ޑިޕްރެޝަންގެ އުނދަގޫ އަލާމާތްތައް ރޭގަނޑު ބޮޑުވަނީ ކީއްވެ؟
އަހަރެމެންގެ ސިކުނޑީގައި އޮންނަ އުދާސްތައް ރޭގަނޑުގެ އަނދިރީގެ ތެރޭގައި ނުކުތުމަކީ އާންމު ކަމެކެވެ. ހިތާމަވެރި އިހުސާސްތަކާއި ކަންކަމާ މެދު އަންނަ ގޯސް ވިސްނުންތައް ވެސް ބޭރުވަނީ ރޭގަނޑެވެ. އޭގެ ސަބަބުން ނިދަން އުނދަގޫވެދެ އެވެ.
ބައެއް މީހުންގެ ނަޒަރުގައި މިއީ 'ރޭގަނޑުގެ ޑިޕްރެޝަން' އެވެ. އެއީ އަސްލު ވެސް ހަގީގަތެއް ހެއްޔެވެ؟
ތަޖުރިބާކާރުން ބުނާ ގޮތުގައި އިރުއޮއްސުމަށް ފަހު ނުބައި ވިސްނުމެއްގެ ތެރެއަށް ތިމާ ގެނބިގެން ދިއުމަކީ ސިކުނޑީގެ މައްސަލައެއް ހުރުމެއް ނޫނެވެ. އެހެންކަމުން އަސްލު މި ދިމާވާ ގޮތް އެނގުމުން އެކަން ހައްލުކުރަން އަޅާނެ ފިޔަވަޅުތައް ދެނެގަނެވޭނެ އެވެ.
ރޭގަނޑުގެ ޑިޕްރެޝަންއަކީ ކޮބާ؟
މިއީ ޑިޕްރެޝަންގެ އަސްލު އަލާމާތްތައް ރަނގަޅަށް ފާޅުވާ ނުވަތަ އެ ހާލަތު ދުވާލަށް ވުރެ ގޯސްވާ ވަގުތެވެ. ކަންބޮޑުވުމާއި ނުބައި ވިސްނުންތައް ރޭގަނޑު ގިނަވެގަތުމަކީ އާންމު ކަމެކެވެ. އެހެންކަމުން ރޭގަނޑުގެ ޑިޕްރެޝަން ބަލަން ޖެހޭނީ ތިމާގެ މޫޑު އެންމެ ގޯސްވާ ގޯސްވުމަށެވެ.
"އެއީ ހިތާމަވެރިކަމުގެ އިހުސާސެއް،" އެމެރިކަން ސައިކިއާޓްރިކް އެސޯސިއޭޝަންގެ ރައީސް އަދި ރުޓްގާސް ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ތެރޭސާ މިސްކިމެން ރިވޭރާ ވިދާޅުވި އެވެ.
"އެއީ 'އަހަންނަށް އެއްވެސް އުފަލެއް ނެތް' ކަމަށް ކުރެވޭ އިހުސާސް. އަހަރެންގެ ހަޔާތަކީ އެއްވެސް އެއްޗެއް ނޫނޭ ހީކުރެވުން."
ރޭގަނޑު އެކަހަލަ ވިސްނުންތަކުގެ ތެރޭގައި އުޅެން ވެއްޖެ ނަމަ އޭގެ ގެއްލުން ލިބެނީ، ޑރ. ތެރޭސާ ވިދާޅުވި ގޮތުގައި، ހަމައެކަނި ސިކުނޑިއަކަށް ނޫނެވެ. ނިދިން މަހުރޫމްވުމުގެ ގެއްލުން ހަށިގަނޑަށް ވެސް ލިބެ އެވެ.
ރޭގަނޑު މޫޑު ބަދަލުވަނީ ކީއްވެ؟
ތިމާގެ މޫޑު ރޭގަނޑު ގޯސްވުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވެނީ ނިދަން ހުރަސްއަޅާ ސިއްހީ މައްސަލަތަކާއި އެކަނިވެރިކަމާއި ބަނގުރާ ނުވަތަ މަސްތުވާތަކެއްޗެވެ. އޭގެ އިތުރުން އިންސާނާގެ ހަށިގަނޑުގައި އެކުލެވޭ 'ހަށިގަނޑުގެ ގަޑިއެއް'ގެ ގޮތުގައި ސިފަކުރާ ހާއްސަ ނިޒާމު ވެސް އޭގައި ރޯލެއް އަދާކުރެ އެވެ.
މިއީ ހެނދުނު ވެއްޖެކަން އަންގައިދިނުމާއި ބަނޑުހައިވުމުން ކާ ވަގުތު ޖެހިއްޖެ ކަމާއި ރޭގަނޑު ވުމުން ނިދަން ވެއްޖެކަން އިހުސާސްކޮށްދޭ ނިޒާމެވެ. ހަށިގަނޑުގެ ފިނިހޫނުމިނާއި ހޯމޯންގެ ލެވެލްގެ އިތުރުން ދިފާއީ ނިޒާމު ރަނގަޅަށް ކުރިއަށް ގެންދަން އެހީތެރިވަނީ ވެސް 'ހަށިގަނޑުގެ ގަޑިން'ނެވެ.
މީހާ ނިންދުވަނީ މެލަޓޯނިއަން ނަމަކަށް ކިޔާ ހޯމޯންއަކުންނެވެ. އެ ހޯމޯން އުފައްދަން ރޭގަނޑު ވެއްޖެކަން ހަށިގަނޑަށް ބުނެދެނީ އެ 'ގަޑިންނެ'ވެ. ހޭލާ ހުންނަ އިރާއި ނިދާ އިރުގެ ބުރު، ހަށިގަނޑު ކޮންޓްރޯލްކޮށްދޭ 'ގަޑި'އާ ދިމާނުވެއްޖެ ނަމަ ތިމާގެ މޫޑަށް ނުބައި އަސަރުކުރުވަ އެވެ.
އެކަމަށް ހެކިދޭ ދިރާސާތައް ހުރީ ހަދައިފަ އެވެ. މިސާލަކަށް ރޭގަނޑު މަސައްކަތްކުރާ މީހުންގެ އާދަ އެވެ. އާންމުކޮށް މަސައްކަތްކުރާ ވަގުތުން ބޭރުގައި ވަޒީފާގެ ޒިންމާތައް ނަގާ މީހުންނަށް ޑިޕްރެޝަން ނުވަތަ އެންޒައިޓީގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ އެވެ. ސިއްހީ އެހެން މައްސަލަތަކާ ދިމާވުމުގެ ފުރުސަތު އޮތް މިންވަރު ވެސް އެފަދަ މީހުންނަށް މައްޗެވެ.
ރޭގަނޑު ދިމާވާ ޑިޕްރެޝަންއަކީ ބައެއް މީހުންގެ އަސްލު ޑިޕްރެޝަންގެ ބައެކެވެ. އެކަމަކު ގިނަ ބަޔަކަށް ރޭގަނޑުގެ ޑިޕްރެޝަން ކަމަށް ބުނާ ހާލަތުގެ އިހުސާސްތައް ކުރިމަތިވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ލަހުން ނިދުމާއި އަވަހަށް ހޭލުން ހިމެނެ އެވެ. އަވަސް އަވަހަށް މޫޑު ބަދަލުވުމުގެ މައްސަލަ ނެތް މީހުންނަށް ވެސް، ލަހުން ނިދާފައި އަވަހަށް ހޭލާ ކަމަށް ވަންޏާ އެފަދަ އިހުސާސްތައް ކުރެވިދާނެ އެވެ.
އެއް ދިރާސާއެއްގައި ސިއްހަތު ރަނގަޅު 21 މީހުން ބޭނުންކުރި އެވެ. އެ ދިރާސާއިން އެނގުނީ ރޭގަނޑު ޕޮޒިޓިވް އަދި ނެގެޓިވް ވިސްނުން އަންނަ ވަގުތުތަކެވެ. އެގޮތުން އެފަދަ އިހުސާސްތައް އެންމެ ގަދަވަނީ ރޭގަނޑު 3:00ގައި ކަމަށް، ދިރާސާއިން ދެއްކި އެވެ.
ރޭގަނޑު ސިކުނޑިއަށް އަރާމު ހޯދޭނީ ކިހިނެއް؟
ޔުނިވަސިޓީ އޮފް ސައުތެމްޓަންގެ ޑރ. ސާރާ އެލް. ޗެލެއްޕާއަކީ 'ހަށިގަނޑުގެ ގަޑި' އާއި އިންސާނާގެ މޫޑާ ހުރި ގުޅުން ދެނެގަންނަން ދިރާސާތައް ހައްދަވާފައިވާ އެސޯސިއޭޓް ޕްރޮފެސަރެކެވެ. އޭނާގެ ނަސޭހަތަކީ:
-
ހޭލާ އުޅޭ އިރާއި ނިދާ ވަގުތު އެއްގޮތަކަށް ދެމެހެއްޓުން
-
ދުވާލު ގަޑީގައި ނިދުމުން ދުރުވުން
-
ނިދުމުގެ ގަޑިއެއްހާ އިރު ކުރިން އިލެކްޓްރޯނިކް އާލާތްތައް ބޭނުންކުރުން ހުއްޓާލުން
-
ކޮޓަރީގެ ފިނިހޫނުމިން އަރާމު ވަރެއްގައި ބެހެއްޓުން
މި ހުރިހާ ފިޔަވަޅުތަކާ އެކު ވެސް ރޭގަނޑުގެ ޑިޕްރެޝަންގެ އުނދަގޫތައް ކުރިމަތިވާ ނަމަ ދެން ދިމާވެދާނެ އެހެން ސަބަބުތަކާ މެދު ވެސް ވިސްނާލާށެވެ. މިސާލަކަށް:
-
ޖިސްމާނީ ސަބަބެއް ކުރިމަތިވަނީ ހެއްޔެވެ؟
-
މާ ގިނައިން ކޮފީ ބޮވުނީ ހެއްޔެވެ؟
-
ނިދުމުގެ ކުރިން މާ ބޮޑަށް ކެވުނީ ހެއްޔެވެ؟
-
މަސްތުވާތަކެތި ބޭނުންކުރީ ހެއްޔެވެ؟
މިއީ، ޑރ. ސާރާ ވިދާޅުވި ގޮތުގައި، އަރާމު ނިންޖަކަށް ހުރަސް އެޅިދާނެ ސަބަބުތަކެވެ. އެފަދަ ހުރަހަކުން ދެން ފެންނާނީ ޑިޕްރެޝަންގެ އަލާމާތްތަކެވެ.
ހައްލެއް ހޯދަން ކުރެވިދާނެ އަނެއް ކަމަކީ ރޭގަނޑު އެ ކުރިމަތިވާ އިހުސާސްތައް ވަގުތުން ނޯޓުކުރުމެވެ. އޭރުން ދުވާލު ގަޑީގައި އެކަންކަމާ މެދު ވިސްނާލަން ފަސޭހަވާނެ އެވެ.
ބައެއް ތަޖުރިބާކާރުން ލަފާދެނީ ނުބައި ވިސްނުންތަކެއްގައި ރޭގަނޑު ހޭލައި އޮވެ، ވަކި ގޮތަކަށް ކަންކަން ނުނިންމުމަށެވެ. އޭގެ ބަދަލުގައި ސީރިއަސްކަން ކުޑަ ކަންކަމާ މެދު ވިސްނުން ދޫކޮށްލަން އެދެ އެވެ.
"ހެނދުނު ހޭލާއިރު ތިބާގެ މޫޑު އަސްލު ހުންނަން ޖެހޭނީ ރަނގަޅުވެފައި. އޭގެ ގަޑިތަކެއް ކުރިން އުނދަގޫކުރި ވިސްނުންތަކުން ލިބުނު މާޔޫސްކަން ކުޑަވާން ޖެހޭނެ،" އެެހެން ތަޖުރިބާކާރެއް ކަމަށްވާ އަލްފްރެޑް ޖޭ. ލެވީ ވިދާޅުވި އެވެ.
އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ރޭގަނޑުގެ އުނދަގޫ އިހުސާސްތައް އެތައް ހަފުތައަކަށް ދެމިގެން ދާ ނަމަ ސިއްހީ އެހީތެރިކަން ހޯދުމެވެ. އޭރުން އަސްލު ސަބަބު ދެނެގަންނަން ފަސޭހަވާނެ އެވެ.
އެޑިޓަރުގެ ނޯޓް:
މިއީ ނިއު ޔޯކް ޓައިމްސްގެ ކްރިސްޓިން ކެރޮން ލިއުނު ލިއުމެއްގެ ހުލާސާ ތަރުޖަމާއެކެވެ.