'ދިރިހުރި އާސާރުގެ ހިމޭން ބަސްމަގު' މައުރަޒުގެ ތެރެއިން (ފޮޓޯ / ނެޝަނަލް ސެންޓަ ފޮ ކަލްޗުރަލް ހެރިޓެޖު)

ދިރިހުރި އާސާރުގެ ހިމޭން ބަސްމަގު: ދުނިޔޭގެ ތަރިކައިގެ ދުވަސް ފާހަގަކުރަން ހާއްސަ މައުރަޒެއް ބާއްވައިފި

ގައުމީ ދާރުލްއާސާރުގައި ކުރިއަށްދިޔަ މައުރަޒުގައި ރާއްޖޭގެ ތާރީހުން ބައެއް ކަންތައްތައް ދައްކާލި
27 އޭޕްރީލު 2024

ދުނިޔޭގެ ތަރިކައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ތާރީހީ ބައެއް ތަކެއްޗާއި އޭގެ މައުލޫމާތު ހިމެނޭ މައުރަޒެއް 'ދިރިހުރި އާސާރުގެ ހިމޭން ބަސްމަގު'ގެ  ނަމުގައި ގައުމީ ދާރުލްއާސާރުގައި މިރޭ 10 ޖަހަންދެން ކުރިޔަށް ދާނެ އެވެ.

ރާއްޖޭގެ މުއްސަނދި ތާރީހާއި ދިވެހި ފަންނުވެރިންގެ މަސައްކަތްތެރިކަން ފާހަގަކުރާ މި މައުރަޒުގައި މައިގަނޑު ގޮތެއްގައި ދައްކާފައި ވަނީ އިހުގެ ގަބުރުސްތާނުތަކުގައި ބޭނުންކޮށްފައިވާ އެކި ވައްތަރުގެ މަހާނަ ގާ، ހުކުރު މިސްކިތުން ފެންނަ ވަޑާމުގެ މަސައްކަތާއި، އަރަބި ކެލިގްރެފީ، އިހުގެ ފޮތްފޮށި، ލާޖެހި އުނބު އަދި ފޮތްގޮނޑި ފަދަ އެއްޗިއްސެވެ. ނިސްބަތުން ކުޑަ މި މައުރަޒުގައި އެކި ކަންކަމުގެ ސްކްރީން ހަރުކޮށްފައި ހުއްޓެވެ.

ރާއްޖޭގެ ގަބުރުސްތާނުތަކުން ފެންނަ މަހާނަ ގަލުގެ ޑިޒައިންތައް ދައްކާލައި ފޮޓޯ އާއި ހުކުރު މިސްކިތުގެ ފަރުމާކުރުމުގެ މަސައްކަތްތައް ފެންނަ ވީޑިއޯއެއް ވެސް ދައްކާލި އެވެ.

މައުރަޒުގައި ދައްކާލައިފައިވާ ހިލަގަނޑެއް (ފޮޓޯ / ނެޝަނަލް ސެންޓަ ފޮ ކަލްޗުރަލް ހެރިޓޭޖު)
'ދިރިހުރި އާސާރުގެ ހިމޭން ބަސްމަގު' ދާރުލްއާސާރުގެ މަންޒަރެއް (ފޮޓޯ / ނެޝަނަލް ސެންޓަ ފޮ ކަލްޗުރަލް ހެރިޓެޖު)

މައުރަޒުގައި ވަކިން ހާއްސަކޮށް، އިސް ކަމެއް ދީފައިވަނީ އައްޑޫ މީދޫގެ ކޯގަންނު ގަބުރުސްތާނުގައިވާ ވަކި މަހާނަ ގަލެއްގެ ފަރުމާކުރުމާއި އޭގެ ތާރީހަށެވެ. އެއީ ރާއްޖޭގެ އަދި ދުނިޔޭގެ ވެސް އެންމެ އުސް އަދި ބޮޑު މަހާނަ ގަލެވެ. މައުރަޒުގައި އެ ހަތް ފޫޓު 10 އިންޗި ބޮޑު މަހާނަ ގަލުގެ ތާރީހާ ބެހޭ ގޮތުން މައުލޫމާތު ދިނެވެ. އަސްލު ގަލުގެ ސައިޒަށް ތައްޔާރުކޮށްފައިވާ ނަކަލެއް މައުރަޒުގައި ބަހައްޓާފައި ހުއްޓެވެ.

މަޝްހޫރު ކޯގަންނު ގަބުރުސްތާނުގެ ވާހަކަތަކަކީ އަޅުގަނޑުމެނަށް ކޮންމެވެސް ހިސާބަކުން، ކޮންމެވެސް މީހެއްގެ ފަރާތުން އިވިފައިވާ ވާހަކައެކެވެ. އެގޮތުން މި މައުރަޒުގަައި ގަބުރުސްތާނުން ފެނުނު ގަލުގެ މައުލޫމާތާއި އޭގެ ދިރާސާތައް ކުރުކޮށް ކިޔައިދޭ ލިޔުމެއް ހުއްޓެވެ.   

އައްޑޫ މީދޫގެ ކޯގަންނު ގަބުރުސްތާނުގައި ހުރި ހަތް ފޫޓު 10 އިންޗީގެ މަހާނަގަލުގެ ނަމޫނާއެއް

ގަބުރުސްތާނުތަކުން ފެންނަ މަހާނަ ގަލަކީ ވެސް ދިވެހިންގެ ފަންނުވެރިކަން މުއްސަނދިކަން ދައްކުވާދޭ ނިޝާނެކެވެ. އެގޮތުން 17 މާޗުގައި ނެޝަނަލް ސެންޓަ ފޮ ކަލްޗުރަލް ހެރިޓޭޖުގެ ފަރާތުން ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަށް މަރާމާތު ކުރުމުގެ މަސައްކަތް ފެށި އެވެ. އެތާގައިވާ މަހާނަ ގާތަށް މަރާމާތުކުރަނީ ކޮން ބައެއް ކަމާއި، އެއީ ކިހާ ދުވަހެއްގެ މަސައްކަތެއް ކަމާއި އޭގެން ނެރެވޭ ދިރާސާތަކެއް އޮތް ކަމެއް، އެ މަރުކަޒުން ހިއްސާކޮށްފައެއް ނެތެވެ. 

މަރިޔަމް އިޝާ އަޒީޒް ވާހަކަ ދައްކަވަނީ ފޮޓޯ/ ނެޝަނަލް ސެންޓަ ފޮ ކަލްޗުރަލް ހެރިޓޭޖު)

'ދިރިހުރި އާސާރުގެ ހިމޭން ބަސްމަގު' މައުރަޒު އިފްތިތާހު ކުރުމުގެ މުނާސަބަތުގައި 17 އޭޕްރިލްގެ ރޭގަނޑު ހާއްސަ ހުށައެޅުމެއް އެ މަރުކަޒުން ބޭއްވި އެވެ. އެބައި ކުރިއަަށް ގެންދެވީ ޓެކްޗަރަލް ޑިޒައިނަ، ފޮޓޯގްރާފާ އަދި ލިޔުންތެރިޔާ މަރިޔަމް އިޝާ އަޒީޒް އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް