10 އޭޕްރީލް 2024 - އީދު ކުޅިވަރުތަކުގެ ތެރެއިން ރަސްފަންނުގައި ކުރިއަށް ގެންދިޔަ ފެންކުޅުން (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހުމަދު)

އީދު

މާލޭގެ އީދު ކުލަގަދަ، އިންތިޒާމްތައް މިއަށް ވުރެ ރަނގަޅު ކުރެވިދާނެ

މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވައި އީދު ފާހަގަކުރި ނަމަވެސް ބައެއް މީހުންނަށް އެކަންކަން ފަސޭހައިން ބަލައިލައި ހިތްހަމަޖެހިލައިގެން ބައިވެރިވެވޭ ގޮތެއް ނުވި
12 އޭޕްރީލު 2024
4

މި އަަހަރުގެ ފިތުރު އީދު ދުވަހު މާލޭގައި ބޭއްވި ހަރަކާތްތަކާ އެކު މިއީ ފަހުގެ ތާރީހެއްގައި މާލޭގައި އެންމެ ކުލަގަދަކޮށް ފާހަގަ ކުރި އީދެެވެ. އީދު ނަމާދު، އީދު އަލިން މާލޭގެ ބޮޑެތި މަގުތައް ދިއްލުން އަދި ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާވަޑާން މަރާމާތުކޮށް އަލުން ޖެއްސުމުން ފެށިގެން ރަސްފަންނުގައި އޮތް ފެނާއި ކުލަޖެހުމުގެ ހަރަކާތްތަކާއި މާލި ޕެރޭޑް އަދި ހަވާއެރުވުން، މިއީ އީދާ ދިމާކޮށް މާލޭގައި ހިންގި ހަރަކާތްތަކެވެ.

އެޕްރީލް 10، 2024: އެކުވެނި ދަޑުގައި، ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މި އަހަރު ރަސްފަންނުގައި އޮތް އީދު ކުލަ ޖެހުމުގެ ހަރަކާތަކީ ކުދިވެރިންނަށް މަޖާ ކޮށްލަން ލިބުނު ފުރުސަތެކެވެ. ރަށަކަށް ނުދާތީ ކުލަ އާއި ފެނާ ނުކުޅެވިފައި މާލޭގައި ސިޓިން ރޫމްތަކުގައި ބަންދުވެގެން ބޮޑުވަމުން އަންނަ ޖީލަށް މި ފުރުސަތު ލިބުމުން އެ މީހުންގެ މޫނުމަތިން ފެނުނު އުފާވެރިކަން އެއީ ފާހަގަކޮށްލެވޭ ކަަމެކެވެ.

10 އޭޕްރީލް 2024 - އީދު ކުޅިވަރުތަކުގެ ތެރެއިން ރަސްފަންނުގައި ކުރިއަށް ގެންދިޔަ ފެންކުޅުން (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހުމަދު) 

މީގެ ކުރިން އީދު ދުވަސްތަކުގައި އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް އާއްމުކޮށް މަގު ބަންދުކުރާ އުސޫލުން މި އަހަރު ވެސް އެކަން ކުރި އެވެ. އެކަމަކު ގިނަ ބަޔެއްގެ ޝަކުވާ އަކަށް ވީ ދުއްވާ މީހުން ދުއްވުމެވެ.

ހިނގާފައި އުޅޭ ގޮތަށް ހަމަޖެއްސި ނަމަވެސް، ބައެއް މީހުން އުޅަނދު ދުއްވާ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ބޮޑެވެ. މިފަދަ ދުވަހެއްގެ ރޫހާ ހިލާފަށް ބަޔަކު ސައިކަލުގައި އުޅުމުން މިކަން ހުއްޓުވަން ފުލުހުން ނުނިކުންނަ ކަމުގެ ޝަކުވާ ވެސް ގިނަ އެވެ.

އެއްގަމު އުޅަނދު ނުދުއްވާ އީދުތަކުގައި އަބަދުވެސް ފެންނަ އެންމެ އުފާވެރި އެއް މަންޒަރަކީ ވީލްޗެއާގައި އުޅޭ މީހުން ފަސޭހައިން މަގުމަތީގައި ހަރަކާތްތެރިވުމެވެ. ހަމަަ އެގޮތަށް ކުޑަކުދިން ސްޓްރޯލާތަކުގައި ނެރެ، ކުދިންނަށް އާއިލާއާ އެކު ހިނގާލައި ދުވެލައި ކުޅެލަން، ދެންމެ ދެންމެ ވެހިކަލެއްގައި ޖެހިދާނެތީ ބިރެއް ނެތި އުޅެލެވޭ ކަމެވެ.

އެޕްރީލް 10، 2024: ފިތުރު އީދު ދުވަހު މާލޭގައި އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖެއްސި ވަގުތު ދެ މީހަކު މަގުމަތީގައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މާލޭގެ މަގުތަކަށް އީދު މާލިތަކެއް މިއިން ޒަމާނަކު ނުނެރެ އެވެ. ދެރަ ކަމަކަށްވީ މި ޕެރޭޑްތައް ހަމައެކަނި ހެންވޭރު ކޮޅުގައި އޮތުމެވެ. ހޫނުގަދަ މި ދުވަސްވަރު ކުޑަކުދިން ގޮވައިގެން ހިނގާފައި އަދި ވީލްޗެއާގައި އުޅޭ މީހުންނަށް އެހާ ހިސާބަށް ފޯރުން އެއީ ބުރަ ކަމެކެވެ.

މާލޭގައި އީދު ފާހަގަކުރުމަށް ބޮޑުމަސް ހަރަކާތް އޮތް އިރު ވެސް ދިވެހިންގެ ސަގާފަތާ ގުޅޭ މިކަން ވެސް އެއް ބަޔަކަށް ނުފެނުނީ އެވެ. ހަމައެކަނި އެއްކޮޅުގައި މި ހަރަކާތް އޮތުމުންނެވެ.

ޗާނދަނީމަގާއި މަޖީދީމަގު ގުޅޭ ޖަންކްޝަނުން ފެށިގެން، މާލޭގެ ހުޅަނގާއި އިރަށް، ދެކޮޅަށް މި ޕެރޭޑް އޮތް ނަމަ ގިނަ މީހުންނަށް ފެނުނީހެވެ. އެއް ތަނަކަށް އެއްވެ ތޮއްޖެހޭކަށް ނުޖެހޭނެ އެވެ. މާލޭގައި މުޒާހަރާއެއް ކުރިޔަސް މުޅި މާލޭގައި ހިނގާލުން އޮވެ އެވެ. ހާއްސަކޮށް ކެމްޕެއިން ނިންމާލާ ބޮޑެތި ހިނގާލުންތައް ހުރިހާ ކޮޅެއްގައި ކުރިއަށް ގެންދާ އިރު އީދު ޕެރޭޑަށް މިފަދަ ފުރުސަތެއް ނެތުން ދެރަވަރެވެ.

ހަވާ އަކީ ދިވެހިން ބަލާ ފޫހިނުވި މަންޒަރެއްކަން މީގެ ކުރީގެ ތަޖުރިބާތަކުން އިނގެ އެވެ. ހަވާ ބަލަން އޮންނަ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ އެވެ. ފަށަން ބުނާ ގަޑީގައި ދުވަހަކުވެސް ހަވާ ނުފެށުމަކީ އަންނަ ޝަކުވާ އެކެވެ. އެކަމަކު މިފަހަރު މި ޝަކުވާ ކުރެވޭކަށް ނެތެވެ. އެތައް ބަޔަކު ހެންވޭރުކޮޅުގައި ސައިކަލްގައި ޓްރެފިކްގައި ޖެހި އެތައް ވަގުތެއް ހޭދަ ކުރި އެވެ. ބައެއް މީހުން 50 މިނެޓުހާ އިރު ހޭދަ ކުރި އެވެ.

މިކަމުގައި ދެ މައްސަލައެއް އެބައޮތެވެ. ޓްރެފިކް ތޮއްޖެހުމާއި އާއްމުންގެ ރައްކާތެރިކަމަށް، ފުލުހުން ކްރައުޑް ކޮންޓްރޯލް ނުކުރުމެވެ. ހަވާ ބަލަންދިޔަ މީހުން ބޭނުންވީ ހިނގާފައި ދިއުމުގެ ބަދަލުގައި ސައިކަލުގައި އެ ސަރަހައްދަށް ވަންނާށެވެ. ސައިކަލު ބަހައްޓަން ބޭނުންވަނީ ވެސް ސީދާ އާޓިފިޝަލް ބީޗްގަ އެވެ. އެކަމަކު އެއަށް ވުރެ ތަންކޮޅެއް ދުރުގައި ސައިކަލު ބަހައްޓާފައި ތަންކޮޅަކަށް ހިނގާލާފައި ގޮސް އެ ސަރަހައްދަށް ވަދެވުނީހެވެ. 

މާލެއަކީ ބިދޭސީ މަސައްކަތްތެރިން ގިނަ ތަނެކެވެ. އެ މީހުންގެ ތެރެއިން ގިނަ ބަޔަކީ އަވަށްޓެރި ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ކަށިން ހިތްވަރު ނެރެގެން މުޅި ރޯދަ މަހު އެއްކޮށް މަސައްކަތްކުރުމަށް ފަހު، ހަށިފުރާ ނޭވައެއް ލައި މުސްލިމުންގެ އީދު ފާހަގަ ކުރުމަށް އެ މީހުން ވެސް ބޭނުންވާނެ އެވެ. އީދު ހަރަކާތްތައް ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ލާ، ރަށަށް އީދު ކުޅިވަރު ދައްކާލަން ފޯނުން ގުޅައިގެން ބައެއް މީހުން އުޅެ އެވެ.

އެޕްރީލް 10، 2024: އެކުވެނި ދަޑުގައި، ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ދެރައީ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން އީދު ފާހަގަކުރުމަށް އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމެވެ. އެމީހުންގެ ސަގާފަތް އޮންނަ ގޮތަށް އީދު ފާހަގަކޮށްލަން ފުރުސަތު ދިނުމަކީ ދިވެހިންގެ ގައުމިއްޔަތު އުނިވެގެންދާނެ ކަމެއް ނޫނެވެ. ލިބެންޏާ ވެސް އޮތީ ބޭރު ބަޔަކަށް މެހުމާންދާރީ އަދާކޮށްލުމުގެ ދަރުމަ އެވެ.

އީދު ކުޅިވަރާއި ހަރަކާތްތައް އިންތިޒާމް ކުރާ އިރު ދުރާލާ ރާވައި ވަށައިގެންވާ ގިނަ ކަންކަން އޮމާންކޮށް މީހުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމް ކުރަން ޖެހެ އެވެ. އިވެންޓްތަކެއް ބާއްވާލާފައި އާއްމުން ވީ ހާލެއްގައި ވާން ދޫކޮށްލުން ރަނގަޅެއް ނޫނެވެ. 

ކޮމެންޓް (4)

profile-image-placeholder

ޓްރޯ

12 އޭޕްރީލު 2024
އަޅެ ތިމީހުންނަށް ރަނގަޅު އެއްގޮތެއްވެސް ނެތީތަ ކޮންމެ ކަމަކަށް ފާޑު ތި.🤬 މާލޭގަ ކުރިން އެއްެވެސް ސަރުކާރެއްގަ ނުކުރާ ކަމެއް މިފަހަރު އެކުރީ. ރަށްރަށަށް ނުދެވޭ އެތައް ބަަަޔަކަށް އުފާވެެރިކަން ލިބުނު. އެވަރު ކުރިކަމަށްޓަކާވެސް ޝުކުރުވެރިވެބަލަ. ޓިޕިކަލް ދވެހިންނަށް އިނގެނީ ކޮންމެ ކަމަކަށް ފާޑު ކިޔަން. ދައުރު ނޫސް ހާދަ ކަޑައޭ. މި ކޮމެންޓް ޕަބްލޮޝް ނުކޮށްފިއްޔާ އެކްސް އަށް ލާނީ ސީދާ!

ޭިއީދު

12 އޭޕްރީލު 2024
ތިހުރިހާ މޮޅެއްވެސް . އަރާމުގަވެސް ނޫޅެވޭނެ އީދަކު. އެންމެން ނިކުތީމަ މާލެ އޮންނާނީ ތިހެން. ފުލުހުންނަށްވެސް ތިހުރިހާކަމެއް ނުވާނެ

ނިޒާރު

12 އޭޕްރީލު 2024
މިފަހަރު ކުލަޖެހުން އޯކޭ ދޯ! އެހެން ބަޔެއްގެ ވެރިކަމެއްގަ ކުލަ ޖެހުމަކީ އިންޑިޔާގެ ދީނީ ހޯލީ ކަމަށްމިވަނީ!

ތާށިވާ ސޮރު

12 އޭޕްރީލު 2024
އިންތިޒާމްތައް ވ ދަށްކޮށްދިޔައީ. އެންމެ ކުޑަމިނުން ބްރިޖުން ފައިބާގެންދާނެ ރޫޓް ވެސް މެނޭޖްކޮށްނުލެވުނު. އެކަން ކޮށްލި ނަމަވެސް މިވަރެއް ނުވީސް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް