ކުޑަ ލާރިކޮޅެއް ރައްކާކުރެވުނަސް ނިދަން ފަސޭހަ

އާ ދިރާސާއިން ދައްކާ ގޮތުގައި ކިތައްމެ ކުޑަ އެއްޗެއް ފަހަށް ރައްކާކުރެވޭ އާދައިގެ މީހާގެ އުފާވެރިކަން އެއްވެސް އެއްޗެއް ރައްކާނުކުރެވޭ ތަނަވަސް މީހާއާ ދާދި އެއްވަރު
17 ޖުލައި 2024

ފަސޭހައިން ނިދާލަން އެންމެން ވެސް ބޭނުންވެ އެވެ. އެކަމަކު ދިރިއުޅުމުގެ އެކި ޕްރެޝަރުތަކާ ހެދި ބައެއް މީހުންނަށް ނިދަން އުނދަގޫވެ އެވެ. ބަލަންވީ އަދި މަސައްކަތްކުރަންވީ ހާލަތަށް ޝުކުރުވެރިވެ، ދިރިއުޅުމައިގެން ކުރިއަށް ދާށެވެ. އެގޮތުން ހިތްވަރުކޮށްގެން ނަމަވެސް ކިތައްމެ ކުޑަ އެއްޗެއް ފަހަށް ރައްކާކުރުމަކީ އޮތް ބޮޑު ހިތްހަމަޖަހުމެއް ކަން ސައިންސްގެ ހޯދުންތަކުން ދައްކަ އެވެ.

އިނގިރޭސި ވިލާތުގެ ބްރިސްޓަލް ޔުނިވަސިޓީއިން ދާދި ފަހުން ކުރި ދިރާސާއަކުން އެކަމަށް ހެކިވެ އެވެ. އެ ދިރާސާއިން ދެއްކީ ކިިތައްމެ ކުޑަ އެއްޗެއް ފަހަށް ރައްކާކުރެވުނަސް ނިދަން ފަސޭހަވާ ކަމަށެވެ.

އިނގިރޭސި ވިލާތުގައި ފަހަށް ރައްކާކުރުމުގެ އާދަ ގެންގުޅެނީ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި މީހުންނެވެ.

މަހުގެ ހަރަދުތައް ބޮޑު ނަމަވެސް ކުޑަ ލާރިކޮޅެއް ރައްކާކުރެވޭ މީހާއަށް ކުރިމަގާ މެދު އުއްމީދުތަކެއް އާކޮށްދޭ ކަމަށް، ދިރާސާއިން ދައްކަ އެވެ.

އަރާމުގައި ނިދާލުމަކީ ސިއްހަތަށް ބޮޑު ފައިދާއެއް

ތަނަވަސް މީހާއަށް ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބޭނުންވާ ގޮތަކަށް ފުއްދާލެވެ އެވެ. އެކަމަކު ކުޑަ އާމްދަނީއެއް ލިބޭ މީހާއަށް އެއީ ބުރައެކެވެ. ދިރާސާއިން ދައްކާ ގޮތުގައި ދަށް އާމްދަނީ ލިބޭ މީހުންގެ ތެރެއިން ކުޑަ ލާރިކޮޅެއް ފަހަށް ރައްކާކުރެވޭ މީހާގެ އުފާވެރިކަަން، އެއްވެސް އެއްޗެއް ރައްކާނުކުރެވޭ ތަނަވަސް މީހާއާ ދާދި އެއްވަރެވެ.

ބައެއް ފަހަރަށް އަހަރެމެންނަށް ހީވަނީ މަހަކު ކުޑަ އެއްޗެއް ރައްކާކުރުމުގެ ފައިދާއެއް ނެތް ކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ. ކިތައްމެ ކުޑަ އެއްޗެއް ރައްކާކުރެވުނަސް، އެ ރައްކާކުރެވޭ ބައި މަހުން މަހަށް އަންނާނީ އިތުރުވަމުންނެވެ. އެހެންކަމުން އެއީ ކުއްލި ކަމެއް ދިމާވިޔަސް އެހީއަކަށް ފުދޭނެ އެވެ. ނުވަތަ ދަރަންޏަށް ލާރި ނަގައިގެން ދެން ބޮލުގައި ރިއްސާރިއްސުންތަކުން ސަލާމަތްވެވޭނެ އެވެ.

ދިރާސާގެ މައްޗަށް ބިނާކޮށް އެއްޗެއް ބުނާ ނަމަ މާނައަކީ ކުޑަކުޑަ މިންވަރެއް ފަހަށް ރައްކާކުރެވުނަސް ތިމާއަށް ލިބޭ ހިތްހަމަޖެހުން ބޮޑުވާ ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް