ޕިކްނިކް ދިޔުން: މިހާރު ވައިގައި ހިފައިގެން އުޅޭ ކަމެއް

ފުޑް

ހުދު ފޮތިގަނޑުތަކުގައި މި ހަދާ ޕިކްނިކް: ބޮޑު ހިތްހަމަޖެހުމެއް

ޒުވާނުންގެ މެދުގައި ވައިގައި ހިފަމުން އަންނަ މިފަދަ ޕިކްނިކެއް ރާވާލަން ފަސޭހަ ގޮތްތަކެއް އެބަހުރި
13 އޭޕްރީލު 2024
1

ހުސްވި ރޯދަ މަހު އެންމެ ގިނައިން ދެކެވުނު އެއް ވާހަކަ އަކީ ހުދުފޮތިގަނޑެއް ހިފައިގެން ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ހިސާބަށް ގޮސް، ޕިކްނިކް ރޯދަވީއްލުން ބާއްވާ ވާހަކަ އެވެ. 'އިފްތާރު ވިތު ގާލްސް'ގެ ނަމުގައި އެތައް ބަޔަކު ދިޔައީ އެ މީހުންގެ މިފަދަ ރޯދަވީއްލުންތަކުގެ ޓިކްޓޮކްތައް ހިއްސާ ކުރަމުންނެވެ.

އެއް ބަޔަކަށް މިކަން ވީ ޖޯކަކަށެވެ. އެކަމަކު އަނެއް ބަޔަކަށް މިއީ ރޯދަވީއްލަން ސަޅި ގޮތެކެވެ. އަދި ތަފާތު ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެކެވެ.

ނ. ވެލިދޫއަށް އުފަން އަދި އެ ރަށުގައި ދިރިއުޅޭ ދެ ކުދިންގެ މަންމަ ރުގިއްޔާ ގާސިމް (ރުގީ) ބުނި ގޮތުގައި ހުޅުމާލޭގައި ނޫނަސް މިއީ އޭނާ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.

ނ. ވެލިދޫ ރުގިއްޔާ ގާސިމް

ގުރޫޕް ހަދާފައި، ވެލިދޫ ކައިރި އޮންނަ ފަޅުރަށެއް ކަމުގައިވާ ރާފުއްޓަށް ގޮސް ޕިކްނިކް ހެދުމަކީ އޭނާ ކުރާ ކަމަކެވެ. ނިމިދިޔަ ރޯދަމަހު ރޯދަވީއްލަން ވެލިދޫ ބީޗްގައި އޭނާ މިގޮތަށް ޕިކްނިކް ދިޔަ އެވެ.

މިއީ އެއް ބަޔަަކު ދެކޭ ގޮތުގައި ބޮޑު މަސައްކަތްގަނޑެކެވެ. ނޫނީ ސަކަރާތެކެވެ. ރޯދަވީއްލަން އެންމެ އަރާމީ ގޭގެ މޭޒު ދޮށެެވެ.

ގޭގައި ކުދިން ބަލަމުން އޯޑަރަށް ކޭކު އެޅުމާއި ފެހުމުގެ މަސައްކަތްކުރާ ރުގިއްޔާ ބުނާ ގޮތުގައި ޕިކްނިކް ދިއުމަކީ ދުރާލާ ތައްޔާރުވެއްޖެ ނަމަ ފަސޭހަ ކަމެކެވެ.

ޕިކްނިކް ދިޔުން: މިހާރު ފެށިގެން އުޅޭ އާ ޓްރެންޑެއް

ރުގިއްޔާ މިގޮތަށް އާއިލާ އާއި ގާތް ރައްޓެހިންނާ އެކު ދަތުރު ގޮސް ހޭދަ ކުރާ އުފާވެރި ވަގުތުތައް ވީޑިއޯކޮށް ޓިކްޓޮކް ވެސް ހަދަ އެވެ. ޓިކްޓޮކްގައި އަރަމުން އަންނަ އޭނާގެ އެކައުންޓުން ރެސިޕީތައް ވެސް ހިއްސާކޮށް، ބައެއް ރެސިޕީތައް ވައިރަލްވެގެން ގޮސްފައިވެ އެވެ.

އައުޓްޑޯ ރޯދަވީއްލުން މި އަހަރު އޮތީ ވަރަށް ބޮޑަށް ވައިގައި ހިފާފައި

ރުގިއްޔާ މި ކިޔައިދެނީ ޕިކްނިކް ދިއުމަށް ތައްޔާރުވާން އެހީތެރިވެދޭނެ ބައެއް ޓިޕްސް އެވެ.

  • ލޮކޭޝަން މުހިއްމެވެ. ޕިކްނިކް ގޮސް އުފާކޮށްލަން، ކޮންމެހެން ބީޗެއް މުހިއްމެއް ނޫނެވެ. ޕާކް ޕިކްނިކަކީ ވެސް މަގުބޫލުވަމުން އަންނަ ކަމެކެވެ. މާލޭގައި ދިރިއުޅޭ ނަމަ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ތަނެވެ. ވިލިމާލޭގައި އުޅޭ ނަމަ ރަށުގެ ތޮށިގަނޑުމައްޗަކީ ތަފާތު، އަރާމު މަންޒިލެކެވެ. މާ ގިނަ ބަޔަކު އަދި މިކަން ނުކުރިޔަސް އެއީ އިރުއޮއްސޭ ވަގުތު ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ތަނެކެވެ.

  • މިއީ ހޫނުގަދަ ދުވަސްވަރެއް ކަމުން ހަވީރު ފިނިޖެހި 5:30 ވާން ވާ އިރަށް ޕިކްނިކްގެ ހުރިހާ ކަމެއް ނިމި، ފޮތިގަނޑު މަތީގައި އިށީނދެގެން ތިބެވޭ ވަރަށް ތައްޔާރުވުން މުހިއްމެވެ. ހަވީރުގެ ރަން އުދަަރެސް ފެންނަ ގޮތަށް ނަގާ ފޮޓޯތައް ހިތްގައިމެވެ.

  • ޕިކްނިކް ދާ އިރު ދުރާލާ ތައްޔާރުވެ އެކި މީހުންނަށް އެކި މަސައްކަތްތައް ބަހާލާށެވެ. އެކަކާ މާ ގިނަ ކަންކަން ހަވާލު ކުރުމުން ސްޓްރެސް މަތިވެ އެވެ.

  • ޕިކްނިކަށް ގެންދަން އެންމެން ރަނގަޅީ އެ މީހަކަށް ނުވަތަ އެ ބަޔަކަށް ކަމުދާ ކަހަލަ ފިންގާފުޑް އެވެ. މާ ބޮޑު ކެއުންގަނޑަކަށް ނަހަދާ ލުއި ގޮތެއް ހަދާލެވޭ ވަރަށެވެ. އެކަމަކު އަބަދު އެކައްޗެއް ވެސް ނޫނެވެ. އެކި ފަހަރު އެކި ކަހަލަ ކާނާ އެވެ.

  • ކުރަންޖެހޭ މަސައްކަތް އެކި މީހުންނަށް ބަހާލާ ގޮތަށް، މިކަމަށް ހޭދަވާ ފައިސާ ވެސް އެންމެން ބަހާލައިގެން ހަރަދު ކުރުމުން ބޮލަކަށް ޖެހޭ މިންވަރު ކުޑަވެ އެވެ.

  • އެސްތެޓިކްސް މުހިއްމެވެ. ފޮޓޯތަކުގައި ހިތްގައިމުކަމެއް ހުންނަން ޖެހެ އެވެ. ދުރާލާ ޕިންޓަރެސްޓް އާއި ޓިކްޓޮކް ބަލައި ރީތި ހިތްގައިމު ފޮޓޯތަކެއް ނެގުމަށް ބޭނުންވާ އެއްޗެހި ހިފައިގެން ދެވިދާނެ އެވެ. މިގޮތަށް ދާ އިރު ކޮންމެހެން ވެސް، ސެންޓާޕީސްއެއް، ހުދު ފޮތިގަނޑު މަތީގައި ބަހައްޓާނެ ރީތި ތަށިތަކެއް އަދި ގުޅޭ ކަހަލަ އެއްޗެހި ސަޅި އެވެ.

ޕިކްނިކަކަށް ކާއެއްޗެހި ތައްޔާރުކޮށްފައި

ރުގިއްޔާ ބުނިގޮތުގައި މިކަމުން ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދެ އެވެ. މީހާ ތާޒާވެ، ސްޓްރެސް ފިލައިދެ އެވެ. އަބަދު އެއް މާހައުލެއްގައި ނުތިބެ ތަފާތު ގޮތަކަށް ސައެއް ނުވަތަ ރޯދަވީއްލުމެއް ބާއްވާލައި އާއިލާއާ އެކު ވަގުތު ހޭދަކޮށްލުމަކީ ލިބޭނެ ބޮޑު އުފަލެކެވެ.

 ސުންނަތް ހަ ރޯދައިގެ މި ދުވަސްކޮޅު ރޯދަމަހާ ދާދި އެއްގޮތަކަށް މީހުންގެ ޝެެޑިއުލް ހުންނަ އިރު މިފަދަ ޕިކްނިކެއް ރާވާލެވިދާނެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ސަނައްޓޭ

13 އޭޕްރީލު 2024
ފޮޓޯ ނަގާފަ މީހުންނަށް ދެއްކެން ކުރާ ކަމެއްތީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް