ޝިފްޒާ މި ކިޔައިދެނީ ފައިބުޑުގައި ހެދިފައިވާ ވިނަތަކުން ލިބޭ ފައިދާތައް

ތިމާވެށި

ޝިފްޒާއާ އެކު 'ވަލުވިނަ' ތަޖުރިބާ: ފެހިކަން ފެނުނީ އާ ނަޒަރަކުން

ޝިފްޒާ އަންނަނީ ގަސްގަހާއި ވިނަތަކުގެ ބޭނުންތެރިކަމާއި ފައިދާތައް ކިޔައިދެމުން. މީހުންނަށް އެކަންކަން ދައްކާލުމަށް ވިލިމާލޭގައި ހިނގާލުންތައް އޭނާ ކުރިއަށް ގެންދޭ
5 އޭޕްރީލު 2024

މަރިޔަމް ޝިފްޒާ އަހަންނަށް ޝަރުތު ކުރީ ތިން ކަމެކެވެ. މަދިރި ބޭހާއި ބޯފެން ފުޅިއަކާއި "އޯޕަން މައިންޑެއް" ގެނައުމެވެ. އަހަރެމެން ދިޔައީ ވަލަށް ވަންނާށެވެ.

ރާއްޖޭގައި ހެދޭ ގަހާއި ވިނަ އަދި ފަތްޕިލާވެއްޔާއި އޭގެ ބޭނުންތައް ކިޔައިދޭ އިންސްޓަގްރާމް އެކައުންޓް 'ވިޗްގްރާސް' ހިންގަނީ ޝިފްޒާ އެވެ. މީހުން ގޮވައިގެން ގޮސް، ވިލިމާލޭ ވަލުތެރޭގައި ހެދިފައިވާ ތަފާތު އެކި ކަހަލަ ވިނަތައް ދައްކައި އޭގެ ބޭނުންތަކާއި ފައިދާތައް ކިޔައިދިނުމަކީ އޭނާގެ މި މަސައްކަތުގެ ބައެކެވެ.

ޝިފްޒާ ބުނި ގޮތުގައި އޭނާ އަކީ ގުދުރަތީ މާހައުލުން ފެންނަ ކަންކަމާއި ކުލަތަކާއި ބައްޓަންތައް ކަމުދާ އަދި އެފަދަ މާހައުުލުތައް ތަޖުރިބާކުރާ ހިތްވާ މީހެކެވެ. މިފަދަ ވިސްނުން ހުރި އެހެން ބަޔަކަށް 'ވަލުވިނަ' ދައްކާލުމުގެ ހިނގާލުމަކަށް އޭނާ ގެންދިޔަ އެވެ. 

"ފައިބުޑުގައި ހެދިފައިވާ މި ވިނަތަކުގެ ގުުދުރަތީ ފައިދާތައް އެ މީހުންނަށް ކިޔައިދިނީ. ބައެއް މީހުންނަށް އެ ވިނަތައް އެއީ ފައިދާ ހުރި އެއްޗެއްގެ ގޮތުގައި ގަބޫލުކުރަން ވެސް އުނދަގޫވި. ސަބަބަކީ މިއޮތް ހުރިހާ ދުވަހު އެ ވިނަތައް ފެނިފައި ހުރި އިރު ވެސް އެއީ ފައިދާ ހުރި އެއްޗެއްކަން ނޭގޭތީ،" ޝިފްޒާ ބުންޏެވެ.

ޝިފްޒާގެ ފުރަތަމަ 'ވަލުވިނަ' ހިނގާލުމުގެ ބައިވެރިންނެކޭ އެއްފަދައިން އަހަރެން ވެސް ހުރީ، އޭނާ ދިން މައުލޫމާތާ އެކު، ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންނަކީ ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލުން ލިބޭ ނިއުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރަމުން އައި ބައެކެވެ. ރަށްރަށުގެ ހޭޅިފަށާއި ވަލުތެރޭގައި ހެދޭ ފަތްޕިލާވެއްޔާއި ވިނައިގެ ބާވަތްތަކަކީ ދިވެހިން ކާނާ އާއި ބޭހުގެ ގޮތުގައި ބޭނުން ކުރަމުން އައި ވަސީލަތްތަކެކެވެ. ނަމަވެސް އަހަރެމެން މިހާރު މި ތަކެއްޗާ ބީރައްޓެއްސެވެ.

ޝިފްޒާ: އޭނާ އަންނަނީ ރާއްޖޭގައި ހެދޭ ގަހާއި ވިނަ އަދި ފަތްޕިލާވެލީގެ ފައިދާތައް ސޯޝަލް މީޑިއާގައި ކިޔައިދެމުން.

ޝިފްޒާ މައުލޫމާތު ދެނީ ބޭހެއް ލިޔެދިނުމުގެ މަގްސަދުގައެއް ނޫނެވެ. އެކަމަކު މިއީ އަމިއްލަ ތަޖުރިބާއިން އޭނާ ދަސްކޮށްފައިވާ ފަރުވާތަކެކެވެ. އޭނާ ކަންކަން ކިޔައިދެނީ އޭނާ ހަދާފައިވާ ބައެއް ކޯސްތަކާއި އަމިއްލަ ދިރާސާތަކާއި ބޭސްވެރިކަމަށް ފަތްޕިލާވެލި ބޭނުންކުރާ ހަރު މީހުންގެ ކިބައިން ހޯދާފައިވާ މައުލޫމާތުގެ އަލީގަ އެވެ.

ޝިފްޒާ ސެޕްޓެމްބަރު 2023 ގައި 'ވަލުވިނަ' ހިނގާލުންތައް ފެށީ އޭނާއެކޭ އެއްފަދައިން ގުދުރަތީ މާހައުލުގައި ވަގުތު ހޭދަ ކުރުމަށް ލޯބިކުރާ ބައެއް މީހުން ބައިވެރިކޮށްގެންނެވެ. އޭނާ ގެންދިޔައީ ޕޭވްމަންޓް މަތިންނާއި މަގުތަކުގެ އަރިމަތިން ފާރުބުޑުގައި އަދި ގަސްތަކުގެ ތެރޭގައި ހުންނަ ވިނަތައް ދައްކާލައި އޭގެ ފައިދާ އެ މީހުންނަށް ކިޔައިދެމުންނެވެ.

އެންމެ އާއްމުކޮށް މި ގޮތަށް ފެންނަ ވިނަތައް އޭނާ ކިޔައިދިނެވެ. އެއީ:

  • 1-

    ރީނދޫފިލާ (ޕާސްލޭން) - ގަސްގަހާއި ވިނައިގެ ތެރެއިން އެެންމެ ގިނައިން އޮމެގާ-3 ހުންނަ ބާވަތް

  • 2-

    ކާޅުލުނބޯ (ސްޓޯން ބްރޭކާ) - ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށްދޭ

  • 3-

    ކިރުތޮނަ (އެސްމާ ޕްލާންޓް) - ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް ފަސޭހަކޮށްދޭ

  • 4-

    މަރިޔަމްހުއި (އާޓިލަރީ ޕްލާންޓް) - ބަނޑުގައި ވައިހެދުން އަދި ނުނިދުމުގެ މައްސަލަތަކަށް ބޭނުން ކުރޭ

  • 5-

    ފެންކުނބުުރުވާނީ (ލިޓްލް އަޔަންވުޑް) - ފަތްތައް ޗިސްކޮށްފައި، މަށައިގެން ގޮސްފައި ހުންނަ ތަންތާ ލުމުން ދުޅަ ތިރިކޮށްދޭ

ވިލިމާލޭގައި ހެދޭ ބައެއް ވިނަ އާއި ގަސްގަހުގެ ބާވަތްތައް
ވިލިމާލޭގައި ހެދިފައިވާ ޖުމްހޫރީ މޭވާގެ ބާވަތެއް ޝިފްޒާ ދައްކާލަނީ

ހަށިގަނޑާއި ސިއްހަތަށް ފައިދާވާ ވިނަ އާއި ގަސްތައް އެއީ ކިހާ އަގުބޮޑު ނިއުމަތެއް ކަމުގައި ބަލައިގަތުމަށް ވުރެ ބޮޑަށް މިހާރު އަަހަރެމެންނަށް އެ ތަކެތި ފެންނަނީ އަގެއް ނެތް އެއްޗެއްގެ ގޮތުގަ އެވެ. ގުދުރަތީ މާހައުލުން ލިބޭ ފައިދާހުރި ބާވަތްތަކާއި އޭގެ މުހިއްމުކަން ނޭނގެނީ އެވެ. ޝިފްޒާ ދެކޭގޮތުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާ އެކު އެކަން ވެސް ބަދަލުވެގެން ދިޔައީ އެވެ.

އެކަކު އަނެކަކާ ބައްދަލު ކުރުމަށް އަތިރިމައްޗަށް ދިއުމުގެ ބަދަލުގައި މިހާރު ދަނީ ކެފޭ އަކަށެވެ. ތިމާވެއްޓާ ގުޅުން ހުރި ކަންކަން ސްކޫލުން ކިޔަވައިދެނީ ފޮތްތަކުންނެވެ. އެކަންކަން ތަޖުރިބާ ކޮށްގެނެއް ނޫނެވެ. ދިރިއުޅުމަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވެފައިވާ އިރު އެންމެން އަބަދުހެން އުޅެންޖެހެނީ މަސައްކަތުގަ އެވެ. މި ހުރިހާ ކަމަކާ އެކު އަހަރެމެންގެ ކުރީގެ ދިރިއުޅުމާއި ކުރިން ކަންކަން ކުރަމުން އައި ގޮތާއި ކުރިން ހިތްހަމަޖެހުން ހޯދަމުން އައި ގޮތް މި ވަނީ ބަދަލުވެފަ އެވެ.

ގުދުރަތީ މާހައުލުން ލިބެން ހުރި މާއްދާތަކާ އަހަރެމެން މިހާރު ވަރަށް ބީރައްޓެހި
'ވަލުވިނަ' ހިނގާލުމަށް ފަހު ޓީމުން މައުލޫމާތު ބަދަލު ކުރަނީ

"ގުދުރަތީ މާހައުލު، ގޮނޑުދޮށް އަދި ވަަލުން ގަހަކުން ޖޭމު ނޫނީ ޖަނބުރޯލު ބިނީމަ ލިބޭ އުފާވެރިކަން، ހުސްފަޔާ ބިންމަތީގައި ހިނގީމަ އެ ލިބޭ އަރާމު، މޫދުގައި އަދި އަވީގައި އުފަލުގައި ހޭދަ ކުރި ވަގުތުތައް، މި ކަންކަމުން އުފާވި މިންވަރު މިވަނީ ހަނދާން ނެތިފައި،" ޝިފްޒާ ބުންނެވެ.

އަދިވެސް އަހަރެމެންނަށް ފައިދާ ބޮޑެތީ ގުދުރަތީ މާއްދާތަކެވެ. ގުދުރަތީ މާހައުލުން ލިބެން ހުރި ވަސީލަތްތަކެވެ. އެއް ސަބަބަކީ، ފިހާރައިގެ ހަރުތަކުން ލިބެން ހުންނަ ކާނާގެ ބާވަތްތައް އެ ހިސާބަށް އަންނަނީ އޭގެ ރައްކާތެރިކަމާ މެދު ސުވާލުއުފެދޭ މިންވަރަށް އެކި މަރުހަލާތައް ކަޑައްތު ކުރުމަށް ފަހު އެވެ.

ހިމެރިތޮޅިމަލާއި ރާބެބުރިމާ ބޭނުންކޮށްގެން ހަދާފައިވާ ޗޮކްލެޓް ބާކެއް

ޝިފްޒާއާ އެކު 'ވަލުވިނަ' ބަލާލުމަށް ވިލިމާލޭގައި ހިނގާލުމަކަށް ހިނގައްޖެ ނަމަ މުޅިން އެހެން ނަޒަރަކުން ފެހިކަން ފެނިގެންދާނެ އެވެ. އެންމެ އާއްމުކޮށް ފެންނަ ވިނަތަކާއި އޭގެ ފައިދާ ދަސްވެ އެވެ. ކެވޭ ބާވަތްތަކާއި ބޭހަށް ބޭނުން ކުރާ ބާވަތްތައް ވަކި ކުރަން އިނގެ އެވެ. ފަތް ބޭނުންކޮށްގެން އެކި ކަހަލަ ތެޔޮ ހަދާނެ ގޮތާއި ބުއިމަށް ވައިލްޑް ސޯޑާ ހަދާނެ ގޮތް އޭނާ ކިޔައިދެ އެވެ.

ވިނަ ނޮޅުމުގައި ވަކި އުސޫލުތަކެއް ގެންގުޅުން މުހިއްމު

ވަލުން ވިލަ ނޮޅުމުގައި އަމަލު ކުރަންވީ ރަނގަޅު ގޮތްތަކެއް ހުންނަކަން ޝިފްޒާ މި ހިނގާލުންތަކުގެ ބައިވެރިންނަށް ކިޔައިދެ އެވެ. އެއީ:

  • ބިންނަނީ ނުވަތަ ނޮޅަނީ ބޭނުންވާ ގަސްކަން މުޅިން ޔަގީން ކުރުން

  • ނޮޅަންވާނީ ވިނަގަނޑުގެ %10 އަށް ވުރެ ކުޑަކޮށް އަދި އެންމެ ރީތިކޮށް ހެދިފައިވާ ކުރި ނުބިންނަން ސަމާލުވާން ޖެހޭނެ. އޭރުން ގަސް އިތުރަށް ހެދުމަށް ފުރުސަތު ބޮޑުވޭ

  • ގަހުގެ ބުޑުން މުލާ އެކު ނޮޅާލުމުގެ ބަދަލުގައި ބިނުމަށް ކަތުރެއް ކަހަލަ އާލާތެއް ބޭނުން ކުރުން މުހިއްމު

  • ވިނަތައް އުފުރާލާ ތަނަށް ކޮންމެވެސް ކަހަލަ ގުދުރަތީ ގަސްކާނާއެއް ނުވަތަ އޮށްތަކެއް އެޅުން

ޝިފްޒާ ވިލިމާލޭގެ ސަރަހައްދެއްގައި ހެދިފައިވާ ވިނަތައް ދައްކާލަން ދަނީ
ވިލިމާލޭގެ އިރުމަތީ ފަރާތުގައި ހެދިފައިވާ ބޮޑު މަރުގަހެއް

ވިލިމާލޭގެ އިރުމަތީ ފަރާތުގައި އިމާރާތްކުރަމުންދާ ތަނަކާ ޖެހިގެން އޮތް ވަލު ތެރެއަށް ޝިފްޒާ އަހަރެން ގެންގޮސް ވެއްދި އެވެ. މިތަނުގައި ވެސް ތަފާތު އެކި ވިނަތައް އޭނާ ދައްކަމުން އޭގެ ފައިދާ ފަރިތަކަމާ އެކު ބުނެދެމުން ދިޔަ އެވެ. ނަމަވެސް ދެން އޭނާ ދެއްކީ، ވިލިމާލެ ތަރައްގީ ކުރާ ވަރަކަށް، އެއްވެސް ބެލުމެއް ނެތި، ހެދިފައިވާ ވިނަތައް ސާފުކުރާ ވާހަކަ އެވެ. އަދި ގަހާއި ވިނަ ހެދިފައިވާ ވެލިގަނޑަށް ދޮންވެލި އަޅައި ބަރާކުރުމުން އެ ތަކެއްޗަށް ލިބެމުންދާ ގެއްލުމެވެ.

ވިލިމާލޭގެ ގަސްތަކުގެ ތެރެއަށް، ލޮނުގެ އަސަރު ހުރި ދޮންވެލި އެޅުމުން ގަސްތަކާއި ވިނަގަނޑަށް ގެއްލުން ލިބޭ

"ފުރަތަމަ ވަލުވިނަ ހިނގާލުމަށް ފަހު ދެން ދިޔަ ފަހަރުތަކުގައި ފާހަގަވީ ވަރަށް ގިނަ، ބޭހަށް ބޭނުން ކުރެވޭ ފަތްޕިލާވެލި އެ ތަންތަނުގައި ނެތްކަން. ލޮނުގެ އަސަރު ހުރި ދޮންވެލި ފަސްގަނޑަށް އަޅާފައިވާކަން،" ޝިފްޒާ އޭނާގެ ކަންބޮޑުވުން ކިޔައިދިނެވެ.

ވައިލްޑް ސޯޑާ: ކަމީރުކޮށްފައިވާ މީރު ބުއިމެއް

ކަމީރުކޮށްފައިވާ ވައިލްޑް ސޯޑާ

ތަފާތު ގަސްތަކާއި ވިނަތައް ބަލާލަން ވިލިމާލޭގެ ތިން ތަނަކަށް އަހަރެންނަށް ދެވިއްޖެ އެވެ. ރަތްދައްކަ އަވީގައި ހިނގާހިނގާ ވަރުބަލިވެއްޖެ އެވެ. ޝިފްޒާ އޭނާ ތައްޔާރުކޮށްފައިވާ ބުއިމެއް ދިއްކޮށްލި އެވެ.

ކަމީރުކޮށްފައިވާ މި ބުއިމަކީ ވައިލްޑް ސޯޑާ އެވެ. ކާނާ ކަމީރުކުރުމާ ބެހޭގޮތުން ދިރާސާ ކުރުމުގެ ތެރެއިން ޝިފްޒާއަށް ދަސްވީ ބުއިމެކެވެ. މީގައި ހިމެނެނީ ކްލޮރީން ނުހިމެނޭ ފެން، ހަކުރު އަދި ލުނބޯ ހުތެވެ. އިތުރަށް އަޅަނީ ނޮޅާފައިވާ ވިނަ އެވެ. ގަނދަކޯޅިފަތާއި ބޯގަންވިލާ އާއި ހިކަނދިފަތް ވެސް ބޭނުން ކުރެވެ އެވެ. ކަމީރު ކުރުމަށް ބޭނުންވާ ޔީސްޓާއި ބެކްޓީރިއާ އަންނަނީ ފަތްޕިލާވެލިންނެވެ. ކަމީރުކުރުމަށް ބަހައްޓާފައި ދެތިން ދުވަސް ފަހުން ފުރާނަނީ އެވެ. މި ބުއިމުން، ކަމީރުކުރުމުން ލިބޭ ފައިދާގެ އިތުރުން ފަތްޕިލާވެލީގެ ފައިދާ ހަށިގަނޑަށް ލިބެ އެވެ.

ގިނަ ބަޔަކަށް މި ބުއިން ކަމުގޮސްގެން ވިއްކަން ބުނެ އެވެ. އެކަމަކު ޝިފްޒާގެ އަމާޒަކީ އެހެން މީހުންނަށް މިފަދަ ބުއިންތައް ތައްޔާރުކުރަން ދަސްކޮށްދިނުމެވެ.

 ޝިފްޒާގެ އަމާޒަކީ ވައިލްޑް ސޯޑާ ހަދާފައި ވިއްކުމުގެ ބަދަލުގައި މިފަދަ ބުއިންތައް ހަދަން މީހުންނަށް ދަސްކޮށްދިނުން

ދަރިވަރުންތަކެއް 'އަލުން ވަލަށް'

ޝިފްޒާ ވަނީ ވިލިމާލޭގެ މުހުޔިއްދީން ސްކޫލުން އިންތިޒާމް ކުރި ހަރަކާތެއްގެ ތެރެއިން ސްކައުޓް ދަރިވަރުންތަކެއް 'އަލުން ވަލަށް' ގެންގޮސްދީފަ އެވެ. މަގްސަދަކީ ގުދުރަތީ މާހައުލާ އަދުގެ ޖީލު އަހުލުވެރި ކުރުމެވެ.

މުހުޔިއްދީން ސްކޫލް ސްކައުޓުން ވަލަށް ވަދެ ހޮވި ތަކެތި ބޭނުންކޮށްގެން ކެއުމެއް ތައްޔާރުކޮށްފައި

ވަލަށް ވަދެ ބިން އަދި ހޮވި ތަކެތި ބޭނުންކޮށްގެން އެ ދަރިވަރުން ކެއުމެއް ތައްޔާރުކުރި އެވެ. މި ކެއުމުގައި ބޯގަންވިލާގެ މާ (އެތެރޭގައި އިންނަ ކުޑަ މާ ނަގާފައި) އަޅައިގެން ބަތް ކެއްކި އެވެ. އިޕިލް އިޕިލް ފަތާއި ވަޅޯމަސް އެކީގައި މީރު ކުރި އެވެ. އިޕިލް އިޕިލް އޮށް ފެނުކެއްކި އެވެ. މީގެ އިތުރުން މާވިނަ، ހޯސްވީޑް އަދި ހިރިކުޅަ ފަތް ބެޓާ ފްރައި ކުރި އެވެ.

މިއީ އެ ކުދިންނަށް މުޅިން އާ ތަޖުރިބާއެކެވެ. ވަށައިގެންވާ މާހައުލަށް ވަރަށް ބޮޑަށް ލޯ ހުޅުވިގެން ގިނަ ކަންކަން ދަސްވެގެން ދިޔަ ކަމަކަށްވި އެވެ. އެ ދަރިވަރުން އެމީހުންގެ ތަޖުރިބާ ކިޔައިދިނެވެ.

މި މަސައްކަތުން ޝިފްޒާއަށް ލިބެނީ ބޮޑު ފަހުރެކެވެ. އޭނާގެ ތިން ކުދިން ބަލަމުން ކުރާހިތުން ކުރާ މި މަސައްކަތުން ބަޔަކަށް ގުދުރަތީ މާހައުލާ ގުޅޭ އާ މައުލޫމާތެއް ދަސްކޮށްދެވޭތީ އޭނާ ހުރީ އުފަލުންނެވެ.

"ވަލުވިނަ ހިނގާލުމެއްގައި ބައިވެރިވާ މީހުން ހިނގާލުން ނިންމާލާފައި ގުރޫޕް ހަަމަ ކުރިއަށް ގެންދޭ. އެކިއެކި އާ މައުލޫމާތުތައް އަދި ތަޖުރިބާ އެ މީހުން ހިއްސާކުރޭ،" އޭނާ ބުންޏެވެ.

މި ހިނގާލުމުގައި އާ އެތަކެއް މައުލޫމާތުތަކެއް ލިބިގެން ދިޔަ

ޝިފްޒާގެ އުއްމީދަކީ އޭނާގެ 'ވަލުވިނަ' ހިނގާލުން މާލެ ސަރަހައްދުން ބޭރަށް، ރާއްޖޭގެ އެހެން ހިސާބަކަށް ގެންދިއުމެވެ.

މިއީ އަހަރެންނަށް ވެސް ތަފާތު ތަޖުރިބާއެކެވެ. މި ތަޖުރިބާއަށް ފަހު ފެހިކަން ފެންނަނީ އެހެން ނަޒަރަކުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް