ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ނ. މަގޫދޫގައި ރީޔޫސަބަލް ފޮތި ނެޕީ ބޭނުންކުރުމަށް ބާރުއަޅާ 'ބުޑު ފޮތި' ޕްރޮގްރާމް ފެށުން. (ފޮޓޯ/ ސޮނޭވާ)
ޕްލާސްޓިކް ކުނި މަދުކުރަން މަގޫދޫ އިން ހިޔާރުކުރީ ފޮތި ނެޕީ
ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ފޮތި ނެޕީ ބޭނުންކުރުމަށް ބާރުއެޅުމަށް 'ބުޑު ފޮތި'ގެ ނަމުގައި ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ސޮނޭވާ އިން ބުނި ގޮތުގައި، ސޮނެވާ ނަމޫނާގެ އެހީތެރިކަމާ އެކު، މަގޫދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށު ކައުންސިލާއި ސިއްހީ މަރުކަޒުގެ އިސްނެގުމަކުން ފެށި މި ޕްރޮގްރާމްގެ މަގްސަދަކީ:
-
ރަށުގައި އުފެދޭ ނެޕީ ކުނި މަދުކުރުން
-
ރަށަށް އެތެރެ ކުރާ ޑިސްޕޯޒަބަލް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ނެޕީ މަދުކުރުން
-
އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ (ރީޔޫސަބަލް) ނެޕީ ބޭނުންކުރުމުގެ ސަގާފަތެއް އާލާކުރުން
ތަފްސީލް - ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، ރަށުގައި މިވަގުތު ތިބި ނެޕީ ޖަހާ ހުރިހާ ކުދިންނާއި އެ ކުދިންގެ އާއިލާތަކުން ބައިވެރިވެ އެވެ. އެއީ 32 އާއިލާ އެވެ.
'ބުޑު ފޮތި' ޕްރޮގްރާމް ލޯންޗްކުރުމަށް ބޭއްވި ހަރަކާތުގައި ކޮންމެ އާއިލާއަކަށް ވެސް ރީޔުސަބަލް ނެޕީ ކިޓެއް ހަވާލުކޮށް އެ ކިޓް ބޭނުންކުރާނެ ގޮތުގެ މައުލާމޫތު ދިނެވެ. މީގެ އިތުރުން:
-
ދަރިންނަށް ރައްކާތެރި ސިއްހަތާއި ވެއްޓެއް ކަށަވަރުކުރުމަށް މަސައްކަތްކޮށް އެކަމަށް ބާރުއަޅާ އާދަތައް އިސްކުރުމަށް އެއްބަސްވެ، ވައުދެއްގައި ޕްރޮގްރާމްގެ ބައިވެރިން ސޮއި ކުރި
-
އަޖުމަބެލުމުގެ މި ޕްރޮގްރާމަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށްޓަކައި، ބައިވެރިން ހިމެނޭ ސަޕޯޓް ގްރޫޕެއް އިވެންޓްގައި އިފްތިތާހު ކުރި
-
މި ގްރޫޕްގެ ބޭނުމަކީ ފޮތި ނެޕީ ބޭނުން ކުރުމުގެ ތަޖުރިބާ އެހެން ބައިވެރިންނާ ހިއްސާކޮށް، އެކަކު އަނެކަކުގެ ކިބައިން ދަސްކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ފުރުސަތު ފަހިކުރުން ކަމަށް ސޮނޭވާއިން ބުނި
ބުނީ ކީކޭ؟ - "ބުޑު ފޮތި ޕްރޮގްރާމްގައި ބައިވެރިވުމުން އަޅުގަނޑުމެންނަށް ލިބުނު ޔަގީންކަމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު މަދުކުރެވޭނެ ގޮތަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓައިގެން ވެސް އަޅުގަނޑުމެންގެ ތުއްތު ކުދިން އެންމެ ރައްކާތެރިކަމާ އެކު ބަލާ ބޮޑު ކުރެވޭނެކަން،" ޕްރޮގްރާމްގައި ބައިވެރިވާ މަންމައެއް ކަމުގައިވާ ފާތުމަތު ނަމްހާ ބުންޏެވެ.
ސޮނޭވާ އިން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން މަގޫދޫގެ ފިހާރަތަކަށް، އަލުން ބޭނުންކުރެވޭ ނެޕީއާ ބެހޭ މައުލޫމާތު ދީ، އެފަދަ ނެޕީ ސަޕްލައި ކުރާ ޖަމިއްޔާ ޒީރޯ ވޭސްޓް މޯލްޑިވްސްއަށް ފިހާރަތައް ތައާރަފް ކޮށް، މަގޫދޫގައި ރީޔުސަބަލް ނެޕީ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސާނެ އެވެ.
ފާހަގަކޮށްލެވޭ - 'ބުޑު ފޮތި' ޕްރޮގްރާމަށް ތައްޔާރުވުމަށް، މަގޫދޫގައި މިވަގުތު އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ނެޕީ ބޭނުންކުރާ ގޮތާ ގުޅޭ ސާވޭއެއް ކޮށް މައުލޫމާތު އެއްކުރި އެވެ. އެ ހޯދުންތަކުން އެނގޭ ގޮތުގައި:
-
މަގޫދޫގައި ނެޕީ ޖަހާ ތުއްތުކުއްޖެއް ބަލާ ކޮންމެ އާއިލާއަކުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ނެޕީ ގަތުމަށް މަހެއްގެ މައްޗަށް 831 ރުފިޔާ ހަރަދުކުރޭ
-
މިފަދަ އާއިލާއަކަށް ތިން އަހަރު ތެރޭގައި އެންމެ ކުއްޖެއްގެ ނެޕީއަށް 30،000 ރުފިޔާ ހޭދަކުރެވޭނެ
-
މަގޫދޫގައި ތުއްތުކުއްޖެއްގެ ނެޕީ އެވްރެޖުކޮށް ދުވާލަކު ހަތަރު ފަހަރު ބަދަލުކުރޭ؛ މިއީ ތިން އަހަރުގެ ތެރޭގައި ކުނީގެ ގޮތުގައި އުކާލާ 4،320 ނެޕީ
-
މިއީ ގާތްގަޑަކަށް 10،800 އަކަފޫޓް ނުވަތަ ހަ ވޮލީ ކޯޓުގެ ސަރަހައްދު ފޮރުވާލެވޭނެ ވަރުގެ ކުނި ނެޕީ
"ނެޕީ ކުނި މެނޭޖްކުރުމަކީ އަޅުގަނޑުމެންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް. އަދި ނެޕީ ކުނި ޖަމާވެފައި ހުރުމަކީ ހެލްތު ހެޒާޑެއް، ނުވަތަ އޭގެ ސަބަބުން ސިއްހަތަަށް ނުރައްކަލެއް ކުރިމަތި ކުރުވަފާނެ ކަމެއް،" 'ބުޑު ފޮތި' ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަގޫދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މާޖިދާ ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދަރިންނަށް މިއަށް ވުރެ ދެމެހެއްޓެނިވި މާހައުލެއް ގާއިމްކުރުމާ އެކު، މި މައްސަލަ ހައްލުކުރުމަށް ބުޑު ފޮތި ކެމްޕޭނުން ހުށަހަޅަނީ އުއްމީދީ ހައްލެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ މި ޕްރޮގްރާމް މެދުވެރިކޮށް ބެލެނިވެރިންނަށް ދަރިންގެ ސިއްހަތަށް އެންމެ ރައްކާތެރި ގޮތްތަކާއި އަދި ތަކެއްޗާ ބެހޭ މައުލޫމާތު ލިބި އެ ތަކެތި ފަސޭހައިން ލިބޭނޭ ގޮތް ފަހިވެގެންދާނެތީ."
ސޮނެވާ ނަމޫނާގެ ރިޑިއުސް މެނޭޖަރު ހަދީޖާ ހާމިދު ވިދާޅުވީ މަގޫދޫގައި ފެށި ޕްރޮގްރާމުން، ކުރިއަށް ހުރި މަސައްކަތްތައް ރޭވުމަށް ބޭނުންކުރެވޭނެ ތަފާސްހިސާބު ލިބުމުގެ އިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަކެތީގެ ބަދަލުގައި އަލުން ބޭނުން ކުރެވޭނެ ތަކެތި ފަސޭހައިން ލިބުމުގެ މުހިއްމުކަން ފާހަގަވެގެންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި މަސައްކަތުގެ ސަބަބުން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ވެސް އެއްފަހަރު ބޭނުންކޮށް އުކާލާ، ތިމާވެއްޓަށް ގެއްލުންދެނިވި ތަކެތި މަދުކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރެވިގެންދިޔުން،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
ާދަރުމޭން