ޕޭރެންޓިން

އަލަށް ވިހައިގެން އުޅޭ ދަރިފުޅު ބަލާނީ މިހެން

އަލަތު ދަރިފުޅު ބަލަން ނޭނގިދާނެ ކަމީ ވަރަށް ގިނަ މައިންގެ ކަންބޮޑުވުމެއް. ތުއްތުކުދިން ދުނިޔެއަށް އައުމަށް ފަހު ފުރަތަމަ ދެތިން ހަފްތާގައި ސަމާލުވާންވީ އަންނަނިވި ކަންކަަމަށް
17 އޭޕްރީލު 2024
1

އަލަށް ކުއްޖަކު ލިބުމަކީ މުޅި އާއިލާ އަށް ނުހަނު އުފާވެރިކަން ގެނެސްދޭ ކަމެކެވެ. އަލަށް މަންމައަކަށް ވުމުން ތުއްތު ދަރިފުޅުގެ އަމަލާއި ހަރަކާތްތަކަށް އާވެ ދަރިފުޅު ބޭނުންވަނީ ކޮން ކަމެއްކަން ނޭނގިދާނެ އެވެ. އާއިލާއަށް އަލަށް އުފަންވި ކުއްޖެއް ނަމަ، ފަހުގެ ގެޖެޓުތައް ގޮތަށް ޔޫސާ މެނުއަލްއެއް ނޯވެދާނެ އެވެ.

ދަރިފުޅު ބަލަން ނޭނގިދާނެތީ ވަރަށް ގިނަ އާ މަންމައިން ބިރުގަނެ ޖެހިލުންވެ އެވެ. މިކަމުގެ ސަބަބުން އެމީހުންގެ ނަފްސާނީ ހާލަތަށް އަސަރު ވެސް ކުރެ އެވެ.

ވިހެއުމަށް ފަހު ދަރިފުޅު 'ބަލަން' ނޭނގުން އެއީ މައިންގެ ކަންބޮޑުވުމެއް

އަލަށް އުފަންވާ ތުއްތު ކުއްޖާ ފުރަތަމަ ހަފްތާތައް ހޭދަ ކުރަނީ އައު މާހައުލަށް ހޭނުމަށެވެ.

މައިމީހާގެ ބަނޑާއި ދުނިޔެ މުޅިން ތަފާތެވެ. މައިމީހާގެ ބަނޑުގައި ކުއްޖާ އޮންނަ އިރު އޭނާ އަށް އިހްސާސް ކުރެވޭ ފިނިހޫނުމިން ހުންނަނީ އަބަދު އެއް މިންވަރަކަށެވެ. އަޑުތައް އިވެނީ ކޮންމެވެސް ވަރަކަށެވެ. އެހެންކަމުން ތުއްތު ދަރިފުޅު ވިހެއުމަށް ފަހު އައު މާހައުލަށް ހާނުވަން ލޯތްބާއި ރައްކާތެރިކަމާއި އަޅާލުމާއި ސަމާލުކަން ދީ، ބައްދާލައި ހިނިތުންވުމާ އެކު މަޑުމަޑުން އެ ކުދިންނާ ވާހަކަ ދައްކާ ހަދަންވެ އެވެ.

ވިހެއުމަށް ފަހު ކުއްޖާގެ ސިފަ ފުރަތަމަ ހަފްތާތެރޭ ވަރަށް ބޮޑަށް ބަދަލުވެ އެވެ.

ވިހެއުމަށް ފަހު ކުއްޖާ އާ މާހައުލަށް ހާނުވަން މަސައްކަތް ކުރަންޖެހޭ

ވިހެއުމުގެ ތެރޭގައި ކުއްޖާގެ ބޮލުގެ ބައްޓަން ކޯނެއް ގޮތަށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް ވެކިއުމްކޮށްގެން ވިހާ ނަމަ މިކަން މެދުވެރިވެ އެވެ. ފުރަތަމަ ހަފްތާގައި އެކަމަކު ބޯ ވަށްވެ އެވެ.

ކުއްޖާގެ މޫނުމަތީ ލޯ ކައިރީގައި އެއްވެސް ދުޅަކަމެއް ހުރެއްޖެ ނަމަ މިކަން ވެސް ހަފްތާއެއް ތެރޭ އާއްމުކޮށް ރަނގަޅުވެ އެވެ. ފޯސެޕްސް ބޭނުންކޮށްގެން ވިއްސާފައިވާ ނަމަ ކުދި ޒަހަމްތަކެއް ކުއްޖާގެ ގައިގައި ހުރެދާނެ އެވެ. މި ޒަހަމްތައް ވެސް އަވަހަށް ފަސޭހަވެ އެވެ.

އާއްމުކޮށް މޫނުމަތީ މިފަދަ ޒަހަމްތައް ހުންނަ ކުދިން ރީނދޫވުން ގާތެވެ. މޫނުމަތި ރީނދޫ ކަމަށް ފާހަގަކުރެވޭ ނަމަ ޑޮކްޓަރާ މަޝްވަރާ ކުރާށެވެ.

ތުއްތު ދަރިފުޅުގެ ފޫޅު މަޑުމަޑުން ހިކި ކަޅުކުލަ އެރުމަށް ފަހު ވެއްޓެ އެވެ. އާއްމުކޮށް މިކަން މެދުވެރިވަނީ ފުރަތަމަ 10 ދުވަހުގެ ތެރޭގަ އެވެ. ބައެއް ކުދިންގެ އެއަށް ވުރެ އަވަހެވެ. ފޫޅު ނުތެންމާ، ހިކިކޮށް ބެހެއްޓުމަށް ސަމާލުވާންވެ އެވެ.

ވިހާއިރު އުފަންލައް ބައެއް ކުދިންގެ ގައިގައި ހުރެ އެވެ. މިއީ މާ ބޮޑު ސިއްހީ ސަމާލުކަމެއް ދޭންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް އުފަންލައް ބަދަލުވެ އެކަމާ ކަންބޮޑުވާ ނަމަ ޑޮކްޓަރާ މަޝްވަރާ ކުރާށެވެ.

އަލަށް ވިހާ ކުދިންގެ އުރަމަތި ބައެއް ފަހަރަށް ދުޅަވެ ބޮޑުވެފައި ހުރެ އެވެ. އަދި ނިޕްލް އިން ކިރު ގޮތަށް ޑިސްޗާޖެއް ވެސް އާދެ އެވެ. މިއީ ކުއްޖާގެ ލޭގައި އީސްޓްރޮޖެން އަދި ޕްރޯލެކްޓިން ފަދަ ހޯމޯންތައް ހުރުމުން މެދުވެރިވާ ކަމެކެވެ. މިކަންކަން ފުރަތަމަ ދެތިން ހަފްތާ ތެރޭ ހަމަައަކަށް އެޅެ އެވެ.

ފުރަތަމަ ދުވަސްކޮޅުގައި އޮންނަނީ ހުސް ނިދުމާއި ބުއް ބުއިން

ވިހެއުމަށް ފަހު ފުރަތަމަކޮޅު ކުދިން ހަމައެކަނި ބުއް ބޮއެ ނިދާނީ

ތުއްތުކުއްޖެއްގެ ހުންނާނީ ވަރަށް ކުޑަ ބަނޑެކެވެ. އެހެންކަމުން އަވަސް އަވަހަށް ގިނައިން ބުއް ދޭންވެ އެވެ. ގިނަ ކުދިން ދުނިޔެއަށް އައުމަށް ފަހު ގިނަ ވަގުތު ހޭދަ ކުރާނީ ނިދުމުގަ އެވެ. އެކަމަކު ކޮންމެ ދެ ގަޑިއަކުން ބުއް ބޯން ހޭލަ އެވެ.

އާއްމުގޮތެއްގައި 24 ގަޑި އިރުތެރޭ 8-12 ފަހަރު ބުއް ބޮއެވެ. ބަނޑަށް 37 ހަފްތާ ވެގެން ވިހާފައިވާ ނަމަ، ބުއް ދޭންވީ ބަނޑުހައިވެ ބުއްބޯން ދަރިފުޅު ބޭނުންވުމުންނެވެ.

ގާތުން ބުއް ދޭ ނަމަ ބައެއް ފަހަރަށް ބުއް ޖައްސައިގެން ގަޑި އިރެއްހާ އިރު ހޭދަކުރަން ޖެހިދާނެ އެވެ. ތުއްތު ކުދިން ބަނޑުހައިވެގެން އުޅޭ ނަމަ އެމީހުން އެކަމުގެ ނިޝާންތައް ދައްކަ އެވެ. ދަރިފުޅު ބޮޑަށް އެލާޓްވެ، އަނގަޔާއި ދޫ ހަރަކާތްކޮށް، އަތް އަނގަޔަށް ގެނެސް އަތުގެ އިނގިލިތައް ބޮއި ހަދަ އެވެ.

ނިދާފައި އޮންނަ ތުއްތު ކުއްޖާ ވެސް އާއްމުކޮށް ބުއްް ބޯން އަމިއްލަ އަށް ހޭލަ އެވެ. ބައެއް ކުދިން އެކަމަކު ހޭލައްވަން ޖެހެ އެވެ. މިކަން ކުރަންވާނީ ކުއްޖާގެ ބަރުދަން ވަރަށް ލުއިވެފައިވާ ނަމަ އެވެ. ނޫނީ ވަރަށް ކުޑަ ނަމަ އަދި ރީނދޫވެފައިވާ ނަމަ އެވެ.

ކުއްޖާގެ ނިދުމާއި ބުއް ބުއިން ވަކި ގަވާއިދަކަށް އެޅުމަށް ވަގުތު ކޮޅެއް ނަގާފާނެ އެވެ. ބޮޑުވަމުން އަންނަ ވަރަކަށް ނިދާވަރާއި ބުއްބޯ ވަރަށް ބަދަލު އާދެ އެވެ.

ފުރަތަމަ ދެތިން ހަފްތާގައި ހެދިބޮޑުވުން

ތުއްތު ކުދިން ވަރަށް ގިނަ އާ ކަންކަން ދަސްކުރެ އެވެ. ކުއްޖާގެ ސިކުނޑި އަންނަނީ ތަރައްގީވަމުންނެވެ. ވަށައިގެންވާ މާހައުލަށް ހިއްސުތައް ދަނީ ހޭލަމުންނެވެ. ފެނުމާއި އަޑުއިވުމާއި ވަސްބެލުން އަދި ވަށައިގެންވާ މާހައުލުގައިވާ ތަކެތީގައި އަތްލައި އިހްސާސް ކުރެ އެވެ.

ތުއްތު ކުދިން އަޑުގަދަވެ ސިއްސައިގެން ދާ ނަމަ މުށްބާރުކޮށްލަ އެވެ. ނިދީގައި ކުއްލި ހަރަކާތްކުރުން އެއީ އަލަށް އުފަންވާ ކުދިންގެ އާއްމު ކަމެކެވެ.

ކުއްޖާއާ މުހާތަބު ކުރުމަށް ތިމާގެ އަޑު އިއްވައި ފިރުމައި އޭނާއާ ހަތަރުކަޅި ހަމަކޮށް ހެދިދާނެ އެވެ. އެކަމުން އެ ކުއްޖަކަށް ލޯތްބާއި ރައްކާތެރިކަން އިހްސާސްކުރެވެ އެވެ.  އަދި ތިމާއަށް ދަރިފުޅުގެ ހަރަކާތްތަކުން އޭނާ ބޭނުންވާ ކަންކަން ދެނެގަނެވެ އެވެ.

ފުރަތަމަ ދެތިން ހަފްތާގެ ސިއްހީ ކަންބޮޑުވުންތައް

ކުއްޖާގެ  ބަރުދަނަށް އަންނަ ބަދަލަކީ މައިންބަފައިންގެ ކަންބޮޑުވުމެއް

ބަރުދަން ލުއިވުން

ގާތުންދޭ ކުދިންނާއި ބުއްފުޅި ބޯ ކުދިން ވެސް، އާއްމުގޮތެއްގައި އުފަންވާތާ ފަސް ދުވަސް ފަހުން ބަރުދަން ލުއިވެ އެވެ. މިކަން މެދުވެރިވަނީ ހަށިގަނޑުގައި ހުންނަ ފެން މަދުވުމުންނެވެ. މިގޮތަށް ބަރުދަން ލުއިވާ އިރު ވިހޭއިރު ހުރި ބަރުދަނުގެ %10 އަށް ވުރެ ބޮޑަށް ދަށްވެގެން ނުވާނެ އެވެ. ފުރަތަމަ ދެ ހަފްތާއަށް ފަހު ގިނަ ކުދިން ދުނިޔެއަށް އައި އިރު ހުރި ވަރަށް ވުރެ ދެގުނަ ބަރުވެ އެވެ.

ލޯ ތަތްވެ، ޑިސްޗާޖް އައުން

ނިއުބޯން ކުދިންގެ ލޯތަތްވެ، ލޮލުން ޑިސްޗާޖް އައުމަކީ އާއްމުކޮށް މެދުވެރިވާ ކަމެކެވެ. މިކަން މެދުވެރިވަނީ ލޮލުގެ ކަރުނަވަޅުތައް ބެދުމުންނެވެ. މިކަން އާއްމުކޮށް އަމިއްލަ އަށް ރަނގަޅުވެ އެވެ. ލޯ ސާފުކޮށް މަސާޖް ކުރުމުން މިކަން ފަސޭހަވެ އެވެ. ލޯ ރަތްވެ، ތަތްލަވާ ނަމަ ޑޮކްޓަރަކަށް ދައްކައި ލަފާ ހޯދާށެވެ.

ބިހި ނެގުން

އަލަށް އުފަންވާ ކުދިންގެ ގައިގައި އެކި ކަހަލަ ބިހި ވަރަށް އާއްމުކޮށް ނަގަ އެވެ. އާއްމުކޮށް މިއީ މާ ސީރިއަސް ކަމެއް ހުނޫނެވެ. ނެޕީ ރޭޝް، އެކްޒީމާ، ހޫނުގެ ސަބަބުން ނަގާ ރޭޝް އަދި ހަންގަނޑު ހިކުމަކީ އާއްމުކޮށް ދިމާވާ ކަންކަމެވެ. މިފަދަ ކަމެއް ދިމާވެއްޖެ ނަމަ އެންމެ ރަނގަޅީ ޑޮކްޓަރަށް ދެއްކުމެވެ.

ސިއްހީ މާހިރެއްގެ އެހީ ހޯދަންވީ ކަންކަން

އަލަށް އުފަންވި ދަރިފުޅުގެ ހުރިހާ ކަމެއް ރަނގަޅު ނޫންހެން ހީވާ ނަމަ ސިއްހީ ލަފާ ހޯދުން މުހިއްމެވެ. މިގޮތުން ތިރީގައި މިވާ ކަންކަން މެދުވެރިވާ ނަމަ، ސިއްހީ މާހިރެއްގެ ލަފާ ކޮންމެހެން ހޯދާށެވެ.

  • ރަނގަޅަށް ބުއްނުބޯ ނަމަ: މިސާލަަކަށް އާއްމުކޮށް ބުއްބޯ ވަރަށްވުރެ ދެބައިކުޅަ އެއްބައި މަދުން ބުއިން، ނުވަތަ 24 ގަޑި އިރު ތެރޭ ބުއްބޯ ފަހަރު ދެބައިކުޅަ އެއްބަޔަށް މަދުކުރުން ނުވަތަ ބުއް ބުއިމަށް ފަހު ޖައްސަޖައްސައިގެން ތިން ފަހަރު ބުއި އެއްޗެހީގެ ދެބައިކުޅަ އެއްބައި ހޮޑަށް ލުން

  • ދުވާލެއްގެ މައްޗަށް 6-8 ނެޕީ ފޯނުވުން

  • މާ ބޮޑަށް ހޫނުވުން ނުވަތަ މާ ބޮޑަށް ފިނިވުން

އަލަށް ވިހައިގެން އުޅޭ ކުއްޖާ ރޯން މެދުވެރިވާ ކަންކަން ހައްލުކޮށްލެވޭ

ތުއްތު ކުއްޖާ ރޯން މެދުވެރިވާ ސަބަބުތައް

  • ގައި ކައިރީގައި ހުންނަން ބޭނުންވުން

  • ބަނޑުހައިވެ ވަރުބަލިވުން

  • ނެޕީ ފޯވެފައި ނުވަތަ ހަޑިވެފައި ހުރުން

  • މާ ބޮޑަށް ހޫނުވުން މާ ބޮޑަށް ފިނިވުން

ތުއްތު ދަރިފުޅު ރޯ ނަމަ ބުއްދިނުން، ނެޕީ ބަދަލުކުރުން، ގައިގައި ހަމާއި ހަން ޖެހޭ ގޮތަށް ހިފެހެއްޓުން، ބައްދާލުން، މަޑުމަޑުން ވާހަކަ ދައްކައި ލަވަކިޔައިދުން، ފެންވަރުވާލުން އަދި ނިންދަވަން މަސައްކަތް ކުރެވިދާނެ އެވެ.

ނިއުބޯން ކުދިން ރުއިމަކީ މައްސަލައެއް ނޫނެވެ. ދަރިފުޅު މަސަލަސްކުރަން މަސައްކަަތް ކުރުމުން އޭނާއަށް ރައްކާތެރިކަން އިހްސާސް ކުރެވޭނެ އެވެ.

މާ ގިނައިން ރޯ ސަބަބު

ތުއްތު ކުދިން ރޯން މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ކޯލިކްވުން ހިމެނޭ

ތުއްތު ކުދިން މާ ގިނައިން މަގުބޫލު އުޒުރެއްނެތި ރުއިމަށް މެދުވެރިވާ އެއް ސަބަބަކީ ކޯލިކް ވުމެވެ. ސިއްހީ މާހިރެއްގެ ލަފާ ހޯދަންވީ ހާލަތްތަކަކީ:

  • ވަރަށް ބާރަށް ތޫލިކޮށް އަޑުން އަޑުނަގާ ރޯ ނަމަ

  • ތަނަކަށް ތަދުވެގެން ރޯ ކަހަލަ ގޮތަކަށް ކުކުރާ އަޑުލައްވައި ރޯ ނަމަ

  • ވަރަށް ގިނަ އިރު ވަންދެން ރޯ ނަމަ

ކޮމެންޓް (1)

profile-image-placeholder

ނިއު ޑެޑީ

24 އޭޕްރީލު 2024
ޥ ރަނގަޅު ލިޔުމެެއް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް