ފާތިމަތު އަޒްލީނާގެ މައުރަޒު 'ސޮފްޓް މޯމަންޓްސް' ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

ލިވިން

އަޒްލީނާގެ 'ސޮފްޓް މޯމަންޓްސް' މައުރަޒުން ކިޔައިދެނީ އޭނާގެ ހަޔާތުގެ މުހިއްމު ތަޖުރިބާއެއް

މިއީ ކޮންމެ މީހެއް ވެސް ތަޖުރިބާ ކުރާ އުފާވެރި، މަޑުމައިތިރި އަދި ހިތްހަމަޖެހުން ގެނެސްދޭ ކަންކަމާ މެދު ވިސްނާލަން ހިތްވަރުދޭ އުފެއްދުންތަކެއް
19 އޭޕްރީލު 2024

މަލްޓިޑިސިޕްލިނަރީ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާތާ 11 އަހަރު ވެފައިވާ ފާތިމަތު އަޒްލީނާގެ ހުވަފެނީ އަދި ތަފާތު އާޓްވޯކްތަކަކީ ފަސޭހައިން ލޮލުގައި އަޅައިގަންނަ އުފެއްދުންތަކެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އޭނާގެ މަސައްކަތް ރާއްޖޭގެ އިތުރުން ޖަރުމަނުގަ އާއި އިނގިރޭސިވިލާތުގައި ދައްކާލައިފައިވެ އެވެ.

އަޒްލީނާގެ އެންމެ ފަހުގެ މައުރަޒު 'ސޮފްޓް މޯމަންޓްސް' މިދިޔަ އަންގާރަ ދުވަހުގެ ހަވީރުން ފެށިގެން ގެލެރީ350ގައި އާއްމުންނަށް ވަނީ ހުޅުވައިލައިފަ އެވެ.

އާޓިސްޓް އަޒްލީނާގެ މައުރަޒު 'ސޮފްޓް މޯމަންޓްސް' (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

ފައިން އާޓިސްޓެއްގެ ގޮތުގައި ކުރެހުމާއި ސްކަލްޕްޓް ކުރުމުގެ އިތުރުން އަޒްލީނާ އަކީ ގްރެފިކް ޑިޒައިނަރެއް އަދި އިލަސްޓްރޭޓަރެއް ވެސް މެ އެވެ. އޭނާގެ ކުރެހުންތަކުގައި ގެންގުޅެނީ 'ސަރިއަލް' ނުވަތަ ހުވަފެނީ އަދި ސިމްބޮލިކް ވައްޓަފާޅި އެކެވެ. އަޒްލީނާ މި ތަފާތު ސްޓައިލް ބޭނުންކޮށްގެން އަލިއަޅުވާލަނީ އިންސާނުން ވިސްނާ އަދި ތަޖުރިބާ ކުރާ އެކި ކަންކަމަށެވެ.

މި މައުރަޒުގައި 11 އާޓްވޯކެއް ހިމެނޭ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)
އާޓިސްޓް އަޒްލީނާގެ 'ސޮފްޓް މޯމަންޓްސް' މައުރަޒު ގެލެރީ350ގައި ކުރިއަށްދަނީ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

'ސޮފްޓް މޯމަންޓްސް'ގައި އަޒްލީނާ ދައްކާލާ މައިގަނޑު އެއް ކަމަކީ އޭނާގެ މައިވަންތަކަމުގެ ތަޖުރިބާ އެވެ.

"މި މަސައްކަތްތަކުން ދައްކުވައިދެނީ އަޅުގަނޑުގެ ހަޔާތުގެ ބޮޑު މަރުހަލާއެއް. އެއީ މައިވަންތަކަމުގެ ޓްރާންސްފޯމޭޓިވް އެކްސްޕީރިއަންސް. ކުޑަ ދަރިފުޅު ތަރުބިއްޔަތުކުރުމުގެ މަސައްކަތަކީ ވަރަށް ނާޒުކުކަމާއި ކުޅަދާނަކަމާއި މަޑުމައިތިރިކަމާ އެކު ކުރަންޖެހޭ ކަމެއް. އަދި އެއީ ކުޑަ ހިނދުކޮޅެއްގެ ތެރޭ ތަޖުރިބާ ކުރެވޭ ކަންކަން ވީމަ އެކަން އުފެއްދުންތެރި ގޮތަކަށް ދައްކައިދޭން މަސައްކަތްކުރިން،" އަޒްލީނާ ކިޔައިދިނެވެ.

'ސޮފްޓް މޯމަންޓްސް' މައުރަޒުގެ ގިނަ ކުރެހުންތައް ހުރީ އުއި ބޭނުންކޮށްގެން ވިޔެފައި (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)
ވިޔެފައި ހުރި މަސައްކަތްތަކުގެ އިތުރުން ތެޔޮ ކުލަ އާއި އެކްރިލިކް ކުލަ ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ކުރެހުންތައް މި މައުރަޒުގައި ހިމެނޭ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

އަޒްލީނާ އަކީ އާއްމުކޮށް ވެސް އެކި މެޓީރިއަލް ބޭނުންކޮށްގެން އެކި ކަހަލަ އާޓްވޯކް އުފައްދާ އާޓިސްޓެކެވެ. އޭނާ އުއި ބޭނުންކޮށްގެން ފުރަތަމަ ވިޔަން ފެށީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. ވިޔެގެން އެކި ޒާތުގެ ހިތްގައިމު އަދި ބޮޑެތި ކުރެހުންތައް އޭނާ ވަނީ އެކި މައުރަޒުތަކުގައި ދައްކާލައިފަ އެވެ.  

މި ތަފާތު ޓެކްނީކް އަޒްލީނާގެ މާބަނޑު ދުވަސްކޮޅަށް ވަކީން ހާއްސަކޮށް އެކަށީގެންވި އެވެ. ތެޔޮ ކުލަ ފަދަ ކުލަތައް ބޭނުން ކުރުމުގެ ބަދަލުގައި އުއި ބޭނުން ކޮށްގެން އުފެއްދުންތެރި އަދި ޗާލު ކުރެހުންތަކެއް ތައްޔާރު ކުރަން ފެށި އެވެ. 

ގެލެރީ350 ގައި 12 މޭގެ ނިޔަލަށް މި މައުރަޒު ކުރިއަށްދާނެ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)
މައުރަޒުގައި ދައްކާލާ ބައެއް އުފެއްދުންތަކުގައި ބޭނުންކޮށްފައި ހުރީ ތަފާތު ޓެކްނީކްއެއް (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)
މި މައުރަޒުގައި 11 އާޓްވޯކެއް ދައްކާލާ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

'ސޮފްޓް މޯމަންޓްސް' މައުރަޒަށް ތައްޔާރުވާން ނުވަ މަސް ނެގި ކަމަށް އަޒްލީނާ ބުންޏެވެ. އެގާރަ އުފެއްދުމެއް ބައިވެރިކޮށްފައިވާ މި މައުރަޒުގައި ތެޔޮ ކުލައިގެ ކުރެހުންތަކުގެ އިތުރުން އެކްރިލިކް އޮން ކެންވާސް ވެސް ހިމެނެ އެވެ. މީގެ އިތުރުން އުއި ބޭނުންކޮށްގެން ވިޔެފައި ހުރި އާޓްވޯކްތަކާ އެއްކޮށްލައިގެން ކުލަ ޖައްސާފައިވާ ކެންވާސް ވެސް ހިމެނެ އެވެ. އަޒްލީނާ ބުނިގޮތުގައި މި ކުރެހުންތައް ހާއްސަވާ އަނެއް ސަބަބަކީ ބައެއް ކުރެހުންތަކުގައި އޭނާގެ ދަރިފުޅު ވެސް ކުލަ ޖައްސާފައިވާތީ އެވެ.

އާޓިސްޓް އަޒްލީނާގެ 'ސޮފްޓް މޯމަންޓްސް' މައުރަޒު ގެލެރީ350ގައި ކުރިއަށްދަނީ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)
މި މައުރަޒު ގެލެރީ350ގައި 12 މޭގެ ނިޔަލަށް ހުޅުވާފައި ހުންނާނެ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)
'ސޮފްޓް މޯމަންޓްސް' މައުރަޒުގައި ދައްކާލާ ގިނަ ކުރެހުންތައް ހުރީ އުއި ބޭނުންކޮށްގެން ވިޔެފައި (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އަޒްލީނާ ވިޔެފައި ހުރި ކުރެހުންތަކުގައި ހުރީ ވަރަށް ވަރުގަދަ ރޮނގާއި ގަދަ ކުލަތަކެއް ބޭނުންކޮށްފަ އެވެ. އެކަމަކު 'ސޮފްޓް މޯމަންޓްސް' މައުރަޒަށް އަޒްލީނާ ހުރީ މަޑު ކުލަތަކާއި ވަރަށް މަޑު 'ސޮފްޓް' ވައްޓަފާޅިއަކަށް ރޮނގުތަކާއި ކުރެހުންތައް ދައްކާފަ އެވެ. އަޅުގަނޑަށް މިކަން ދޭހަވަނީ މައުރަޒުގެ މައުލޫއުއާ ގުޅުވާލައިގެން އަޒްލީނާ ނެރެފައިވާ 'އިފެކްޓް'އެއް ގޮތަށެވެ. މީގެ އިތުރުން މި އުފެއްދުންތަކަށް ދީފައިވަނީ މިކަހަލަ މަޑު މައިތިރި އަދި ހިތްހަމަޖެހުމުގެ ވަގުތުތަކެއް ކިޔައިދޭ ކަހަލަ ނަންތަކެކެވެ.

'ސޮފްޓް މޯމަންޓްސް' މައުރަޒުގެ ގިނަ ކުރެހުންތައް ތައްޔާރު ކޮށްފައި ވަނީ އުއި ބޭނުންކޮށްގެން (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)
ގެލެރީ350ގައި މި މައުރަޒު 12 މޭގެ ނިޔަލަށް ކުރިއަށްދާނެ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)
މި މައުރަޒުގައި 11 އާޓްވޯކެއް ހިމެނޭ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

އަޒްލީނާގެ 'ސޮފްޓް މޯމަންޓްސް' މައުރަޒުގައި ދައްކާލަނީ އަޅުގަނޑުމެން ކޮންމެ މީހެއް ވެސް ތަޖުރިބާ ކުރާ އުފާވެރި، މަޑުމައިތިރި އަދި ހިތްހަމަޖެހުން ގެނެސްދޭ ކަންކަމާ މެދު ވިސްނާލަން ގޮވާލާ ކަހަލަ ކުރެހުންތަކެކެވެ. 

މި މައުރަޒު ގެލެރީ350ގައި 12 މޭގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހަށް ހަވީރު 4އިން ރޭގަނޑު 10 އަށް މައުރަޒު ހުޅުވާފައި ހުންނާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް