ދުޅަހެޔޮ އުފާވެރި ކައިވެންޏެއް ލިބުމަކީ ބޮޑު ނިއުމަތެއް (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ލޯބި

ކައިވެނި ސަލާމާތް ނުކުރެވޭނެ ކަމުގެ ބައެއް އަލާމާތްތައް

ކިތަންމެ ލޯބިން ކުރި ކައިވެންޏެއް ނަމަވެސް ބައެއް މައްސަލަތައް ކުރިމަތިވާ ނަމަ އެ ކައިވެނި ސަލަމާތް ކުރުމުގެ އެއްވެސް ފުރުސަތެއް ނޯވޭ
29 އޭޕްރީލު 2024
1

ލޯބިވެތި ކައިވެންޏަކީ ބޮޑު ނިއުމަތެކެވެ. އެކަމަކު ބައެއް ފަަހަރަށް ކައިވެނީގެ ސަބަބުން ހިތްހަލާކުވާން މެދުވެރިވެ އެވެ. ހާއްސަކޮށް ކައިވެންޏެއް ނިމޭ އަތަށް އަޅަން ކައިރިވީމަ އެވެ.

ވަރިއަށް ދިއުމަކީ ފަސޭހަ ގޮތެއް ނޫނެވެ. ވަރިވާން ކުރާ ދަތުރު އެކި މީހުންނަށް ތަފާތެވެ. ވަރިވާން ބޭނުންވާ ނަމަ ވިސްނަންވީ ކައިވެނި ސަލާމާތް ކުރެވޭނެ އެއްގޮތް ވެސް ނެތީ ކީއްވެތޯ އެވެ.

ވަރިވާންވީތޯ ނުވަތަ ސުލްހަވާންވީތޯ މިއީ ހަމައެކަނި ތިމާއަށް ނިންމޭނެ ނިންމުމެކެވެ. އެހެން އެއްވެސް މީހަކަށް މި ނިންމުން ނިންމައެއް ނުދެވޭނެ އެވެ.

ވަރިވާން ވެއްޖެކަން ބުނެދޭ ބައެއް ނިޝާންތައް ހުރެ އެވެ. އަދި ހަމަ އެގޮތަށް ގަދައަށް މަސައްކަތްކޮށްފި ނަމަ ކައިވެނި ރޫޅާނުލާ ސަލާމާތް ކުރެވިދާނެކަން ވެސް ދެނެގަނެވިދާނެ އެވެ.

ކައިވެނި ސަލާމަތް ކުރާ ވަރުތަ؟

ކައިވެނި ސަލާމަތް ކުރާ ވަރުތޯ ނިންމުމަށް ބައެއް ކަންކަމަށް ބަލަންވޭ 

ބައިވެރިޔާ ވަރިވާން ނިންމައިގެން އުޅޭ ނަމަ ބައެއް ސުވާލުތަކަށް ޖަވާބު ދީ ގޮތް ނިންމުމުގެ ކުރިން ބައެއް ކަންކަމާ މެދު ވިސްނަންވެ އެވެ. ކައިވެންޏެއް ރޫޅާލުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މުޅި އުމުރު އެކީގައި ހޭދަ ކުރަން ނިންމައިގެން އުޅޭ ބައިވެރިޔާ ދެކެ ލޯބި ނުވާކަން ނިންމުމަކީ އުނދަގޫ ކަމެކެވެ.

އަދި ބައެއް ފަހަރަށް ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާ ލޯބިވިޔަސް އެއީ ކައިވެނި ސަލާމަތް ކުރެވޭ ކަމަކަށް ނުވެ އެވެ. މިއީ އަދި ވަރިވުން އިތުރަށް އުނދަގޫވާ ކަމެކެވެ. ދެ މީހުން އެކީގައި ނުވަތަ ވަކިވަކިން ކައުންސެލިން ހޯދުމަކީ ގޮތް ނިންމަން ފަސޭހަވާ ކަމެކެވެ.

ދެ ހާސް މީހުން ބައިވެރިކޮށްގެން 2020 ގައި ހެދި ދިރާސާއެއްގައި، ވަރިވާން މެދުވެރިވާ އެންމެ އާއްމު ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެވުނު ކަންކަމަކީ މިއީ އެވެ.

  • ލޯތްބާއި ގާތްކަން ކައިވެނީގައި ނެތުން

  • މުއާމަލާތް ކުރުމުގެ މައްސަލަތައް

  • އިހްތިރާމް، ހަމްދަރުދީ، އިތުބާރު ނެތުން

  • ދެ މީހުން އެކަކު އަނެކަކާ ދުރުވުން

އަލާމާތްތައް އެނގުން މުހިއްމު

ކައިވެނީގައި ކުރިމަތިވާ ބައެއް މައްސަލަތައް، މިސާލަކަށް އަނިޔާކުރުން، މިއީ އެއްވެސް ގޮތަކަށް ބަލައިގެން ވާނެ ކަންކަމެއް ނޫނެވެ. މީގެ އިތުރުން ބައެއް ކަންކަމަކީ، ފަސޭހައިން ދެނެގަނެވޭނެ ކަންކަމެއް ނޫނެވެ. އެކަމަކު ސީރިއަސްކޮށް ނަގަންޖެހޭ ކަންކަމެވެ.

ބައިވެރިޔާއާ ވަކިވުމަކީ މިއީ ވަރަށް ބޮޑު އަދި އަމިއްލަ ކަމެކެވެ. ތިރީގައި މިވާ ހުރިހާ އަލާމާތެއް ފެނުނަސް އެ ގުޅުން އަލުން ރަނގަޅުވެދާނެ އެެވެ.

ވަރި އަކީ އުނދަގޫ ކަމެއް ކަމުގައިވިޔަސް، ބައިވެރިޔާއާ އޮންނަންވާ ގާތްކަމާއި ގުޅުން ނެތް ނަމަ، އަދި ބައިވެރިޔާއާ މެދު ޖަޒުބާތީ ނޫން ނަމަ، ރަނގަޅު ނޫން ގުޅުމެއްގެ ސަބަބުން ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ބޮޑެވެ.

ބައެއް ދިރާސާތަކުން ބުނާ ގޮތުގައި ބައިވެރިޔާއާ އެކު އޮންނަ ގުޅުމުން އުފަލެއް ނުވަތަ ހިތްހަމަޖެހުމެއް ނުލިބޭ ނަމަ އަދި އަނިޔާ އާއި އަބަދު ނުރަނގަޅު ކަންކަން މެދުވެރިވާ ނަމަ އެއީ މީހާގެ އުމުރު ކުރުވުމަށް މެދުވެރިވާ ސަބަބެއް ވެސް މެ އެވެ.

އަނިޔާ

އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭ ކައިވެންޏެއްގައި ދެމިހުރުމުގެ މާނައެއް ނެތް

ކައިވެނީގައި ބައިވެރިޔާގެ ފަރާތުން އަނިޔާ ލިބޭ ނަމަ އެ ކައިވެނި ރޫޅާލަން ޖެހެ އެވެ. އަނިޔާ އަކީ ބަލައިގަނެވޭނެ އެއްޗެއް ނޫނެވެ. އެއްވެސް މީހަކު އަނިޔާއަށް ކެތްކުރާކަށް ނުޖެހެ އެވެ. އަދި އެއާ އެކު އުޅޭކަށް ނުޖެހެ އެވެ.

ކައިވެނީގައި ބައިވެރިޔާގެ ފަރާތުން އަނިޔާ ލިބޭ ނަމަ އެކަމުން ސަލާމަތްވާން އެހީތެރިކަން ހޯދުން މުހިއްމެވެ.

ކޮންމެ އަނިޔާ އަކީ ޖިސްމާނީ އަނިޔާއަކަށް ނުވެދާނެ އެވެ. ނަފްސާނީ އަނިޔާ އާއި ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމަކީ ވެސް އަނިޔާ އެކެވެ.

ގާތްކަން ނެތުން

ކައިވެންޏެއްގައި ބައެއް ފަހަރު އެކި ސަބަބުތަކާ ހުރެ ދެ މީހުން ގާތް ނުވެ، ޖިންސީ ގުޅުމާ ދުރު ދުވަސްތަކެއް ހިނގައިދާނެ އެވެ. އެކަމަކު، އެއްވެސް ގޮތަކަށް ދެ މީހުންގެ މެދުގައި ގުޅުމެއް ނުހިނގާ ނަމަ އެއީ ކައިވެނީގައި ބޮޑެތި މައްސަލަތައް އުޅޭ ކަމުގެ އަލާމާތެކެވެ. އަދި މި މައްސަލަތައް ހައްލުކޮށްގެން ނޫނީ ކައިވެނި ކުރިއަަކަށް ނުދާނެ އެވެ.

އިންޓިމެސީ ނެތުމަކީ ކައިވެނި ކުރިއަށް ނުދާނެ ކަމުގެ އަލާމާތެއް

ވަފާތެރި ނުވުން

ތިމާއާ ކައިވެނިކޮށްގެން އުޅެމުން ތިމާއަށް ނާންގާ އިތުރު މީހަކާ ކައިވެނިކޮށްފި ނަމަ، މިއީ ބައިވެރިޔާގެ މައްޗަށް އިތުބާރު ގެއެްލޭ ކަމެކެވެ.

ގާނޫނާ ހިލާފުވުން

ބައިވެރިޔާ އަކީ ޖިނާއީ ކުށްތަކަކަށް އަރައިގެންފައިވާ މީހެއްކަން އެނގިއްޖެ ނަމަ މިކަމުން އަރައިގަންނަން އުނދަގުލެވެ. ހާއްސަކޮށް އޭނާ އަރައިގަނެފައިވަނީ ބޮޑު ކުށަކަށް ނަމަ އެވެ. އިތުބާރު ގެއްލުމުގެ އިތުރުން ތިމާ އަށް ބައިވެރިޔާގެ ހަގީގަތް ރަނގަޅަށް ނޭނގޭ ކަމުގެ އިހްސާސް ކުރެވެ އެވެ. ގުޅުމެއްގައި ދޮގު ހަދާ ނަމަ އެކަމަށް މާފު ކުރަން އުނދަގުލެވެ. އަދި ހާއްސަކޮށް މިކަހަލަ ދޮގަކީ ސީރިއަސް ކަމެއް ފޮރުވަން ކުރާ ކަމަކަށްވާ ނަމަ އެވެ.

ބައިވެރިޔާ އަކީ ކުށަށް އަރައިގަންނަ މީހެއްކަން ކައިވެނީގެ ވަކި ހިސާބަކުން އެގުން އެއީ ކައިވެންޏަށް އަސަރު ކުރާ ކަމެއް

އަބަދު ފާޑުކިޔުން

ބައިވެރިޔާ އަބަދު ތިމާ ދެރަކޮށް، ދަށްކޮށްލާ، ފާޑުކިޔާ ނަމަ ތިމާގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރެ އެވެ. ބައިވެރިޔާ އަށް ފާޑުކިޔުމަކީ ކައިވެނި ނިމޭ އަތަށް އެޅުމުން ފެންނަ އަލާމާތެެއްކަން ސައިކޮލޮޖިސްޓުން ފާހަގަ ކުރެ އެވެ. މީގެ އިތުރުން ދެން ވާހަކަ ނުދައްކާ ހުރުން، އަބަދު ދިފާއު ވާން ޖެހުން އަދި ބައިވެރިޔާ އަކީ ތިމާގެ ކުރިމަތީގައި އަގެއް ނެތް، އަދި ނަފުރަތު ކުރާ މިހަކަށް ވާ ނަމަ އެއީ ވެސް މައްސަލަތަކެކެވެ.

ދެވިހިފުން

ދެވިހިފައިފައިވާ މީހަކާ އެކު ގުޅުމެއްގައި އުޅުން އެއީ ވަރަށް އުނދަގޫ ކަމެކެވެ. ހާއްސަކޮށް އެމީހަކު އެކަމަށް ފަރުވާ ނުހޯދާ ނަމަ އެވެ. ދެވިހިފުމުގެ ސަބަބުން ވަޒީފާ ގެއްލި މާލީ ހާލަތު ދަށްވުން އެއީ ގިނަ ފަހަރަށް މެދުވެރިވާ ކަމެކެވެ. މިގޮތަށް ކަންތައް ވާ ނަމަ، ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތަކުގެ މައިގަނޑު އޮންނަނީ ފައިސާއާ ގުޅިފަ އެވެ.

ބޮޑެތި ކަންކަމުގައި ހިޔާލު ތަފާތުވުން

ކުރިން އެއްބަސްވެފައިވާ ކަންތައްތަކާ މެދު މިހާރު ހިޔާލު ބަދަލުވުމަކީ ވެސް ކައިވެންޏަށް އަސަރު ކުރާ ކަމެކެވެ. މިސާލަކަށް ދަރިން ހޯދުން، ނުވަތަ އުޅޭނެ ތަނެއް ނިންމާފައި ކުރިން އޮތަސް މިހާރު ދެ މީހުން އެކީގައި އުޅޭނެ ތަނަކާ މެދު އެއްބަސް ނުވެވުން ހިމެނެ އެވެ.

ބޭވަފާތެރިވުން

ބައިވެރިޔާ ތިމާ އަށް ބޭވަފާތެރިވެއްޖެ ނަމަ ކައިވެނީގައި ދެމިހުންނަން އުނދަގޫވޭ

ބައިވެރިޔާ ތިމާ އަށް ބޭވަފާތެރިވެއްޖެ ނަމަ މިއީ މާފުކުރަން ނުހަނު އުނދަގޫ ކަމެކެވެ. ބޭވަފާތެރިކަމަކީ ކައިވެނި ރޫޅުމަށް އާއްމުކޮށް ދިމާވާ ހާލަތެކެވެ. ނަމަވެސް ބައެއް ކައިވެނިތައް މިކަން ކުރިމަތިވިޔަސް ދެމި އޮވެ އެވެ. މިކަން ކުރިމަތިވެއްޖެ ނަމަ އެންމެ ރަނގަޅު އެއް ގޮތަކީ ކަޕްލްސް ތެރަޕީ ހޯދުމެވެ.

މާލީ މައްސަލަތައް

ކައިވެނި ރޫޅުމަށް މެދުވެރިވާ އަނެއް ކަމަކީ މާލީ މައްސަލަތަކެވެ. އަނބިމީހާ އަށް ފިރިމީހާ ހަރަދު ނުކުރުން، ގޭގެ ހަރަދުތަކުގައި އަނބިމީހާ ލައްވާ އެކަނި ހިފުވުން، ނުވަތަ ފިރިހެން މީހާ އޭނާގެ އާމްދަނީ ދަރިންނަނަށް ހޭދަ ކުރުމުގެ ބަދަލުގައި އަމިއްލަ އުފަލަށް ހޭދަ ކުރުން މިއީ އާއްމުކޮށް ކައިވެނީގައި ދިމާވާ މާލީ މައްސަލަތަކެވެ. މީގެ އިތުރުން ފިރިމީހާ ވަޒީފާ އަށް ނުގޮސް، އާއިލާގެ ހަރަދު ބެލެހެއްޓުމަށް ނުކުޅެދުން މިއީ ވެސް ކައިވެނީގައި މައްސަލަ ޖެހޭ ކަންކަމެވެ.

ދެ މީހުންގެ މެދުގައި މާލީ މައްސަލަތައް ބޮޑު ނަމަ ދިރިއުޅުން އާރަސްތު ކުރަން އުނދަގޫ

ކުދިކުދި ކަންކަމުގައި ދޫނުދިނުން

ދޫކުރުމަކީ ދުޅަހެޔޮ ގުޅުމެއްގައި ހިމެނޭ ކަމެކެވެ. އެކަމަކު އަބަދު ބައިވެރިޔާ ބޭނުން ގޮތަށް ތިމާ ލެނބެން ޖެހޭ ނަމަ، ނުވަތަ އޭނާ އެއްވެސް ވަރަކަށް ކަންކަމުގައި ދޫނުދޭ ނަމަ ތި އުޅެވެނީ ވިހަ ގުޅުމެއްގަ އެވެ.

އޯގާތެރިކަން ނެތުން

ބައިވެރިޔާ އޭނާއަށް ކުރެވޭ ކުދި އަދި ބޮޑެތި ގޯސްތަކަށް މާފަށް ނޭދޭ ނަމަ، އޭނާއާ އެކު އުޅެން އުނދަގުލެވެ. ތިމާ އަށް އަބަދުވެސް ކުރެވޭނީ މި ގުޅުން ދެމެހެއްޓުމަށް ތިމާ ބޮޑު މަސައްކަތެއް ކުރާ އިރު ދުވަހަކުވެސް ތިމާ ބޭނުން ގޮތެއް ނުވާ ކަމުގެ އިހްސާސެވެ.

ކައިވެނި ސަލާމާތް ކުރަންވީ ކީއްވެ؟

ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ނަމަ އަދި ކައިވެނި ސަލާމާތް ކުރަން ބޭނުންވާ ނަމަ ވަރިއާ ހިސާބަކަށް ނުދޭ

އަނިޔާ ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއް ހުއްޓަސް އެ ގުޅުން އެއީ ސަލާމަތްކުރާ ވަރު އެއްޗަކަށް ވެދާނެ އެވެ. އަދިވެސް އެކަކު އަނެކަކާ މެދު ކޮންމެވެސް ވަރެއްގެ ލޯތްބެއް ހިތުގެ ތެރޭގައި އޮވެދާނެ އެވެ. ހާއްސަކޮށް ދެ މީހުންގެ ފަރާތުން ވެސް އުއްމީދީ މި ނިޝާންތައް ފެންނަ ކަމުގައި ވާ ނަމަ އެވެ.

އެކަކު އަނެކަކު ދެކެ ލޯބިވުން

އެކަކު އަނެކަކު ދެކެ ލޯބިވުމަކީ ކައިވެނި އަލުން އާރާސްތު ކުރެވިދާނެ ކަމުގެ އަލާމާތެކެވެ. ލޯބިވުމުން އެކަންޏެއް ފަރުނުޖެހެ އެވެ. ގުޅުން ދަމަހައްޓަން ދެ މީހުން މަސައްކަތް ކުރަން ތިބިއްޖެ ނަމަ މިއީ ރަނގަޅު ނިޝާނެކެވެ.

ކައިވެންޏެއް ދަމަހައްޓަން ދެ މީހުން އެއްވަރަށް މަސައްކަތް ކުރަންޖެހެ އެވެ. ދެ މީހުން ވެސް އެ މީހެއްގެ ކުށް ގަބޫލުކޮށް އިސްލާހުވާން މަސައްކަތް ކުރަންޖެހެ އެވެ.

އަދިވެސް ބޮޑެތި ކަންކަމުގައި އެއްގޮތަކަށް ދެކުން

ބޮޑެތި ކަންކަމުގައި ތިމާ އާއި ބައިވެރިޔާ އެއްކަހަލަ ހިޔާލު ހުންނަ ނަމަ ކައިވެނި އިޔާދަ ކުރެވިދާނެ އެވެ. އެކަމަށް ފުރުސަތު ބޮޑެވެ. މިސާލަކަށް ދަރިން ތަރުބިއްޔަތު ކުރުން، ދީން، ހެޔޮނުބައި މިން ކުރާ ގޮތް އަދި މަލީ ކަންކަން ފަދަ ބޮޑެތި ކަންކަމުގައި އެއްބަސްވާ ނަމަ ދެ މީހުންނަށް އެއްގަލަކަށް އެރުމުގެ ފުރުސަތު ބޮޑެވެ. ގުޅުމުގެ ބިންގާ ވަރުގަދަ ވުމުން، ޖެހޭ ކުދިކުދި މައްސަލަތައް ފަސޭހައިން ހައްލުކޮށްލެވެ އެވެ.

މައްސަލަ ކުރިމަތިވަނީ ސްޓްރެސްގެ ސަބަބުން ނަމަ

ބައެއް ފަހަރު ސްޓްރެސް މެނޭޖު ކުރަން އެނގިއްޖެ ނަމަ ކައިވެނި ސަލާމަތް ކުރެވޭ

ކުރިމަތިވާ މައްސަަލަތަކަކީ ސްޓްރެސްގެ ސަބަބުން ކުރިމަތިވާ ކަންކަން ނަމަ ކައިވެނި ދަމަހައްޓަން ފަސޭހަ އެވެ. މާލީ މައްސަލަތައް، ސިއްހީ މައްސަލަތައް، އާއިލީ ގުޅުމާ ހެދި ކުރިމަތިވާ ކަންކަން އަދި ދަރިން ބެލުމާ ގުޅޭ މައްސަލަތައް މިއީ ކައިވެންޏެއްގައި ދެ މީހުންގެ ގުޅުން ހީނަރުވާން މެދުވެރިވާ ސަބަބުތަކެވެ.

މި މައްސަލަތައް ކައުންސެލިން، އަމިއްލަ ނަފްސަށް އަޅާލުން، އިޖްތިމާއީ ގުޅުން ވަރުގަދަކުރުން އަދި އެހެނިހެން ގޮތްގޮތަށް މެނޭޖް ކުރާ ނަމަ ކައިވެނި ސަލާމަތް ކުރެވިދާނެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ޢައިމަން

29 އޭޕްރީލު 2024
އަނެއްކާ ވެސް ކޮޕީ ޓްރާންސްލޭޝަނެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް