ރަހުމަތްތެރިއެއް ދެކެ ލޯބިވުމަކީ ފަސޭހައިން މެދުވެރިވެދާނެ ކަމެއް

ލޯބި

ރަހުމަތްތެރިއެއް ދެކެ ލޯބިވެވިއްޖެ، ދެން ހަދާނީ ކިހިނެއް؟

ރަހުމަތްތެރިކަމަކީ ވަރަށް ގިނަ ލޯބީގެ ގުޅުންތަކުގެ ފެށުން، އެކަމަކު ބައެއް ފަހަރަަށް ރަހުމަތްތެރިޔާ ތިމާއާ މެދު އެފަދަ ގޮތަކަށް ނުދެކޭ
26 އޭޕްރީލު 2024
3

ރަހުމަތްތެރިއެއް ދެކެ ލޯބިވެވުމަކީ ނާދިރު ކަމެއް ނޫނެވެ. އެއީ ފަސޭހައިން ވެދާނެ ކަމެކެވެ. ރަހުމަތްތެރިއަކާ މެދު ކުރިއަށްވުރެ ބޮޑަށް ގަޔާވެ ލޯބިވުމަކީ ފަހަރުގައި މީހާ އަށް އޮޅުންތަކެއް އަރާފާނެ ކަމެކެވެ. ނަމަވެސް، ތިމާ ގަޔާވާ މީހަކާ އެކު ގިނަ ވަގުތު ހޭދަ ކުރުމަކީ ބައެއް ފަހަރަށް ލޯތްބެއް އުފެދުމަށް މެދުވެރިވާ ސަބަބަކެވެ.

ރަހުމަތްތެރިޔަކާ ގުޅޭ ގޮތުން މިފަދަ ހިޔާލުތަކެއް ބޮލުތެރޭ އެނބުރޭ ނަމަ މިއީ އާ ކަމަކަށް ވެދާނެ އެވެ. ނަމަވެސް އޭގެ މާނައަކީ މިކަމަކީ ކޮންމެހެން ގޯސް ހިޔާލުތަކެއް ނޫނެވެ.

އެކަމަކު މިއީ ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. ތިމާ އަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ނިންމަން އަދި ތިމާގެ ރަހުމަތްތެރިކަމުގެ މި ގުޅުމަށް އެންމެ ރަނގަޅު ގޮތް ނިންމަން ވިސްނަންވެ އެވެ. ރަނގަޅު ގޮތް ނިންމުމުގައި ވިސްނަންވީ ކަންކަން ތިރީގައި މިވަނީ އެވެ.

ތިމާގެ އަސްލު އިހްސާސްތަކަކީ ކޮބާތޯ ދެނެގަތުން

ރަހުމަތްތެރިއެއް ދެކެ ލޯބިވެވިއްޖެ ނަމަ ތިމާގެ އަސްލު އިހްސާސްތަކާއި ގުޅުމަައިގެން ކުރިއަށް ދާން ބޭނުންވޭތޯ ދެނެގަންނަަންވޭ

ބައެއް ފަހަރު މީހަކަށް ހިތްކިޔަސް އެކަން އަބަދަކަށް ދެމިއެއް ނޯވެ އެވެ. އަނެއްބަައި ފަހަރަށް އެކަން ދެމިގެން ގޮސް، ތަފާތު ހާއްސަ ގުޅުމަކަށް ބަދަލުވެ އެވެ. ރައްޓެއްސެއް ދެކެ ލޯބިވެވިއްޖެ ނަމަ އެންމެ ފުރަތަމަ ދެނެގަންނަންވީ އެއީ ވަގުތީ ގޮތުން ކުރެވޭ އިހްސާސްތަކެއްތޯ ނުވަތަ އެ އިހްސާސްތައް އިތުރުވެ ގުޅުން ބަދަހިވާން ޖާގަ އެބައޮތްތޯ އެވެ.

ރަހުމަތްތެރިއަކާ މެދު މިފަދަ އިހްސާސްތައް އުފެދެން ފެށީ ކުއްލިއަކަށް ސިންގަލްވުުމުގެ ސަބަބުން ހެއްޔެވެ؟ ރަހުމަތްތެރިޔާ ދެކެ ލޯބިވާން މެދުވެރިވީ ނިމުނު ގުޅުމެއްގެ ސަބަބުން އެހެން މީހަކާ ގުޅުމެއް އުފެއްދުމުގެ ނިޔަތުގައި ހެއްޔެވެ؟ އަދި ރަހުމަތްތެރިޔާއާ އެކު އުޅޭ ވަގުތު އެހެން ރައްޓެހިންނާ އެކު އުޅޭ ގޮތަށް އުޅޭނީތޯ ނުވަތަ އެއަށް ވުރެ ގާތްކޮށް އުޅެން ބޭނުންވޭ ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ދޭށެވެ.

އާއްމުކޮށް ރަހުމަތްތެރިއެއް ދެކެ ލޯބިވެވިއްޖެ ނަމަ ފެންނަ ބައެއް އަލާމާތްތައް ހުރެ އެވެ. ނިއު ޔޯކް ޔުނިވާސިޓީގެ ޕްރޮފެސަރެއް ބުނާ ގޮތުގައި އަންނަނިވި އިހްސާސްތައް ކުރެވޭ ނަމަ ރަހުމަތްތެރިއެއް ދެކެ ލޯބިވުން ގާތެވެ.

  • ރަހުމަތްތެރިޔާ ލޯބީގެ ގުޅުންތަކުގެ ވާހަކަ ދައްކާ ނަމަ އެކަމާ ހަސަދަވެރިވުން

  • ރަހުމަތްތެރިޔާއާ އެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވުން، އެހެން ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަ ކުރާ ގޮތާ ހިލާފަށް އަދި ވަކި ހާއްސަ ދުވަސްތަކާއި ވަގުތުތައް ހޭދަކުރަން ބޭނުންވުން

  • އެ މީހުންގެ ސޯޝަލް މީޑިއާ ގަވާއިދުން ބެލުން

  • ތިމާގެ އެހެން ބައިވެރިންނާއި ރަހުމަތްތެރިޔާ އަޅާބެލުން

  • އަބަދުވެސް ރަހުމަތްތެރިޔާގެ ހަބަރު ބަލަން ބޭނުންވުން

  • ދުވަހުގައި ހިނގާދ މުހިއްމު ކަންކަން ރަހުމަތްތެރިޔާއާ ހިއްސާ ކުރަން ބޭނުންވުން

  • ރަހުމަތްތެރިޔާ ކުރިމަތީގައި ހުންނަ އިރު ތިމާ ހުންނަ ގޮތާ މެދު ކުރިއަށް ވުރެ ބޮޑަށް ސަަމާލުވެވުން

ތިމާގެ އިހްސާސްތައް ދެނެގަތުން

އެކުވެރިކަން އިސްކޮށް ލޯބި ފޮރުވުމަކީ ބައެއް މީހުން ކުރާ ކަމެއް

ބައެއް މީހުން އެކުވެރިއެއް ދެކެ ލޯބިވެވިއްޖެ ނަމަ، އެކުވެރިކަމަށްޓަކައި ތިމާގެ ހިތުގައި ރަހުމަތްތެރިޔާ އަށް އޮތް ލޯބި ފޮރުވަން މަސައްކަތް ކުރެ އެވެ.

ބައެއް ފަހަރަށް މިގޮތަށް ފޮރުވައިގެން އުޅެވިދާނެ އެވެ. އެކަމަކު އަނެއްބައި ފަހަރަށް، އަމިއްލަ އިހްސާސްތައް ރަނގަޅަށް ދެނެގަނެ ރަހުމަތްތެރިޔާ ގާތު ބުނުން ބުއްދިވެރި އެވެ.

ކައިވެންޏާއި އާއިލީ މައްސަލަތަކުގެ ތެރަޕިސްޓެއް ކަމުގައިވާ ސަބާ ހަރޫނީގެ ލަފާ އަކީ، މިފަދަ ހާލާތެއްގައި ވެސް ކެތް ކުރުމެވެ. ސަބަބަކީ މީހެއްގެ އިހްސާސްތަކާއި ހިތަކީ ފަސޭހައިން ބަދަލުވާ އެއްޗެއް ކަމުންނެވެ.

ގުޅުމައިގެން ކުރިއަށް ދާން ބޭނުން ނަމަ، އެންމެ ރަނގަޅީ އެކަމުން ލިބޭނެ ފައިދާ އާއި ގެއްލުންތައް ދެނެގަތުމެވެ. އެކުވެރިކަމުގެ ގުޅުމަށް ބުރޫއަރާފާނެތޯ އަދި ގުޅުން ހީނަރުވެދިޔަސް ތިމާގެ އިހްސާސްތައް އެކުވެރިޔާއާ ހިއްސާ ކުރާނީތޯ ނުވަތަ ފޮރުވާނީތޯ ނިންމަންވެ އެވެ.

ރަހުމަތްތެރިޔާ ގާތުން ބޭނުންވަނީ ދިގު މުއްދަތަށް ދެމިއޮންނަ ގުޅުމެއްތޯ ނުވަތަ ފިޒިކަލް ކަނެކްޝަނެއްތޯ އަމިއްލައަށް ނިންމާށެވެ.

ރަހުމަތްތެރިޔާ ދެކެ ލޯބިވުމަށް މެދުވެރިވީ ސަބަބުތަކަކީ ކޮބާތޯ ބަލާށެވެ. އޭނާގެ ކިބައިގައި ހުރީ ތިމާ ގަޔާވާ ކޮން ސިފަތަކެއްތޯ ދެނެގަންނާށެވެ. އަދި އޭނާއާ އެކު ލޯބީގެ ގުޅުމެއްގައި އުޅޭނެ ގޮތް ސިފަކުރާށެވެ. ދެ މީހުން ވެސް ގުޅުމުން ބޭނުންވަނީ އެއް ކަންތައްތަކެއްތޯ ހޯދާށެވެ. އެހެން ނޫން ނަމަ ލޯބިވިޔަސް، މި ގުޅުން އެންމެ ރަނގަޅީ ރަހުމަތްތެރިންގެ ގޮތުގައި ބޭއްވުންކަން ނިންމާށެވެ.

އަސްލުވެސް ރަހުމަތްތެރިއެއް ދެކެ ލޯބިވެއްޖެ ނަމަ، މިއީ ތިމާއަށް ވަރަށް އާދަޔާހިލާފު އިހްސާސްތކެއް ކުރެވޭ ހިނދުކޮޅެއް ކަމުގައިވެދާނެ އެވެ.  

ރަހުމަތްތެރިޔާގެ އިހްސާސްތައް ދެނެގަންނަންވޭ

ރަހުމަތްތެރިޔާގެ އިހްސާސްތައް ދެނެގަނެވޭނީ އޭނާއާ ސީދާ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައިގެން

ރަހުމަތްތެރިޔާއާ ސީދާ ވާހަކަ ދެއްކުމުން މެނުވީ އޭނާގެ އިހްސާސްތައް ހުރި ގޮތް ދެނެގަންނަން އުނދަގޫވާނެ އެވެ. ނަމަވެސް ރަހުމަތްތެރިޔާ ބުނާ ބައެއް ބަސްތަކުން އަދި އޭނާގެ އަމަލުތަކުން ގުޅުމަކާ މެދު އޭނާ ދެކޭ ގޮތް ހޯދުމަށް ފަސޭހަވެ އެވެ.

ރަހުމަތްތެރިޔާ ގުޅުމަކަށް ޝައުގުވެރިވޭތޯ، އޭނާ ގުޅުމެއް ފެށުމެއް ބޭނުންވޭތޯ އަދި އޭނާ އުޅެނީ އެހެން މީހަކާ ގުޅުމެއް ނިންމާލާ މަރުހަލާގައިތޯ މިއީ އޮޅުންފިލުވަން ޖެހޭ ކަންކަން ކަމުގައި ތަޖުރިބާކާރުން ބުނެ އެވެ.

ރަހުމަތްތެރިޔާއާ ތިމާ ގުޅުން އިތުރު ކުރަން ބޭނުންވިޔަސް އޭނާ އެ ގޮތް ބޭނުން ނޫން ނަމަ އެކަމަށް އިހްތިރާމް ކުރަންޖެހެ އެވެ.

ރަހުމަތްތެރިޔާއާ ތިމާގެ އިހްސާސްތައް ހިއްސާ ކުރުން

ލޯބިވާ ނަމަ އެކަން ބުނަންވީ ރަހުމަތްތެރިޔާއާ ވަކިން ބައްދަލުކޮށްފައި

ރަހުމަތްތެރިޔާ ގާތު އޭނާ ދެކެ ލޯބިވެޔޭ ބުނުމަކީ ބޮޑު ކަމެކެވެ. ނަމަވެސް މިކަމާ މެދު ފުންކޮށް ވިސްނާފައިވާ ނަމަ، އަދި ބުނެގެން ވާނެ ފައިދާތައް ބޮޑު ނަމަ މިކަން ކުރަންވީ އެވެ. އަދި ރަހުމަތްތެރިޔާ ގާތު އޭނާ ދެކެ ލޯބިވާ ވާހަކަ ބުނާ އިރު ބުނަނީ ކޮން އިރަކުތޯ އަދި ބުނާ ގޮތް މުހިއްމެވެ.

ފޯނުން، މެސެޖަކުން ނުވަތަ އެހެން ބަޔަކާ އެކު އުޅޭ ވަގުތެއްގައި ޖޯކެއް ގޮތަށް ހަދާފައި މި ވާހަކަ ބުނުން އެންމެ ރަނގަޅެއް ނޫނެވެ.

ގުޅުމާ މެެދު ސީރިއަސް ނަމަ ރަހުމަތްތެރިޔާއާ މި ވާހަކަ ދައްކަން ޖެހެނީ ސީރިއަސްކޮށެވެ. އާއްމުކޮށް ފިލްމްތަކުން ފެންނަނީ މިފަދަ ވާހަަކަ އެއް ބުނަން "ރޮމޭންޓިކް ޖެސްޗާ"އެއް ގޮތަށް ވަރަށް ފާޅުގައި މިކަން ކުރާ ތަނެވެ.

ނަމަވެސް، އެންމެ ރަނގަޅީ ދެ މީހުން އެކަނި ތިބޭ ވަގުތެއްގައި މިކަން ކުރުމެވެ. ތެދުވެރިކަމާ އެކު ވީހާވެސް ސީދާކޮށް ބުނުމެވެ. ރަހުމަތްތެރިޔާ ދެކެ ލޯބިވާން މެދުވެރިވާ ގޮތް އޭނާ އަށް ކިޔާދޭށެވެ. އަދި މިވާހަކަ ހިއްސާ ކުރަން ނިންމި ސަބަބު ވެސް ބުނާށެވެ. މި ވާހަކަތައް އޭނާ އަށް ކިޔާދިނުމަށް ފަހު މިކަންތައް ޕްރޮސެސް ކުރުމަށް ވަގުތުކޮޅެއް ދޭށެވެ. ފަހަރުގައި ގުޅުމެއް ފަށަން އުޅޭ އިރު ހަދަންވީ ގޮތެއް ނޭނގި އާ ކަމެއް ވެސް ހުރެދާނެ އެވެ.

ރަހުމަތްތެރިޔާ ތިމާއާ މެދު އެގޮތަށް ނުދެކޭ ނަމަ

ރަހުމަތްތެރިޔާ ތިމާއާ މެދު އެގޮތަށް ނުދެކޭ ނަމަ ހިތްދަތިކަން ލިބިދާނެ

ރަހުމަތްތެރިއެއްގެ ގާތު އޭނާ ދެކެ ލޯބިވެޔޭ ބުނުމުން އޭނާ ވެސް އެގޮތަށް ތިމާއާ މެދު ދެކޭ ނަމަ މީގައި އުނދަގުލެއް ނެތެވެ. މިއީ އުފާވެރި ކަމެކެވެ. ނަމަވެސް، އަނެއް މީހާ އަކީ ތިމާ ދަންނަ މީހެއް ކަމުން ކަންކަން އަވަސް އަރުވާލުމުގެ ބަދަލުގައި ގުޅުން ކުރިއަށް ގެންދަންވީ ލަސްކޮށެވެ.

ފުރަތަމަ ރަހުމަތްތެރިން، ދެން ލޯބިވެރިންނަށް ބަދަލުވާން ވަގުތުކޮޅެއް ނަގަ އެވެ. ތިމާގެ އިހްސާސްތަކާއި ތިމާގެ މަގުސަދުތަކަކީ ކޮބާތޯ ސީދާކޮށް ބުނުން ރަނގަޅެވެ. އަދި ގުޅުމާ މެދު ކުރާ އުއްމީދާއި ދެ މީހުން ބޭނުންވާ ކަންކަމާ މެދު ވާހަކަ ދައްކާށެވެ.

ރަހުމަތްތެރިކަމަކީ ލޯބީގެ ގުޅުމެއް ފެށުމަށް އަޅައިދޭ މުހިއްމު ބިންގަލެކެވެ. އެހެންކަމުން ގުޅުން ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ.

ނަމަވެސް، ރަހުމަތްތެރިޔާ ތިމާއާ މެދު އެގޮތަށް ނުދެކޭ ނަމަ، މިކަމުގެ ސަބަބުން ތިމާ އަށް އުނދަގޫތަކެއް ވެދާނެ އެވެ. އެކަމަކު، އޭނާ ގާތު ލޯބިވެޔޭ ބުނެވުން އެއީ ލަދުގަންނަންވީ ސަބަބެއް ނޫނެވެ. އިހްތިރާމާއި ތެދުވެރިކަމާ އެކު ތިމާގެ ހިތުގެ ޝުއޫރުތައް ބުނެދެވުނީތީ ފަހުރުވެރިވާށެވެ. އޭނާ އެގޮތަށް ނުދެކުން އެއީ ތިމާގެ މައްސަލައެއް ނޫނެވެ.

އަދި އޭނާ ލޯބި ގަބޫލު ނުކުރުން، އެއީ ޒާތީ ގޮތުން ރަހުމަތްތެރިޔާއާ ޖައްސާލަންވީ ސަބަބެއް ވެސް ނޫނެވެ. ދަންނަންވީ  ލޯބިވުމަކީ އޭނާގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން ކަމެވެ.

މިފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، ރަހުމަތްތެރިޔާއާ ދުރުވެ އުޅުމަށް ވަގުތުކޮޅެއް ބޭނުންވެދާނެ އެވެ. އެއީ ވެސް މައްސަލައެއް ނޫނެވެ. ދެ މީހުންގެ އެއް ރައްޓެހިންތަކެއް ތިބޭ ނަމަ ގިނައިން ފެނި ދިމާވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އެކަމަށް ނަފްސާނީ ގޮތުން ތައްޔާރުވާށެވެ.

ގާތް ރަހުމަތްތެރިންނާ މިކަން ހިއްސާކޮށް އެ މީހުންގެ ސަޕޯޓް ހޯދާށެވެ. އާ މީހުންނާ ދިމާވުމަށް މަސައްކަތް ކުރާށެވެ. މިހާރު މިކަމުގެ ސަބަބުން ފުން އަސަރު ކުރިޔަސް، ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ދެ މީހުންގެ މެދުގައި ކުރިން އޮތް ގޮތަށް ގުޅުން ބަދަހިވެ ރުޖޫއަ ވެދާނެ އެވެ.

ފަހުރުވެރިވާންވީ އަމިއްލަ އިހްސާސްތައް ތެދުވެރިކަމާ އެކު ހިއްސާކުރަން ކެރުމުންނެވެ. އެންމެ މީހަކު ތިމާ ބަލައިނުގަތަސް އޭގެ މާނައަކީ މުޅި ހަޔާތް ނިމުނީއެއް ނޫނެވެ. ހަގީގީ ލޯބި ތިމާގެ ހަޔާތަށް އަންނާނެ އެވެ.

ކޮމެންޓް (3)

profile-image-placeholder

އައިމަން

26 އޭޕްރީލު 2024
އިނގިރޭސި ޓްރާންސްލޭޝަން އާޓިކަލް ގެނައުން ހުއްޓަންވެއްޖެ އެއްނު

ާައަސްލު ކިޔަނިި އިިމަަން

26 އޭޕްރީލު 2024
@އައިމަން މީ މިލިޔުނު މީހާ އާއްމު ކޮށް ކުރާކަމެއް. ކޮޕީ ކޮށްލާފަ އަމިއްލަ އެއްޗަކަށް ހަދާފަ.

މޮޅު މީހާ

27 އޭޕްރީލު 2024
@ާައަސްލު ކިޔަނިި އިިމަަން އޯކޭ ވާނެ. ހަޖަމް ކޮށްލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް