ހުޅުމާލޭގައި ހުޅުވާފައިވާ ޓޮޑީގެ އާ ފިހާރަ (ފޮޓޯ/ޓޮޑީ)

ފެޝަން

ދިވެހި ބްރޭންޑު ޓޮޑީގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ޒުވާނުންގެ މެދުގައި މަގުބޫލު ޓޮޑީގެ އާ ފިހާރަ ހުޅުވުމާ ދިމާކޮށް އެ ބްރޭންޑުގެ އިތުރު ޑިޒައިންތަކެއް ވެސް ވަނީ ތައާރަފު ކޮށްފައި
27 އޭޕްރީލު 2024
1

ޓޮޑީ އަކީ ރާއްޖޭގެ ބްރޭންޑުތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި މަގުބޫލު ބްރޭންޑެކެވެ. ދެބެއިން ކަމަށްވާ އަހްމަދު ރިޔާޒް (ރިޔާ) އާއި މުހައްމަދު ފަޔާޒް (ފަޔާ) ގުޅިގެން 2009 ވަނަ އަހަރު އުފެއްދި ބްރޭންޑުގެ އަމާޒަކީ ތަފާތު އަމިއްލަ އުފެއްދުންތަކެއް އަބަދުވެސް ނެރުމެވެ. މިހާތަނަށް ޓޮޑީ އިން ވަނީ އެކި ޑިޒައިންތަކުގެ ޓީޝާޓާއި އަވިއައިނާއި ތޮފި އަދި ގަހަނާ ވެސް އުފައްދާފަ އެވެ.

ހުޅުމާލޭގެ ބަގީޗާހިނގުމަށް ވާ ގޮތަށް، ސިޓީ ބޭކަރީ އާއި ސެންޓްރަލް ޕާކް ކައިރީގައި ހުޅުވާފައިވާ ޓޮޑީގެ އާ ފިހާރަ އަކީ އެ ބްރޭންޑުގެ ހިތްގައިމު ޑިޒައިންތައް ފަދައިން ނަލަކޮށް ފަރުމާކޮށްފައިވާ ތަނެކެވެ. 

ހުޅުމާލޭގައި ހުޅުވާފައިވާ ޓޮޑީގެ އާ ފިހާރަ (ފޮޓޯ/ޓޮޑީ)
ޓޮޑީގެ އާ ފިހާރަ ހުޅުވުމާ ދިމާކޮށް އެ ބްރޭންޑުން ވަނީ އާ ޑިޒައިންތަކެއް ވެސް ތައާރަފު ކޮށްފައި (ފޮޓޯ/ޓޮޑީ)

ފިހާރައިގައި ޓޮޑީގެ އުފެއްދުންތައް އަތުރައިފައި ހުރީ ވަރަށް ހިތްގައިމުކޮށް، ކޮންމެ ޕްރޮޑަކްޓެއް ވެސް ފަސޭހައިން ބަލާލެވޭ ގޮތަށެވެ. 

އާ ޑިޒައިންތައް އަބަދުވެސް ނެރެމުން ގެންދާނެ ކަމަށް ޓޮޑީ އިން ބުނޭ (ފޮޓޯ/ޓޮޑީ)

ޒުވާނުންގެ މެދުގައި މަގުބޫލު ޓޮޑީގެ އާ ފިހާރަ ހުޅުވުމާ ދިމާކޮށް އެ ބްރޭންޑުގެ އިތުރު ޑިޒައިންތަކެއް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ. އެގޮތުން ޓޮޑީގެ މަގުބޫލު 'މަސް އައިނު' ކަލެކްޝަނުގައި މިފަހަރު ކުޑަކުދިންނަށް ހާއްސަ އަވިއައިނު ވަނީ ހިމަނައިފަ އެވެ. މި ކަލެކްޝަނުގައި އެކި ކުލަތައް ހިމެނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ތޮފި ވެސް މިފަހަރު ވަނީ ތައާރަފު ކޮށްފަ އެވެ. 

ޓޮޑީގެ މަގުބޫލު 'މަސް އައިނު' ކަލެކްޝަނުގައި މިފަހަރު ކުޑަކުދިންނަށް ހާއްސަ އަވިއައިނު ހިމެނޭ (ފޮޓޯ/ޓޮޑީ)
ޓޮޑީއަކީ ޒުވާނުންގެ މެދުގައި މަގުބޫލު ބްރޭންޑެއް (ފޮޓޯ/ޓޮޑީ)
ޓޮޑީގެ އާ ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ފުރަތަމަ ހަފްތާގައި %10ގެ ޑިސްކައުންޓެއް ލިބޭ (ފޮޓޯ/ޓޮޑީ)

ފަޔާޒު ބުނިގޮތުގައި ޓޮޑީގެ އުފެއްދުންތަކުގެ ލިސްޓު ދާނީ ދިގުވަމުންނެވެ. ކައިރި މުސްތަގުބަލެއްގައި ލައިފްސްޓައިލް ޕްރޮޑަކްޓްތަކެއް ތައާރަފު ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓޮޑީއިން މިފަހަރު ވަނީ ކުޑަކުދިންގެ ތޮފި ތައާރަފު ކޮށްފައި (ފޮޓޯ/ޓޮޑީ)

ޓޮޑީގެ އުފެއްދުންތަކުގެ އިތުރުން ދިވެހި އެހެން ދެ ބްރޭންޑެއްގެ އުފެއްދުންތައް ވެސް ފިހާރައިގައި ވިއްކަން އެބަހުއްޓެވެ. އެއީ ޑޭވީ އާއި ރަނިން އެވެ.

ޑޭވީ އަކީ 'އެސެންޝަލްސް' އާއި ބާމު ވިއްކަމުން އަންނަ ބްރޭންޑެކެވެ. ޓޮޑީ ފިހާރައަށް އިތުރުވާ އުފެއްދުމެއްގެ ގޮތުގައި ޑޭވީގެ 'ނެޗުރަލް ޑައި ޕްރޮސެސް' އަކުން އުފައްދާފައިވާ ސްކާފްތަކެއް ވަނީ ތައާރަފު ކޮށްފަ އެވެ.

ރަނިން އަކީ ގަހަނާ އުފައްދާ ބްރޭންޑެކެވެ. ޓޮޑީ ފިހާރައިން ލިބެން ހުންނަ ރަނިން ގަހަނާއިން ދައްކުވައިދެނީ ރާއްޖޭގެ ނަލަ ކުޅިތަކުން ފެންނަ އެކި 'އެލެމެންޓްސް' އެވެ.

ޓޮޑީގެ އުފެއްދުންތަކުގެ އިތުރުން އެހެން ދެ ބްރޭންޑެއްގެ އުފެއްދުންތައް ވެސް ފިހާރައިގައި ވިއްކަން އެބަހުރި (ފޮޓޯ/ޓޮޑީ)
ޓޮޑީގެ ފިހާރައަށް އިތުރުކުރި އުފެއްދުންތަކުގެ ތެރޭގައި ޑޭވީ ބްރޭންޑުގެ ސްކާފް ހިމެނޭ (ފޮޓޯ/ޓޮޑީ)
ޓޮޑީގެ ފިހާރައިން ލިބެން ހުރި އަނެއް ބްރޭންޑަކީ ގަހަނާ އުފައްދާ ރަނިން (ފޮޓޯ/ޓޮޑީ)

ޓޮޑީ އިން ބުނިގޮތުގައި އާ ފިހާރައެއް ހުޅުވުމުގެ މުނާސަބަތުގައި ހުރިހާ ޕްރޮޑަކްޓްތަކަކުން %10ގެ ޑިސްކައުންޓެއް ފުރަތަމަ ހަފްތާތެރޭ ލިބޭނެ އެވެ. ޓޮޑީ ފިހާރަ ހުޅުވާފަ ހުންނަނީ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް މެންދުރުފަހު 1 އިން 4 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. ހޮނިހިރު ދުވަހު ހުޅުވާފައި ހުންނަނީ 2 އިން 4:30 އަށެވެ. ހުކުރު ދުވަހު ފިހާރަ ބަންދުވާނެ އެވެ. 

ޓޮޑީގެ ވެބްސައިޓު މެދުވެރިކޮށް އެ ބްރޭންޑުގެ ކޮންމެ އުފެއްދުމެއް ވެސް ގަނެވޭނެ އެވެ. އަދި ޓޮޑީގެ އިންސްޓަގްރާމް ޕޭޖުން ވެސް އެ ބްރޭންޑުގެ އުފެއްދުންތައް ފެންނާނެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ޕާޕާ

27 އޭޕްރީލު 2024
ހެސް ކިޔާފަ އަގު ބޮޑު

އިތުރު އާޓިކަލް

އިތުރު އާޓިކަލް