އައްޑޫއަށް ކޮންމެ އަހަރަކު އަންނަ އިނގިރޭސި ފަތުރުވެރިޔާ ގާއި މޯރީ، އޭނާގެ އަމިއްލަ ޑިންގީގައި. (ދައުރު ފޮޓޯ)

މި ރަށުން

އިނގިރޭސި 'މަސް ބެއްޔާ': ދުނިޔޭގައި ބުރުޖަހަމުން ހިތް ދޫވީ އައްޑުއަށް

އިނގިރޭސިވިލާތަށް އުފަން ގާއި މޯރީ މަސް ނުބާނާ ކަނޑެއް މި ދުނިޔޭގައި ނެތެވެ. ނޫނީ މަދުވާނެ އެވެ. ނަމަވެސް އޭނާގެ ހިތް ދޫވީ އައްޑުއަށެވެ.

ހިތަދޫ - މުޅި ދުނިޔޭގައި އެނބުރޭ ގާއި މޯރީ އެ ހުރީ އައްޑު އަތޮޅު ހިތަދޫގަ އެވެ. ރަށުގެ އިރުމަތީ ފަރާތުގައި ކުދި އޮޑިފަހަރު ކައިރިކުރާ ފާލަމެއްގައި ޖައްސާލައިގެން، މި އިންޓަވިއުގެ އިންތިޒާރުގަ އެވެ. މަސް ބާނަން ގެންގުޅޭ ދޮށި ކައިރީގައި ބާއްވައިގެން، ކުރިމަތީގައި އޮތް 'ކުދު މާހެރާ' އަށް ގެއްލިފަ އެވެ. ދޮށީގެ ބޭނުމެއް މި ގަޑީގައި ނެތެވެ. ކުރިމަތީގައި އޮތް މޫދުން މިދިޔަ 30 އަހަރުގެ ތެރޭގައި އޭނާ އައްޑޫގައި ހޭދަކުރި ދުވަސްތަކުގެ އުފާވެރި ހަންދާންތައް ސިކުނޑިއަށް ދިޔައީ ބާނަމުންނެވެ. މުޅި ދުނިޔެ ކުޑަ ކުރިޔަސް މިވަރުގެ ތަނެއް ގާއިއަކަށް ނެތެވެ.

އިނގިރޭސިވިލާތަށް އުފަން ގާއިއަކީ ރަންރިހީގެ ވިޔަފާރި ކުރާ މީހެކެވެ. ދިރިއުޅުމުގެ މަސައްކަތަކީ އެއީ އެވެ. ނަމަވެސް ހިތުގެ އެންމެ ފުންމިނުން އެއީ މަސްވެރިއެކެވެ. ހިތްހަމަޖެހުމަށް ވެސް، ފޫހިފިލުވަން ކުރާ ކަމަކީ އެއީ އެވެ. މަސްވެރިކަމަށް ހުންނަ ފޯރީގައި ދުނިޔޭގެ ކަނޑުތައް ހުސްކޮށްފި އެވެ. އުފަން ގައުމު އިނގިރޭސިވިލާތާއި ޒަންޒިބާރެވެ. މޮރިޝަސް، ސީޝެލްސް، ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެކަމަކު ހިތް ދޫވީ އައްޑޫއަށެވެ.

"އައްޑުއަށް ގިނަ ދަތުރުތަކެއް ކުރަން ލިބުމަކީ އަހަރެންގެ ނަސީބު. މިތަނަށް ފުރަތަމަ އައިތާ މިހާރު 30 އަހަރު ވީ. މިއީ އަހަރެންގެ 28 ވަނަ ދަތުރު. ކޮވިޑާ ހެދި ނޫން ނަމަ 30 ވަނަ ދަތުރަށް ވާނެ،" ވާހަކަ ފަށަމުން ގާއި ބުންޏެވެ.

  • ގާއި މޯރީ އައްޑުއަށް ކުރި 25 ވަނަ ދަތުރުގައި އޭނާއަށް މަރުހަބާ ކިޔަނީ (ފޮޓޯ/ޕެބްލްސް އިން)
  • ގާއި މޯރީ އައްޑުއަށް ކުރި 25 ވަނަ ދަތުރުގެ ހަނދާނެއް (ފޮޓޯ/ޕެބްލްސް އިން)
  • ގާއި މޯރީ އައްޑުއަށް ކުރި 25 ވަނަ ދަތުރުގައި އޭނާއަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި. (ފޮޓޯ/ޕެބްލްސް އިން)

ފުރަތަމަ ތަޖުރިބާ 90ގެ ކުރީކޮޅުގައި

އައްޑުއަށް ވުރެ ކުރިން ގާއިގެ ކަންފަތުގައި ޖެހުނީ މި އަތޮޅު ގަމުގެ ނަމެވެ. އެއީ އިނގިރޭސިން އައްޑޫގައި ތިބި ދުވަސްވަރު އެ ތަނުގައި އުޅުނު ރަހުމަތްތެރިއެއްގެ ފަރާތުންނެވެ.

"އޭނާ އާރުއޭއެފްގައި އުޅެފައި ގޮސް އުޅުނީ ގަޑި ހަދަން. އަހަންނަކީ ރަންރިހީގެ ވިޔަފާރި ކުރާ މީހެއް. އެހެންވެ ބައްދަލުވެ، ދެ މީހުން ގާތް ރަހުމަތްތެރިންނަށް ވީ. އޭނާ އަހަރެން ގާތުގައި ބުނީ ގަމުގައި ހުންނާނޭ މަސް ބާނަން ވަރަށް ރަނގަޅު ދިމާތައް،" ގަން އެނގުނު ގޮތް ކިޔައިދެމުން ގާއި ބުންޏެވެ.

"އެއް ދުވަހަކު ހޮލިޑޭ ބްރޮޝާއެއް ބަލަމުންދަނިކޮށް ފެންނަނީ އޯޝަން ރީފުގެ އިޝްތިހާރެއް. މިހާރު އެއީ އީކުއޭޓާ ވިލެޖު. ދެން އަހަރެންގެ ހިތަށް އެރީ ދާންވީއޭ ގޮތް ބަލައިލަން. މަސް ބާނަން މުޅި ދުނިޔެ ކުޑަކުރެވިއްޖޭ އެހެންވީމަ މި ތަން ވެސް ބަލައިލަންވީއޭ. އެހެންވެ އައީ."

ގާއި ދެކޭ ގޮތުގައި މިހާ ގިނައިން އައްޑުއަށް އާދެވުމަކީ އޭނާގެ ނަސީބު. (ދައުރު ފޮޓޯ)

މަސް ބާނާ ސާމާނު ހިފައިގެން ދިގު ދަތުރަކަށް ފަހު ގާއިގެ ފައިތިލަ އައްޑޫ ގަމުގައި ޖެހުނީ މީގެ ބަރާބަރު 30 އަހަރު ކުރިންނެވެ. ހަނދާނުގައި ހުރި ގޮތުން ސެޕްޓެމްބަރު މަހެއްގެ މެދު ތެރޭގަ އެވެ. ގަމުން އޭނާއަށް މަރުހަބާ ކީ ގަދަ އަތްވާއި ފެހިކަން ގަދަ ބޮޑެތި ގަސްތަކެވެ. އެ ހޫނާއި ގުދުރަތީ ރީތިކަން އަދިވެސް އޭނާގެ ހަނދާނުގައި ވަރަށް ރަނގަޅަށް ހުރެ އެވެ. ނަމަވެސް ރާއްޖޭގެ މޫސުމާ ބެހޭ ގޮތުން ގާއިއަށް އޭރު މާ ބޮޑު އެއްޗެއް ނޭނގެ އެވެ. ޖެހިގެން އައި ދުވަހު މޫސުން އޮތީ ދިމާ އިދިކޮޅަށެވެ.

"އަނެއް ދުވަހު ދައްކާލީ ބޮޑު ވިއްސާރަގަނޑެއް. ވިދާ ގުގުރާފައި، ވަރަށް ބޯކޮށް ވާރޭ ވެހުނީ. އައި ދުވަހާ މުޅިން ތަފާތު،" ގާއި ބުންޏެވެ.

ގާއިގެ ލޮލުން އައްޑޫގެ އެހާރާއި މިހާރު

ގާއި އައްޑުއަށް ކުރި ސިލްސިލާ ދަތުރުތަކުގައި އެތައް ގޮތަކުން އައްޑޫ ބަދަލުވެއްޖެ އެވެ. އެންމެ ކުރިން އައިއިރު ލިންކު ރޯޑެއް ވެސް ނެތެވެ. އެ ހަނދާންތައް އާކުރަމުން ގާއި ކިޔައިދިނީ މަރަދޫ އާއި ހިތަދޫއާ ދެމެދު ސަފަކަށް ގެތިފައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން ކޮންމެވެސް ދިމާލެއްގައި ހުންނަ ރުކެއްގެ ވާހަކަ އެވެ. އަތިރިމަތީގައި ފޯދިފައި ހުރި އެ ރުއް އޮންނަނީ މޫދަށް ލެނބިފަ އެވެ. ރުކުގެ ބުރިމައްޗަށް އަރައި އިށީނދެ ތިރި ބަލައިލުމުން ފެންނާނީ މޫދެވެ. ގާއިގެ އުމުރުން ކިތަންމެ ދުވަސްވެފައި ހުރި ނަމަވެސް، އެ ހަނދާންތައް އަދިވެސް އެބަހުއްޓެވެ. ނެތީ އެ ރުކެވެ. ލިންކު ރޯޑަށް ވިޔަސް ނުވަތަ ޒަމާނީ ތަރައްގީގެ ކޮންމެވެސް ކަމަކަށް ބޭނުންވާ ޖާގަ ތަނަވަސް ކުރަން ކަނޑައި ތިރިކޮށްލީ އެވެ. އެ ގަސް ގެއްލުނު ނަމަވެސް، ލިންކު ރޯޑު ހެދުމުން އެއް ރަށުން އަނެއް ރަށަށް ގޮސް އުޅުމަކީ ލިބުނު ބޮޑު ފަސޭހައެއް ކަމަށް ގާއި ދެކެ އެވެ.

އައްޑުއަށް އައި މިފަދަ އެތައް ބަދަލެއް ގާއިގެ ލޮލުން ދެކެފި އެވެ. ކިރިޔާ ވެސް ބަދަލެއް ނައިސް އޮތީ، ގާއި ބުނި ގޮތުގައި، ގަމުގެ މަގުތަކެވެ. ނަމަވެސް ގަމުގައި އާ މަގުތަކެއް މިހާރުވެސް ކަނޑަމުން އަންނައިރު، މިއީ އެ ބަދަލުގެ ކުރިން ގާއިއަށް ކުރެވޭނެ އެންމެ ފަހު ދަތުރަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އައްޑޫގެ ބިން ހިއްކީ ވަރަށް ފަހުންނެވެ. ފަތުރުވެރިއެއްގެ ލޮލަށް އެކަން ފެންނާނީ، ދިވެހިންނަށް ފެންނަ ގޮތަކަށް ނޫނެވެ. ގިނަ ދިވެހިން ނުވަތަ އައްޑޫ މީހުންނަށް ފެންނާނީ ބޮޑު ބިމެކެވެ. ގާއިއަށް ފެންނަނީ އެ މަޝްރޫއަށް ފަހު އައްޑޫގެ މޫދު ކިލަނބުވެ، ނުސާފުވި މިންވަރެވެ.

އައްޑު އަތޮޅު ފޭދޫ މަތިން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/އަލީ ރަފީގް)

ގާއިގެ އައްޑޫ ދަތުރުތަކުގައި ކުރިން އައިސް ހުރީ މިހާރުގެ އީކުއޭޓާ ވިލެޖުގަ އެވެ. އެތަނަށް ދިޔުން ހުއްޓާލި އެއް ސަބަބަކީ ވެސް މާ ބޮޑަށް އެތަން ބަދަލުވުމެވެ.

"ޑިންގީއަށް އަރާ ފޭބުމާއި ނައްޓާލުމާއި އެޅުން ފަދަ ކަންކަން ކުރަން ފަސޭހަ ތަނެއް އަހަރެން ބޭނުންވީ. އުމުރުން ދުވަސްވާން ފެށީމަ،" ގާއި ބުންޏެވެ.

އިޝާރާތުން ދެން ދައްކާލީ ފަހަތުގައި ހުރި 'ޕެބްލްސް އިން' ގެސްޓުހައުސް އެވެ. ފަހުން ފަހުން އައިސް ގާއިގެ ޗުއްޓީ މުޅިން ވެސް ހޭދަކުރަނީ އެ ތަނުގަ އެވެ. އެ ތަނުގެ ވެރިންނަށް މިހާރު ގާއިއަކީ ތިމާގެ ފަދަ މީހެކެވެ.

ސ. ހިތަދޫ ޕެބްލްސް އިން. (ފޮޓޯ/ޕެބްލްސް އިން)

ފަތުރުވެރިއެއް ނޫން؛ މަސްވެރިއެއް

ފަތުރުވެރިއެއްގެ ގޮތުގައި އައި ނަމަވެސް، ގާއި އަކީ މަސްވެރިޔެކެވެ. ފޫހިފިލުވަން ކުރާ ކަމަކީ އެއީ އެވެ. އައްޑުއަށް އަންނަ ކޮންމެ ފަހަރަކު ވެސް އުޅެނީ އެކަމުގަ އެވެ. މިހާރު އުޅެނީ އަމިއްލަ ޑިންގީއެއް ވެސް ބަނދެގެންނެވެ.

"އަމިއްލަ ކުޑަ ޑިންގީއެއް ބަނދެފައި އޮތުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް. ދެން އޭގައި މަސް ބާނަން މުޅި އަތޮޅު ކުޑަކުރަނީ. ބޭނުން ގަޑިއެއްގައި، ބޭނުން ތަނަކަށް މަސް ބާނަން ދެވޭ،" ގާއި ބުންޏެވެ.

ގާއި އާއި އޭނާގެ ޑިންގީ. (ދައުރު ފޮޓޯ)

އައްޑޫ މަސްވެރިންގެ ފަރާތުން ދިވެހިން މިކަމުގައި ގެންގުޅޭ އުކުޅުތައް ވެސް ގާއި ހުރީ ދަސްކޮށްގެންނެވެ. އެ މީހުންނަކީ، ގާއި ބުނާ ގޮތުގައި، ވަރަށް ހިތްހެޔޮ މީހުންނެވެ. ކޮންމެ މީހަކު އަޔަސް އެ މީހަކަށް އެހީތެރިވެދެ އެވެ. އެ މީހުންނަށް އެނގޭ ކަންކަން ކިޔައިދެ އެވެ. ގާއި އެންމެ ފޯރި ހުންނަ ސްޕޯޓްސް ފިޝިންގައި ވެސް އައްޑޫ މަސްވެރިންގެ ފަރާތުން ދަސްވި އުކުޅުތައް ބޭނުންކުރެ އެވެ.

މަސްވެރިކަމުގައި ގާއިގެ އެންމެ ގާތް އެއް އެކުވެރިޔަކީ އާނިފު ކިޔާ އައްޑޫ މީހެކެވެ. ސްޕޯޓްސް ފިޝިން ބޯޓުގައި ދެ މީހުންގެ ކަމަކީ ފުލް ސްޕީޑުގައި އަތޮޅު ކުޑަކުރުމެވެ. ކަނޑުމަހާއި ބޮޑެތި ޓްރެވަލީސް ހޯދުމަކީ މި ދެ މީހުން މާ ފޯރި ހުންނަ ކަމެކެވެ. އެއީ ވަރުގަދަ ކަމުން ބާނަން އުނދަގޫ މަހަކަށް ވެސް ވާތީ އެވެ.

"އަދި އަހަރެމެން ކުރަމުން އަންނަ އެހެން ކަމެއް، 'ޑީޕް ޑްރޮޕިން'އަކީ. އެއީ ވަރަށް ފުނަށް އެން ދޫކޮށްގެން ކުރާ މަސްވެރިކަމެއް،" އާނިފުއާ ދެ މީހުންގެ ތަޖުރިބާތައް ހިއްސާކުރަމުން ގާއި ބުންޏެވެ.

"މިކަން ކޮށްގެން މީގެ ކުރިން އައްޑޫން ނުފެންނަ އެކި ބާވަތްތަކުގެ މަސް އަހަރެމެންނަށް ބޭނިއްޖެ. ބިއަޑް ފިޝް، ޕޮމްފްރެޓް، ބްލެކް ސްނޫކް."

"މި ދަތުރުގައި ބޭނިއްޖެ ސްނޭކް މެކެރަލްގެ ބާވަތެއް ވެސް. އެއީ އެޓްލާންޓިކްގައި އުޅޭ އެކަމަކު އިންޑޯ-ޕެސިފިކްއިން ފެނުނު ކަމަށް ރެކޯޑު ކޮށްފައި ނެތް މަހެއް. އެހެންވީމަ އެއީ ވެސް ވެދާނެ މި ސަރަހައްދުން ބޭނުނު އެކަހަލަ ފުރަތަމަ މަސް ކަމަށް."

ގާއި އޭނާގެ ޑިންގީގައި. (ދައުރު ފޮޓޯ)

ގާއި ބުނާ ގޮތުގައި އޭނާއަށް ނުބޭނޭ ބާވަތެއްގެ މަހެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

"އެންމެ ހިތްހަމަޖެހެނީ އެންމެ ފަހުން ބޭނުނު މަސް. އެއީ 14 ފޫޓުގެ ދިގު، 350 ވަރަކަށް ކިލޯގެ މާލިންއެއް. ބައިވަރު ވައްތަރުގެ މަސް ބޭނިފައި ހުންނާނީ. ސެއިލްފިޝް، ކަނޑު މަސް، ރަތް މަސް. ނަމެއް ކިޔާލަބަލަ، ބާނާފައި ހުންނާނީ،" ފަހުރުވެރިކަމާ އެކު ގާއި ބުންޏެވެ.

ގާއިއަށް އައްޑޫގެ ރަހަތައް ވެސް ވަރަށް ތަފާތެވެ. ތަފާތު އެކި ދިވެހި ކެއުމުގެ ރަހަ ބަލައިފި އެވެ. އޭނާއަށް އެންމެ ކަމުދަނީ އަނބު ރިހަ އެވެ. ދުނިޔޭގެ އެތަންމިތަނަށް ދެވުނުއިރު ވެސް އެއްވެސް ތަނަކުން އެ ރިހައެއް ނުފެނުނެވެ.

"ދުނިޔޭގެ އެހެން ތަންތަނުގައި އާންމުކޮށް ހުންނަނީ އަދި ކޮންމެވެސް އެހެން ތަނެއްގެ ފިއުޝަންއެއް. އައްޑޫން ލިބޭ އައްޑޫ ނުވަތަ ދިވެހި ކެއުން. މިސާލަކަށް ހެނދުނު ހޭލައިގެން މަސް ހުންޏާއި ރޮއްޓާ، ވަރަށް އާދައިގެ އެކަމަކު ވަރަށް މީރު އެއްޗެއް. އަހަންނަށް އެންމެ މީރީ އަނބު ރިހަ. އެހެން އެއްވެސް ތަނަކުން ނުދެކެން،" ގާއި ބުންޏެވެ.

އެނބުރި އަންނަ އެންމެ ބޮޑު ސަބަބު: ބަދަލެއް ނުވާ އައްޑޫ މީހުން

ކޮންމެ އަހަރަކު އަނބުރާ އަންނަނީ ކީއްވެތޯ ސުވާލުކޮށްލީމެވެ. ހަމަ މަސް ބާނަން އެކަނި ހެއްޔެވެ؟ ޖަވާބުގައި އެތައް ބައިވަރު ސަބަބު ދެއްކި އެވެ. ކެއުމުގެ ތަފާތު ތަޖުރިބާ އާއި މަސް ދަތުރުތަކުން ގާއިއަށް ލިބޭ 'ސެންސް އޮފް އެޑްވެންޗާ' އެވެ. މީހުންގެ ހިތްހެޔޮކަމެވެ. ދުނިޔޭގެ އެހެން އެއްވެސް ތަނަކުން އޭނާއަށް ނުފެންނަ، އައްޑޫގެ މިނިވަން މާހައުލެވެ.

"އައްޑޫ މީހުންގެ ފަރާތުން އަހަންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. ވަރަށް ހިތްހެޔޮ ބައެއް މިއީ. އެއީ މިތަނުގެ ހަގީގީ މުއްސަނދި ކަމަކީ. ގޮސްފައި ވެސް އަނބުރާ އާދެވޭ އަދި މިތަން ކަމުދާ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ،" ގާއި ބުންޏެވެ.

"މި ތަނުގެ އެންމެ ހާއްސަ އަދި ތަފާތު ކަމަކީ، ފަތުރުވެރިންނަކީ ބީރައްޓެހިންގެ ގޮތުގައި ނުބަލާ. އަހަރެމެންނަކީ ވެސް މި ތަނުގެ މީހުންގެ ގޮތުގައި ދެކެނީ. މިސާލަކަށް، ފެންނަ އިރަށް ހެލޯ ގުޑް މޯނިންއޭ ބުނާނެ. މިއަދު މަހެއް ބޭނުނުތޯ އަހާލާނެ. ނޫނީ މަސް ބާނަންތޯ ތި ދަނީ އަހާނެ. އެހެން ތަންތަނާ ވަރަށް ތަފާތު."

"އެހެން ތަންތަނުގައި މީހުން އުޅެނީ އަބަދުވެސް ކޮންމެވެސް އެއްޗެއް ނުވިއްކިގެން. ނޫނީ ކޮންމެވެސް ހިދުމަތެއް ނުދެވިގެން. މި ތަނުގައި އެހެން ނުވޭ. ހަމަ ހިނގާފައި ވެސް އުޅެންވީ، މިނިވަންކަމާ އެކު. ފެންނަ މީހަކާ ވާހަކަ ދައްކާލާ. އެހެންވެ އެއީ މިތަނުން އަހަރެން އެންމެ ގަޔާވާ އެއް ސިފަ."

ހިތަދޫގެ މަގަކުން ގާއި ދަންނަ އައްޑޫ މީހަކާ ބައްދަލުވެ، ވާހަކަ ދައްކަނީ. ގާއި ބުނާ ގޮތުގައި އައްޑޫ މީހުންނަކީ ވަރަށް ހިތްހެޔޮ ބައެއް. (ދައުރު ފޮޓޯ)

ކޮންމެ ދަތުރެއްގައި ވެސް ގާއި އައިސް ދެތިން ހަފުތާ އައްޑޫގައި ހޭދަކުރެ އެވެ. އަނބިދަރިން ތިބި ނަމަވެސް ގިނައިން އަންނަނީ އެކަންޏެވެ. ބައެއް ފަހަރު ރަހުމަތްތެރިން ގޮވައިގެންނެވެ.

"ފިރިހެން ދަރިފުޅު ގޮވައިގެން އައިން ތިން ފަހަރަކު. އަންހެން ދަރިފުޅު އައި އެއް ފަހަރު. އެ މީހުންނަށް މާ ހޫނު ގަދައީ މި ތަން،" ގިނައިން އެކަނި އަންނަ ސަބަބު ކިޔައިދިނެވެ.

'އަދިވެސް ވަރަށް ގިނައިން އަންނަން ބޭނުން'

މިހާ ގިނައިން ދަތުރު ކުރެވުނު ނަމަވެސް، އަދިވެސް ގާއިގެ ހިތެއް ނުފުރެ އެވެ. ބުނީ "އަދިވެސް ވަރަށް ގިނައިން އަންނަން ބޭނުން" ކަމަށެވެ. ހަމައެކަނި 'ރިގްރެޓް'އަކީ އުމުރެވެ. ފުރަތަމަ އައިއިރު އޭނާއަށް ވާނީ 35 އަހަރެވެ. މިހާރު 65 އެވެ.

އުމުރާ އެކު އައްޑޫ މީހުން އޭނާއަށް ކިޔާ ވަ ނަން ވެސް ވަނީ ބަދަލުވެފަ އެވެ. ކުރިން ކިޔައި އުޅުނީ 'އިންގްލިޝް ފިޝަމޭން' އެވެ.

"މިހާރު މުސްކުޅި ވީމަ ކިޔަނީ އޯލްޑް ފިޝަމޭން (މަސް ބެއްޔާ)،" ހިނިގަނޑެއް ޖަހާލާފައި ގާއި ބުންޏެވެ.

"އައްޑޫގައި އަހަންނަށް ހޭދަކުރެވުނީ ވަރަށް ހިތްގައިމު ވަގުތުތަކެއް. އައްޑު އާއި މި ތަނުގެ ފަރުތަކާ ބެހޭ ގޮތުން ދަސްކޮށް، މި ތަނުގައި މަސް ބާނާއި، އައްޑޫ މީހުންނާ ރަހުމަތްތެރިވެއްޖެ. މީރު ކާ އެއްޗެހި ކެވިއްޖެ. އަހަރެންގެ މުޅި ހިތް އޮތީ އައްޑުއަށް."

ގާއި ބޭނުންވަނީ އަދިވެސް ވަރަށް ގިނައިން އައްޑުއަށް އައުމަށް. (ދައުރު ފޮޓޯ)

މި އިންޓަވިއު މި ހިސާބުން ނިމުނު ނަމަވެސް، ގާއިގެ އައްޑޫ ދަތުރުތަކަށް ނިމުމެއް ނެތެވެ. ކުރިއަށް އޮތް ދަތުރުގެ ޕްލޭން މިހާރު ވެސް އޮތީ ހަދައި ނިންމާފަ އެވެ. އޭނާ ރާވައިގެން ހުރީ މި އަހަރުގެ ފަހުކޮޅުގައި އެނބުރި އަންނަ ގޮތަށެވެ. އިންޓަވިއު ނިންމާލުމަށް ފަހު ޕެބްލްސް އިންއަށް ވަދެގެން ދިޔައީ އެ ދަތުރަށް "އައި ކާންޓް ވެއިޓް"އޭ ބުނުމަށް ފަހު އެވެ.

ކޮމެންޓް (2)

މަސްބެއްޔާ

4 އޭޕްރީލު 2024
އަޔާޔާއި. މަ ހަން ކެޑިގެ. ތޯ ބައްލަ ތަރައްގުއި ކޮށްފެއި އޮށްވަރޮ އަފަގެ ރަށް.
0 1

ތަކުރު

4 އޭޕްރީލު 2024
ލިއުންތެރިޔާ މިއީ ނަދީމުގެ ކޮޕީއެއްތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް