެއް ވެސް އޮންނަނީ ހިލެ އެވެ. މިދިޔަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް 4،000 އެއްހާ މީހުން އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެއްޖެ އެވެ.

މިތަނުގައި ހިންގާ ޕްރޮގްރާމްތަކާއި ތަން ވަނީ ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްފައެއް ނޫނެވެ. ނަމަވެސް ފިރިހެނުންނަށް ވުރެ ގިނައިން އަންނަނީ އަންހެނުންނެވެ.

އިރުއޮއްސި 6 ޖަހާއިރު ތަން ބަންދުކުރި ނަމަވެސް ބައެއް މީހުން ގެއަށް ދާނީ މަޣްރިބް ނަމާދުކޮށްގެންނެވެ. ކޮންމެ ވަގުތަކު ވެސް ނަމާދުކުރެވޭ ގޮތަށް އެތަން އޮންނަނީ ހުޅުވާލާފަ އެވެ.

އިސްރަށްވެހިންގެ ނާދީގައި އަންހެނުންތަކެއް ކްރާފްޓިން މަސައްކަތްތަކެއް ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އައިޝަތު ވިދާޅުވި ގޮތުގައި އަންނަން ފަށާ އެކަކު ވެސް އެތަނަށް އައުން ހުއްޓާލާކަށް ބޭނުމެއް ނުވެ އެވެ. ފުރަތަމަ ފެށި އިރަށް ވުރެ މީހުން އިތުރުވެ، ވިލިމާލެއިންނާއި ހުޅުމާލޭ ދެ ފިޔަވަހިން ވެސް މީހުން އާދެ އެވެ.

"އަޅުގަނޑު މި އަންނަނީ އޮފީސް ނިންމާފައި މިތަނަށް. ހެނދުނު 7:30 ގައި އޮފީހަށް ގޮސްފައި ހަ ގަޑިއިރު ބައި ހަމަކޮށްފައި ވީ އެންމެ އަވަހަކަށް އަންނަނީ މިތަނަށް. ދެން ގެޔަށް ދަނީ އިރު އޮއްސުނީމަ،" އޮޑިޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ އާސިޔަތު އާދަމްފުޅު ކިޔައިދިނެވެ.

މިހާރު އެތަނަށް އަންނަ އެންމެންނަކީ ވެސް ރައްޓެހިންނެވެ. މޫދު ޕްރޮގްރާމްތަކާއި އެހެން ތަންތަނުން ދިމާވާ މީހުންނަށް ވެސް އެތަން ތައާރަފްކޮށްދީ އެތަނަށް ގެނެ އެވެ. އަދި އެތަނުން އަލަށް ދިމާވެގެން ރަހުމަތްތެރިކަން އުފެދޭ މީހުން އެ މީހުން ބައިވެރިވާ އެހެން ކަންކަމުގައި ބައިވެރިކޮށް ހަދަ އެވެ.

"ޕްރޮގްރާމެއް އޮތިއްޔާ ވަރަށް ކުރިން އަންނާނެ މި ކުދިން. ހޯމަ، ބުރާސްފަތީގައި ޕްރޮގްރާމެއް އޮވެއްޖެޔާ އަންނާނީ ރޯދަވީއްލާ އެއްޗެހި ވެސް ހިފައިގެން،" އައިޝަތު ވިދާޅުވި އެވެ.

އިސްރަށްވެހިންގެ ނާދީގެ އެހެން ހާއްސަ ސިފައެއް ކިޔައިދޭ ނަމަ މުވައްޒަފުންނާއި އެތަނަށް އަންނަ މީހުންނާ ދެމެދު އޮންނަ ގުޅުން ފާހަގަކޮށްލެވެ އެވެ. އެތަނުގައި އޮންނަނީ ރަސްމީ އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތްތަކަކަށް ވުރެ ގާތް ގުޅުމެކެވެ.

"މިތަނަށް އަންނަ ކުދިންނާ އަޅުގަނޑުމެންނާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނާނެ. މި ކުދިން ބޭނުންވާނެ ގޮނޑި އެއްޗެހި ވެސް އަމިއްލައަށް އުފުލައިގެން އެހެން އުޅެން. އެކަމަކު އަޅުގަނޑުމެން އެހެނެއް ނުހަދާނެތާ ދޯ؟ އަޅުގަނޑު ވެސް ގޮނޑި އެހެން ގެންގޮސްދޭއިރު އެ މީހުންނަށް ވަނީ އެއީ ވަރަށް ބޮޑު ކަމަކަށް،" އައިޝަތު ފާހަގަކުރެއްވި އެވެ.

"މިތާ ހަފްތާ ސައި އޮންނަ ގަޑީގައި އަޅުގަނޑު އޮފީހުގައި މިހެން އިނދެފައި ނުކުމެގެން އެ ހިނގާލާ ވަގުތު ވެސް އަޅުގަނޑު އަނގަޔަށް ހަމަ ލަވައިދޭނެ. ވަރަށް ގާތް ގުޅުމެއް އުފެދިފައި އޮތީ. އާންމުކޮށް އަންނަ ކުއްޖެއް ނާންނަ ނަމަ އަޅުގަނޑުމެން ވެސް ގުޅާލައި ވީގޮތެއް ބަލާލަން."

އިސްރަށްވެހިންގެ ނާދީގައި އަންހެނުންތަކެއް އޮށްވަޅުގޮނޑި ކުޅެނީ: މިއީ ދުވަސްވީ މީހުންނަށް މުނިފޫހިފިލުވާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހުރިހާ ކަމެއްގައި އިސްނަގައިގެން އިސްރަށްވެހިން

އައިޝަތު ވިދާޅުވިގޮތުގައި ހިންގާނެ ހަރަކާތްތައް ކަނޑައަޅައި އެކަންކަން ކުރިއަށް ގެންދަނީ ވެސް އިސްރަށްވެހިންގެ އިސްނެގުމުގެ މަތިންނެވެ. ނާދީގެ މުވައްޒަފުން އަދާކުރަނީ އެކަންކަން އިންތިޒާމްކޮށް ހިންގުމުގެ ދައުރެވެ.

"އިސްރަށްވެހިން ބުނާނީ ވާނީ މިވެނި ކަހަލަ ކެއުމެކޭ ބާއްވަން، ހިނގާށޭ ލިސްޓު ހަދަން. ލިސްޓު ހަދާފައި އެ އެއްޗެހި ހަދައިގެން ގެންނާނީ ވެސް އެ ބޭފުޅުން،" އައިޝަތު ފާހަގަކުރެއްވި އެވެ.

ހަފްތާ ސައިގައި ވެސް އަޅުގަނޑުމެން ބުނަނީ އެބޭފުޅަކަށް ގެނެވޭ އެއްޗެއް ގެންނާށޭ، ނުގެނެވެންޏާ ނުގެނަޔަސް އެއްވެސް މައްސަލައެއް ނެތް. އެއްޗެހި މަދުވަންޏާ އަޅުގަނޑުމެން ގަނެގެން ހަމަކޮށްލަނީ. މިހާރު ނުޖެހޭ އެއްޗެހި ގަންނާކަށް. މި ކުދިން އަންނާނެ ވަރަށް ރެޑީވެގެން އެއްޗެހި ހަދާލައިގެން."

އެފަދަ އެއް ހަރަކާތް އައިޝާ ފާހަގަކުރި އެވެ.

އަލިފާން ނިއްވާ ސެޝަންގެ ޕްރެކްޓިކަލް ބައި ހޮނިހިރު ދުވަހެއްގެ ހެނދުނު ކުރިއަށް ގެންދަން ނާދީން ނިންމުމުން އިސްރަށްވެހިން ބޭނުންވީ އެއީ މަޖާ ދަތުރަކަށް ހަދާލާށެވެ. ބޭނުންވާ ހުރިހާ އެއްޗެއް އަމިއްލައަށް ގެންގޮސް، އަމިއްލައަށް ކައްކައިގެން ކާށެވެ. ވިލިމާލޭގައި އުޅޭ އަންހެނަކު، އޭނާގެ ގެއިން ހުރިހާ އެއްޗެއް ލިބޭނެކަމުގެ ޔަގީންކަން ދިނެވެ.

"އެ ދަތުރު ވަރަށް މަޖާ މި ހުރިހާ ކުދިންނަށް ވެސް. ޓްރޭނިން ޕްރޮގްރާމް ނިންމާލާފައި މޫދަށް އެރޭ ކުދިން މޫދަށް އެރި، ގޭމް ކުޅެ، ކައްކައި، މާމަދަރިން ގެންދިޔަ ކުދިން އެ ކުދިންނާއެކު ކުޅެލައި ހެދި. ވަރަށް ވަރަށް އުފާވެރި މަޖާ ވަގުތުތަކެއް އެއީ،" އައިޝަތު ކިޔައިދެއްވި އެވެ.

އިސްރަށްވެހިންގެ ނާދީގައި އަންހެނުންތަކެއް ޗެސް ކުޅެނީ: އެތަނުގައި އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'ގޭގައި ތިބޭ ދުވަސްވީ މަންމަމެން މިތަނަށް ފޮނުވާ'

އެތަނަށް އަންނަ މީހުންނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން އަމިއްލަ ވާހަކަތައް ވެސް އެމީހުން އެތަނުގެ މުވައްޒަފުންނާ ހިއްސާކުރެ އެވެ. ބައެއް މީހުންގެ ފަރާތުން މުވައްޒަފުންނަށް އިވޭ ގޮތުގައި އެ މީހުންގެ ދަރިންނާއި ގާތް އެހެން މީހުންގެ ފަރާތުން "ތިއީ ކީއްކުރަންދާ ތަނެއް ހެއްޔޭ" ފަދަ ސުވާލުތައް އެ މީހުންނާ ކުރިމަތިވެ އެވެ. ބައެއް މީހުންނަށް ގަބޫލުކުރެވެނީ އުމުރުން ދުވަސްވެފައިވާ މަންމަ ނުވަތަ ބައްޕައަށް އެންމެ ރަނގަޅު ގޮތަކީ ގޭގައި މަޑުމަޑުން އިނުން ކަމަށެވެ.

"ވަރަށް ގިނަ ފަހަރު ދަރިންނަށް ހީވާނެ މަންމަ ވަކި އުމުރަކުން މައްޗަށް ދިޔައިމަ މަންމަ އިންނަންވާނީ ގޭގައޭ، ނުވަތަ ބައްޕަ އިންނަންވާނީ ގޭގައޭ، އިތުރު ތަނަކަށްދާނެ ކަމެއްނެތޭ، މުސައްލަމަތީގައޭ އިންނާނީ، ގުރުއާން ކިޔަވާލަ ކިޔަވާލާ، ނޫނީ މާމަދަރިން ބެލުމޭ ޒިންމާއަކީ. އެކަމަކު ގިނަ ފަހަރަށް ވާގޮތަކީ އެހެން އިންނަންވީމަ ނަފްސާނީ ގޮތުން މީހާ ވަރަށް ބަލިކަށިވޭ،" އައިޝަތު ވިދާޅުވި އެވެ. އޭގެ މިސާލުތައް ވެސް އޭނާ ކިޔައިދެއްވި އެވެ.

"ނަފްސާނީ ގޮތުން ވީކްވީމަ ޖިސްމާނީ ގޮތުން ވެސް މީހާ ވީކްވޭ. މިސާލަކަށް މިތަނަށް އަންނަ ދައްތައެއް، މިހާރު ދެތިން މަސްވެއްޖެ އަންނަތާ، ބުނީ މިތަނަށް އައިސް އުޅެން ފެށީމަ ރަނގަޅުވެއްޖޭ، ވަރަށް އުފަލުން ހިތްހަމަޖެހިފައޭ މި ހުންނަނީ، ކުރިން ހަނދާންނެތި ބުރުގާ ނާޅާ އެބަ ބޯދިއްކޮށްލެވެއޭ ބޭރަށް، މިހާރު އެކަހަލަ ކަމެއް ނުވެޔޭ،" އައިޝަތު ވިދާޅުވި އެވެ.

އެ ތަނުން ދިމާވި މީހުންނާ ވާހަކަ ދައްކާލުމުން އެމީހުންގެ ފަރާތުން ވެސް އިވުނީ އެފަދަ ވާހަކަތަކެވެ.

އިސްރަށްވެހިންގެ ނާދީގައި އަންހެނުންތަކެއް ކެރަމް ކުޅެނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެތަނުގައި މައިންބަފައިން ނުވަތަ މާމަ އާއި ކާފަ ކުރަނީ ކޮން ކަމެއްތޯ ބަލައިލާ އޮޅުންފިލުވާލަން ބޭނުންވާ ނަމަ އެތަނަށް އައިސް ބަލައިލުމުގެ ފުރުސަތު އޮވެ އެވެ. ނުވަތަ އެތަނުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފޮޓޯ އާއި ވީޑިއޯ އާއިލާއަށް ފޮނުވައިދެ އެވެ. އެތަނުގެ މުވައްޒަފުންނާ ވާހަކަ ދެއްކޭނެ އެވެ.

އައިޝަތު އާއި އެތަނަށްދާ މީހުންގެ ނަސޭހަތަކީ ގޭގައި އެކަނިވެފައި އިންނަ ދުވަސްވީ މަންމަ ނުވަތަ މާމަ އެތަނަށް ފޮނުވުމެވެ. ނަފްސާނީގޮތުން އަދި ޖިސްމާނީ ގޮތުން ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެތީ އެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކު ހިތްހަމަޖެހޭ ފަދަ ކަމެއް ކުރުމުގެ ފުރުސަތު އޮންނަންޖެހޭތީ އެވެ. އަމިއްލަ ހުވަފެންތައް އެއްފަރާތްކޮށް ދަރިންނަށް ކޮށްދިން ހިދުމަތްތަކަށް ފަހު އެ މީހުންނަށް ހަމަޖެހިލައިގެން އުފާވެރި ވަގުތުތަކެއް ހޭދަކުރަން ފުރުސަތެއް އެތަނުން ލިބިދާނެތީ އެވެ.

ކޮމެންޓް (6)

ރޯނުވާ

13 އޮކްޓޯބަރު 2024
ބޭކާރު ތަނެއް. ބޮޑު މުސާރައިގައި ސިޔާސީ ވަޒީފާ ދިނުމަށް ހަދާފައިވާ ތަނެއް.
1 0

ފަންތޮށި ހަސަނު

10 އޮކްޓޯބަރު 2024
ކިހާ ދުވަހެއް ވާނެބާ. ވަރަށް ވެފަ ފަށާނެ ހުރިހާ ކަމެއްވެސް. ދެތިން މަސް ވާއިރު ތަން އޮންނާނީ ފަޅުވެ ވީރާނާވާން ދޫކޮށްލާފަ. މިއީ މި ގައުމުގަ ކަން ހިނގާ ގޮތްމ އާދި އަދި ހާއްސަކޮށް ހިލޭ ހިދުމަތެއް ދޭނަމަ އެކަމެއް ދެމިއެއް ނޯވެ
5 0

ދަންނަ

10 އޮކްޓޯބަރު 2024
މިއީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ އިސްނެންގެވުމެއް. މިތަން ހުޅުވަން ހުރިހާކަމެއް ނިމިފައި އޮއްވައި މުއިއްޒު ވަޑައިގަތީ، ރަނގަޅޫ! ރިބަން ކަނޑައިދިނީ މި ސަރުކާރުން. މީގެ ހައްގު ތާރީފު އޮތީ އިބޫއަށް ލިބެންޖެހޭ.
2 2

ސަމާ

10 އޮކްޓޯބަރު 2024
ބޭނުން ވޮލަންޓިއާރ ކޮއްގެން އިސްރައްވެހިންނައް ކަމެއް ކޮއްދޭން ދާން
3 0

އިބްރާހިމް މުހައްމަދު ސޯލިހް

10 އޮކްޓޯބަރު 2024
ރަނގަޅު ވެރިން އައީމަ ރައްޔިތުން އުޅޭނީ އުފަލުގައި ހިތްހަމަ ޖެހިގެން.
6 2

އަހުމަދު ހާޝިމް

10 އޮކްޓޯބަރު 2024
ދުނިޔޭގެ މި ހަލަބޮލި ކަމުގެ ދަންތުރައިގެ ސަބަބުން ދިރިއުޅުން ދަތި ތަނަކަށް މި މާލެ ވެފައި ވާކަން ދަނެ ކޮންމެ ސަރުކާރަކުން ކުރިއަސް، އުމުރުން ދުވަސްވީ މީހުންނަށް ހިތްފަސޭހަ އަދި އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލެވޭނެ ގޮތެއް ފަހިކޮށްދެއްވުން މިއީ ހުރިހާ ރައްޔިތުންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަންކަމެވެ. ވަރަށްވެސް ހެޔޮ ކަމެއް މިއީ.
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް