ލަކްމޭ ފެޝަން ވީކްގައި ޑިޒައިނަރެއްގެ އުފެއްދުމެއް ދައްކާލަނީ (ފޮޓޯ/ދަ ހިންދޫ.ކޮމް)

ފެޝަން

ލަކްމޭ ފެޝަން ވީކްގައި އިންޑިއާގެ ބޮޑެތި ޑިޒައިނަރުންގެ އުފެއްދުންތައް ދައްކާލި

އިންޑިއާގެ އެންމެ ބޮޑު ފެޝަން ވީކްގެ މޮޑެލުންގެ ތެރޭގައި ބޮލީވުޑްގެ ތަރިން ވެސް ހިމެނުނު
23 މާރިޗު 2024

ލަކްމޭ ފެޝަން ވީކް އަކީ އިންޑިއާގެ ފެޝަން އަދި ލައިފްސްޓައިލްގެ އެންމެ ބޮޑު އެއް އިވެންޓެވެ. ފެޝަން ޑިޒައިން ކައުންސިލް އޮފް އިންޑިއާ އާއި ރިލަޔަންސް ބްރޭންޑްސް ގުޅިގެން މި މަހު 13 އިން 17 އަށް މި އިވެންޓު ޖިޔޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ވަނީ ބާއްވައިފަ އެވެ.

އަހަރަކު ދެ ފަހަރު ބާއްވާ ލަކްމޭ ފެޝަން ވީކްގައި އިންޑިއާގެ އެންމެ ބޮޑެތި ފެޝަން ބްރޭންޑުތަކުގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އަރަމުން އަންނަ ޑިޒައިނަރުންނާއި އިންޑިއާގެ ސުޕަ މޮޑެލްސް ތަފާތު ހެދުންތައް ދައްކާލައި ބޮލީވުޑް ތަރިންނާއި ސޯޝަލައިޓުން ބައިވެރިވެ އެވެ.

އިންޑިއާގެ ބޮޑު ފެޝަން ޑިޒައިން ބްރޭންޑު ޝާންތަނޫ އެންޑް ނިކިލް މި އަހަރުގެ ލަކްމޭ ފެޝަން ވީކްގައި ކަލެކްޝަނެއް ދައްކާލި (ފޮޓޯ/ދަ ހިންދޫ.ކޮމް)

މިފަހަރުގެ ލަކްމޭ ފެޝަން ވީކްގައި ވެސް އެކި ޒާތުގެ ޑިޒައިންތައް ފާހަގަވި އެވެ. އޭގެ ތެރޭގައި ޖޯދްޕޫރު ހަރުވާޅައި ކުރުތާ އިން ހިޔާލު ނަގައިގެން ފަރުމާކޮށްފައިވާ ޓިއުނި އާއި ސަސްޓެއިނަބްލް ފެޝަން ބޭނުންކޮށްގެން ޑިޒައިންކޮށްފައިވާ ހެދުން ހިމެނެ އެވެ. 

އިންޑިއާގެ މަގުބޫލު ޑިޒައިނަރުންގެ ތެރެއިން އަނާމިކާ ހަންނާ، ރާޖޭޝް ޕްރަތާޕް ސިންގް، ޖޭޖޭ ވަލާޔާ، ރާހުލް މިޝްރާ އަދި ޝާންތަނޫ އެންޑް ނިކިލް ސަގާފީ ހެދުން އެކި ގޮތްގޮތަށް ދައްކާލި އެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އެކި ވައްތަރުގެ ސަގާފީ ސާޅި އާއި ލެހެނގާ ފެނިގެންދިޔަ އެވެ. އަދި ހުޅަނގުގެ ހެދުން ސިލުވެޓްތައް ވެސް އެ މީހުންގެ ވައްޓަފާޅިއަށް ފަރުމާކޮށްފައި ހުއްޓެވެ.

ފެޝަން ޑިޒައިނަރު ރަޖްދީޕް ރަނާވަތު ލަކްމޭ ފެޝަން ވީކްގައި އޭނާގެ ކަލެކްޝަނެއް ދައްކާލި (ފޮޓޯ/ދަ ހިންދޫ.ކޮމް)

ބޮލީވުޑްގެ ބޮޑެތި ތަރިންނާ ނުލާ އިންޑިއާ ފެޝަން ވީކް ފުރިހަމައެއް ނުވެ އެވެ. އެ މީހުން ފެޝަން ވީކްއަށް އިތުރު ޕަބްލިސިޓީ ގެނެސްދިނުމުގެ އިތުރުން އެންމެ ޑިމާންޑު ބޮޑު އަންހެން ތަރިން ހެދުންތަކެއް ދައްކާލުމަކީ އިންޑިއާ ފެޝަން ވީކްގައި ބޮޑު ރޯލެއް އަދާ ކުރާ އެއް ކަމެވެ.

މި އަހަރު މަޝްހޫރު އެކްޓްރެސް މާދުރީ ޑިކްޝިޓް ވަނީ ޑިޒައިނަރު ރަންނާ ގިލްގެ 'އާބަން ޕްރެއިރީ' ކަލެކްޝަނުގެ ސޫޓު ޑިޒައިނެއް ލައިފަ އެވެ. ރަންވޭ މަތީގައި އޭނާ ހިނިތުންވުމަކާ އެކު ހިނގާލީ މާ ޖަހާފައި ހުރި ކަޅު ސޫޓު ފަޓުލޫނެއް ލައިގެނެވެ. ރަންނާ ގިލް އަކީ އޭނާގެ ލަތީފީ އަދި ޒަމާނީ ޑިޒައިންތަކަށް މަޝްހޫރު ފެޝަން ޑިޒައިނަރެކެވެ. ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އުފެއްދި ރަންނާ ގިލް މިހާރު އިންޑިއާގެ ބޮޑު ހަ ފިހާރައަކުން ރީޓެއިލްކޮށް ވިއްކަ އެވެ. އަދި އެމެރިކާގެ ބޮޑެތި ބައެއް ރީޓެއިލް ފިހާރަތަކުން ވެސް އޭނާގެ ޑިޒައިންތައް ލިބެން ހުރެ އެވެ.

ފެޝަން ޑިޒައިނަރު ރާހުލް މިޝްރާގެ ޝޯގައި އެކްޓްރެސް އަނަންޔާ ޕާންޑޭ ހެދުމެއް ލައިގެން މޮޑެލް ކުރި (ފޮޓޯ/ޓައިމްސް ނައު ނިއުސް)

ފަހުގެ ބައިނަލްއަގްވާމީ އިންޑިއާ ޑިޒައިނަރުންގެ ލިސްޓުގައި ހިމެނޭ ރާހުލް މިޝްރާ ވަނީ އޭނާގެ ކަލެކްޝަނެއް އިންޑިއާގައި މި މަހު ދައްކާލައިފަ އެވެ. މި އަހަރު ޕެރިހުގައި ބޭއްވި ކުޗުއާ ފެޝަން ވީކްގައި ވެސް އޭނާގެ އުފެއްދުންތައް ދައްކާލި އެވެ. މި ދެ ގައުމުގައި ދައްކާލި ކަލެކްޝަންތަކުގައި މޮޑެލް ކުރި ބޮލީވުޑް ތަރި އަނަންޔާ ޕާންޑޭ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. ލަކްމޭ ފެޝަން ވީކްގައި އަނަންޔާ ލައިގެން ހުރީ ކަޅު ކުލައިގެ ޒަމާނީ ކުރު ހެދުމެކެވެ.

އެކްޓްރެސް ތާޕްސީ ޕަންނޫ ލަކްމޭ ފެޝަން ވީކްގައި މޮޑެލްއެއްގެ ގޮތުގައި ފެނުނު (ފޮޓޯ/ދަ ވީކް.އިން)

ހިންދީ ފިލްމުތަކާއި ތަމަޅަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓްރެސް ތާޕްސީ ޕަންނޫ އިންޑިއާގެ އަދި ބައިނަލްއަގްވާމީ ބޮޑެތި ހަފްލާތަކުން ގިނަގިނައިން ފެނެ އެވެ. ލަކްމޭ ފެޝަން ވީކްގައި އޭނާ މޮޑެލް ކޮށްދިނީ ޑިޒައިނަރު ގައުރީ އެންޑް ނަނައިކާގެ ކަލެކްޝަނަށެވެ. ތާޕްސީ ލައިގެން ހުރީ މާމެއިޑް ސްޓައިލުގެ ކަޅު ދިގު ހެދުމެކެވެ.

ލަކްމޭ ފެޝަން ވީކްގެ ރަންވޭ މަތިން ހެދުމެއް ދައްކާލި އިރު ސާރާ އަލީ ހާން ވަނީ އޭނާގެ ބަނޑުގައި ފިހިފައި ހުރި ތަނެއްގެ ލަކުނު ދައްކާލައިފައި
ޑިޒައިނަރު ވަރުން ޗަކިއްލަމްގެ ހިތްގައިމު 'ލެނޯރާ' ކަލެކްޝަނުގައި އެކި ޒާތުގެ ސަގާފީ ހެދުންތައް ދައްކާލި. އެކްޓްރެސް ސާރާ އަލީ ހާން އަކީ އެ ކަލެކްޝަނުގެ 'ޝޯ ސްޓޮޕާ'

ޑިޒައިނަރު ވަރުން ޗަކިއްލަމްގެ ހިތްގައިމު 'ލެނޯރާ' ކަލެކްޝަނުގައި އެކި ޒާތުގެ ސަގާފީ ހެދުންތައް ދައްކާލި އެވެ. އެ ޝޯގެ 'ޝޯ ސްޓޮޕާ'އެއްގެ ގޮތުގައި ރަންވޭ މަތީގައި މޮޑެލް ކުރި އެކްޓްރެސް ސާރާ އަލީ ހާން ލައިގެން ހުރީ ބޮޑު ރިހި ލެހެނގާއެކެވެ. ހެދުމުގެ ނަލަކަމައި ސާރާގެ ފިޓު ހަށިގަނޑުގެ އިތުރުން ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު އަނެއް ކަމަކީ އޭނަގެ ބަނޑުގައި އިން ލަކުނެވެ. ގިނަ ބަޔަކު ބުނިގޮތުގައި އެއީ ސްޓީމް އިސްތިރި ކުރަނިކޮށް ދިމާވި ހާދިސާއަކަށް ވެދާނެ އެވެ. މޭކަޕް ބޭނުންކޮށްގެން އެ ލަކުނު އޭނާ ނުފޮރުވި ކަމަށްޓަކައި ގިނަ ބައެއްގެ ތައުރީފު އޭނާއަށް ލިބުނެވެ.

ޖާންވީ ކަޕޫރު (ކ) އާއި އަދިތުޔާ ރޯއީ ކަޕޫރު ރަންވޭ މަތިން ފެނިގެންދިޔައީ ޑިޒައިނަރު ކަލްކީގެ އުފެއްދުންތަކެއްގައި (ފޮޓޯ/ހިންދުސްތާން ޓައިމްސް)

ލަކްމޭ ފެޝަން ވީކްގައި މޮޑެލުންގެ ގޮތުގައި ބައިވެރިވަނީ އަންހެން ތަރިން އެކަންޏެއް ނޫނެވެ. ޖާންވީ ކަޕޫރުއާ އެކު އަދިތުޔާ ރޯއީ ކަޕޫރު ރަންވޭ މަތިން ފެނިގެންދިޔައީ ޑިޒައިނަރު ކަލްކީގެ އުފެއްދުންތަކެއް ދައްކާލުމަށެވެ.

އެކްޓްރެސް ތުރިޕްތީ ޑިމްރީ ވެސް ލަކްމޭ ފެޝަން ވީކްގައި މޮޑެލްއެއްގެ ގޮތުގައި ފެނުނު
ލަކްމޭ ފެޝަން ވީކުން ބޮލީވުޑް ތަރި މާދުރީ ޑިކްޝިޓް ފެނިގެންދިޔަ

ބޮލީވުޑް ތަރިންގެ ތެރެއިން ތުރިޕްތީ ޑިމްރީ، ދިޔާ މިރްޒާ، ނޭހާ ދުޕްޔާ، ޝަނަޔާ ކަޕޫރު އަދި މަލައިކާ އަރޯރާ ވެސް މި އަހަރުގެ ފެޝަން ވީކްގައި ފެނުނެވެ.

އިންޑިއާގެ ފެޝަން ޑިޒައިނަރު ޖޭޖޭ ވަލާޔާގެ ކަލެކްޝަން އިން ހެދުމެއް (ފޮޓޯ/ދަ ހިންދޫ.ކޮމް)

އިންޑިއާގެ ތަރިން ލަކްމޭ ފެޝަން ވީކްގައި ވިދާލުމުގެ އިތުރުން އެކި ބްރޭންޑުތަކުން ދައްކާލި ދެމެހެއްޓިނިވި ފެޝަން ނުވަތަ ސަސްޓެއިނަބަލް ކަލެކްޝަންތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. އޭގެ ތެރެއިން ޖޭޖޭ ވަލަޔާގެ ސަގާފީ ކަލެކްޝަންގެ ވާހަކަ ގިނަ ބަޔަކު ދައްކާފައިވާކަން ފާހަގަ ކުރެވެ އެވެ. އިންޑިއާގެ ކަރްޕުތަލާގެ ރަސްގެފާނެއްގެ ދަތުރުތަކަކުން ހިޔާލު ހޯދައިގެން ފަރުމާކޮށްފައިވާ ކަލެކްޝަނުގައި ސާޅި، ލެހެނގާ، ފިރިހެނުންގެ ކުރުތާ އަދި ގަމީހާއި ފަޓުލޫނު ހިމެނެ އެވެ. މި ކަލެކްޝަންގައި ބޭނުންކޮށްފައިވަނީ ރިސައިކަލްކޮށްފައިވާ ޕެޓް ފުޅިތަކުން ހަދާފައިވާ ތިމާވެއްޓާ ރައްކާތެރި ފޭރާމެވެ. މީގެ އިތުރުން އިންޑިއާގެ ހޫނު މޫސުމަށް އެންމެ ކަމުދާ އެލަން ކޫލްޓެކްސް ފޮތި ބޭނުންކޮށްފައިވެ އެވެ.

ޖޭޖޭ ވަލާޔާގެ ކަލެކްޝަންގައި ބޭނުންކޮށްފައިވަނީ ރިސައިކަލްކޮށްފައިވާ ޕްލާސްޓިކުން ހަދާފައިވާ ތިމާވެއްޓާ ރައްކާތެރި ފޭރާން (ފޮޓޯ/ދަ ހިންދޫ.ކޮމް)

ލަކްމޭ ފެޝަން ވީކް 1999 ވަނަ އަހަރު އުފެދުނު ފަހުން ގަވައިދުން ބާއްވާތާ 25 އަހަރު ވެއްޖެ އެވެ. ކޮންމެ އަހަރަކު ވެސް ސަސްޓެއިނަބަލް ފެޝަން ޑިޒައިން ކަލެކްޝަންތަކެއް ދައްކާލަން އިސްކަންދޭ ކަމަށް ލަކްމޭ ފެޝަން ވީކްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. 

ގައުމުގެ ހުނަރުވެރި ޑިޒައިނަރުންގެ މަސައްކަތް ދައްކާލުމަކީ އެ ގައުމަކަށް ލިބޭ ބޮޑު ޝަރަފެކެވެ. އަދި ގައުމެއްގެ ތަނަވަސްކަން ވެސް އެއިން ދައްކުވައިދެ އެވެ. ރާއްޖޭގައި ވެސް ހުނަރުވެރި އެތަކެއް ފެޝަން ޑިޒައިނަރުން އުޅެ އެވެ. އުއްމީދަކީ ލަކްމޭ ފެޝަން ވީކް ފަދަ އިވެންޓަކުން ދިވެހި ހުނަރުވެރިންގެ މަސައްކަތް ވެސް ދުނިޔެއަށް ދައްކާލެވޭނެ ދުވަހެއް އައުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް